Sunday, April 25, 2010

ގަހެއްގައި ޖެހި ޒުވާނަކު މަރުވެއްޖެ

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެގެން ގޮސް ގަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ. މާޅޮސްމަޑުލު އުތުރުބުރީ ކެނދިކުޅުދޫގައި އިއްޔެ ހަވީރު ފަސްގަޑި ބައި ހާއިރު ހިނގި މިހާދިސާގައި މަރުވެފައިވަނީ އެރަށު ނީލް އުމުރުން 20 އަހަރުގެ އަލީ ނަދީމެވެ. އޭނާ އެރަށުގެ ސިއްޚީ މަރުކަޒަށް ގެންދެވުނު އިރުވެސް ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރާއި ހަވާލާދީ މޯލްޑިވުސް ޕޮލިސް ސަރވިސް އިން މައުލޫމާތު ދެއްވައެވެ. ކެނދިކުޅުދޫގެ އާއްމުން މައުލޫމާތު ދީފައިވާ ގޮތުގައި އަލީ ނަދީމު ދުއްވި ޕަލްސާ ސައިކަލް ގޮސް ޖެހިފައިވަނީ އެރަށުގެ އެއްއަވަށުން އަނެއް އަވަށަށްދާން އޮންނަ ބޮޑުމަގުގެ އެއްފަރާތެއްގައި ހުރި މިދިލިގަހެއްގައެވެ. ގަހުގައި ސައިކަލާއެކު އޭނާ ޖެހުނުލެއް ބާރުކަމުން އަނގައިގެ ދެދަތެއް ގަހުގައި ހަރުލާފައި ހުރި ކަމަށާއި އޭނާގެ މޫނުމައްޗާއި ބޯ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް މަންޒަރު ދުށްމީހުން މައުލޫމާތު ދީފައިވެއެވެ. އަދި މިދިލިގަހާއި ގާތް ގަނޑަކަށް ވިއްސަކަށް ފޫޓުދުރުން ސައިކަލުގެ ބުރަކި ހިފާފައި ހުރިކަން ފާހަގަވާ ރޮނގެއް ބިންމަތީގައި ހުރިކަމަށްވެސް އެތަނުގައި ހަރަކާތްތެރިވި ކެނދިކުޅުދޫގެ ރައްޔިތުން މައުލޫމާތު ދީފައިވެއެވެ. ފަހަކަށް އައިސް އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައިވެސް ނުރައްކާތެރި އެކުސިޑެންޓްތައް ގިނަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.