Thursday, September 25, 2008

ހަޔާތުގެ ކުލަތައް

އެއީ ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅެވެ.
ހަމަހިމޭން މެންދަމަކަށްފަހު، އުފާވެރި ދުވަހަކަށް އަލިވިލެމުންދަނީއެވެ. ކާޅާއި ކޮވެއްޔާއި ކުކުޅުހާލުގެ އަޑުން ފަޒާގެ ހިމޭންކަން ފޫއަޅުވަމުންދެއެވެ. އޭރު ފަތިސް ނަމާދުން މީހުން ފައިބައިފިއެވެ. އަނެއްކާވެސް އާދުވަހަކަށް އަލިވިލުނީއެވެ. ފަތިސްނަމާދުން އައިގޮތަށް އާދައިގެމަތިން މިއަދުވެސް މޫސަ މަސައްކަތް ފަށައިފިއެވެ. ފަތިހަށް ގޮވާ ހާލާއެކު ކޮންމެ ރެޔަކުވެސް އޭނާ ތެދުވެއެވެ. ދަމުނަމާދަށް ފަހު ފަތިސްނަމާދުކޮށްގެން އޭނާގެ މަސައްކަތްފަށައެވެ. ބޮޑު ނައިލޯނު ގޯންޏެއްގެ ތުންހުޅުވައިގެން އިނދެ އޭނާ އޭގެތެރޭގައި އޮޅުން ބޮޅުންވެފައި އޮތް ބޮޑު ނައިލޯނުގަނޑެއް މިންޖުކޮށް ފަށްތައް ނިއުޅުވަމުން ދިޔައެވެ. އޭރު އޭނާގެ ދިރި އުޅުމުގެ ޞަފްހާތައްވެސް އޮޅެމުން ނިއުޅެމުން ޚިޔާލީ ސްކްރީނުގައި ދައުރުވަމުން ދިޔައެވެ.
ވާއެޅުމަކީ މޫސަ ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މަހެއްގެ ތެރޭން އޭނާއަށް ގަދަވެ ހުންނަންލިބޭ ދެތިން ދުވަހު އޭނާ ހޭބޯނާރައި މަސައްކަތްކުރެއެވެ. އަނބިދަރީންނަށް ޓަކައެވެ.މޫސައަކީ ނޭވާ ހިއްލާމީހެކެވެ. އޭނާއަށް އެކަމެއް ޖެހުނީ ދެވަނަ ދަރިފުޅު ލިބުނުތާ މާގިނަދުވަހެއް ނުވަނީހެވެ. އޭނާގެ ދޮށީދަރިފުޅު އައިމިނައަށް އަދިވީ އެންމެ ތޭރަ އަހަރެވެ. ދެންހުރީ އިބްރާހިމެވެ. އޭނާއަށް ދިހަވަރަކަށް އަހަރު ވީއިރު ޝުހާންއަށް އޮތީ އަށް އަހަރަށެވެ. އަދި ހަތަރުވަނަ ދަރިފުޅު މައުސޫމަށް ހައަހަރަށް އޮތްއިރު ފަސްވަނަ ދަރިފުޅު ފާތުމައަށް އޮތީ ހަތަރު އަހަރަށެވެ. އަދި ހަވަނަ ދަރިފުޅު ރުޤިއްޔާއަށް އޮތީ ދެއަހަރަށެވެ. ހަދަރިންނާއި އަތްބަކު ގޮވައިގެން ބަލިހާލުގައި މޫސައަށް އުޅެންޖެހިފައިވަނީ ދަތިދިރިއުޅުމެކެވެ. އެދަތިކަމަށް ކުޑަވެސް ލުޔެއް ލިބިފައިވަނީ އަންހެނުންގެ ބައްޕަގެ ފަރާތުންނެވެ. އަންހެނުންގެ ބައްޕައަކީ ފޯރާ މީހަކަށް ވާތީއެވެ. ގޭގައި ދެދޯނިމަހަށް ދުއްވާތީއެވެ. އެހުރިހާމަހެއް ކައްކާ ހިއްކާނީ އަންހެނުން ސަންފަ އާއި މައިދައިތަ ސިއްތިއެވެ. މޫސަގެ ކަމަކީ ދަރު ފަޅައިދިނުމާއި މަސްކަނޑައި ދިނުން ފަދަ ކަންކަމެވެ. ބައެއް ދުވަސް ދުވަހު އޭނާވެސް މަހަށް ދެއެވެ. ދުވަސްތައް ތަކުރާރުވެ ވޭތުވަމުން ދިޔައީ އުފާ ފާގަތި ކަންމަތީގައެވެ.
އެއީ ހިޖުރައިން ތޭރަސަތޭކަ ނުވަދިހަ ވަނަ އަހަރުގެ ޒުލްޤައިދު މަހުގެ ދުވަހެކެވެ. މެދުގޭތެރޭ އުނދޯލީގައި މޫސައިނީ އެގޭގައި މަހަށްދުއްވާ ދެދޯނީގެ ތެރެއިން ބޮޑުދޯނީގެ އެންދާ ހަދާށެވެ. ގޭތެރޭގައި ކުދިވެރިން ކުޅެން އުޅެއެވެ. އޭރު ސަންފަ އާއި މައިދައިތަ އުޅެނީ މަހު ކަށިނަގައި ދުމަށި މަތީގައި މަސްޖެހުމުގައި އަވަދި ނެތިވެގެންނެވެ. ކުލިއަކަށް ރޮއިހޭރެމުން ގޭތެރެއަށް އައިސް އެވަނީ ބޮޑުދައިތައެވެ. ދެލޯ ތަންމިނަށް ހުޅުވައިގެން ބިރުގެންފައި ޝުހާން ހުރީ ބަލަހައްޓައިގެންނެވެ. އަޑުން އަޑުނަގާ ބޮޑުދައިތަ ރޯތީއެވެ. ބަސްމަދު އެހާމެ މަޑުން ހުންނަ ޝުހާންއަކީ މީހަކު ރޯތަން ފެންނައިރަށް ވަރަށް ކަންބޮޑުވާ ކުއްޖެކެވެ.
"އައްތާ! ކިޔެއްވުދޯ ތި ހޭރެނޫ" ޝުހާންގޮސް ބޮޑުދައިތަ ގާތު ހުއްޓެމުން ބުންޏެވެ.
" މޫސާ، ދަރިފުޅާ، މަގޭ ނަޢީމެއްވާ ނެތް"
މޫސަވެސް ތެދުވެގެންގޮސް ބޮޑުދައިތަ ގާތު ހުއްޓުނެވެ. ބޮޑުދައިތަގެ ރުއިމުގެ އަޑަށް ދުވެ މަރުވަމުން ސަންފަ އާއި މައިދައިތަވެސް ގޭތެރެއަށް އަތުވެއްޖެއެވެ. އޭރު ކޮންމެ މީހަކުގެ އަތުގައިވެސް ކަށިފިލުވަން ނެގި މަސްކިބަ އޮތެވެ.
" ކިޔެއްދޯ ވު" ތިންމީހުންނަށްވެސް އެއް ފަހަރާ އެހުނީ އެހެންނެވެ.
" މަގޭ ނަޢީމް މަރުވެއްޖެ." ބޮޑުދައިތަގެ ރުއިމުގެ އަޑު އަދި ކުރިއަށް ވުރެވެސް ބާރު ވެއްޖެއެވެ.
" ބޮޑާއްތާ އެޔަށް ކިޔެއްދޯ ވު" އެންމެ ހަތް އަހަރުގެ ނަޢީމް ނިޔާވީ ކީއްވެ ހެއްޔެވެ.
" ދެފަހަރަކަށް މެންދުރުވީ ތަނާ ހޮޑުލީ، ޢަސުރު ވުމާއި ދޭތެރޭ ހައެއްކަ ފަހަރު ބޮޑުކަމުވެސް ދިޔަ. ދެންމެ މާބޮޑަށް ވަރުދެރަވެފައި ހަރަކާތެއް ނެތިފައި އޮންނާތީ ކަތީބު ގެނައިމާ އޭނާވެސް ބުނެފި މިހާރަކު ފުރާނައެއް ނެތޭ"
އިރު އޮއްސުމުގެ ކުރިން ނަޢީމް ވަޅުލާ ނިންމާފައި މޫދައެރި ތާހިރުވެގެން މޫސައަށްވެސް ގެއަށް އާދެވުނުއިރު މަޣުރިބު ނަމާދަށް ބަންގި ގޮވައިފިއެވެ. އެއީ ކޮލެރާގެ ފެށުމެވެ. ސިއްޚީ ފަރުވާ އެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ރަށްފުށުގައި އެދުވަސްވަރުގެ ހާލަތު ހުރީ އިންތިހާ ދަރަޖައަށް ދަށުގައެވެ. އަނެއް ދުވަހަށް އިރު އެރި އިރު އެތައް ބަޔަކަށް މިރޯގާ ޖެހިއްޖެއެވެ. އެއްގޭގެ ހަތަރު ފަސްކުދިންނަށްވެސް ޖެހިފައި ތިއްބެވެ. ކުދިންނާއި ބޮޑެތި މީހުންވެސް ހޮޑުލާ ބޭރަށް ހިންގަނީއެވެ. ރަށު އޮފީހުން އަންގަނީ ފެންދިނުން މަދުކުރުމަށެވެ. ހޮޑުލުމާ ބޭރަށް ހިންގުން ކޮންޓްރޯލްވާނީ އެގޮތަށްކަމުގައި ރަށުގައި ތިބި ކަމުވޮށިގެންވާ މީހުންނަށް ހީވަނީ އެވެ. ދެވަނަ ދުވަހަށް އިރު އޮއްސުނު އިރު މިރޯގާގައި ހަތަރު މީހުން މަރުވެގެން ވަޅުލައިފިއެވެ. އަނެއްދުވަހަށް އިރު އެރި އިރު ރަށުގެ އާބާދީގެ ގިނަމީހުންނަށް މިބަލި ޖެހިއްޖެއެވެ. އެހެންކަމުން ހާލުބޮޑު ބަލިމީހުންތައް މާލޫދު ހަރުގެއަށް ގެންގޮސް އެތާނގައި ބައިތިއްބައިގެން ފަރުވާކުރަން ފަށައިފިއެވެ. ކުރަނީ ކޮންކަހަލަ ފަރުވާއެއްކަމަށްތޯއެވެ. ތަށިތައް ލިޔެ މަތުރާ ފެންވަރު ވަނީއެވެ. ފާޑުފާޑުގެ ތަކެތިން ދުންއަޅާ ކިޔެވެލިތައް ކިޔަވަނީއެވެ. އިރުއޮއްސުމުން ރަށުތެރޭގައި ދުން މުޖުމަރާއެއް ހިފައިގެން މުދިންމީހާއާއި އެނޫން މީހުންވެސް ނުކުމެ ބަންގި ގޮވާ ތަކުބީރު ކިޔަނީއެވެ. ރޯގާ ފެށުނުތާ ތިންވަނައަށްވީ ދުވަހުގެ އިރު އޮއްސުނު އިރު މިރޯގާގައި ރަށުން ބާރަމީހުން މަރުވެއްޖެއެވެ
.