ފެށުން:
ދިވެހިންނަކީ އެވޭލާޒަމާނުއްސުރެ
ސުލުޙަ މަސަލަސްކަންމަތީގައި ދިރިއުޅެމުން އައި ބައެއްކަން އެކިއެކި ސައްޔާޙުންގެ
ލިޔުންތަކުން ސާބިތުވެއެވެ. އަދި އެޒަމާނުގައި އާއްމު ރައްޔިތުން އެކި
ދަރަޖަތަކަށް ގިންތިކުރެވިފައިވާ ކަމާއި އެމީހުންގެ ދިރިއުޅުން ހުރީ އެބައެއްގެ ތެރޭގައި
ޢައްޔަންކުރެވިފައިވާ ވެރީންގެ އަމުރު މައުރޫފްގެ ދަށުގައި ރުހިގެންކަންވެސް
އެވޭލާ ޒަމާނުގެ ތާރީޚުތަކުން އެނގެން އެބަހުއްޓެވެ. މީގެ އިތުރުން
އެޒަމާނުގައިވެސް ދިވެހީންގެ ތެރޭގައި އާއިލީ ގުޅުންތަކަށް ދެވެމުންއައި
އަހައްމިއްޔަތުކަމާއި ގޭތެރޭގެ ދިރިއުޅުން ހުރީ އެއްބަޔަކު އަނެއްބަޔަކާއި
ވަކިވުން ނުވާ މިންވަރަކަށެވެ.
ދިވެހިންގެ މެދުގައި އޮތް އާއިލީ
ގުޅުމާއި ލޯތްބާއި ކުލުނު ނެތިގެންދާންފެށީ، މިޒަމާނުގެ ތަރައްޤީގެ ކުލަވަރު
ފެންނަން ފެށުމުންނެވެ. މިތަރައްޤީއަށް
ދިވެހިން އެނބުރެންފެށީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުނިމި ދިވެހީން
ބޭރުދުނިޔެއާއި ގުޅިފައިވާ މިންވަރު އިތުރުވުމުންނެވެ. ދިރިއުޅުމުގެ ބޭނުންތައް
ތަފާތު ވުމުންނެވެ. އާއިލީގޮތުން ވާދަވެރި ރޫޙެއް އުފެދުމުންނެވެ. އަދި
އެއަށްވުރެވެސް ބޮޑަށް މިގުޅުންތައް ކުޑަވެގެންދިޔައީ، ދިރިއުޅުމުގެ ބޭނުންތައް
ފުއްދުމަށް ކޮންމެ މީހަކުވެސް އަވަދިނެތިވުމުގެ ސަބަބުންނެވެ.
ބާބު 1
އާއިލާއެއް އުފަންވުން
1.1 ކައިވެންޏާއި އާއިލާ
ކައިވެންޏަކީ ކޮންމެ
މުޖުތަމަޢެއްގައިވެސް ޢާއިލީ ގުޅުމުގެ ބިންގަލެވެ. ކައިވެންޏަކާއި ނުލައި
އާއިލާއެއް ނުއުފެދެއެވެ. ރަނގަޅުއާއިލާއެއް ބިނާކުރެވޭނީ ހަރުދަނާ
ކައިވެންޏަކުންނެވެ. ޢާއިލާއެއް ފެށިގެން އަންނަނީ ކައިވެނީގެ މަތިވެރި
ގުޅުމުންނެވެ. ޑޮކްޓަރ ޢަބުދުލް މުޙުސިން މުޙައްމަދު (2002) ވިދާޅުވަނީ،
މުޖުތަމަޢުގެ އަސާސާސަކީ އާއިލާކަމުގައެވެ.އަދި މުޖުތަމަޢެއް އުފެދެނީ މިފަދައާއިލާތަކަކުން
ކަމަށާއި މުޖުތަމަޢު ހަރުދަނާވާނީ އާއިލާތައް ހަރުދަނާވި މިންވަރަކަށެވެ. އެހެންކަމުން
އާއިލާއަށްކުރާ ކޮންމެ އަސަރަކުން މުޖުތަމަޢަށް އަސަރުކުރެއެވެ.
1.2 އާއިލީ ގުޅުން
އާއިލީ ގުޅުމަކީ އަނބިމިހާއާއި
ފިރިމީހާއިން ފެށިގެން މައިންބަފައިންނާއި ދަރީން ހިމެނޭގޮތުން އެބައެއްގެ މުޅި
ދަރިފަސްކޮޅު ގުޅިފައިވާ ގުޅުމެވެ. އެއީ ޠަބީޢީ ގުޅުމެކެވެ. އެހެންކަމުން
އާއިލާތައް ދިރިއުޅޭތަން ފެންނަ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ
ބައެއްގެ ގޮތުގައެވެ. ވިދާޅުވާ ގޮތުގައި އާއިލީ ގުޅުމަކީ އިޖުތިމާއި ފޭރާމެވެ. މުޖުތަމަޢުގެ
ބަދަހިކަން ބިނާވެފައިވަނީ އާއިލީގުޅުން ހަރުދަނާ ވުމުގެ މައްޗަށެވެ. ދިވެހީންގެ
މެދުގައި އޭރު އޮތް އާއިލީ ގުޅުމުގެ ބަދަހިކަން ދައްކުވައިދިނީ އެއްބަޔަކު
އަނެއްބަޔަކަށް ކުރާ ޢިހްތިރާމާއި ޤަދަރެވެ. އަނބިމީހާ ފިރިމީހާއަށް ކިޔަމަންވެ
އިހްތިރާމް އަދާކުރެއެވެ. އަނބިމީހާ އިންހިސާބަކަށް ފިރިމީހާ ހިނގައްޖެނަމަ އަދަބު
އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެއެވެ. ހަމައެގޮތަށް ދަރީންވެސް ކަންތައްް
ކުރަމުން ދެއެވެ(ޒުލްފާއިބްރާހިމް،2006). އެއާއިލާތައް ދިރިއުޅުނީ އެއްގެއެއް
ގައެވެ. ކައިބޮއެހަދަނީ އެކު އެކީގައެވެ. މިހެންވުމާއި އެކު އެވޭލާ ޒަމާނުގައި
ދިވެހީން ދިރިއުޅެމުންއައީ ވަރަށް ގުޅުންވަރުގަދަ އާއިލާތަކެއްގެ ގޮތުގައެވެ.
ބާބު 2
އާއިލީ ގުޅުން
ބަދަހިކޮށްދިން އާދަކާދަތައް
އެވޭލާޒަމާނުގައި އަންހެނަކު ބަލިވެ އިނުމާއި ވިހެއުމަކީ
އެކަމާއި ގުޅިގެން އެތައްކަމެއް އާދަކާދައިގެ ގޮތުގައި ކުރެވޭކަމެކެވެ. މިކަމުގެ
ސަބަބުން އާއިލާގެ ތެރޭގައި އޮންނަ ގުޅުން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.
ބަލިވެ އިނުމާއި ވިހެމާއި ގުޅިގެން ބޭއްވޭ އެކި އެކި ރަސްމުތަކުގެ ތެރޭގައި
އާއިލާގެ މީހުންގެ ބައިވެރިވުން އޮންނަގޮތާއި އަވަށްޓެރިންގެ ފަރާތުންދޭ
އެހީތެރިކަމަކީ މިޒަމާނަށް ނަމޫނާއެކެވެ. ގޭތެރެ ތައްޔާރުކުރުމާއި
ހޫނުފެންކެއްކުމާއި އަލަފަތްހޯދުމާއި މިހެންގޮސް ބޭނުންވާ ކަންތައްކުރާނެ މީހުން
އޮންނާނީ ގިނަވެފައެވެ. ޚިދުމަތްކުރަން އައިސްތިބޭ އާއިލާގެ މީހުންނާއި
އަވައްޓެރީން އެމީހުންނަށް ކުރަންވީ ކަންކަން ދެއްކުމުގެ ކުރީން ބުނެކިޔުމަކާއި
ނުލައި އެކަމެއްކޮށް ނިންމާލައެވެ. ޒުލްފާ އިބްރާހިމް (2006) ބަޔާންކުރައްވާ
ގޮތުގައި އެޒަމާނުގައި އަވައްޓެރިޔަކު ބަލިވެއްޖެނަމަ ދެންތިބި އެންމެން އޭނާއާއި
އެހީވެ އަޅާލައެވެ.
ޚިތާނުކުރުމަކީވެސް އާއިލީ ބޮޑު ޖަމާވުމެވެ.
އާއްމުކޮށް ކުދިން ޚިތާނުކުރަނީ އެކުދިންގެ އާއިލާތަކުގެ ތެރޭގައިތިބޭ ޚިތާނުކުރާ
އުމުރުގެ ހުރިހާ ކުދިން އެކުގައެވެ. ޚިތާނު ކުރުމުގެ އާދަކާދައާއި ބެހޭގޮތުން
އަހުމަދު ޝަފީޤު(2000) ބަޔާންކުރައްވާގޮތުގައި ކުއްޖާޚިތާނު ކުރުމަށްފަހު އެކުއްޖާ
ފަސޭހަވެ ގަދަވާންދެން އާއިލާގެ މީހުންނާއި ރައްޓެހީން ދަންބަހައިގެން
ކުއްޖާގާތުގައި ހޭލަތިބެއެވެ. މުހައްމަދު އިބްރާހިމް ލުޠުފީ(1991) ވިދާޅުވަނީ
އިބުނި ބަޠޫތާ ރާއްޖޭގައި އުޅުއްވި ދުވަސްވަރުވެސް ޚިތާނުކޮށްފިނަމަ ވަރަށް
ބޮޑުޖާފަތެއްދީ 10 ދުވަސް ވާންދެން އެގެއަށް ވަންނަ އެންމެންނަށް ކާންދީ
ހަދާކަމަށެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި އޮތް މިފަދަ އާދަކާދަތަކުގެ
ސަބަބުން އާއިލީ ގުޅުންތައް ހަރުދަނާވެގެން ދިޔައެވެ.
ބާބު 3
ދިވެހިންގެ އާއިލީ ގުޅުންތައް ކުޑަވާންމެދުވެރިވި ބައެއް ސަބަބު
3.1
އުއްސަކުރު ޒަމާނުގެ ނިމުމާއި ދެވަނަ ބޮޑުހަނގުރާމައާއި ގުޅިގެން ތަދުމަޑުކަން
އާއްމުވުން
އުއްސަކުރު ޒަމާނަކީ ދިވެހީންގެ ތެރެއަށް
އައި އާދަޔާ ޚިލާފް ތިޔާގިކަމެއްގެ ދުވަސްވަރަކަށް ކިޔުނު ނަމެކެވެ. މުހައްމަދު
އަމީން (1943) ވިދާޅުވާ ގޮތުގައި އުއްސަކުރު ޒަމާނުގައި މާލޭގެ ބާޒާރުތަކުގައި
ކާބޯތަކެއްޗާއި އަންނައުނާއި ރީތިވާ ސާމާނުތަކުންވަނީ ފުރިފައެވެ. އަދި އެތަކެތީގެ
ހުރީ ހައިރާންވާހައި ހެޔޮއަގެއްގައެވެ. ހުރިހާއެންމެނަށްވެސް ގަނެވޭނެ
އަގުތަކެއްގައެވެ. އުއްސަކުރު ޒަމާނޭކިޔުނު އާދަޔާޚިލާފް ތިޔާގިކަމުގެ ޒަމާން
އައްސުލްޠާން ހަސަންނޫރައްދީން އައްޘާނީގެ ރަސްކަމުންފެށިގެން އައްސުލްޠާން
މުޙައްމަދު ޝަމްސުއްދީންގެ ރަސްކަންމާއި ހަމައަށް ދެމިގެންއައި ކަމަށްވެއެވެ.
ދިވެހިންގެ ތެރޭގައި އޮތް މިތިޔާގި ކަމަށް ފުރަތަމަ ބޮޑުހަނގުރާމައިގެ
ސަބަބުން މާބޮޑު އަސަރެއް ނުކުރެއެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމަ ފެށުމާއި
އެކު އައިތަދުމަޑު ކަމުގެ ސަބަބުން އެއްބައިވަންތަކަން ގެއްލި ވަކިވަކިން
ދިރިއުޅުމުގެ ރޫޙެއް ފެތުރިގެން ދިޔައެވެ. ޤައުމީ މަރުކަޒު(2004)ބަޔާން ކުރައްވާގޮތުން
ރާއްޖޭގައި މިހާރު މީހުން މިއުޅޭގޮތަށް އެމީހެއްގެ ގޭގައި ވަކިންވަކިވަކިން ދިރި
އުޅުންބިނާ ކުރަންފެށީ 1939 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަފެށިގެން ދިވެހީންގެ
ތެރޭގައި ތަދުމަޑުކަން އާއްމުވާންފެށުމުންނެވެ. އަނެކުންނާއި ދޭތެރޭ ފިކުރު ކުރުން
ކުޑަވެ އަމިއްލަ ދިރިއުޅުމާއި މެދުވެސް މީހުން ވިސްނާ ޚިޔާލުކުރަންފެށި މިހިސާބުން
ފެށިގެން ކަމަށް އެފޮތުގައި ބަޔާންކުރައްވާފައިވެއެވެ. މިހެންވުމުން ބޮޑެތި
އާއިލާތައް ވަކިވަކިވެ ގުޅުންތައް ކެނޑެމުންދިޔައީއެވެ.
3.2 އާބާދީ ތޮއްޖެހުމާއި ދިރިއުޅުމުގެ އަގު މައްޗަށް ދިޔުން
މާލެއަށް ހިޖުރަކުރާމީހުންގެ
އަދަދު ދުވަހެއްދުވަހަކަށް އައީ ގިނަވަމުންނެވެ. މިކަމުގެ ސަބަބުން މާލޭގެ
ބިންދަތިވެ، މާލެވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ. ތަނުގެ ކުއްޔާއި ޚަރުދުތައް
ބޮޑުކަމުން ދެމަފިރިން ވަޒީފާއަދާކުރަން ޖެހުމާއި ފައިސާގެ ދަތިކަމުގެ ސަބަބުން
ކުދިކުދިންތަންތަންކޮޅުގައި އުޅެން ޖެހެއެވެ. މިކަންކަމުގެ ސަބަބުން
އާއިލީގުޅުންތަކަށް ހީނަރުކަން އަންނަމުން ދިޔައެވެ. ދެމަފިރީންނާއި ދަރީން
އެއްތަނެއްގައި ނިދަންޖެހުމާއި ގޭތެރެ ދަތިވެގެން ކުދިން އަބަދުހެން މަގުމަތީގައި
ވަގުތުތައް ހޭދަކުރަންޖެހުން ހިމެނެއެވެ. އަދި ދެމެފިރީންނަށް އެކުގައި ވަގުތު
ހޭދަކޮށްލާނެ ވަގުތެއް ނުލިބި، ޖެހޭމައްސަލަތައް ގިނަވަމުން ދިޔައެވެ. މިކަމުގެ
ނަތީޖާއަކަށްވީ ކައިވެނިތައްރޫޅެމުން އާއިލީ ގުޅުންތައް ކެނޑެމުން ދިޔުމެވެ.
3.3 އާއިލާ ރޫޅުމާއި އަނބި ދަރިންނަށް ޚަރަދު ނުދޭ މައްސަލަ
ވަރިއަކީ އާއިލީ ގުޅުންތައް
ކެނޑިގެން ދިޔުމުގެ އެންމެބޮޑު އަސްލެވެ. ދަރީން ބިކަވެގެންދާސަބަބެވެ. މިސަބަބަށްޓަކައި
އިސްލާމްދީނުގައި ވަރިކުރުމަކީ އެނޫން އެހެންގޮތެއް ނެތިގެން ނޫނީ ނުކުރެވޭނެ
ކަމެވެ. ދިވެހި މުޖުތަމަޢަށް ބަލާއިރު ވަރިކުރުންވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ.
މިކަމުގެ ސަބަބުން ރާއްޖޭގައި އެއްޒަމާނެއްގައި ފަނޑިޔާރުގެ މެދުވެރިވެގެން
ނޫންގޮތަކަށް ވަރިނުކުރެވޭ ގޮތަށް ހަމަޖެއްސެވިއެވެ.(މުޙައްމަދު އިބްރާހިމް
ލުޠުފީ، 1991). މިކަން އިބުނު ބަޠޫތާގެ ފަނޑިޔާރުކަމުގައި ދޫކޮށްލެވުނެވެ.
ނަމަވެސް އަނެއްކާވެސް އާއިލާއާއި ބެހޭ ޤާނޫނުގެ ދަށުން ވަރިކުރެވޭނީ ކޯޓުގައި
ކަމަށާއި ކޯޓުން ބޭރުގައި ވަރިކޮށްފިނަމަ، ފިރިމީހާ ޖޫރިމަނާކުރާގޮތަށް ޤާނޫނު
ފާސްކުރެވުނެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ވަރިކުރުން ކޮންމެވެސް ވަރަކަށް
މަދުވެގެންދިޔައެވެ.
ޚަރަދު ނުދިނުމާއި ޚަރަދުނުކުރުމުގެ
މައްސަލައަކީވެސް ދިވެހިންގެ އާއިލީ ގުޅުންތަކަށް ބުރޫއަރަމުންދިޔަ ސަބަބެކެވެ.
ރާއްޖޭގައި ވަރިކުރުމަށްފަހު ފިރިހެންމީހާގެ އަތުން ޚަރަދު އަތުލުމަކީ މިޒަމާނަށް
އައިރުވެސް ހުތުރުކަމެއްކަމުގައި އަންހެނުން ދެކެއެވެ. މުހައްމަދު އިސްމާއީލް ދީދީ
(1995) ވިދާޅުވެފައިވާ ގޮތުގައި ދިވެހިއަންހެނުން ވަރިކުރި ފިރީންގެ އަތުން ޚަރަދު
ނާތުލާކަމަށާއި، އެޚަރަދު އަތުލުމަކީ ތިމާގެ އަގުވެއްޓި މީހުން މަލާމާތްކުރާކަމެއް
ކަމުގައި ދިވެހި އަންހެނުން ޤަބޫލުކުރިކަމަށް ޕިރާޑު ޑިލަވާލް ލިޔުއްވާފައިވެއެވެ.
އަދިވެސް ދިވެހީންގެ ތެރޭގައި މިއާދަޔާއި ޤަބޫލުކުރުން އޮތްކަން އެނގޭ
އެއްސަބަބަކީ ފިރީން ވަރިކުރުމުން ޅަދަރީންކޮޅު ގޮވައިގެން އަމިއްލަ މަސައްކަތުން
ދިރިއުޅޭ އަންހެނުން ރާއްޖޭގައި އުޅޭކަމެވެ. ރާއްޖޭގެ ޝަރުޢީކޯޓުތަކުގައި
ޚަރަދުހޯދުމަށް މައްސަލަ ނުޖައްސާކަމެވެ. މިކަމުގެ ސަބަބުން އާއިލާގައި
އަންހެންމީހާ ދެދައުރެއް އަދާކުރަންޖެހި ދަރިންނާއި އަޅާނުލެވުމުން ، ދަރިންގެ
ހިތުގައި އެކުދިންގެ ބައްޕަގެ މައްޗަށް ނުރުހުމުގެ ޝުއޫރުތައް އުފަންވެގެންދެއެވެ.
ބާބު 4
އާއިލާގައި އަންހެނުންގެ ދައުރު ބަދަލުވުން
4.1 ގެވެހި ދިރިއުޅުން ދޫކޮށްލުން
ޠަބީޢީ ގޮތުންވެސް އަންހެނުންނާއި
ފިރިހެނުންނަށް ޚާއްސަ މަޤާމްތަކެއްވެއެވެ. އެއީދަރީން ބެލުމާއި ގެދޮރު
ބެލެހެއްޓުމަކީ އަންހެނުންގެ ވަޒީފާއެވެ. ފިރީންގެ މަސައްކަތަކީ އަބީންނާއި
ދަރީންނަށް ބޭނުންވާނެ ތަކެތި ހޯދައިދީ އެމީހުންރައްކާތެރި ގޮތުގައި ބެލެހެއްޓުމެވެ.
ދިވެހި އަންހެނުންގެ ގެވެހި ދިރިއުޅުމާއި މެދު ޕިރާޑް ޑިލަވާލާއި ހަވާލާ ދެއްވައި
މުޙައްމަދު އިސްމާއީލް ދީދީ (1995) ވިދާޅުވަނީ ދިވެހި އަންހެނުންނަށްވުރެ
ގެވެހިއަންހެނުންގެ ބަޔަކު ދުނިޔޭގެ ތާކުން އޭނާ ނުދެކޭކަމަށެވެ. ދިވެހި
އަންހެނަކު އޭނާގެ ފިރިމީހާއަށް ކުރަންޖެހޭ ޚިދުމަތެއް އެހެންމީހަކު ލައްވާ
ނުކުރުވާ ވާހަކައެވެ. އަދިވެސް އޭނާވިދާޅުވެފައި ވެއެވެ. ޅަކުދީންނަށް ކިރުދީ
ބެލެހެއްޓުމުގެ ކަންކަމުގައި ރީތި އާދަތައް ދިވެހި ރާއްޖެ ނޫންތަނަކުން އޭނާ ދެކި
ނުލައްވައެވެ. ނަމަވެސް މިއަދު މިގުޅުމާއި މިއާދަތައްވަނީ ދިވެހީންގެ ދިރިއުޅުމަށް
އައި ބަދަލުތަކާއި އެކު މާޒީވެގެން ގޮސްފައެވެ.
މިއަދު
ފިރިމީހާގެ ކަންތައް ކޮށްދޭނީ ގޭގައި އުޅޭ ކޮންމެވެސް އެހެންމީހެކެވެ.ގާތުން
ކިރުދިނުމުގެ ބަދަލުގައި ދެވެނީ ބުއްފުޅީގައި ދަޅުކިރެވެ. މިކަމުގެ ސަބަބުން
ފިޠުރީގޮތުން މައިމީހާއާއި ދަރިފުޅާއި ދެމެދުގައިވާ ކުލުނާއި
ގުޅުންކުޑަވެގެންދާކަމަށް ދިރާސާކުރާފަރާތްތަކުން ބުނެއެވެ. މުޙައްމަދު އިބްރާހިމް
(2007) ވިދާޅުވާގޮތުގައި މިއަދުގެ މުޖުތަމަޢުން އާއިލީ ގުޅުންތައް ކެނޑިގެން
ދިޔުމުގައި އަންހެނުން އެމީހުންގެ ފިޠުރީ މަޤާމް ދޫކޮށްލުން ހިމެނެއެވެ. އެހެނީ
ޠަބީޢީގޮތުންވެސް އަންހެނުންނާއި ފިރިހެނުންނާއި ދެމެދު ލައްވާފައިވާ ތަފާތުތަކުގެ
އިން ފަހަނަ އަޅައިދެވޭތީއެވެ.
4.2 އަންހެނުން ވަޒީފާތަކަށް ނުކުތުން
އަންހެނުންގެ ފިޠުރީ ވަޒީފާއަކީ
ގެދޮރާއި މުދަލާއި ދަރީން ބެލެހެއްޓުމެވެ. އަންހެނުން އެމީހުންގެ ފިޠުރީ މަޤާމުން
އެއްކިބާވުމަކީ، ދިވެހި އާއިލާތަކަށް ލިބެމުންދާ އެންމެ ބޮޑު ގެއްލުމެވެ. މިދެކެވެނީ
އެގެއްލުމަކީ ހަމަ ހަމަކަމުގެ ނަމުގައި އަންހެނުން ވަޒީފާތަކަށް ނުކުތުމުން
އާއިލާއަށް ލިބޭ ގެއްލުމުގެ ވާހަކައެވެ. ދަރީންގާތުގައި މަންމަނެތުމުގެ ސަބަބުންނާއި
ގޭތެރެ ބަލަހައްޓާނެ މީހަކު ނެތުމުން އާއިލާ ބޮއްސުންލައިގެން ދިއުމެވެ. މުހައްމަދު
މޫސާ (2005) ވިދާޅުވާގޮތުގައި ފިރިމީހާގެ ނުޤަބޫލުގައި ވަޒީފާ އަދާކުރާ
އަންހެނުންނަށް ފިރިމީހާ ޚަރަދުކުރަން ނުޖެހޭނެކަމަށް، ޢިލުމުވެރިން އެއްބަސް
ވެއެވެ. އަދި އެހާލަތުގައި އޭނާ ބެލެވޭނީ ނުކިޔަމަންތެރި އަނތްބެއްގެ ގޮތުގައެވެ.
އެހެނީ މާތްﷲ އޭނާއަށް ކަނޑައަޅުއްވާފައިވާ ފިޠުރީ ވަޒީފާދޫކޮށް ނުކުތުމުން
ދިރިއުޅުމުގެ އެއާއި ގުޅިފައިހުރި އެހެން ނިޒާމްތައް ފުނޑުފުނޑުވެގެން ދެއެވެ.
ޤައުމަށް ޚިދުމަތް ކޮށްދެވޭނީ
ހަމައެކަނި ގޭން ބޭރުގައި ވަޒީފާއެއް އަދާކޮށްގެނެއް ނޫނެވެ. އަދި ކުރިއެރުން
ލިބެނީވެސް އެފަދަ ވަޒީފާއަކުން އެކަންޏެއް ނޫނެވެ. އަންހެނުންދަރީން ބެލުމާއި
ގޭތެރެ ބެލެހެއްޓުމަކީ ޤައުމަށް ކޮށްދެވޭ ޚިދުމަތެކެވެ.އަދާކޮށްދެވޭ ވަޒީފާއެކެވެ.
ޢަބުދުއްﷲ ފާރޫޤު ޙަސަން (2007 ) ވިދާޅުވަނީ އަންހެނަކު އަންބަކަށްވުމަށްފަހު
މަންމަޔަކަށް ވުމާއި މާމައަށްކަށް ވުމާއި ގޭގެ އެންމެ އިއްޒަތް ލިބިގެންވާ
މަޤާމަށް އޭނާގެ ވަޒީފާގައި ވާޞިލް ވެވޭކަމަށެވެ. އަންހެނުން ވަޒީފާ ނުގޮސް ގޭގައި
އިންނަމަވެސް އޭނާ އެއަދާކުރަނީ ޤައުމީ ވަޒީފާއެކެވެ. ސަބަބަކީ މުސްތަޤުބަލުގެ
ޖީލުވަނީ އެމީހުންގެ އުނގުގައެވެ. ޤައުމުގެ މުސްތަޤުބަލް ބިނާވާނީ އަދުގެ ޅަދަރީންގެ
މައްޗަށެވެ. އެހެންކަމަށްވީއިރު މައިންބަފައިންގެ ލޯބީގެ ހިޔަލުގައި ހަރުދަނާ
ދަރިންތަކެއް މުޖުޠަމަޢަށް ނެރުނު ނަމަ އޭނާ އެއަދާކުރީ ކިހާބޮޑު ޤައުމީ
ވާޖިބެއްތޯއެވެ.
4.3 ދަރިންގެ މެދުގައި ތަފާތުކުރުން
ދަރީންގެ މެދުގައި ތަފާތު ކުރުމަކީ
އާއިލީގުޅުމުންތައް މިޒަމާނަށް އައިއިރު ކުޑަވެފައިވުމުގެ ސަބަބެކެވެ.
ގިނަފަހަރަށް މައިންބަފައިން ދަރީންގެ މެދުގައި ތަފާތުކުރަނީ އެކަމުން
މުސްތަޤުބަލުގައި ނުކުމެދާނެ ނަތީޖާއެއް ވިސްނިފައިނުވާތީއެވެ. މައިންބަފައިން
ދަރިންގެ މެދުގައި ތަފާތުކުރުންތަށް ގެންގުޅެން ފެށުމުގެ ސަބަބުން އެއްކުއްޖެއްގެ
ހިތުގައި އަނެއްކުއްޖަކާއި މެދު ރުޅިވެރިކަން އުފެދެވެއެވެ. ކުދިން ބޮޑުވި
ބޮޑުވިހެން ކުދީންގެ ހިތުގައި ބުނެފާޅު ނުކުރާ ވާދަވެރިކަމެއް އުފެދި އެކަކު މެދު ދުޝްމިނެއްގެ
ގޮތުން ދެކެންފަށައެވެ.
4.4 ކުދީންމުޖުތަމަޢުގެ ތެރެއަށް ވީއްލި ނުބައިމަގު އިޚްތިޔާރުކުރުން
ދެވަނަ ބޮޑުހަނގުރާމައިގެ ތަދު
މަޑުކަމަށްފަހު އާއިލީ ގުޅުންތައް ކުޑަވަމުން ދިޔަ ދިޔުމުގައި
ކުދިންތައްމަގުމައްޗަށް ވީއްލިގެން ދިޔައެވެ. މިކުދިންނަށް އޭރު ކިޔާއުޅުނީ
ވަކަރުގޭ ކުދިންނެވެ. ކޮންމެއަކަސް މިއަދަކު ވަކަރުގެ އެއް ނެތެވެ. ނަމަވެސް
މާލޭގެ އާބާދީ ތޮއްޖެހި ފައިސާއަށް ދަތިވުމުން ދަރިންދޫކޮށްލާފައި މައިންބަފައިން
ވަޒީފާތަކަށް ނުކުތުމުގެ ސަބަބުންނާއި އާއިލީ ގުޅުންތައް ކުޑަވެ
މައިންބަފައިންނާއި ވަކިވެފައިވާ ކުދިންތައް މަގުމަތީގައި އެބައުޅެއެވެ. މުހައްމަދު
ސައީދު މޫސާ (2008) ހާމަކުރައްވާ ގޮތުގައި މިއަދުވެސް މާލެއާއި އަތޮޅުތަކުގައި
ވަކަރުގޭކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި މައިންބަފައިންނާއި އެކު ދިރިއުޅޭ
އަދި އެމީހުންގެ އަޅާލުމެއް ނެތް ކުދިންވެސް ހިމެނެއެވެ. މިގޮތަށް އުޅޭ އެކި
އުމުރުފުރާގެ ކުދިން މަސްތުވާތަކެތި ބޭނުންކުރާ އެކުއްޖަކަށްވުރެ ބޮޑެތި
މީހުންނާއި ގުޅެއެވެ. މިކަމުގެ ސަބަބުން އެކުދިންނަކީވެސް މަސްތުވާތަކެތި
ބޭނުންކުރާ ބަޔަކަށް ވެގެންދެއެވެ. މިހެންވުމުގެ މައިގަނޑުސަބަބަކީ އާއިލާތައް
ރޫޅުމާއި ދިރިއުޅުމުގެ ބޭނުންތައް ނުފުދިގެން ފައިސާ ހޯދުމުގައި އެންމެން އަވަދި
ނެތިފައިވުމެވެ.
ނިންމުން
ދިވެހީންގެ އާދަކާދައާއި ސަޤާފަތާއި އިހު
އޮތް އާއިލީ ގުޅުމަށް ވިސްނާއިރު، އެންމެ ބޮޑަށް ހައިރާންވާންޖެހޭ ސަބަބަކީ
މިހާރިވެތި އާދަތަކެއް އޮތް، އެއްބަޔަކު އަނެއްބަޔަކާއި އަޅާލައި އުޅުނު ބައެއްގެ
ތެރޭގައި މިއަދު އެއެއްބައިވަންތަކަމާއި ގުޅުންނެތީ ކީއްވެގެންކަމާއި މެދުގައެވެ.
ތާރީޚުންފެންނަށް އޮތީ ދިވެހީންގެ ރީތި މާޒީއެކެވެ. އެވާހަކަތައް ދުނިޔޭގެ
މަޝްހޫރު ބޮޑެތި ސައްޔާޙުން އެބޭފުޅުންގެ ދަތުރު ނާމާތަކުގައި ލިޔުއްވާފައިވެއެވެ.
ދިވެހި އަންހެނުންގެ ގެވެހި ކަމުގެ ވާހަކައެވެ. އާއިލީ ބަދަހި ގުޅުމުގެ
ވާހަކައެވެ. މެހުމާނުންނަށް ކަމޭހިތާވާހަކައެވެ. ޒުލްފާ އިބްރާހިމް (2006)
ވިދާޅުވާ ގޮތުގައި ފަންފުޅަށްތައް ރޫޅި ދިވެހިން ތަރައްޤީވެގެން އައިރު
އެއެއްބައިވަންތަކަމާއި އާއިލީ ގުޅުންތައްވެސް ނެތިގެންދިޔައީއެވެ. އެހެންވީ ޒަމާނަށް
އައި އައިބަދަލާއެކު ދިރިއުޅުމުގެ ފެންވަރަށް ބަދަލު އައުމުންނެވެ.
ނަމަވެސް މިހުރިހާ މައުލޫމާތަކުންވެސް
ދޭހަވީ އެހެންވާހަކައެކެވެ. މައްސަލައަކަށްވީ ޒަމާންބަދަލުވެ މީހުން ބަދަލުވުމެއް
ނޫނެވެ. ދިރިއުޅުމުގެ ބޭނުންތައް ތަފާތުވުމެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން
ރަށްފުށުގެ މީހުންގެ ދިރިއުޅުންހުރީ އެދުވަހެއްގެ ފުރާގު އެދުވަހަކަށް
ހަމަޖެހުމުން އެނިމުނީ ކަމަށް ބަލައިގެންނެވެ. ވަށައިގެން ބޭނުން އެއްޗެއް
ބޭނުންގޮތަކަށް ލިބެންހުރީތީ ފައިސާގެ ބޭނުމެއް ނެތެވެ. މަސައްކަތްތައް ނިންމާފައި
ވަގުތު އޮންނަނީ ގިނަވެފައެވެ. އެހެންކަމުން އާއިލާގެ މީހުންނާއި ރަޙުމަތްތެރީންނާއި
އެކު ހޭދަކުރެވޭ ވަގުތު ގިނަވިއެވެ. ރައްޓެހީންގެ މުހުތާދުތައް ފިލުވައިދެވެއެވެ.
ނަމަވެސް މިހާރު މިވީ ކީއްތޯއެވެ. ހުރިހާކަމެއް އަނެއްކޮޅަށް ޖެހުނީ ދިރިއުޅުން
ދަތިކަމުންނެވެ. ބޭނުންތައް ނުފުދުމުންނެވެ. އާބާދީ ތޮއްޖެހި ކޮންމެ އެއްޗަކީވެސް
ގަނަގެން ހޯދަންޖެހޭ އެއްޗިއްސަށްވުމުން ހުރިހާ އެއްޗަކީވެސް ފައިސާކަމަށްވީއެވެ.
ހުރިހާކަމަކާއި ތަކެއްޗަށްވުރެ ފައިސާ މުހިންމުވީއެވެ. އެހެންކަމުން
ދަންނަވާލަންޖެހޭނީ ދިވެހީންގެ ޒަމާންވީ ރީތި އާދަކާދަ ތަކާއި އާއިލީގުޅުންތައް
ކެނޑުމުގެ ހުރިހާސަބަބެއް ގޮސް ނިމެނީ ފައިސާއަށް ކަމަށެވެ.
ރިފަރެންސް
- ޑޮކްޓަރ އަބުދުލް މުޙުސިން
މުޙައްމަދު. (2002، އޮކްޓޯބަރ). އާއިލީ ގުޅުން ބަދަހި ކުރަމާތޯއެވެ؟ ދަރުމަ، 20.
- ޒުލްފާ އިބްރާހިމް. (2006،
ފެބުރުއަރީ). ދިވެހިންގެ އެރީތި މާޒީ. ފަތްތޫރަ 323،17-21.
- އަހުމަދު ޝަފީޤު. (2000، އޭޕްރީލް). ޚިތާނުކުރުން. ދަންފުޅި، 79-80.
- މުޙައްމަދު އިބްރާހިމް
ލުޠުފީ. (1991 އޯގަސްޓް). އިބުނު ބަޠޫތާ ދިވެހިރާއްޖޭގައި، މަލަސް 32.
މާލެ. ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
- މުޙައްމަދު އަމީން.
(1368). ތަންޤީޙް ކުރެވުނު ދިވެހި ތާރީހުގެ ތަންތަންކޮޅު. މާލެ، ނޮވެސްލްޓީ
ޕްރިންޓަރސް އެންޑް
ޕަބްލިޝަރޒް.
- ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ވިހިވަނަ ޤަރުނުގެ ތެރޭގައި
ދިވެހިރާއްޖެ 1، މާލެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ
މަރުކަޒު.
- މުޙައްމަދު އިސްމާއިލް
ދީދީ. (1995). ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ، މަލަސް 34. މާލެ.
ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ
ޤައުމީ މަރުކަޒު