Wednesday, December 25, 2013

ދިވެހި ރެފިއުޖީންގެ ދުވަސް - 26 ޑިސެމްބަރު 2013

ސުނާމީ ކާރިސާއަށް މިއަދަށް 9 އަހަރު ފުރުނީއެވެ. އެހެން ނަމަވެސް އެހަނދާންތަކާއި އެއަސަރުތައް އަޅުގަނޑުގެހިތުގައި ބިންވަޅު ނެގިފައިވަނީ ގަލުވަޑާންކުރާ ވަޑިޔަކު ހިލައިގައި ބިންވަޅު ކެނޑި ރޮނގެއް ފަދައިންނެވެ. އެމަންޒަރުތައް މިއަދުވެސް މިލޮލުގެ ކުރިމަތީގައި ސިފަވަނީ ދެންމެ ވީކަމެއް ފަދައިންނެވެ. އެފާރުތައް މިހިރީ 9 އަހަރުވީ އިރުވެސް ނުހިކި ރޮލަށެވެ. ކުރާނެކަމެއް ނެތެވެ. ނަޞީބުގައި ހުރިގޮތެވެ. މިނަވްރުފުޅުގައި އަޒަލުގައި ލިޔުއްވާފައިވާ ގޮތެވެ.

ސުނާމީ ކާރިސާގައި ރާއްޖޭން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. 11000 ވުރެ ގިނަމީހުން ގެދޮރުނެތި ބިކަހާލުގައި ޖެހުނެވެ. އާބާދީގެ ލައްކަ އަކަށްވުރެ ގިނަ މީހުންނަށް ސީދާގޮތުން އެކާރިސާގެ އަސަރުތައް ފޯރިއެވެ. ނުސީދާ ގޮތުން އެކާރިސާގެ ގެއްލުން ހިއްސާނުކުރާ އެއްވެސް ދިވެހި ރައްޔިތަކު މިދިވެހި ބިމުގައި ނުހުންނާނެކަން ޔަޤީނެވެ.

އެހާދިސާއަށް މިއަދު 9 އަހަރު ފުރިގެން އެވާހަކަތައް މީޑިޔާތަކުގެ ފަލަސުރުހީގައި އެނބުރެމުންދާނެއެވެ. ޤައުމީ އެއްބައިވަންތަ ކަމަށް ގޮވާލެވޭ އަޑެއްގެ ގޮތުގައެވެ. އެއްބައިވަންތަކަމަށް ފަޚުރުވެރިވާ ހާލުގައެވެ. އެހެން ނަމަވެސް އެކަމާއި މެދު އަޅުގަނޑުގެ ހިތުގައި އުފެދެނީ ފާޑެއްގެ ނަފްރަތެކެވެ. ބޮޑު ބޮޑެތީން އެވާހަކަތައް މީޑިޔާތަކަށް އަރައިތިބެ ދެއްކުމުން އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އެމީހުންނަށް ރައްދު ކުރެވެނީ ލައުނަތެވެ.

ސުނާމީ ކާރިސާގައި ގެދޮރު ގެއްލި ދިޔަމީހުންނަށް ސަރުކާރުން އެހީ ނުވެއެކޭ ބުނާކަށް ނެތީމެވެ. އަދި އެމީހުންނަށް ގެދޮރު އަޅައިނުދެއެކޭވެސް ބުނާކަށް ނެތީމެވެ. އެހެނީ މުޅިން ނުނިމުނަސް އެމަސައްކަތް އޮތީ ކުރެވިފައެވެ. ފިނިހަކަ ދުވާ ބާރުމިނުގައި ކަމަށް ވިނަމަވެސް މެއެވެ.

ސުނާމީގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނީ ތ ވިލުފުއްޓާއި ތ.މަޑިފުއްޓާއި މ. މަޑިފުއްޓާއި މ ކޮޅުފުއްޓާއި ދ. ގެމެންދޫއާއި ރ ކަނދޮޅުދޫއަށެވެ. މިރަށްތަކުގެ ރައްޔިތުންގެ ތެރެއިން ދ ގެމެންދޫ ރައްޔިތުން ހިޖުރަކުރީ އެއަތޮޅު ކުޑަހުވަދޫ އަށެވެ. މ.މަޑިފުށީ މީހުން ހިޖުރަކުރީ އދ މާމިގިއްޔަށެވެ. އެމީހުން މިއަދުވަނީ އެމީހުންގެ ގެދޮރުގައި ވަޒަންވެރިވެ ދިރިއުޅުން ހަމަޖެހިފައެވެ. ތ.މަޑިފުށީގެ ރައްޔިތުންނަށްެވެސް ގެދޮރު އަޅައިދެވި ދިރިއުޅުން އާއްމު ހާލަތަކަށް ބަދަލުވި ނަމަވެސް އަދިވެސް ބައެއް ގެތައް ހުރީ މަސައްކަތް ފެށިގޮތަށް 600 ޓަނުގެ ނަގިއްޔެއް ތަނަކަށް ވައްޓާލައި ގުޑުވާނުލެވި އޮތްހެން މަސައްކަތް ހުއްޓިފައެވެ. މ. ކޮޅުފުށީގެ ރައްޔިތުންނަށް ގެދޮރު އަޅައި ދިނުމުގެ މަސައްކަތް ހިނގަމުންދާއިރު ވިލުފުއްޓާ ދުވާފަރު އެއޮތީ ލޯމައްޗަށް ނިމިފައެވެ.

ދުވާފަރާއި ވިލުފުއްޓަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ޕްލޭންކުރެވިފައިވާ މަގުތަކެއް ފެންނާނެއެވެ. ރީތި ގެތަކެއް ފެންނާނެއެވެ. އެކަމަކު އެގެތަކުގެ ތެރޭގައި ދިރިއުޅޭމީހުންގެ ހާލު ފެންނަ ވަރަށްވުރެ ދިވެހި ދައުލަތުގެ ލޯ ކަނެވެ. އެމީހުންގެ ކެކުޅުމުގެ އަޑު އިވޭ ވަރަށްވުރެ ކަންފަތް ބީރެވެ. އެމީހުންގެ ހާލަތު ވަޒަން ކުރެވޭ ވަރަށްވުރެ ދިވެހި ދައުލަތުގެ ހިއްސު ކެނޑިފައިވާ ވަރު ބޮޑެވެ. އެމީހުންގެ ފަރުދީ ހައްޤުތަކާއި އިޖުތިމާއީ ހައްގުތައް ނަގާލެވިފައިވާތާ އެތައް އަހަރެއްވާއިރު ދިވެހިދައުލަތް އޮތީ ކޯމާއެއްގައި ހެއްޔެވެ؟ ހިއުމަންރައިޓްސް ކޮމިޝަނާއި އެފަދަ މުއައްސަސާތައް އޮތީ މަރުވެ ހަރުދަނޑި އަރާފައި ހެއްޔެވެ؟

ތެދެކެވެ. ވިލުފުއްޓާއި ދުވާފަރު އެއޮތީ ރާއްޖޭގައި އެފަދަ އެހެން ރަށްތަކެއް ނެތް މިންވަރަށް ތަރައްޤީވެފައެވެ. އެކަމަކު އެއީ އަތްކަންކުރާމީހަކު ލޮއިގައި ރަނުންކޮށްފައިވާ ގިރިޓީއެއްކަމަށް ބުނެފިނަމަ ތިޔަ ބޭފުޅުން ބުނާނީ އަޅުގަނޑުމެންނަކީ މިންވަރަށް އީމާންނުވާ ބައެއް ކަމަށެވެ. އެކަމަކު މިލިޔުމާއިގެން ކުރިޔަށް ވަޑައިގަތުމަށް އަޅުގަނޑު ތިޔަބޭފުޅާއަށް ދަޢުވަތު އަރުވަމެވެ. ހަޤީޤީ މަންޒަރު ހަމަލޮލުން ދެކި ލުމަށެވެ.

ސުނާމީ ކާރިސާއަށް ފަހު ވިލުފުއްޓާއި ދުވާފަރުގައި އެޅިފައި އެވަނީ ވަގުތީ ދާއިމީ ގެތަކެކެވެ. ގެތައް ބަހާފައިވާ ދެވިފައިވާ ގޮތުން އެތައް ބައެއްގެ ހައްޤުވަނީ ގެއްލިފައެވެ. އިސްލާމްދީނާއި ދިވެހި ޘަޤާފަތާއި ހުރި ފުށުއެރުންތައް ބޮޑުކަމުން އެއޮތީ ދެން ކުރިޔަށް ފިޔަވަޅެއް ނޭޅޭވަރަށް މަގު ބަންދުވެފައެވެ. އެކަމަކު އެކަމާއި މެދު ދިވެހި ދައުލަތަށް ކަހެރު ވަކެކޭވެސް ހިތަށް އެރި ބާވައެވެ؟

ގެތައް ބަހާފައިވަނީ ސުނާމީގައި ވަގުތީ ހިޔާތަކަށް މީހުން ބެހި އުސޫލުންނެވެ. ވަގުތީ ރަޖިސްޓްރީއަކަށެވެ. އެހެން ކަމުން އެއްވެސް މީހަކަށް ގެ ރަޖިސްޓްރީ ކޮށްދެވޭނެ ގޮތެއް ނެތެވެ. އަނބިމީހާ ވަރި ކުރާ ދުވަހު އޭނާގެ ނަން ހިމަނައިގެން ލިބިފައިވާގެއިން އޭނާއަށްވީބައި ވަކިކޮށްގެން ގެންދެވެން ނެތީމައެވެ. އަދި ބައިކުރެވޭނެ ޖާގަވެސް ނެތީމައެވެ. އެއްވެސް އާއިލާއެއްގެ އެންމެ އިސްމިހާ މަންމަ ނުވަތަ ބައްޕައަށް ގެ ރަޖިސްޓްރީ ކޮށްދެވެންނެތީ، އެކަން ކުރެވިފައި އޮތީ އިސްލާމްދީނުގައި ތަރިކަމުދާ ބެހޭ އުސޫލަށް ނުބަލައިކަމަށްވާތީއެވެ.

ގެތައް ރަޖިސްޓްރީ ނުކުރެވި ދިގު 5 އަހަރު ފާއިތުވެ ދިޔަ އިރު އެކަން ސަރުކާރަކަށް ބޮޑެއް ނޫނެވެ. އެކަމާއި ހެދި ވިލުފުށީގައި ކިތަންމެ ބިން އޮތަސް ގޯއްޗެއް ދެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ ގެތައް ރަޖިސްތްރީ ނުކުރެވޭނެނަމަ ގޯތި ލިބުން ހައްޤުވާބައެއް ކައުންސިލަށް ކަނޑަނޭޅޭތީއެވެ. 337 މިލިއަން ރުފިޔާގެ އަގުހުރިބިމުން ރައްޔިތުންނަށް ހިޔާވަހިކަމެއް ނުލިބުނެވެ. ސަރުކާރުން ހީކުރީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަކީ ގަލުގެ ބުދުތަކެއް ކަމަށް ބާވައެވެ. އެމީހުން މީހުންނާއި ނުއިންނާނެކަމަށް ބާވައެވެ. އެމީހުންނަށް ދަރީން ނުލިބޭނެ ކަމަށް ބާވައެވެ. އާއިލާތައް ބޮޑެތިވެ ގެތަކުގައި މީހުން ތޮއްޖެހެމުން އަންނަ އިރު ދެންވާނެ ގޮތްތައް އަޅުގަނޑު އިތުރަށް ކިޔައިދޭކަށް ނެތީމެވެ. މިކަންކަމުގެ ތެރޭގައި އާއިލާތައް ބިކަވެ އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި އަހަރުތައް ގުނަމުންދާއިރު ދައުލަތާއި ސަރުކާރުން އެއޮތީ ކުޅިބަލާށެވެ. ރައްޔިތުންގެ ހައްގާ އެއްބައިވަންތަކަމަށް ގޮވާލާށެވެ. އެކަމުން އަޅުގަނޑުގެ ކެކެނީ ލެއެވެ. އަންނަނީ ރުޅި އެވެ. އެތިބަ މީހުންގެ ދެފުއްކެހެރި ކަމާއެވެ.

ދެން އޮތީ މާބޮޑު ކަމެކެވެ. ވިލުފުއްޓާއި ކަނދޮޅުދޫގެ ކޮންމެ ރައްޔިތަކު ރަޖިސްޓްރީ ވެފައިވަނީ ވުޖޫދުގައި ނުވެސް ނެތް ގެތަކަކަށެވެ. ސުނާމީ އައިސް އެގެތަށް ބަނޑު އަކިރިތަކެއް ފަދައިން ކަނޑަށް ދަމައިގަނެގެން ގެންދިޔަތާ 9 އަހަރު ވެއްޖެކަމެއް ދިވެހި ދައުލަތާއި ސަރުކާރަކަށް ނޭނގެއެވެ. 2004 އަހަރު ފަހުން މިދެރަށަށް އަލަށް އުފަންވި ގިނަކުދީންވެސް ރަޖިސްޓްރީ ކުރަންޖެހެނީ ވުޖޫދުގައިނެތް އެގެތަކަށެވެ. ބޭންކުން ލޯނެއް ނަގަން އެއިން ގެއެއްގެ ރަޖިސްޓްރީ ޤަބޫލެއް ނުކުރެއެވެ. ދައުލަތާއި ސަރުކާރުގެ ހުރިހާ އިދާރީ ލިޔެކިޔުންތަކުގައި އެގެތައް އެބަހުއްޓެވެ. ވީމާ ހައްޤުތަކުގެ ވާހަކަ އެމީހުން އެދައްކަނީ ކިހިނެއްތޯއެވެ.

ދެން އޮތީ އެއްބައިވަންތަ ކަމުގެ ވާހަކައެވެ. ތެދެކެވެ. 2004 ގެ ސުނާމީ އާއި ގުޅިގެން ދިވެހިންގެ ކިބައިން ފެނުނީ ލާމަސީލު އެއްބައިވަންތަ ކަމެކެވެ. އަތުގައި އެއްވެސް އެއްޗެއްނެތި ބީރައްޓެހި ރަށަކަށް އަޅުގަނޑުގެ އާއިލާ ދިޔަދުވަހު އެރަށުން ލިބުނީ އުންމީދުވެސް ނުކުރާ ހިތަށްވެސް ނުގެނެވޭފަދަ އޯގާތެރިކަމާއި އެހީތެރިކަމެވެ. ތ އަތޮޅު ގުރައިދޫއާއި ވިލުފުއްޓަކީ ޒަމާނުއްސުރެ ވާދަވެރިކަން އޮތް ދެރަށެވެ. އެކަމަކު ވިލުފުށި ފުނޑުފުނޑުވެ ދިޔުމުން ހަތަރު ފަސްމޭލު ދުރުގައި ތިބި ގުރައިދޫމީހުން އައިސް ވިލުފުށީ މީހުން އެރަށަށް ގެންދިޔައެވެ. އެމީހުން ހޭލާތިބެފައި އަޅުގަނޑުމެން ނިދަން އެމީހުންގެ ކޮޓަރިތަކާއި އެނދުތައް ދިނެވެ. އަންނައުނާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ މަގުތައް ފަހިކޮށްދިނީ އިންސާނިއްޔަތު އެކަމަށްޓަކައި ހެކިވެ ޝުކުރުވެރިވާނެ މިންވަރަށެވެ. އެކަމަކު މިއަދު އެހެންތޯއެވެ. މިއަދު މިތިބީ މިތުރުން ހަތުރުންނަށް ވެފައެވެ. އެއްދިމާއަށް މޫނު އަނބުރާ ނުލެވޭ ވަރުވެފައެވެ. ޑިމޮކްރަސީ އާއި ޕާޓީ ސިސްޓަމުގައި ޖެހި އަވަދިވެގެންނެވެ.

އެއީ ޑިމޮކްރަސީގެ ސަބަބުން ވީކަމެއް ނޫނެވެ. ޑިމޮކްރަސީ ނުދަންނަ އަދި ސިޔާސަތު ނޭނގޭ ސިޔާސަ މީހުންގެ ސަބަބުން ވީކަމެކެވެ. އެމީހުން ބެލީ އަނެކާ އަށް ކުނި ހުތުރު ގޮވައި އާޑަފުރައްސާރަކޮށް އަނެކާގެ ނެތިމޮށެގެން ތިމާ މޮޅު މީހަކަށްވުމަށެވެ. ދޮގާއި ހަސަދައިގެ ތެރެއަށް ރައްޔިތުން ގަންބައިގެން ވެރިކަމުގެ ޖާހާއި ލައްޒަތު ހޯދުމަށެވެ. ޑިމޮކްރަސީ އަކީ ކެމްޕޭން ކުރުން ކަމުގައި ވީނަމަވެސް އެމީހުން ދަންނަނީ އަދި ދަސްކޮށްދިނީވެސް އެންޓިކެމްޕޭން ކުރާށެވެ. ހަޤީޤަތުގައި ދިވެހި ޤައުމުގެ އިޖުތިމާއީ ފޭރާން ވީދި ސުނާމީ ކާރިސާއިން އަރައި ނުގަނެވިފައި ޤައުމު މިއޮތީ އެހެން ވެއެވެ.  ވީއިރު މިއަދު ގައުމުގެ ބޮޑު ބޮޑެތީގެ ތެރޭގައި ތިބި މިދެންނެވި މީހުން މީޑިޔާތަކުގައި ޤައުމީ އެއްބައިވަންތަކަމޭ ކިޔައިގެން "ނުވީދޭ"ށެވެ. އެކަމަށް އަޅުގަނޑާއި ދިވެހި ރެފިއުޖީން ލަޢުނަތްދޭ ހުށީމެވެ.

މިއަދު އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވުރެ ދިވެހި ރެފިއުޖީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުން މާއައުލާވެގެންވެއެވެ. އެހެނީ އަދިވެސް މިތިބީ އަމިއްލަ ޤައުމުގައި އުފަންވަތަނުގައި ރެފިއުޖީންގެ ގޮތުގައި ކަމަށްވާތީއެވެ. އަދި ޤައުމީ ދުވަހާއި މިނިވަންދުވަހާއި ހުރަވީ ދުވަހުގައިވެސް މީޑިއާގައި ފަށަފަށައިގެން ދެކެވެނީ ޤައުމީ އެއްބައިވަންތަކަމުގެ ވާހަކަ ކަމުގައިވާތީއެވެ.

ހަޤީޤަތުގައި ސުނާމީ ކާރިސާއަށްވުރެ އޭގެ ފަހުން އެރި ސުނާމީ މާބާރުގަދައެވެ. ވިދިވިދިގެން ދެއަހަރުގައި އެރި ދެސުނާމީ އަކީ ތަފާތު ދެސުނާމީ އެކެވެ. ހަޤިޤަތުގައި ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ބަދު ނަސީބަކީ 2005 ވަނަ އަހަރު އެރި ސިޔާސީ ސުނާމީ އެވެ. ހަމަ ހަޤީޤަތުގައިވެސް 2004 ވަނަ އަހަރުގެ ސުނާމީން ލިބުނު މާއްދީ ގެއްލުންތަކުން އަރައިނުގަނެވުނީ 2005 ވަނަ އަހަރު އެއައި ދިމާއަކުން އައި ޕާޓީ ސުނާމީގައި މުޅިޤައުމު އަވަދިވެ އެނޫންކަމަކަށް ވަގުތު ނެތި ހުރިހާކަމެއް ސިޔާސީ ވުމުންނެވެ.

2004 ވަނައަހަރު ސުނާމީ އާއި ގުޅިގެން ރާއްޖެއށް ތަކެއްޗާއި ފައިސާގެ ގޮތުގައި ލިބުނު އެހީގެ އަދަދު މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ. ހަމަ ޔަޤީނުންވެސް އެއަދަދު ހަތަރު ފަސްބިލިއަނަށްވުރެ ކުޑައެއް ނުވާނެއެވެ. އެކަމަކު އެއޮތްހާ ފައިސާ ވަތްތަނަކަށް ވަދެ ހުސްވިއިރު އަދިވެސް ހާލުގައި ޖެހުނު މީހުން އެތިބީއެވެ. ދިރިއުޅުން ގެއްލި ބިކަވެފައެވެ. ހަދާނެ ގޮތެއް ހެދޭނެ ގޮތެއްވެސް ނެތިފައެވެ.