

ފެންވަރައިގެން ނުކުމެ އެއްޗެހިލާން ބަލާލި އިރު އެއްވެސް
އެއްޗެއް އިސްތިރިކޮށްފައެއް ނެތެވެ. އަލަމާރި ތެރޭގައި ހުރިހާ އަންނައުމެއް ހުރީ
ގުޅައަކަށް ޖަހާފައެވެ. ދާވަށިގަނޑު ފުރިގެން ތަޅުންމައްޗަށް ހެދުންތައް އެޅިފައި
އޮތެވެ. ރޭގަނޑު ކުޑަދަރިފުޅު ބުއި، ބުއްފުޅިވެސް ނުދޮވެ އެނދު ކައިރިއަށް
ވެއްޓިފައި އޮތެވެ.
ނުރުހުމާއި ނަފުރަތާއި އެކު އާސިމް ހަފީޒާއަށް
ބަލައިލިއެވެ. ހިތްހަމަ ނުޖެހުމާއި ނުތަނަވަސް ކަމާއި އެކުގައެވެ. ނަމަވެސް
އެނުރުހުމާއި ނަފުރަތާއި ނުތަނަވަސްކަން ހަމަ ސިކުންތުކޮޅެއްގެ ތެރޭގައި ނެތި
ދިޔައީ ހަފީޒާގެ އަތްދަނޑި މަތީގައި ނިދާފައި އޮތް އެދެމީހުންގެ ތުއްތު ދަރިފުޅު
"އުފާ" ނިދީގައި އޮވެ ހިނިތުންވެލުމުންނެވެ. އާސިމް ގުދުވެލިއެވެ. އަދި
ދަރިފުޅުގެ ކޮލުގައި ދޮނެއް ދިނުމަށްފަހު އަވަސް އަވަހަށް އޮފީހަށް ދިޔުމަށް
ނުކުތެވެ.
ހިކި ހޫނު ދުވަހެއްގެ ވައިރޯޅިއެއްވެސް ނުވާ ވަގުތެކެވެ.
ތޮއްޖެހިފައިވާ މާލޭގެ މަގުމަތިން ދުއްވާ އެއްޗެހީގެ އަޑު ނޫންއަޑެއް ނުއިވެއެވެ. ހަލުވި
ހިނގުމުގައި އާސިމް ހިނގަމުންދިޔައީ އޮފީހާއި ދިމާއަށެވެ. އެހެންނަމަވެސް އޭނާގެ
ހިތާއި ސިކުނޑިވަނީ އެހެން ޚިޔާލެއްގައި މުޅިން މަޝްޣޫލު ވެފައެވެ.
އާސިމް ހަފީޒާއާއި އިނީ އޭނާގެ ރީތިކަމުން އެކަންޏެއް ނޫނެވެ.
ދެމަފިރިއެއްގެ ހުރި ހަމައެކަނި އަންހެންދަރިއަކަށް ވުމުން ރަނގަޅު އަޚުލާޤަކާއި
ގެވެހި ދިރިއުޅުން ދަސްވެފައި ހުންނާނެކަމަށް ދެކިގެންނެވެ. ރައްޓެހިވެގެން އުޅުނު
ދުވަސްވަރު އާސިމަށް އެގެއަށް ދެވޭ އިރު އަބަދުވެސް ފެންނަނީ ހަފީޒާ ކޮންމެވެސް
މަސައްކަތެއްގައި އުޅޭތީއެވެ. ކެއްކުމުގައެވެ. ނުވަތަ އެއްޗެހި ދޮވުމުގައެވެ. ނޫނީ
ގޭތެރެ ސާފުކުރުމުގައެވެ. އެގެއަށް ވަންނަ
ކޮންމެ ފަހަރަކު އާސިމަށް އަޑު އިވެނީ ހަފީޒާގެ މަންމަމެން، ހަފީޒާގެ
މުރާލިކަމާއި، ބަސްއަހާ ކަމުގެ ވާހަކަދައްކައި ތަޢުރީފް ކުރާއަޑެވެ. ނުދަންނަ
ހިލޭފިރިހެނުންނަކާއި އޭނާ ވާހަކައެއް ނުދައްކާނެއެވެ. މިޒާޖުގައިވެސް ހަފީޒާއަކީ
އާދަޔާ ޚިލާފަށް ލަދުރަކި އަންހެނެއްގެ ގޮތުގައި އާސިމަށް ފެނުނެވެ. ހަޤީޤަތުގައި
އާސިމް ލޯބިވީ ހަފީޒާ ދެކެއެއް ނޫނެވެ. ހަފީޒާގެ ކިބައިގައި ހުންނާނެކަމަށް އޭނާ
އުންމީދު ކުރި އެސިފަތައް ދެކއެވެ. އެއީ ދަލައެއް ނުވަތަ ގިރިޓީއަކަށް ވެދާނެ
ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
ރައްޓެހިވެގެން ހައަހަރު އެކުގައި އުޅުނަސް އާސިމްއަށް
އަސްލު ހަފީޒާ ފެންނަން ފެށީ ކައިވެންޏަށް ފަހުގައެވެ. ކައިވެނިކޮށްގެން އާސިމްގެ
ގެއަށް އައުމަށްފަހުވެސް އާސިމްގެ މައިންބަފައިންނާއިމެދު ހަފީޒާ ބެހެއްޓި ދުރު
ގޮތެކެވެ. ގޭތެރޭގެ ކަމެއްގައި ބައިވެރި ވުމުގެ ބަދަލުގައި އަބަދު އޮންނާނީ
ކޮޓަރީގައެވެ. ކޮންމެވެސް ފިލުމެއް ބަލާށެވެ. ނުވަތަ ވާހަކައެއް ކިޔާށެވެ.
މަސައްކަތަކު ބުނުމުގެ ކުރިން އޭނާގެ ބޮލުގައި ރިއްސާ ވާހަކަ ބުނާނެއެވެ.
އާސިމް ފުރަތަމަ ޤަބޫލުކުރީ އެއީ
ހަފީޒާގެ ލަކަމާއި ނުވިސްނޭކަން ކަމަށެވެ. ފަހުން ރަނގަޅުވާނެކަމަށް
އުންމީދުކޮށްގެން އޭނާ އެގޮތުގެ މަތީގައި ހުއްޓެވެ. ފުރަތަމަ ދަރިފުޅަށް ބަނޑު
ބޮޑުވުމާއި އެކު ދެން އާސިމަށް ތަޙައްމަލު ކުރަންޖެހުނީ އެއަށްވުރެ އުނދަގޫ
ކަންތައްތަކެކެވެ. ހަފީޒާ ބަހައްޓާފައި ބޭރަށް ފިޔަވަޅެއްވެސް އެޅޭކަށް ނޯވެއެވެ.
ރޯތީއެވެ. ޝަކުވާ ކުރާތީއެވެ. އޭނާ އެދެނީ ތާއަބަދު އޭނާގެ ގާތުގައި އާސިމް ހުރުމަށެވެ.
ނަމަވެސް އާމުދަނީ ހޯދާމީހަކީ އާސިމްކަމާއި އޮފީހަށް ނުގޮސް ނުހުރެވޭނެކަން އާސިމް
ވިސްނައިދެމުން ދިޔައެވެ. މައިންބަފައިންގެ ކުރިމަތީގައި އަނބިދަށުވެގެން
އުޅެންޖެހުމުގެ ލަދުން ސަލާމަތްވުމަށްޓަކައި އެހެންތަނެއް ކުއްޔަށް ހިފައިގެން
އެހެން ގެއަކަށް ހަފީޒާއާއި އެކު ބަދަލުވީއެވެ.
ދަރިފުޅު ވިހައިގެން ހޮސްޕިޓަލުން
ދޫކޮށްލުމަށްފަހުގައިވެސް ގޭތެރޭގެ މަސައްކަތްތަކާއި ދަރިފުޅުގެ ކަންތައްތައް ގިނަ
ފަހަރަށް ކުރަނީ އާސިމެވެ. އޭރު އާސިމް ދިޔައީ އެދިރިއުޅުމާއި މެދު
ފޫހިވަމުންނެވެ. ހިތުގައި ނަފުރަތުގެ އަލިފާން އަނދަމުންނެވެ. ނަމަވެސް އޭނާ
އެކަން ހަފީޒާއަކަށް ފާޅެއް ނުކުރެއެވެ.
ކާރެއްގެ ބަރުގޮނުގެ އަޑަށް އާސިމް ދިޔައީ
ސިއްސައިގެންނެވެ. ހުރެވުނީ މަގުމަތީގައިކަންވެސް ހަނދާންވީ ދެނެވެ. އަތުކުރީގައި
އޮތް ގަޑިއަށް އާސިމް ބަލާލިއެވެ. 8 ޖަހައިފިއެވެ. އާސިމް ހުއްޓުން އެރިއެވެ. އޮފީހަށްދާނީތޯ
ނުވަތަ އެނބުރު ގެއަށްދާނީތޯ ދެބައެޅިއެޅި ހުއްޓައި މިއަދަކީ ހޮނިހިރު
ދުވަހެއްކަން ހަނދާން ވެއްޖެއެވެ. މަސައްކަތުގެ ބުރަކަމާއި ދިރިއުޅުމުގެ
ހާސްކަމުގައި އޭނާއަށް ހުކުރު ހަފްތާވެސް އޮޅޭވަރުވީއެވެ. ތައީ ނައްޓާލައި ޖީބަށް
ލުމަށްފަހު އާސިމްވަނީ ކައިރީގައި ހުރި ހޮޓަލަށެވެ. ފައިސާގެ ދަތިކަން ކިތަންމެ ބޮޑަސް
ނުކައި ނުހުރެވޭނެތީއެވެ.
ހަފީޒާ އާސިމަށް ގުޅީ ސައިބޯން އިންދައެވެ.
އޮފީސްކަމެއްގައި ވިލިގިއްޔަށްދަނީ ކަމަށްބުނެ އާސިމް ހަފީޒާއަށް އޮޅުވާލީ އޭނާ
ހޯދަން ބޭނުންވާކަމެއް އޮތަތީއެވެ. އޮޅިގެން ގެއަށްއައި މީހެއްކަމަށް ހަފީޒާބުނާ
މީހާ މިއަދުވެސް އާދޭތޯ ބަލާށެވެ. އާސިމް އޮފީހުގައި އުޅޭ ދުވަސް ދުވަހު އެމީހަކު
އާސިމްމެން އުޅޭބަޔަށް ވަންނަތާ ހަފްތާއެއްހާ ދުވަސް ވެއްޖެކަމަށް އާސިމްއުޅޭ
ބައިގެ މަތީގައި އުޅޭ މީހަކު ބުނެފައިވާތީއެވެ.
އާސިމް އައި އިރު އެޕާރޓްމަންޓްގެ ބޭރު ދޮރު ހުރީ
ތަޅުލާފައެވެ. އާސިމް ނުކުތީ އެޕާރޓްމަންޓްގެ ބޭރު ދޮރު ތަޅުލާފައެއް ނޫނެވެ.
އެހެންކަމުން ހަފީޒާ ހޭލައި އުޅެނީކަން އާސިމަށް އެނގުނެވެ. އާސިމް ބޭރުގައި
ހުންނަތާ ބައިގަޑިއެއްހާއިރު ވީފަހުން ދޮރުފަތުގެ އެތެރެއިން ތަޅުދަނޑިޖަހައި
އަނބުރާލި އަޑު އިވުނެވެ. އާސިމް މަޑުމަޑުން ލިފްޓްގޮޅީގެ ފާރާއި ނިވާވެލިއެވެ.
އާސިމްމެން އުޅޭ އެޕާރޓްމަންޓުން ނުކުތީ ފިރިހެނެކެވެ. ފެންނަ ފެނުމަށް
ބިދޭސީއެކެވެ. އާސިމަށް އިށީނދެވުނެވެ. ބޮލުގައި ދެއަތުން ހިފެހެއްޓުނެވެ. އޭނާ
ހަފީޒާއާއިމެދު ކުރިހާ އިތުބާރެއް މިއަދު ގެއްލިގެން ހިނގައްޖެއެވެ.
މިހާދުވަހުވެސް އާސިމް ހަފީޒާއާއި އެކު ކެތްކުރީ އޭނާ ކިތަންމެ ކަންނެތަސް އަދި
ކިތަންމެ އަޅާލުން ކުޑަޔަސް ދުވަހަކުވެސް ބޭވަފާތެރި ނުވާނެކަމުގެ ޔަޤީންކަން
އޮތީމައެވެ. ނަމަވެސް މިއަދު އެއިތުބާރު ގެއްލުމުން އެދިރިއުޅުން އިތުރަށް
ދެމެހެއްޓުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ވަޢުދު ނުފުއްދި މީހކަށްޓަކައި ވަޢުދު
ފުއްދުމުގެ މާނައެއް ނެތެވެ.
އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު އާސިމް އެތެރެއަށް
ވަނެވެ. ކޮޓަރީގެ ދޮރުހުރީ ރަނގަޅަށް ނުލެއްޕިއެވެ. އާސިމް ކޮޓަރިއަށް ވަތްއިރު
ހަފީޒާ އުޅެނީ ފާޚާނައިގައެވެ. ރޫބޮނޑިބޮނޑިކައިފައިވާ ބެޑްޝީޓާއި، ތަރުތީބެއްނެތި
އުކާލެވިފައިވާ ބާލީސްތަކާއި، އެނދުގެ އެތައް މިތާނގައިހުރި ހަފީޒާގެ އަންނައުނުވީ
ހަފީޒާދޫކޮށްލުމަށް އާސިމްގެ ހަވަނަ ހިއްސު މަޖުބޫރުކުރުވި ހެކިތަކަށެވެ.
ޑްރެސިންގ ޓޭބަލްމަތީގައިވާ ރަތްލޭކުލައިގެ ލިޕްސްޓިކްނަގައި ޑްރެސިންގ ޓޭބަލްގެ
ލޯގަނޑުގައި އާސިމް ލިޔުނެވެ.
"ލޯބިވާ ހަފީއެވެ. ލޯބިވެވެނީ ސަބަބަކާއި
ލައިގެންނެވެ. އެސަބަބު ނެތި ދިޔުމުން އެލޯބި ނެތިދާނެއެވެ. ތިޔައީ ވަފާތެރިޔަކު
ނަމަ އަހަރެންގެ ފަހަތުން އަންނާށެވެ. ނޫންނަމަ ދެން ތިޔަ މޫނު މިދުނިޔެއަށް
ނުދައްކާށެވެ"
އާސިމް ދަރިފުޅުގެ އެނދާއި ކައިރިވެލިއެވެ. ފޮނި ނިދީގައި
އޮތް އެންމެ 9 މަހުގެ ދަރިފުޅު މިއަދުން ފެށިގެން މަންމަޔާއި ވަކިކޮށްލެވެނީއެވެ.
ތުރުތުރުއަޅާ އޮތް ދެއަތުން އާސިމް ދަރިފުޅު ނަގައި ކޮނޑުމަތީގައި ބާއްވައިގެން
ގެއިން ނުކުތެވެ. އާސިމް ހިތަށް އަރަމުން ދިޔައީ ދަރިފުޅު ބޮޑުވެ އޭނާގެ
މަންމަޔާއި ވަކިކޮށްލި ސަބަބާއި ބެހޭގޮތުން ސުވާލުކުރާ ދުވަހަކުން ދޭނެ ޖަވާބަކާއި
މެދުގައެވެ. އެކަމަކު ދަރިފުޅަށްޓަކައިވެސް އުޅުމެއްނެތް އަންހެނަކާއި އެކު
ދިރިއުޅުން ވޭތު ކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.
އާސިމް މަގު ހުރަސް ކުރިވަގުތު "ތިޔަހެން
ނުހަދާށޭ" ކިޔާފައި ހަފީޒާ ރޮއެގެންފައި ގޮވާލިއަޑު އާސިމަށް އިވުނެވެ. އޭރު
މަގުހުރަސްކޮށް ހަފީޒާ، އާސިމާއި ދިމާއަށް ދުވެފައި އަންނަނީ އެވެ. އެވަގުތު
ވައިރޯޅިއެއްހެން ފައިބައިގެން ދިޔަ ސައިކަލެއްގައިޖެހިފައި ވިއްސައިގެން އައިސް
ހަފީޒާވެއްޓުނީ އާސިމްގެ ދެފައިތިލަ މައްޗަށެވެ. އެއާއި އެކު ރުލެއްނެތި އެތަނަށް
ހަފީޒާ ދެމިއްޖެއެވެ. އާސިމް އިށީނދެ ހަފީޒާ އުނގަށްލިއެވެ. އާސިމް ހަފީޒާގެ
ކޮލުގައި ޖަހަމުން ގޮވަމުން ދިޔައެވެ. ނަމަވެސް އޭނާގެ އެއްވެސް ހަރަކާތެއް
ނެތެވެ. ޤުދުރަތު އޭނާގެ ބޭވަފާތެރި މޫނު އަބަދަށްޓަކައި މިދުނިޔެއަށް ފޮރުވީއެވެ.
ހަފީޒާ ވަޅުލުމުގެ ކަންތައްތަކުން ނިމިގެން އައިސް އާސިމް
މަންމަގެ ގެއަށް ވަތް އިރު "އުފާ" ރޯވަރުން ނުހުއްޓުވިގެން މަންމަހުރީ
އަދި މާކަންބޮޑުވެފައެވެ. އާސިމް އުރާލުމާއިއެކު އެތުއްތުކުއްޖާ ހުއްޓާލައިފިއެވެ.
އުފާ ތަންމަތީގައި ބޭއްވުމަށްފަހު އާސިމް ތެދުވެ ހިންދަމާލައި ފުންނޭވާއެއްލިއެވެ.
އޭނާގެ ޙަޔާތް ބަދަލުވީއެވެ. ދިރިއުޅުމަށް އާމަގެއް ކޮށަންޖެހުނީއެވެ.
ދަރިފުޅަށްޓަކައެވެ.