Wednesday, October 15, 2008

ހައްދުންމައްޗަށް އަލްވަދާޢު

ފެބުރުއަރީން ފެށިގން އޮކްޓޫބަރުމަހުގެ ސާދަވަނަދުވަހާއި ހަމައަށް ޓީވީއެމް ހައދުންމަތީ ބިއުރޯގައި އަޅުގަނޑު މަސައްކަތްކުރިއިރު ހައްދުންމަތީގެ ރއްޔިތުންގެ ފަރާތުންލބުނު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރަމެވެ

Tuesday, October 7, 2008

ރިޔާސީ އިންތިޚާބު

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ނުވައެއް ޖަހާއިރު ފެށޭނެ. މިފަހަރުގެ އިންތިޚާބުގައި ހައްދުންމަތީގައި ޖުމުލަ 20 ފޮށި ބެހެއްޓިފައިވޭ އެއީ ހައްދުންމަތީ އިސްދޫގައި ދެފޮށި ގަމުގައި ހަތަރު ފޮށި ފޮނަދޫގައި ތިންފޮށި. އަދި ދެން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެއްފޮށި. މީގެ އިތުރުން މާންދޫގައި ފޮއްޓެއް އަދި ކައްދޫގައި ފޮއްޓެއް ބެހެއްޓިފައިވޭ. ހައްދުންމަތީގެ އާބާދީގައި ފަނަރަހާހަށްވުރެ ގިނަމީހުން ތިބި އިރު ވޯތުދިނުމުގެ ހައްގުލިބިގެންވާ ނުވަހާހަށްވުރެ ގިނަމީހުން އެބަތިބި

Saturday, October 4, 2008

ހަޔާތުގެ ކުލަތައް

އިރު އޮއްސުމުގެ ކުރިން ނަޢީމް ވަޅުލާ ނިންމާފައި މޫދައެރި ތާހިރުވެގެން މޫސައަށްވެސް ގެއަށް އާދެވުނުއިރު މަޣުރިބު ނަމާދަށް ބަންގި ގޮވައިފިއެވެ. އެއީ ކޮލެރާގެ ފެށުމެވެ. ސިއްޚީ ފަރުވާ އެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ރަށްފުށުގައި އެދުވަސްވަރުގެ ހާލަތު ހުރީ އިންތިހާ ދަރަޖައަށް ދަށުގައެވެ. އަނެއް ދުވަހަށް އިރު އެރި އިރު އެތައް ބަޔަކަށް މިރޯގާ ޖެހިއްޖެއެވެ. އެއްގޭގެ ހަތަރު ފަސްކުދިންނަށްވެސް ޖެހިފައި ތިއްބެވެ. ކުދިންނާއި ބޮޑެތި މީހުންވެސް ހޮޑުލާ ބޭރަށް ހިންގަނީއެވެ. ރަށު އޮފީހުން އަންގަނީ ފެންދިނުން މަދުކުރުމަށެވެ. ހޮޑުލުމާ ބޭރަށް ހިންގުން ކޮންޓްރޯލްވާނީ އެގޮތަށްކަމުގައި ރަށުގައި ތިބި ކަމުވޮށިގެންވާ މީހުންނަށް ހީވަނީ އެވެ. ދެވަނަ ދުވަހަށް އިރު އޮއްސުނު އިރު މިރޯގާގައި ހަތަރު މީހުން މަރުވެގެން ވަޅުލައިފިއެވެ. އަނެއްދުވަހަށް އިރު އެރި އިރު ރަށުގެ އާބާދީގެ ގިނަމީހުންނަށް މިބަލި ޖެހިއްޖެއެވެ. އެހެންކަމުން ހާލުބޮޑު ބަލިމީހުންތައް މާލޫދު ހަރުގެއަށް ގެންގޮސް އެތާނގައި ބައިތިއްބައިގެން ފަރުވާކުރަން ފަށައިފިއެވެ. ކުރަނީ ކޮންކަހަލަ ފަރުވާއެއްކަމަށްތޯއެވެ. ތަށިތައް ލިޔެ މަތުރާ ފެންވަރު ވަނީއެވެ. ފާޑުފާޑުގެ ތަކެތިން ދުންއަޅާ ކިޔެވެލިތައް ކިޔަވަނީއެވެ. އިރުއޮއްސުމުން ރަށުތެރޭގައި ދުން މުޖުމަރާއެއް ހިފައިގެން މުދިންމީހާއާއި އެނޫން މީހުންވެސް ނުކުމެ ބަންގި ގޮވާ ތަކުބީރު ކިޔަނީއެވެ. ރޯގާ ފެށުނުތާ ތިންވަނައަށްވީ ދުވަހުގެ އިރު އޮއްސުނު އިރު މިރޯގާގައި ރަށުން ބާރަމީހުން މަރުވެއްޖެއެވެ.
ޢިޝާ ނަމާދު ކޮށްލައިގެން މޫސަވެސް އޮތީ ކުދިންކައިރީގައި އޮށޯވެގެންނެވެ. އޭނާގެ ހަކުދިންނަށް މިރޯގާ ފެށުނުފަހުން ގެއިން ނުކުތުންވެސް ވަނީ މަނާކޮށްފައެވެ. އަދި މީސްމީހުންދޭ ކާއެއްޗެތި ނުކެއުމަށްވެސް މޫސައާއި ސަންފަ އެމީހުންގެ ދަރިންނަށް އަބަދުމެ ނަޞޭޙަތްތެރިވެއެވެ. މެންދަންވަމުން ދިޔަވަގުތެވެ. ބިރުވެރި ހުވަފެނެއްގެ ތެރޭން މޫސައަށް ހޭލެވުނީ ދަރިފުޅު ޝުހާން ގޮވާއަޑަށެވެ.
" އައްޕާ، މަހޮޑުލަވަނޫ" އެއަޑު މޫސައަށް އިވުނީ ހޮނު ގުގުރިއެއް ހެންނެވެ.ރަށުގެ އެތައް ބަޔަކު މަރުވެ ފަނާވަމުންދާ ނުރައްކާތެރި ރޯގާ އޭނާގެ ދަރިފުޅަށް ޖެހިއްޖެ ކަމުގެ ބިރު ހީވީއެވެ.
"ސަންފާ. ސަންފާ" ދެފަހަރަކު މޫސަ ގޮވާލި އަޑު އިވިފައި އެތެރެ ގޭތެރެއިން ސަންފަ ނުކުތީ އަލިފާނޯއްޔޭ ގޮވީމާވެސް ނުނުކުންނާނެހާ ހަލުވިކޮށެވެ.
" މިސޮރު ހޮޑު ލަވަނީއްޔޭ، އަވަހަށް ލުބޮޔަކުން ފަނި ތައްޓެއް ގިރާބަލަ"
" މިގެޔަކު ލުބޮއެއް ނެތޭ. އިރު އޮއްސުނު އިރު ތުއްތުބޭ އައިސް ބުނީމާ އޮތް ލުބޯވެސް ދެވިއްޖެ. އެކަމަކު ގިފިލި ފަރާތު ގަހުގައި ހުތްފެލޭވަރުގެ ލުބޯ ހުންނާނެ"
ދެކުނު ފަރާތު ދޮރު ހުޅުވާލާފައި މޫސަ ނުކުތެވެ. އަތުގައި ފުޅިބައްތިއެއް އޮތެވެ. ފުރަ ދަންވަރު ކަނު އަނދިރީގައި އޭނާ އެދަނީ ލުނބޯ ބިންނާށެވެ. ތެދެކެވެ. މައިންބަފައިންގެ ލޯތްބަކީ އެކަހަލަ އެއްޗެކެވެ. ދަރިންނަށްޓަކައި ފަރުބަދައެއް ކަނޑަށް ޖެހުނަސް އެމީހުން ފަހަކަށް ނުޖެހޭނެވެ. އަޒުމަކަށް ބަދަލެއް ނާންނާނެއެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށްޓަކައި ލެޔާ ފުރާނައިން ޤުރުބާންވާއިރު، ކަނު އަނދިރީގައި ލުނބޯގަހަކުން ލުނބޯބިނުމަކީ އުނދަގޫ ކަމަކަށް ވާނެ ހެއްޔެވެ؟ މޫސަގެ ހުރިހާ ދަރިންގެ ތެރެއިންވެސް މޫސަ އެންމެ ލޯބިވަނީ ޝުހާން ދެކެއެވެ. އޭނާގެ އެހެން ހުރިހާ ދަރިންނަށްވުރެ ޝުހާންގެ ބުރު ސޫރަ ރީއްޗެވެ. ދޮނެވެ. ބަސްމަދެވެ. ކިޔަމަންތެރިއެވެ. އަދި އެހާމެ ތޫނު ފިއްޔެވެ. ހަޤީޤަތުގައި ޝުހާން ހީވަނީ ރަސްދަރިކަލެއް ހެންނެވެ. ގުދުރަތު އޭނާއަށް ދެއްވާފައިވަނީ އެފަދަ މަޤާމެކެވެ. ހުރިހާގޮތަކުންނެވެ. އެހެނަސް މޫސަ ޝުހާންދެކެ އެހާބޮޑަށް ލޯބިވާކަން އަބަދުވެސް އެހެން ކުދިންނަށް ވަންހަނާ ކުރެއެވެ. އެހެން ކުދިންވެސް ޝުހާންދެކެ ވަރަށް ލޯބިވެއެވެ. ބަފައިބެވެސް އެހާވަރު ހުންނާނެއެވެ. މޫސަ ލުނބޯ ބިނދެގެން ގެއަށް އައިސްވަތް އިރު ޝުހާން ހޮޑުލާން ފަށައިފިއެވެ. މޫސަ ޝުހާންގެ ގައިގައި އޮޅުލައިގަތެވެ.
" މަގޭ، ދެލޮލާ، ރަންކޮޅާ" މޫސައަށް ގިސްލެވިއްޖެއެވެ. ސަންފަ އަށްވެސް ރޮވޭގޮތްވެއްޖެއެވެ. ހިނދުކޮޅެއްވެސް ނުވަނީ މައިދައިތަ ލުބޯފަނި ގިރައިގެން ގެނެސްފިއެވެ. ކުޑަ އެތިއެތި ފޮދުން ޝުހާންއަށް ފަނި ދެވޭތޯ ސަންފަ އުޅެއެވެ. މޫސަ ނުކުތީ، މުދިންބެ ހޯދަންދާށެވެ. އޭނާގެ ދަރިފުޅަށް ޝިފާއެއް ހޯދާށެވެ. މަގުމައްޗަށް ނުކުތް އިރު ބައެއް ގޭގޭގެ ފުޅަށް ކައިރީގައި ޖަހާއިފައި ހުރި ކޮރު ދަންތަކުން މަގުމައްޗަށްވާ އަލި ފިޔަވައި އެހެން އަލިކަމެއް ނެތެވެ. މުދިންބޭ ގެއާއި ދިމާއަށް މޫސަ ހިނގަމުން ދިޔައީ ހަލުވި ކޮށެވެ. އޭރު މަގުގެ ދެފަރާތުގައި ހުރި ގެތަކުން މީހުންގެ ރުއިމާއި ގިސްލުމުގެ އަޑު އިވެއެވެ. ހޮޑުލާން މީހުން އޯކާ ދެމޭ އަޑު އިވެއެވެ. އެކަމަކު އެއަޑުތައް މޫސައަށް ނީވޭ ކަހަލައެވެ. މޫސައަށް މުދިންބޭ ގެއާއި ހަމައަށް ދެވުނު އިރު ފަތިސްނަމާދަށް މުދިންބެ ގޭން ނުކުންނަނީއެވެ.