Wednesday, February 8, 2017

VAAHAKA: ZEENA

ވާހަކަ: ޒީނާ



ކުޑަ ދަރިފުޅު އުރާލައިގެން ޒީނާ ހޮސްޕިޓަލުން ބޭރަށް ނުކުންނަށް ހިނގައިގަތެވެ. ނިދިފައި އޮތް ކުޑަ ދަރިފުޅު ކޮނޑުމަތީގައި ބާއްވައިގެންނެވެ. ޑޮކްޓަރަށް ދައްކަން އޭނާއަށް ލިބުނު ނަމްބަރުގެ ކުރިއަށް އަދިވެސް ވިއްސަކަށް މީހުން ތިބީމައެވެ. ތޮއްޖެހިފައިވާ ހާސްކަންބޮޑު ހޮސްޕިޓަލުގެ ތެރޭގައި އިނުމަށްވުރެ ކައިރީގައި ހުރި ޕާކުގެ ގޮނޑިއެއްގައި ސާފު ވައިޖެހޭ ތަނެއްގައި އިށީނދެ އިނަސް މާރަނގަޅުވާނެ ކަމަށް ޤަބޫލު ކުރެވިގެންނެވެ.

ހޮސްޕިޓަލުން ބޭރަށް ނުކުންނަން ދިޔަ ވަގުތު އިމާރޖެންސީ ބައިގެ ދޮރުކައިރީގައި ހުރި ގޮނޑިބަރީގައި އިން އުމުރުން ދުވަސްވީ ބަލި ފިރިހެނަކު ފެނިފައި ޒީނާ ހުއްޓުން ހެރިއެވެ. އެވަގުތު ފައިއޮޅިގެން ޒީނާ ނުވެއްޓުނީ ކިރިޔާއެވެ.  އެއާއެކު އަވަސް އަވަހަށް ވާތުން ފުރަގަހަށް އަތްލައި، މޫނު ފޮތިކޮޅު ވައްޓާލައި ޒީނާ އޭނާގެ ލޯވެސް ފޮރުވިއެވެ. މޫނު ބުރުގާ އާއި ކަޅުބޮޑުހެދުމުގެ ތެރޭގައި ޒީނާ ނިވާވީ، ބިރެއް ފެނިގެން ކަހަލައެވެ. އިރުކޮޅަކު ހުއްޓި ހުރުމަށް ފަހު ޒީނާ އެފިރިހެން މީހާއަށް ރަނގަޅަށް ބަލާލިއެވެ.

ހިކިއަނަރޫފަވެފައިވާ ބަލިކަށި ހަށިގަނޑެކެވެ. އުންމީދު ގެއްލި މުޅިން މާޔޫސްވެފައިވާ މޫނާއި ވަޅުވަދެ ރީނދޫވެފައިވާ ދެލޮލާއި ނުރައިން ހުދުވެފައިވާ ދިގު ތުނބުޅިން އޭނާގެ ހާލު ކިތަންމެހާވެސް ރީއްޗަކަށް ބަޔާންކޮށްދެއެވެ. ހިކި ކުރަކިވެފައިވާ ތުންފަތާއި، ތުރުތުރު އަޅަމުންދިޔަ ހަށިގަނޑުން ދަލީލިކޮށްދެނީ އޭނާ ހުރީ ހުމާއި ފިހިފިހި ކަމެވެ. ފުރަގަހަށް އަތްލައި އަޅުވާފައިވާ ބިޑިއާއި އޭނާ ލައްވާފައި ހުރި ކަޅުފަށްދެމި ފެހިކުލައިގެ ޔުނީފޯމުން އޭނާއަކީ، ޑޮކްޓަރަށް ދައްކަން ގެނެސްފައިވާ ގައިދީއެއްކަން އޭނާ ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

ޒީނާގެ ލޮލުން އޮހެން ފެށި ކަރުނަތިކިތައް އެހެން މީހަކަށް ނުފެނުނަސް، ޒީނާގެ ހިތް ރޯއަޑު އެފިރިހެން މީހާއަށް އިވުނީ ކަންނޭނގެއެވެ. އޭނާ އިސް އުފުލައި ޒީނާއާއި ދިމާއަށް ބަލާލިގޮތުން ޒީނާއަށް ހީވީ އޭނާ އަށް ޒީނާ އެނގުނީހެންނެވެ. ޒީނާއަށް ހޮސްޕިޓަލުގެ ދޮރާއި ދިމާއަށް ދުއްވައިގަނެވުނީ ބޭއިހްތިޔާރުގައެވެ. ޒީނާހުރީ ކަޅުހެދުމާއި މޫނު ބުރުގާގެ ތެރޭގައި އެއްވެސް މީހަކަށް އޭނާ ދެނެ ނުގަނެވޭނެ ވަރަށް ނިވާވެގެން ކަމުގައިވެސް ޒީނާ ހަނދާނެއް ނެތެވެ. އެއަށްވުރެބޮޑަށް އޭނާއަށް އަސަރުކޮށްފިއެވެ. ހޮސްޕިޓަލުން ނުކުމެ، މަގު ހުރަސްކޮށް ގޮސް ކުރިމަތީގައި އޮތް ކުޑަ ޕާކުގެ ތެރެއަށް ޒީނާ ވަނެވެ. އަދި ޕާކުގެ އެކަހެރި ހިސާބެއްގައި ގަހެއްގެ ދަށުގައި ހުރި ހިލަގޮނޑިއެއްގެ މަތީގައި އިށީނެވެ. އަދި ކުޑަދަރިފުޅު އޭނާގެ އުނގުތެރޭގައި ރީތިކޮށް ބޭއްވިއެވެ.

ލޯމައްޗަށް ވައްޓާލި ފޮތިކޮޅު ފުރަގަހަށް އެއްލުމަށް ފަހު، އަތުގައި އޮތް ރުމާކޮޅުން ޒީނާ ލޯފޮހެލިއެވެ. އެތައް އަހަރުތަކެއް ވާންދެން ހިތާމަޔާއި ހިތްދަތިކަމުގައި ދުވަސްތައް ވޭތުކުރަމުން އައި ޒީނާގެ ހިތް ކުދިކުދިވެއްޖެވެ. އޭނާގެ ފާފައަށް ތައުބާއެއް ނެތްކަމުގެ އިހްސާސްވަނީ އެވެ. އޭނާގެ ސަބަބުން ލޯބިވާ ބައްޕަ ޖެހިފައިވާ ނިކަމެތިހާލު ފެނިފައި ޒީނާއަށް ކެތްނުވީއެވެ. އެނުބައި ކަމަށްފަހު އޭނާގެ ހަޔާތްވީ ވޭނާއި އަނިޔާގެ ދުނިޔެއަކަށެވެ. ކަލާނގެ އޭނާގެ އުރެދުމަށްޓަަކައި ދެދުނިޔޭގައިވެސް އަޒާބުދެއްވަނީ ކަމުގައި ޒީނާއަށް ޤަބޫލު ކުރެވެއެވެ.

މިފާފަވެރި ދުނިޔެއިން ނުކުންނާނީ ކިހިނެއް ކަމެއް ޒީނާއަކަށް ނުވިސްނުނެވެ. ބައްޕަ އާއި ކުރިމަތިލާނެ ގޮތެއް ނޭނގުނެވެ. ބައްޕަގެ ކިބައިން މަޢާފާއި ހިތްހަލާލު ލިބިގެން ނޫނީ އޭނާގެ ހަޔާތަށް ދުވަހަކުވެސް ނިޢުމަތެއްގެ ހިޔަންޏެއްވެސް އެޅެން ނެތްކަން އިހްސާސްވިޔަސް އެކަން ކުރާނެ ގޮތެއް، އަދި އެފާފައިގެ ކައްފާރާ އަކީ ކޮބައިކަމެއް ވެސް ނުވިސްނުނެވެ. ޖަލުގޮޅިއަށް ޒީނާގެ ދެއަތުން ބައްޕަ ކޮއްޕާ ވައްޓާލުމަށްފަހުގައި އޭނާގެ ހަޔާތަށް ވީގޮތެއް ބައްޕަ އަޑުއަހައި އޭނާއަށް ހިތްހަލާލު ދޭނެއެކޭވެސް ހިތެއް ނުބުނެއެވެ. އެހެނީ، ޒީނާ އޭނާގެ ބައްޕައަށް ދިނީ އެއަށްވުރެ މާބޮޑު އަނިޔާއެކެވެ. ދުވަހަކުވެސް އުފަންދަރިއަކު އޭނާގެ އޭނާގެ ބައްޕައަށް ދީފައި ނުވާފަދަ ބޮޑުއަނިޔާއެކެވެ. ޒީނާއަށް އިހްސާސްވެއެވެ. އެއީ މަޢާފެއް ނެތް ކުށެކެވެ. ތައުބާ އާއި ކައްފާރާއެއް ނެތް ފާފައެކެވެ.

ޒީނާގެ ބައްޕަ އުމުރު ދުވަހަށް ޖަލަށްލީ ދުވަހުން ފެށިގެން ޒީނާގެ ހަޔާތަށް އިރު އެރި ކޮންމެ ދުވަހަކީވެސް ސުންޕާ ދުވަހެކެވެ. ބަދުނަސީބާއި ހިތާމައިގެ ދުވަހެކެވެ. ޒީނާގެ ލޮލުން އޮހެމުންދިޔަ ކަރުގައިގެ ތެރޭގައި ނިއުޅިގެންދާން ފެށީ އޭނާގެ މާޒީއެވެ.

ޒީނާގެ ބައްޕައަކީ މާލޭގައި އަމިއްލަ ގެދޮރުހުރި މާލޭ މީހެކެވެ. މަންމަ އަކީ މާލޭން ދެކުނުގެ ރަށެއްގެ މީހެކެވެ. ބައްޕަގެ ވަރަށް ޅައުމުރުގައި މާމަ އާއި ކާފަނިޔާވުމުން ގޯތި ބަހައި ބައްޕަގެ ޒުވާން އުމުރުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ރިޒޯޓް ސަޕްލައި ވިޔަފާރިއެއް ފެށިއެެވެ. މަންމަ އާއި ބައްްޕަގެ ކައިވެނީގެ ހަފްލާއަކީވެސް އޭރު މާލޭގައި ނުބާއްވާހައި ބޮޑު ހަފްލާއެކެވެ. ބައްޕަ ޖަލަށް ލުމާއި ހަމައަަށް އެފޮޓޯތައް ގޭގައި އަލްބަމުގައި ހުއްޓެވެ. އެފޮޓޯތައް ޒީނާވެސް ދުއްޓެވެ. އެކަމަކު ބައްޕަ ޖަލަށްލުމަށްފަހުގައި ކޯޓަށް ގޮސް ބައްޕަގާތުން ވަރިވުމަށް ފަހުގައި އެފޮޓޯތައް މަންމަ އަންދާލީއެވެ.

ޒީނާގެ ޅައުމުރަކީ އުފަލާއި ނިއުމަތުގެ ދުވަސްތަކެކެވެ. މުއްސަނދި ކަމާއި ފާގަތިކަމުގެ ދުވަސްތަކެވެ. މުއްސަނދި ބައްޕައެއްގެ ހަމައެކަނި ހުރި ދަރިފުޅަށް ވުމުން، އޭނާއަށް ނުލިބޭ އެއްޗެއް ނެތެެވެ. ފައިސާއަށް ގަންނަންލިބޭ ކޮންމެ އެއްޗެއް އޭނާއަށް ލިބެއެެވެ. އެކަމަކު އެވަރުން ޒީނާއަށް ނުފުދުނީއެވެ.

ޒީނާ ބޭނުންވީ ނުހަނު ޅައުމުރުގައިވެސް މިނިވަންކަމާއި އެކު ދިރިއުޅޭށެވެ. އެއްވެސް މީހަކު އޭނާގެ މައްޗަށް ބަސް ނުކިޔާށެވެ. ބޭރަށް ތަންތަނަށް ދިޔުމާއި ހެދުން އެޅުމުގައި ބައްޕަ ހިފަހައްޓާ ހިފެހެއްޓުންތައް ޒީނާއަށް މާނަކުރެވެމުން ދިޔައީ މުޅިން އެެހެން ގޮތަކަށެވެ. އެއީ އޭނާގެ ޅަސިކުނޑިއަށް މަންމަވެސް ވިސްނައިދެމުން އައި ގޮތްކަން ޒީނާއަށް އެނގުނީ ވާނެހުރިހާ ގޮތެއް ވެ ނިިމުނު ފަހުންނެވެ.

ބައްޕައަކީ ގިނަ ރޭރޭ ރަށުން ބޭރުގައި ހޭދަކުރާ މީހަކަށް ވެފައި، ބައްޕަ ނުހުންނަ ރޭރޭ މަންމައާއި އެކު ކޮޓަރީގައި މަންމަގެ ރަށު މީހަކު އުޅޭތީ ޒީނާއަށް ފެނުނަސް އެހިނގަނީ ކޮންކަމެއް ކަމެއް އޭރަކު ޒީނާއަކަށް ނުވިސްނެއެވެ. އަދިއެކަމާއި ސުވާލެއްވެސް ނުއުފެދެއެެވެ. ސަބަބަކީ އެމީހާވެސް ޒީނާއަށް ކޮއްކޮ ކިޔައި ގާތްކޮށްގެން ގެންގުޅޭތީއެވެ. އޭގެ އިތުރުން އޭނާގެ ބަސްތަކުންވެސް ޒީނާއަށް ވިސްނައިދެމުން ދިޔައީ ބައްޕަ ޒީނާދެެކެ ލޯބި ނުވާކަމާއި ގިނަ ކަންކަމަށް ހުރަސް އަޅަނީ އެހެންވެ ކަމުގައެވެ.

އެއީ ޒީނާގެ ބައްޕަ ރަށުގައި ނެތްރެއެކެެވެ. މަންމަ އާއި އެކު ޒީނާ މޭޒުދޮށުގައި ކާން އިންދައި މަންމަ ގާތަށް އަންނަ މަންމަގެ ރަށުމީހާ ހުސޭނު އައިސް ވަނެވެ. ސަލާންެވެސް ގޮވައި ނުލާ އަދި އެއްވެސް އެއްޗެކޭވެސް ނުބުނެ އައިގޮތަށް އައިސް ގޮނޑިދަމާލާފައި ކާމޭޒުދޮށުގައި އޭނާ އިށީން ގޮތުންވެސް ހީވީ، އޭނާގެ އަމިއްލަ ގެއެއްގައި އޭނާ އުޅޭހެންނެވެ. ހުސޭނުވެސް އައިގޮތަށް ފެށީ ޒީނާއަށް ކުލާސްތެރެއިން އަޑު އިވުނު ވާހަކައެވެ. ޒީނާގެ ކުލާސްކުއްޖެއްގެ ބައްޕަ އެކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި ވާހަކައެވެ.

ޒީނާވެސް ޒީނާގެ ބައްޕަ ޒީނާއަށް އެފަދަ ގޯނާއެއްކޮށްފި ކަމަށް ބުނެފިނަމަ ހައްޔަރުކޮށްފާނެތޯ މަންމަ އާއި ސުވާލުކޮށްލިއެވެ. އެވަގުތު ޒީނާގެ މަންމަ އާއި ހުސޭނުގެ މޫނުން ހައިރާން ކަމަށްވުރެ ބޮޑަށް ޒީނާއަށް ފެނުނީ އުފާވެރިކަމެކެެވެ. ވަރަށް ގަޔާވެފައި އެފަދަކަމެއް ހިނގީތޯ ހުސޭނު ޒީނާގާތު އަހާލުމުން ޒީނާ ތުންދަމާލިއެވެ. އެއާއެކު ޒީނާގެ މަންމަ ޒީނާއަށް ފެށީ ހިއްވަރުލައިދޭށެވެ. ބައްޕަ ނަމަވެސް އެފަދަ ކަމެއް ކޮއްފިނަމަ ބުނަންވާނެ ކަމެވެ. އެއީ ހިއްވަރުގަދަ ކުދިންގެ ގޮތްކަމެވެ.

ޒީނާއަށް ހޭލެވުނީ މީހަކު އޭނާގެ ނިއްކުރީގައި ފިރުމާލުމުންނެވެ. ލޯހުޅުވާލި އިރު ބައްޕަގެ މޫނު ހުރީ ޒީނާގެ މޫނާއި މޫނު ޖެހޭ ހިސާބުގައެވެ. ޒީނާގެ ނިއްކުރީގައި ބައްްޕަ ބޮސްދިނީ ނުހަނު ލޯބިންނެވެ. އެކަމަކު ސިހިފައި ޒީނާއަށް ތެދުވެވުނީ އެވެ. ބިރުން ހަޅޭލަވައި ގަނެވުނީއެވެ. ޒީނާގެ މިއާދަޔާ ޚިލާފު ހަރަކާތުން ޒީނާގެ ބައްޕަ ރައޫފަށް ލިބުނީ ހައިރާން ކަމެކެވެ. އޭނާ ހުއްޓުން އަރާފައި ހުއްޓައި، ދުވެ މަރުވަމުން ކަހަލަ ގޮތަކަށް ޖެހިގެން ހުރި ކޮޓަރިން ނުުކުމެގެން އައިސް އެކޮޓަރިއަށް ވަނީ ޒީނާގެ މަންމައެވެ.

ޒީނާގެ މަންމަ އައިގޮތަށް އައިސް ޒީނާގައިގައި ބައްދާލުމަށް ފަހު ރައޫފަށް ވަގުތުން ކޮޓަރިން ނުކުންނަން އެންގުމުން ރައޫފަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އޭނާ ކޮޓަރިން ބޭރަށް ނުކުތީ ޒީނާއަށް ވީގޮތަކާއި މެދު ހައިރާންވެ އަންތަރީސްވެ ހުރެއެވެ. އެހެނީ އަބަދުވެސް ރަށުންބޭރުގައި އުޅެފައި ގެއަށް އަންނަ ގޮތަށް އޭނާ ދަރިފުޅާއި ބައްދަލުކުރާތީއެވެ. ނިދާފައި އޮތް ނަަމަވެސް ނިއްކުރީގައި ފިރުމާލައި ދޮނެއް ދޭތީއެވެ. އެއީ ޒީނާ އެންމެ ކުޑައިރުންފެށިގެންވެސް އޭނާ އަމަލުކުރާގޮތަށް ވެފައި އޭނާގެ ހިތުގައި ދަރިފުޅަށް އޮތް ލޯބި ކަމުގައި ވާތީއެވެ.

އެރޭ އެދަންވަރު ކުއްލިއަކަށް ފުލުހުން އައިސް އެގެއަށް ވަނުމުން ލިބުނު ހައިރާންކަމުގައި އެއްޗެއް ނުބުނެވި އުޅެނިކޮށް ފުލުހުން ބުނިއެއްޗަކުން ރައޫފަށް ހީވީ ދުނިޔެެ އެނބުރިގަތް ހެންނެވެ. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކުރަނީ ކަމަށް ބުނުމުންނެވެ. އެއަށްވުރެ ބޮޑަށް ދެން އޭނާ ހައިރާންވެ ބަސް ހުއްޓުނީ އެރިޕޯޓް ކުރި މީހަކީ އޭނާގެ އަނބިމީހާ ކަން އެނގުމުންނެވެ.

މިއަދު ނޫނިއްޔާ އެރޭގެ ފަހުން ޒީނާ އޭނާގެ ބައްޕައެއް ނުދެކެއެވެ. ކޯޓަށް ހެކިބަސް ނަގާކަށްވެސް ޒީނާ ނުގެންދެއެވެ. މަންމަ ކިޔައިދީ ދަސްކޮށްދިންގޮތަށް އޭނާ ގޭގައި އިނދެ ފުލުހުންނަށް ބަޔާނެއްދިނީއެވެ. މަންމަ އޭނާއަށް ވިސްނައިދިނީ އެންމެ ކުޑައިރުއްސުރެވެސް ބައްޕަ އެކުރަނީ ޖިންސީގޯނާ ކަމުގައެވެ. އަދި ބައްޕަ ކުރާކަމެއް ފުލުހުންގާތުވެސް ބުނަން ނުކެރޭނެ ކަމަށް ބުނު މަށެވެ. އެވާހަކަތައް ކިޔައި ދޭނީ މަންމަ ކަމުގައި ބުނެއެވެ.

ބައްޕަ ބަންދު ކުރުމާއި އެކު ޒީނާއަށް މިނިވަންކަން ލިބުނީއެވެ. ރައްޓެހިންނާއި ކުލާސްކުދިންނާއި އެކު ބީޗަށާއި ރެސްޓޯރެންޓްތަކަށްވެސް ދާންފެށީއެވެ. ހަމައެއާއިއެކު ބައްޕަ 25 އަހަރަށް ޖަލަށްލުމުގެ ކުރިން ކޯޓަށްގޮސް މަންމަވެސް ބައްޕަ ގާތުން ވަރިވީއެވެ. ދުނިޔޭގެ ކުރިމަތީގައި މަންމަވީ ހިއްވަރުގަދަ އަންހެނަކަށެވެ. ކެރޭ މީހަކަށެވެ. އިންސާފަށް ލޯބިކުރާ މީހަކަށެވެ.

އެކަމަކު އެދުވަހު މަންމަގެ ރޭވުމާއި ނުބައިކަން ނޭނގުނަސް މިއަދު ޒީނާއަށް އެކަން އެނގެއެވެ. އެމީހުން ޒީނާ ބޭނުންކުރީ އެމީހުންގެ މަޤުޞަދު ޙާސިލްކުރުމަށް ކަމަށެވެ. ބައްޕަގެ މުދަލާއި ފައިސާގެ ބޭނުމުގައެވެ. ހުސޭނަކީ މަންމަގެ ކުރީގެ ލޯބިވެރިޔާއެވެ. ޒީނާގެ އަސްލު ބައްޕައަކީވެސް އެއީ އެވެ. އެކަމަކު އެކަން ނޭނގެނީ ދުނިޔެއަށާއި ރައޫފަށެވެ.

ވާގިނެތޭ ބަލިޖެހި ދިރިހުރެ އެކަމަކު މަރުވެފައިވާ މައްޔިތެއް ފަދައިން ހޮސްޕިޓަލުގައި އެތަކެއް ދުވަހު އޮތުމަށް ފަހު މަންމަ ނިޔާވީއެވެ. މަންމަ ނިޔާވުމުގެ ކުރިން މަންމަގެ ދުލުން ޒީނާއަށް އެވާހަކަތައް ކިޔައިދިނެވެ. މަޢާފަށް އެދުނެވެ. އަދި ރައޫފުގެ ކިބައިންވެސް މަޢާފަށް އެދޭކަމުގައި ބުންޏެވެ. އެހެން ނަމަވެސް އެދުވަހުގެ ފަހުން ޒީނާގެ ހިތުގައި މަންމައާއި މެދު އުފެދުނީ ނަފުރަތާއި ރުޅިވެރިކަމެވެ. ދެވުނީ ލައުނަތެވެ.

ރައޫފު ޖަލުގައި ހޭދަކުރި މި 14 އަހަރުގެ ތެރޭގައި ޒީނާގެ ދިރިއުޅުމުގެ ހުރިހާކަމެއް ވަނީ އެކޮޅުކޮޅުން ޖެހިފައެވެ. ރައޫފުގެ އަތުން މަންމަ ފޭރިގަތް މުދާ، ހުސޭނު ފޭރިގަތީއެވެ. މަސްތުވާތަކެތީގެ އަޅަކަށް ވެފައި ހުރި މީހަކާ ޒީނާ ދެވައި މަގުމަތިކޮށްލީއެެވެ. ކުލީ ކޮޓަރިގަނޑެއްގައި ޒީނާ މިއަދު ދިރިއުޅެނީ ފަގީރު ވޭންދެނިވި ދިރިއުޅުމެކެވެ. ފައިސާނެތި އަތްމަތި ދަތިވެގޮސް ފިރިމީހާ އޭނާލައްވައި ދުނިޔޭގައި ލެއްވި އެންމެ ބޮޑު ފާހިޝް އަމަލުވެސް ގަދަ މަޖުބޫރުން ހިންގުވަނީއެވެ. އޭނާގެ މޫނާއި ހަށިގަނޑުގައި ވަނީ ފިރިމީހާގެ ފަރާތުން ލިބިފައިވާ އަނިޔާގެ ލަކުނުތަކެވެ. ދީނީކަމަކަށްވުރެ ބޮޑަށް އޭނާ މޫނުބުރުގާ އަޅަނީވެސް ދުނިޔެއަށް ފިލުމަށެވެ.

"ދަރިފުޅާ، ޒީނާ" ވަރަށް ގާތުން މީހަކު ގޮވާލި އަޑަށް ޒީނާ ސިހިގެން ދިޔައެވެ. އޭރު އޭނާ އާއި ދާދި ގާތުގައި ހުރީ ރައޫފެެވެ. ޒީނާ އޭނާގެ ބައްޕަގެ ގޮތުގައި އަބަދުވެސް ދެކޭ އޭނާގެ ނުއުފަންނަ ބައްޕައެވެ. 14 އަހަރު ފަހުން އަދި އަމުދުން މޫނު ބުރުގާއަޅައިގެން ޒީނާ ހުއްޓައި ރައޫފަށް ޒީނާ ދެނެގަންނަން އެނގުމުން ޒީނާވީ ހައިރާނެވެ.

"މިޖަލު އޮފިސަރަށް ވަރަށް އާދޭސްކޮށްގެން ދަރިފުޅާ ވާހަކަ ދައްކާލެވޭތޯ މިއައީ" ބަލިކަށި ވޭނީ އަޑުން ރައޫފް ބުންޏެވެ. އެއަޑުގައި އެއްވެސް އުއްމީދެއް ނެތްކަން ޒީނާއަށް ފާހަގަ ވިއެވެ.

"ޒީނާއެއް ނޫން މީ" ޒީނާ މަޑުމަޑުން ބުންޏެވެ. ރައޫފަށް ޒީނާ އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
"އެކަމަކު! ކޮއިފުޅުގެ އުނގުގައި ތިޔަ އޮތް ކުޑަ ދަރިފުޅު، އަހަރެންގެ ޒީނާ އާއި އެއްވެސް ތަފާތެއް ނެތް، އަހަރެން ހީކުރީ ތިޔައީ މިކުއްޖާގެ މަންމަ ކަމަށްވާނަމަ، ތިޔަައީ ޒީނާކަމަށް" ރައޫފް ބުންޏެވެ.

ރައޫފް ޖަލުއޮފިސަރާއި އެކު ހިނގައިގަތެވެ. އޭނާގެ ވަރުދެރަ ހަށިގަނޑުން އިތުރަށް ހަކަތަ ބަލިވީކަންނޭނގެއެވެ. ތަންކޮޅަކަށް ހިނގައިގަތްތަނާ އޭނާ އަރިއަޅާލައިފިއެވެ. ޒީނާއަށް ބައްޕާއޭ ކިޔާފައި އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ އިހުތިޔާރުން ބޭރުގައެވެ. އޭނާގެ އަޑުވީއްލުނީ ކީއްވެކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

ރައޫފު ބިންމައްޗަށް ވެއްޓުމުގެ ކުރިން ޖަލުއޮފިސަރު ހުށިޔާރުކަމާއި އެކު ހިފެހެއްޓިއެވެ. އަދި މަޑުމަޑުން ރައޫފު ތިރިކޮށް ވިނަގަނޑުމަތީ ބޭއްވުމަށް ފަހު އޭނާ އަތުގެ އިޝާރާތުން ހޮސްޕިޓަލުގެ ދޮރުމަތީގައި ތިބިބަޔަކަށް ސްޓްރެޗަރ ގެންނަން ގޮވަންފެށިއެވެ.

ދަރިފުޅު ކޮނޑަށްލައިގެން ދުވެފައި ގޮސް ޒީނާވެސް ރައޫފުކައިރީގައި ކުޑަކަކޫ ޖަހާފައި އިށީނެވެ. މޫނު ބުރުގާގެ ފޮތިގަނޑު އޭނާއަށް ނެގުނީވެސް އިހުތިޔާރަކާ ނުލައެވެ. ޒީނާގެ މޫނު ފެނުމާއި އެކު ރައޫފް ހިނިތުންވެލިއެވެ. އެހިނިތުންވުމާއި އެކު އޭނާގެ އެންމެފަހުނޭވާ ދޫކޮށްލީ މަސައްކަތެއްކޮށް ވަރުބަލިވެފައިވާ މީހަކު މާނޭވާއެއް ލީފަދައިންނެވެ.

ދުވެފައި އައި މީހުންތައް ހޮސްޕިޓަލުން ނެރެގެން ގެނައި ސްޓްރެޗަރ މަތީގައި ބާއްވައިގެން ރައޫފު ގެންގޮސް ހޮސްޕިޓަލަށް ވެއްދި އިރުވެސް ޖެހި ބުދެއްހެން އިންތާނގައި ޒީނާ އިނެވެ. ކޮނޑުމަތީގައި އޮތް ދަރިފުޅު ރޮމުންދިޔައިރު އެކަމުގެ އިހުސާސެއްވެސް ނެތެވެ. އޭނާއަށް ފެންނަމުން ދިޔައީ ވަށައިގެންވާ ހުރިހާ މަންޒަރެއްވެސް ހުއްޓިފައިވާތީއެވެ. އެތައް އިރެއްފަހުން ޒީނާ ހިނގައިގަތެވެ. އަމިއްލަ ނަފުސާއި މެދު ހިތާމަކުރަމުންނެވެ. ލިބުނު އެންމެ ފަހުގެ ފުރުސަތުގެ ބޭނުންވެސް ނުކުރެވި، ފާފަތަކާއި އެކު އަދި މައާފް ނުލިބުނު ހާލުގައި ކަލާނގެ ހަޟުރަތަށް އޭނާވެސް އެނބުރިދާންޖެހޭނެ ކަމުގެ ހިތާމަކުރަމުންނެވެ.

އެދުވަހުގެ ފަހުންވެސް ޒީނާ ދިރިއުޅެންޖެހުނީ އެހިތާމަޔާއި ހިތްދަތިކަމުގައެވެ. ހަޔާތުގައި އުފަލެއް ހިތްހަމަޖެހުމެއް ނުލިބިއެވެ. އެކަމަކު އޭނާގެ ހިތުގައި އަޒުމެއް އޮތެެވެ. އެއީ ހުސޭނުގެ ކިބައިން ބަދަލު ހިފުމެވެ.
****************

Thursday, September 8, 2016

VAAHAKA: MUBAARAIY




އެއްވަނަ އިއުލާނުކޮށްލުމާއި އެކު ހޯލުތެރެ ދިޔައީ ގުގުމައިގެންނެވެ. އުފާވެރިހަޅޭކާއި ތަހުނިޔާއާއި މުބާރަކްބާދީގެ އަތްތިލަ ބަޑީގެ އަޑުންނެވެ. ބޭއިހްތިޔާރުގައި އަހަރެންނަށް ބަލާލެވުނީ ނާޒްނީނަށެވެ. އޭނާ މޫނުމަތީގައި އަތްއެޅިއެވެ. ގިސްލަންފެށިއެވެ. އެއްވަނަ ނުލިބުނީމާ އޭނާއަށް ރޮވުނީއެވެ. ދެރަވީއެވެ. އަހަރެންގާތަށް ހިނިއައެވެ. އޭނާ އެހާ ފިނޑިވީމައެވެ. އެއްވަނަ ލިބުނު ރޯޒީ ސްޓޭޖާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ހުރީ އުފަލުން ފޮޅިފައެވެ. ހިނިތުންވުމާއި އުފާވެރިކަން އޭނާގެ މޫނުމަތިން ފެނެއެވެ. ފަރި ހިނގުމުގައި އޭނާ ގޮސް ސްޓޭޖަށް އަރައިފިއެވެ. މާބޮނޑިތަކާއި ހަދިޔާތަކާއި ޓްރޮފީއޭނާއާއި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ޝަރަފްވެރި މެހްމާންގެ އަތުން އޭނާ އާއި ހަވާލުކޮށްފިއެވެ. އޭރުވެސް އަތްޖަހާމީހުން އަތް ޖަހައެވެ.

އެމަންޒަރު ނުދެކޭންވެގެން ކަންނޭނގެއެވެ. ނާޒްނީން ތެދުވެގެން ގޮސް ހޯލުގެ ދޮރުން ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން އެހެން ކުއްޖަކުވެސް ނުކުތެވެ. ހީވަނީ ނާޒްނީންގެ ކޮއްކޮއެއް ހެންނެވެ. އަހަރެންގާތަށް އައީ ލާނެތް ހިންޏެކެވެ.ހިތަށް އެރިއެވެ. މުބާރާތެއްގައި ބައިވެރިވާންވާނީ މޮޅާއި ދެރަވެސް އޮންނާނެކަން އެނގިގެން ނޫންހެއްޔެވެ؟ އެއްވަނަ ނުލިބުނީމާ ނުވަތަ އެއްވެސް ވަނައެއް ނުލިބުނީމާ ރޯންޖެހޭ ހެއްޔެވެ؟ އެއީ އަންހެނުންގެ ވައްތަރޭ ހިތާ އަހަރެން ހިތްހަމަ ޖައްސާލެވޭތޯ ބެލީމެވެ. އެކަމަކު ކަން ހިނގިގޮތް އިނގޭތީ އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހިތް ހަމަނުޖެހިފައެވެ. އުނދަގޫވެފައެވެ.

ހަފްލާ ނިމިއްޖެއެވެ. އެންމެ ރީތި ވެޑިންގ ޑްރެސްއެއް ފަރުމާކޮށް ދައްކާލައިގެން އެއްވަނަ ހޯދި ރޯޒީއަށް އަހަރެންވެސް މަރުހަބާކީމެވެ. އެކަމަކު އެވަނަ އަކީ އަހަރެމެން މުބާރާތަށް އިންސާފުކުރި ފަނޑިޔާރުން ހަމަގަސްތުގައި ރޯޒީއަށް ދިން ވަނައެއް ކަމެއް އޭނާއަކަށް ނޭނގޭނެއެވެ. އެވެސް ކޮރަޕްޝަނެވެ. އެކަން އަހަރެންނަށް އެނގެއެވެ. އެކަމަކުވެސް އެވަނަ ރޯޒީއަށް ދޭންޖެހުނީ އޭގައި ސަބަބުތަކެއް އޮވެގެންނެވެ. އެއްސަބަބަކީ އޭނާއަކީ ޑިޒައިން ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހަކަށް ވާކަމެވެ. "ސްލޭމް ޑިޒައިން"އަށް އެފަދަ ޑިޒައިނަރެއް ބޭނުންވާ ކަމެވެ. އިނާމެއްގެ ގޮތުގައި އެއްލަކަ ރުފިޔާ ދިނުމުގެ އިތުރުން ފަސް އަހަރު ދުވަހަށް އެފިހާރައަށް ޑިޒައިންކޮށްދިނުމުގެ ކޮންޓްރެކްޓެއްވެސް އޭގައި ހިމެނޭތީއެވެ. ހަމައެންމެ ހެދުމެއް ޑިޒައިންކޮށްލައިގެން އެއްވަނައަށް ހޮވޭ މީހަކަށް އެކޮންޓްރެކްޓްގައި މަސައްކަތް ނުކުރެވޭނެކަމަށާއި ވަނަ އެފަދަމީހަކަށް ދެވޭތޯ ބެލުމަށް މުބާރާތް އިންތިޒާމްކުރި ފަރާތުންވެސް ފަނޑިޔާރުން ގާތުގައި ބުނެފައިވާތީއެވެ.

ރިފްރެޝްމެންޓްގައި މާ ކާހިތްވާ އެއްޗެއް ނެތުމުން ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުން އަހަރެން ބޭރަށް ނުކުމެއްޖައީމެވެ. ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ޕާކު ފާރުބުރިމަތީ ރޯން އިން ނާޒްނީނެވެ. އޭނާގެ ގާތުގައި ހުރި އަންހެންކުއްޖާ އޭނާ ހުއްޓުވޭތޯ މަސައްކަތް ކުރެއެވެ.

"ދައްތާ! ހުއްޓާލަބަލަ! މިފަހަރު ދެންވީގޮތް. އެހެން ގޮތެއް ފެނޭތޯ ބަލާނީ ލާރި ލިބޭނެ އެހެން މަގުމަގުވެސް ހުންނާނެ!" އެކުއްޖާ ނާޒްނީނު ގާތުގައި ބުނި ވާހަކަ އަޑު އިވިފައި އަހަރެންގެ ކަންފަތްކޮޅަށް ޖެހުނެވެ. ވީގޮތެއް އޮޅުން ފިލުވާލަން ބޭނުންވެގެން ކައިރިއަށް ޖެހިލީމެވެ. ނާޒްނީނު އެވަރަށް އެރޮނީ ހަމަ އެއްވަނަ ނުލިބިގެން ހެއްޔެވެ؟ އެކަމަކު އޭގައި އެހެން ސަބަބެއް އެބައޮތްކަމުގައި އަހަރެންގެ ހިތް ބުންޏެވެ.

"ކިހިނެއްވީ! ނާޒްނީން ހާދަ ވަރަކަށް ތިރޮނީ؟" އަހަރެން އަހާލީމެވެ.
ނާޒްނީން ޖަވާބެއް ނުދީ ތެދުވެގެން ހިނގައިގަތެވެ. ދަރުބާރުގޭން މަގުމައްޗަށް ނުކުންނަ ދޮރާއި ދިމާއަށެވެ. އަހަރެންނަކީ މުބާރާތުގެ ފަނޑިޔާރެއްކަމުން އޭނާ އަހަރެންނާއި މެދު ހިތްހަމަ ނުޖެހުނީ ކަންނޭނގެއެވެ. އަހަރެންނަށް ޖަވާބުދިނީ ނާޒްނީންގާތުގައި ހުރި އޭނާގެ ކޮއްކޮއެވެ.

"ދައްތަގެ ހުންނާނެ ލޭއަޅާކުއްޖެއް. އެކުއްޖާގެ ބޯން މެރޯ ޓްރާންސް ޕްލާންޓް ހަދަން އެއްލައްކަ ރުފިޔާ ބޭނުންވާތީ އަސްލު ދައްތަ މިމުބާރާތުގައި ބައިވެރިވީވެސް. އެއްވަނަ ހޯދަން ދައްތަ ވަރަށް މަސައްކަތްކުރި ކޮންމެ ބުރެއްގެ ޑްރެސްވެސް އެތައްރެއެއްގެ ނިދި ގުރުބާންކޮށްގެން ފެހީވެސް. ހެދުން ދައްކާލާ ޝޯވ އަށްވެސް މޮޑެލެއްގެ ގޮތުގައި ދައްތަ އެރީ އެހެންމީހަކަށް އަގުދީފައި އެރުވުމަކީ އިތުރު ޚަރަދަކަށްވާތީ"

އަހަރެންނަށް އެއްޗެއް ނުބުނެވުނެވެ. ވީދެރައިންނެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. ދަރިއަކަށްޓަކައި މަޔަކު އެކުރިފޮނި އުންމީދާއި ވީޤުރުބާނީގައި ކޮޅުފައިންޖެހީ އަހަރެމެންނަށް ކަމުގައިވާތީއެވެ. ނާޒްނީންގެ އެމަސައްކަތުގެ ބޭނުމަކީ އެއީކަން އެނގުނުނަމަ ކަން ކޮންމެ ގޮތަކަށް ވިޔަސް އަހަރެން ނަތީޖާ ބަދަލުކުރާކަށް އެއްބަހެއް ނުވީމުހެވެ. އަހަރެންގެ ބާރުގައި ނަމަވެސް ނާޒްނީންއަށް އެވަނަ ދިނީމުހެވެ. އެކަމަކު ކުރާނެ ކަމެއް ނެތެވެ. ނާޒްނީންއަށް ލިބުނު ވަނަ ބަދަލުކޮށްލީ އަހަރެމެންނެވެ.

މުބާރާތުގައި ވަކިވަކި ފަނޑިޔާރުންގެ އެންމެ މަތީމާކްސް ލިބުނީވެސް ނާޒްނީނަށެވެ. އާއްމުންގެ އެންމެ ގިނަ އެސްއެމްއެސް ލިބުނީވެސް ތިންބުރުގައިވެސް ނާޒްހުށައެޅި ތިން ހެދުމަށެވެ. މުބާރާތުން އެއްވަނަ ލިބުނީ އޭނާއަށެވެ. އެކަމަކު އޭނާއަކީ މަޝްހޫރު ޑިޒައިނަރަކަށް ނުވާތީ އަހަރެމެން އޭނާ ފެއިލްކޮށްލީއެވެ. މާރކްސްތައް އެގޮތް މިގޮތް ހަދައި އަހަރެމެން ބޭނުން ނަތީޖާ ނެރުނީއެވެ. އެއްވަނަ ލިބުނީ ނާޒްއަށް ނަމަވެސް އަހަރެމެން އޭނާއަށް އެއްވަނަ ކީއްކުރަންހެއްޔެވެ؟ ތިންވަނަވެސް ނުދެމެވެ.

ނާޒްއަށް ވަނައެއް ނުލިބުމުން ބައެއް މީހުން ކުދިކީ އަޑުވެސް އަހަރެން އެހީމެވެ. ރޯޒީގެ ހެދުންތަކަށްވުރެ ނާޒްނީންގެ ހެދުންތައް މާރީތިކަމުގައި މުބާރާތްބެލި މީހުންވެސް އެއްބަސްވެއެވެ. އެކަމާއި އަހަރެންވެސް އެއްބަހެވެ. އެކަމަކު އަހަރެމެން ބެލީ ވިޔަފާރީގެ މަސްލަހަތަށެވެ. ހައްޤުމީހާއަށް ވަނަ ދޭކަށް ނޫނެވެ.

"ފަޒީލް. ކަލޭމެން ޑިޒައިންކޮށްކޮށް މުސްކުޅި ވެފައި ތިބި މީހުންނަށްވެސް ރީތި ހެދުމެއް ނޭނގޭދޯ! ތިޔަ ވަނަތައް ދިން ހެދުންތަކަށްވުރެ މާރީތި ނާޒްގެ ހުރިހާ ހެދުންވެސް" ހޯލުން ނުކުމެގެން އައި ޑިޒައިނަރު ޝާފީ އަހަރެންނާއި ދިމާއަށް ބުންޏެވެ.

ޝާފީގެ އެބަސްތަކުން އަހަރެން އިތުރަށް ދެރަވިއެވެ. ފުރަތަމަ ފަހަރަށް ގޯހެއް ހެދިއްޖެ ކަމުގައި އިހްސާސްވެއްޖެއެވެ.
މުބާރާތެއްގައި ބައިވެރިވާ ކޮންމެ މީހަކު ބައިވެރިވާނީ ހޮބީއަކަށް ނޫނެވެ. އޭގައި މަޖުބޫރެއްވެސް އޮވެދާނެއެވެ. ބޮޑު މުސީބާތަކުން  ސަލާމަތްވާ ކޮށާ މަގަކަށް ވެދާނެއެވެ. ތެދެކެވެ. އަހަރެމެން މިއަދު އެވަނަ ހައްޤުމީހާއަށް، ވަނަ ދިން ނަމަ އޭނާއަށް އެތައް އުފަލެއް ލިބުނީހެވެ. އޭނާގެ ދަރިފުޅު އެވޭންދެނިވި ދިރިއުޅުމުން ސަލާމަތްވާނޭ މަގެއް ފެނުނީހެވެ.

ޔަޤީނެވެ. އޭނާގެ މަސައްކަތުގައި ބަރަކާތް ލެއްވުނެވެ. އޭނާއަށް ތަޤުދީރު އެހީވެސްވިއެވެ. އެކަމަކު އޭނާއަށް އޭނާގެ އުންމީދުތައް ހާސިލްނުވީ އަހަރެމެންގެ ސަބަބުންނެވެ. ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުންނެވެ. އަހަރެން ކުރިން އަޑުއަހަނީ ކޮރަޕްޝަނަކީ އެތައް ބައެއްގެ ހައްޤު ގެއްލިގެންދާ އަމަލެއްކަމެވެ. އެކަމަކު އެއީ ކިހާވަރެއްގެ ތެދެއްކަން މިރޭ ވިސްނިއްޖެއެވެ.

އަހަރެމެންނަށް ނާޒްނީންއަށް އެހެން ނުހެދުނުނަމަ އޭނާގެ ދަރިފުޅުގެ ބޯންމެރޯ ޓްރާސްޕްލާންޓް ހަދާނެ ފައިސާގެ ލިބުމުގެ އިތުރުން ނާޒްނީންއަށް އާމްދަނީ ލިބޭނެ ރަނގަޅު މަސައްކަތެއްވެސް ލިބުނީހެވެ. އޭނާގެ ދަތި ދިރިއުޅުމަށް އަލިމަގެއް ވެސް ފެނުނީހެވެ. އެތައް ހަޔާތަކަށް އުފާވެރިކަމާއި ފާގަތިކަން ލިބުނީހެވެ. އޭގެ އިތުރަށް ހުނަރުވެރި މޮޅު ޑިޒައިނަރެއް ސްލޭމް ޑިޒައިނަށްވެސް ލިބުނީހެވެ. ރޯޒީއަށްވުރެ ނާޒްގެ ފަރުމާކުރުމުގެ ހުނަރު މާބޮޑަށްވެސް އެބަހުއްޓެވެ. އެކަން އަހަރެންނަށް ޔަޤީނެވެ.

ރޯޒީއަކީ މުއްސަންޖެއްގެ ދަރިއެކެވެ. ފޯރާމީހެއްގެ ދަރިއެކެވެ. އޭނާ އިނާމަށް ލިބުނު އެ އެއްލައްކަ ރުފިޔާއިން ކުރާނެ މާމުހިއްމުކަމެއް ނޯންނާނެއެވެ. ރައްޓެހިންނާއި އެކު ކޮފީޔަށް ސަޔަށް ރެސްޓޯރެންޓްތަކަށް ނުވަތަ ލަންކާ ދަތުރުތަކަށް ޚަރަދު ކުރުން ފިޔަވައެވެ. ރޯޒީ އަކީ އަހަރެން ކުރިންވެސް ދަންނަ މީހަކަށް ވާތީ، އޭނާ އެފައިސާ ދުއްވާލާނީ ކުޅިވަރަށްކަން އަހަރެންނަށް ހަމަ ރަނގަޅަށް އެނގެއެވެ. އޭނާ އަކީ ހިތަށް އެރީމާ ހިތަށް އެރިވަރަކަށް ފައިސާ ލިބޭ މީހެކެވެ. އެހެންވީއިރު ލައްކައެއްހާ ރުފިޔާ ވަޔަށް ތަޅާ ބުރުވާލުމަކީ އޭނާއަކަށް މާބޮޑު ކަމަކަށް ނުވާނެއެވެ.

މިރޭ ވީހައި ދެރަ އަހަރެން ދުވަހަކުވެސް ނުވެއެވެ. އެއީ ހަޤީޤަތް އެނގުނު  އަދި ހިތެއް އޮތް މީހަކު ދެރަނުވާނެ ވަރުގެ ކަމެއް ނޫނެވެ. އެހެނީ މަޔަކު އޭނާގެ ދަރިފުޅަށްޓަކައި އެކުރީ ބުރަ މަސައްކަތެކެވެ. ދުވަހަކު ސްޓޭޖަކަށް މޮޑެލް ކުރަން ނާރާ ނާޒްނީން އޭނާގެ ހެދުންތައް ދައްކާލުމަށް މޮޑެލް އެއްގެ ގޮތުގައި ސްޓޭޖަށް އަރާނީވެސް ހާދަ ހިއްވަރުކޮށްގެންނޭ އަހަރެންގެ ހިތަށް އެރިއެވެ. ޔަޤީނެވެ. އޭނާގެ ލަދާއި ބިރު ކަނޑާލާފައި އަދި މީހުން ކިޔާފާނެ އެއްޗަކަށް ނުބަލައި އޭނާ ސްޓޭޖަށް އެއެރީ އޭނާގެ ދަރިފުޅުދެކެ ވާލޯބީގެ ހައްގުގައެވެ. މައިލަގޮނޑިއަށް ކެތް ނުވެގެންނެވެ. އެހެން އަންހެންކުދިންހެން ތުއި ދައްކާކަށް، ތިއްތި ދައްކާކަށް ނޫނެވެ. އަހަރެންނަށް އެކަން ޔަޤީންވެއްޖެއެވެ.

ނާޒްނީންއަށް އަންނަ އަހަރު މިމުބާރާތުގައި ފުރުސަތު ހޯދައިދޭން އަހަރެން އަޒުމު ކަނޑައެޅީމެވެ. އަހަރެންނަށްވެސް ބައިވެރިވެވުނު އެކުށުގެ ކައްފާރާއަކަށް އެމިންވަރު ފުދޭނެ ކަމުގައި އެދިގެންނެވެ. އަދި ނާޒްނީންގެ ދަރިފުޅަށް އެހީއެއް ވެދެވޭނެ ގޮތަކާއި މެދު ވިސްނަމުންނެވެ. އެކަމަކު އެވަރުގެ އެހީއެއްދޭނީ ކާކުހެއްޔެވެ؟ ފުދި އިތުރުވެގެން އުޅޭ މީހަކު ނޫޅެއެވެ. ކޮންމެ މީހަކުވެސް އުޅެނީ ލިބޭވަރު މަދުވެގެންނެވެ.

ނާޒްނީންއާއި މެދު ކަންތައް ކުރެވުނުގޮތުން ހިތުގައި އެލައް ޖެހިފައި ހުރީ ހަފްތާއެއްހާ ދުވަހުއެވެ. މަޑުމަޑުން މަޑުމަޑުން އަހަރެންވެސް އެހަނދާން ނެތިއްޖެއެވެ. ވާނީވެސް އެހެންނެވެ. މިއީ ލޯމަތިން ގެއްލުމުން ދެން އެމީހެއްގެ މަތިން ހަނދާންވެސް ނުވާހައި ބިޒީ ޒަމާނެކެވެ.

އޭގެ މަހެއްހާ ދުވަސް ފަހެވެ. މީރާއަށް ކުންފުނިން ދައްކަންޖެހޭ ޖީއެސްޓީ ޓެކްސްދައްކަން ގޮސްހުއްޓައި އަސުރު ނަމާދަށް ގޮވުމުން އަހަރެން ދިޔައީ އާސަހަރާ މިސްކިތަށެވެ. ސަހަރާ ގޯޅިއަށް އެޅި އިރުވެސް މަގުމަތީގައި ވަރަށް މީހުން މަދެވެ. މީހަކު މަރުވެގެން ސަހަރާ ތެރޭގައި ބަޔަކު އުޅޭ ހެނެއް ހިއެއް ނުވެއެވެ. މިސްކިތަށްވެސް ވަދެވެން ހުންނަ ސަހަރާގެ ބޭރު ދޮރުން ވަދެފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަށް ފެނުނީ ދެއަންހެނަކު ނާޒް އަތުލަފިކޮށްގެން ނެރޭތީއެވެ. އޭނާ ވެއްޓިވެއްޓިފައި ރޮނީއެވެ. ހީވަނީ އޭނާގެ ހަށިގަނޑުން ފުރާނަ ދަނީހެންނެވެ. އެއީ ވޭނީ ރުއިމެކެވެ. އެތައްހިތާމައަކުން އެކުވެ އޮހެމުން ދިޔަ ކަރުނައެކެވެ.

ސަހަރާތެރޭގައި މާގިނަ ބަޔަކު ނެތެވެ. މީހަކު ކައިރީ އަހައި އޮޅުން ފިލުވައިލީމެވެ. މަރުވީ ނާޒްނީންގެ ލޭއަޅާ ދަރިފުޅެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ހިނަވާގޭ ތެރެއަށް ވަދެ އެކުޑަކުޑަ މައުސޫމް ކުއްޖާގެ މޫނު ފެނުނުވަގުތު އަހަރެންގެ ހިތްއައީ ފުންމައިގެންނެވެ. ވީދެރައިންނެވެ.

އެކުއްޖާގެ ބޯންމެރޯ ޓްރާންސް ޕްލާންޓް ހެދުމަށް އަމިއްލަ ޖަމިއްޔާއަކުން ވަނީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑުބައި ދީފައެވެ. މުޅި ޚަރަދު ހަމަޖެއްސުމަށް ނާޒްނީން ހޯދަންޖެހުނީ ލައްކައެއްހާ ރުފިޔާއެވެ. އެކަމަކު އެކަން އޭނާއަށް ނުވީއެވެ. ދަރިފުޅު ދުނިޔެއާއި ވަކިވެ ދިޔައީއެވެ. އެތައް ބުރައަކާއި ވޭނެއް އުފުލައި އެންމެ އުންމީދުގެ ހުޅުކޮޅު ދިއްލެމުންދަނިކޮށް އެހުޅުކޮޅު ނިވުނީއެވެ.

އެމަންޒަރުދެކޭކަށް އެތާކު އަހަރެންނަކަށް ކެތެއް ނުވިއެވެ. އަމިއްލަ ކުށް އިހްސާސްވާލެއް ބޮޑުކަމުންނެވެ. މައެއްގެ އުންމީދުތަކާއި ބުރަ މަސައްކަތުގައި ކޮޅުފައިންޖެހި މީހަކަށް އަހަރެންވެސް ވާތީއެވެ. އެކަމަކު އަހަރެންނަށް ޔަޤީނެވެ. ދެން ދުވަހަކުވެސް އަހަރެންނަކަށް ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ. މިކުށުގެ ކައްފާރާ އަދައެއް ނުކުރެވޭނެއެވެ. އާއެނކެވެ. މުބާރާތްކާމިޔާބުކުރީ ނާޒްނީނެވެ. އެކަމަށް ކައުނުގެ ވެރިރައްބު ހެކިވެ ވޮޑިގެންވާނެއެވެ. ނާޒްނީންގެ ޤުރުބާނީ ދެކެދެނެވޮޑިގެންވާނެއެވެ. މުބާރާތުން ފެއިލްވީ އަހަރެމެންނެވެ. މުބާރާތް އިންސާފުކުރި ފަނޑިޔާރުންނެވެ. އެހެނީ އަހަރެމެން ފެއިލްވީ ދުނިޔަވީ މުބާރާތުންނެވެ. އެއީ ދެން ބަދަލުކުރެވެން ނެތް ކަމެކެވެ.
(ނިމުނީ)