Thursday, September 8, 2016

VAAHAKA: MUBAARAIY




އެއްވަނަ އިއުލާނުކޮށްލުމާއި އެކު ހޯލުތެރެ ދިޔައީ ގުގުމައިގެންނެވެ. އުފާވެރިހަޅޭކާއި ތަހުނިޔާއާއި މުބާރަކްބާދީގެ އަތްތިލަ ބަޑީގެ އަޑުންނެވެ. ބޭއިހްތިޔާރުގައި އަހަރެންނަށް ބަލާލެވުނީ ނާޒްނީނަށެވެ. އޭނާ މޫނުމަތީގައި އަތްއެޅިއެވެ. ގިސްލަންފެށިއެވެ. އެއްވަނަ ނުލިބުނީމާ އޭނާއަށް ރޮވުނީއެވެ. ދެރަވީއެވެ. އަހަރެންގާތަށް ހިނިއައެވެ. އޭނާ އެހާ ފިނޑިވީމައެވެ. އެއްވަނަ ލިބުނު ރޯޒީ ސްޓޭޖާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ހުރީ އުފަލުން ފޮޅިފައެވެ. ހިނިތުންވުމާއި އުފާވެރިކަން އޭނާގެ މޫނުމަތިން ފެނެއެވެ. ފަރި ހިނގުމުގައި އޭނާ ގޮސް ސްޓޭޖަށް އަރައިފިއެވެ. މާބޮނޑިތަކާއި ހަދިޔާތަކާއި ޓްރޮފީއޭނާއާއި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ޝަރަފްވެރި މެހްމާންގެ އަތުން އޭނާ އާއި ހަވާލުކޮށްފިއެވެ. އޭރުވެސް އަތްޖަހާމީހުން އަތް ޖަހައެވެ.

އެމަންޒަރު ނުދެކޭންވެގެން ކަންނޭނގެއެވެ. ނާޒްނީން ތެދުވެގެން ގޮސް ހޯލުގެ ދޮރުން ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން އެހެން ކުއްޖަކުވެސް ނުކުތެވެ. ހީވަނީ ނާޒްނީންގެ ކޮއްކޮއެއް ހެންނެވެ. އަހަރެންގާތަށް އައީ ލާނެތް ހިންޏެކެވެ.ހިތަށް އެރިއެވެ. މުބާރާތެއްގައި ބައިވެރިވާންވާނީ މޮޅާއި ދެރަވެސް އޮންނާނެކަން އެނގިގެން ނޫންހެއްޔެވެ؟ އެއްވަނަ ނުލިބުނީމާ ނުވަތަ އެއްވެސް ވަނައެއް ނުލިބުނީމާ ރޯންޖެހޭ ހެއްޔެވެ؟ އެއީ އަންހެނުންގެ ވައްތަރޭ ހިތާ އަހަރެން ހިތްހަމަ ޖައްސާލެވޭތޯ ބެލީމެވެ. އެކަމަކު ކަން ހިނގިގޮތް އިނގޭތީ އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހިތް ހަމަނުޖެހިފައެވެ. އުނދަގޫވެފައެވެ.

ހަފްލާ ނިމިއްޖެއެވެ. އެންމެ ރީތި ވެޑިންގ ޑްރެސްއެއް ފަރުމާކޮށް ދައްކާލައިގެން އެއްވަނަ ހޯދި ރޯޒީއަށް އަހަރެންވެސް މަރުހަބާކީމެވެ. އެކަމަކު އެވަނަ އަކީ އަހަރެމެން މުބާރާތަށް އިންސާފުކުރި ފަނޑިޔާރުން ހަމަގަސްތުގައި ރޯޒީއަށް ދިން ވަނައެއް ކަމެއް އޭނާއަކަށް ނޭނގޭނެއެވެ. އެވެސް ކޮރަޕްޝަނެވެ. އެކަން އަހަރެންނަށް އެނގެއެވެ. އެކަމަކުވެސް އެވަނަ ރޯޒީއަށް ދޭންޖެހުނީ އޭގައި ސަބަބުތަކެއް އޮވެގެންނެވެ. އެއްސަބަބަކީ އޭނާއަކީ ޑިޒައިން ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހަކަށް ވާކަމެވެ. "ސްލޭމް ޑިޒައިން"އަށް އެފަދަ ޑިޒައިނަރެއް ބޭނުންވާ ކަމެވެ. އިނާމެއްގެ ގޮތުގައި އެއްލަކަ ރުފިޔާ ދިނުމުގެ އިތުރުން ފަސް އަހަރު ދުވަހަށް އެފިހާރައަށް ޑިޒައިންކޮށްދިނުމުގެ ކޮންޓްރެކްޓެއްވެސް އޭގައި ހިމެނޭތީއެވެ. ހަމައެންމެ ހެދުމެއް ޑިޒައިންކޮށްލައިގެން އެއްވަނައަށް ހޮވޭ މީހަކަށް އެކޮންޓްރެކްޓްގައި މަސައްކަތް ނުކުރެވޭނެކަމަށާއި ވަނަ އެފަދަމީހަކަށް ދެވޭތޯ ބެލުމަށް މުބާރާތް އިންތިޒާމްކުރި ފަރާތުންވެސް ފަނޑިޔާރުން ގާތުގައި ބުނެފައިވާތީއެވެ.

ރިފްރެޝްމެންޓްގައި މާ ކާހިތްވާ އެއްޗެއް ނެތުމުން ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުން އަހަރެން ބޭރަށް ނުކުމެއްޖައީމެވެ. ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ޕާކު ފާރުބުރިމަތީ ރޯން އިން ނާޒްނީނެވެ. އޭނާގެ ގާތުގައި ހުރި އަންހެންކުއްޖާ އޭނާ ހުއްޓުވޭތޯ މަސައްކަތް ކުރެއެވެ.

"ދައްތާ! ހުއްޓާލަބަލަ! މިފަހަރު ދެންވީގޮތް. އެހެން ގޮތެއް ފެނޭތޯ ބަލާނީ ލާރި ލިބޭނެ އެހެން މަގުމަގުވެސް ހުންނާނެ!" އެކުއްޖާ ނާޒްނީނު ގާތުގައި ބުނި ވާހަކަ އަޑު އިވިފައި އަހަރެންގެ ކަންފަތްކޮޅަށް ޖެހުނެވެ. ވީގޮތެއް އޮޅުން ފިލުވާލަން ބޭނުންވެގެން ކައިރިއަށް ޖެހިލީމެވެ. ނާޒްނީނު އެވަރަށް އެރޮނީ ހަމަ އެއްވަނަ ނުލިބިގެން ހެއްޔެވެ؟ އެކަމަކު އޭގައި އެހެން ސަބަބެއް އެބައޮތްކަމުގައި އަހަރެންގެ ހިތް ބުންޏެވެ.

"ކިހިނެއްވީ! ނާޒްނީން ހާދަ ވަރަކަށް ތިރޮނީ؟" އަހަރެން އަހާލީމެވެ.
ނާޒްނީން ޖަވާބެއް ނުދީ ތެދުވެގެން ހިނގައިގަތެވެ. ދަރުބާރުގޭން މަގުމައްޗަށް ނުކުންނަ ދޮރާއި ދިމާއަށެވެ. އަހަރެންނަކީ މުބާރާތުގެ ފަނޑިޔާރެއްކަމުން އޭނާ އަހަރެންނާއި މެދު ހިތްހަމަ ނުޖެހުނީ ކަންނޭނގެއެވެ. އަހަރެންނަށް ޖަވާބުދިނީ ނާޒްނީންގާތުގައި ހުރި އޭނާގެ ކޮއްކޮއެވެ.

"ދައްތަގެ ހުންނާނެ ލޭއަޅާކުއްޖެއް. އެކުއްޖާގެ ބޯން މެރޯ ޓްރާންސް ޕްލާންޓް ހަދަން އެއްލައްކަ ރުފިޔާ ބޭނުންވާތީ އަސްލު ދައްތަ މިމުބާރާތުގައި ބައިވެރިވީވެސް. އެއްވަނަ ހޯދަން ދައްތަ ވަރަށް މަސައްކަތްކުރި ކޮންމެ ބުރެއްގެ ޑްރެސްވެސް އެތައްރެއެއްގެ ނިދި ގުރުބާންކޮށްގެން ފެހީވެސް. ހެދުން ދައްކާލާ ޝޯވ އަށްވެސް މޮޑެލެއްގެ ގޮތުގައި ދައްތަ އެރީ އެހެންމީހަކަށް އަގުދީފައި އެރުވުމަކީ އިތުރު ޚަރަދަކަށްވާތީ"

އަހަރެންނަށް އެއްޗެއް ނުބުނެވުނެވެ. ވީދެރައިންނެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. ދަރިއަކަށްޓަކައި މަޔަކު އެކުރިފޮނި އުންމީދާއި ވީޤުރުބާނީގައި ކޮޅުފައިންޖެހީ އަހަރެމެންނަށް ކަމުގައިވާތީއެވެ. ނާޒްނީންގެ އެމަސައްކަތުގެ ބޭނުމަކީ އެއީކަން އެނގުނުނަމަ ކަން ކޮންމެ ގޮތަކަށް ވިޔަސް އަހަރެން ނަތީޖާ ބަދަލުކުރާކަށް އެއްބަހެއް ނުވީމުހެވެ. އަހަރެންގެ ބާރުގައި ނަމަވެސް ނާޒްނީންއަށް އެވަނަ ދިނީމުހެވެ. އެކަމަކު ކުރާނެ ކަމެއް ނެތެވެ. ނާޒްނީންއަށް ލިބުނު ވަނަ ބަދަލުކޮށްލީ އަހަރެމެންނެވެ.

މުބާރާތުގައި ވަކިވަކި ފަނޑިޔާރުންގެ އެންމެ މަތީމާކްސް ލިބުނީވެސް ނާޒްނީނަށެވެ. އާއްމުންގެ އެންމެ ގިނަ އެސްއެމްއެސް ލިބުނީވެސް ތިންބުރުގައިވެސް ނާޒްހުށައެޅި ތިން ހެދުމަށެވެ. މުބާރާތުން އެއްވަނަ ލިބުނީ އޭނާއަށެވެ. އެކަމަކު އޭނާއަކީ މަޝްހޫރު ޑިޒައިނަރަކަށް ނުވާތީ އަހަރެމެން އޭނާ ފެއިލްކޮށްލީއެވެ. މާރކްސްތައް އެގޮތް މިގޮތް ހަދައި އަހަރެމެން ބޭނުން ނަތީޖާ ނެރުނީއެވެ. އެއްވަނަ ލިބުނީ ނާޒްއަށް ނަމަވެސް އަހަރެމެން އޭނާއަށް އެއްވަނަ ކީއްކުރަންހެއްޔެވެ؟ ތިންވަނަވެސް ނުދެމެވެ.

ނާޒްއަށް ވަނައެއް ނުލިބުމުން ބައެއް މީހުން ކުދިކީ އަޑުވެސް އަހަރެން އެހީމެވެ. ރޯޒީގެ ހެދުންތަކަށްވުރެ ނާޒްނީންގެ ހެދުންތައް މާރީތިކަމުގައި މުބާރާތްބެލި މީހުންވެސް އެއްބަސްވެއެވެ. އެކަމާއި އަހަރެންވެސް އެއްބަހެވެ. އެކަމަކު އަހަރެމެން ބެލީ ވިޔަފާރީގެ މަސްލަހަތަށެވެ. ހައްޤުމީހާއަށް ވަނަ ދޭކަށް ނޫނެވެ.

"ފަޒީލް. ކަލޭމެން ޑިޒައިންކޮށްކޮށް މުސްކުޅި ވެފައި ތިބި މީހުންނަށްވެސް ރީތި ހެދުމެއް ނޭނގޭދޯ! ތިޔަ ވަނަތައް ދިން ހެދުންތަކަށްވުރެ މާރީތި ނާޒްގެ ހުރިހާ ހެދުންވެސް" ހޯލުން ނުކުމެގެން އައި ޑިޒައިނަރު ޝާފީ އަހަރެންނާއި ދިމާއަށް ބުންޏެވެ.

ޝާފީގެ އެބަސްތަކުން އަހަރެން އިތުރަށް ދެރަވިއެވެ. ފުރަތަމަ ފަހަރަށް ގޯހެއް ހެދިއްޖެ ކަމުގައި އިހްސާސްވެއްޖެއެވެ.
މުބާރާތެއްގައި ބައިވެރިވާ ކޮންމެ މީހަކު ބައިވެރިވާނީ ހޮބީއަކަށް ނޫނެވެ. އޭގައި މަޖުބޫރެއްވެސް އޮވެދާނެއެވެ. ބޮޑު މުސީބާތަކުން  ސަލާމަތްވާ ކޮށާ މަގަކަށް ވެދާނެއެވެ. ތެދެކެވެ. އަހަރެމެން މިއަދު އެވަނަ ހައްޤުމީހާއަށް، ވަނަ ދިން ނަމަ އޭނާއަށް އެތައް އުފަލެއް ލިބުނީހެވެ. އޭނާގެ ދަރިފުޅު އެވޭންދެނިވި ދިރިއުޅުމުން ސަލާމަތްވާނޭ މަގެއް ފެނުނީހެވެ.

ޔަޤީނެވެ. އޭނާގެ މަސައްކަތުގައި ބަރަކާތް ލެއްވުނެވެ. އޭނާއަށް ތަޤުދީރު އެހީވެސްވިއެވެ. އެކަމަކު އޭނާއަށް އޭނާގެ އުންމީދުތައް ހާސިލްނުވީ އަހަރެމެންގެ ސަބަބުންނެވެ. ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުންނެވެ. އަހަރެން ކުރިން އަޑުއަހަނީ ކޮރަޕްޝަނަކީ އެތައް ބައެއްގެ ހައްޤު ގެއްލިގެންދާ އަމަލެއްކަމެވެ. އެކަމަކު އެއީ ކިހާވަރެއްގެ ތެދެއްކަން މިރޭ ވިސްނިއްޖެއެވެ.

އަހަރެމެންނަށް ނާޒްނީންއަށް އެހެން ނުހެދުނުނަމަ އޭނާގެ ދަރިފުޅުގެ ބޯންމެރޯ ޓްރާސްޕްލާންޓް ހަދާނެ ފައިސާގެ ލިބުމުގެ އިތުރުން ނާޒްނީންއަށް އާމްދަނީ ލިބޭނެ ރަނގަޅު މަސައްކަތެއްވެސް ލިބުނީހެވެ. އޭނާގެ ދަތި ދިރިއުޅުމަށް އަލިމަގެއް ވެސް ފެނުނީހެވެ. އެތައް ހަޔާތަކަށް އުފާވެރިކަމާއި ފާގަތިކަން ލިބުނީހެވެ. އޭގެ އިތުރަށް ހުނަރުވެރި މޮޅު ޑިޒައިނަރެއް ސްލޭމް ޑިޒައިނަށްވެސް ލިބުނީހެވެ. ރޯޒީއަށްވުރެ ނާޒްގެ ފަރުމާކުރުމުގެ ހުނަރު މާބޮޑަށްވެސް އެބަހުއްޓެވެ. އެކަން އަހަރެންނަށް ޔަޤީނެވެ.

ރޯޒީއަކީ މުއްސަންޖެއްގެ ދަރިއެކެވެ. ފޯރާމީހެއްގެ ދަރިއެކެވެ. އޭނާ އިނާމަށް ލިބުނު އެ އެއްލައްކަ ރުފިޔާއިން ކުރާނެ މާމުހިއްމުކަމެއް ނޯންނާނެއެވެ. ރައްޓެހިންނާއި އެކު ކޮފީޔަށް ސަޔަށް ރެސްޓޯރެންޓްތަކަށް ނުވަތަ ލަންކާ ދަތުރުތަކަށް ޚަރަދު ކުރުން ފިޔަވައެވެ. ރޯޒީ އަކީ އަހަރެން ކުރިންވެސް ދަންނަ މީހަކަށް ވާތީ، އޭނާ އެފައިސާ ދުއްވާލާނީ ކުޅިވަރަށްކަން އަހަރެންނަށް ހަމަ ރަނގަޅަށް އެނގެއެވެ. އޭނާ އަކީ ހިތަށް އެރީމާ ހިތަށް އެރިވަރަކަށް ފައިސާ ލިބޭ މީހެކެވެ. އެހެންވީއިރު ލައްކައެއްހާ ރުފިޔާ ވަޔަށް ތަޅާ ބުރުވާލުމަކީ އޭނާއަކަށް މާބޮޑު ކަމަކަށް ނުވާނެއެވެ.

މިރޭ ވީހައި ދެރަ އަހަރެން ދުވަހަކުވެސް ނުވެއެވެ. އެއީ ހަޤީޤަތް އެނގުނު  އަދި ހިތެއް އޮތް މީހަކު ދެރަނުވާނެ ވަރުގެ ކަމެއް ނޫނެވެ. އެހެނީ މަޔަކު އޭނާގެ ދަރިފުޅަށްޓަކައި އެކުރީ ބުރަ މަސައްކަތެކެވެ. ދުވަހަކު ސްޓޭޖަކަށް މޮޑެލް ކުރަން ނާރާ ނާޒްނީން އޭނާގެ ހެދުންތައް ދައްކާލުމަށް މޮޑެލް އެއްގެ ގޮތުގައި ސްޓޭޖަށް އަރާނީވެސް ހާދަ ހިއްވަރުކޮށްގެންނޭ އަހަރެންގެ ހިތަށް އެރިއެވެ. ޔަޤީނެވެ. އޭނާގެ ލަދާއި ބިރު ކަނޑާލާފައި އަދި މީހުން ކިޔާފާނެ އެއްޗަކަށް ނުބަލައި އޭނާ ސްޓޭޖަށް އެއެރީ އޭނާގެ ދަރިފުޅުދެކެ ވާލޯބީގެ ހައްގުގައެވެ. މައިލަގޮނޑިއަށް ކެތް ނުވެގެންނެވެ. އެހެން އަންހެންކުދިންހެން ތުއި ދައްކާކަށް، ތިއްތި ދައްކާކަށް ނޫނެވެ. އަހަރެންނަށް އެކަން ޔަޤީންވެއްޖެއެވެ.

ނާޒްނީންއަށް އަންނަ އަހަރު މިމުބާރާތުގައި ފުރުސަތު ހޯދައިދޭން އަހަރެން އަޒުމު ކަނޑައެޅީމެވެ. އަހަރެންނަށްވެސް ބައިވެރިވެވުނު އެކުށުގެ ކައްފާރާއަކަށް އެމިންވަރު ފުދޭނެ ކަމުގައި އެދިގެންނެވެ. އަދި ނާޒްނީންގެ ދަރިފުޅަށް އެހީއެއް ވެދެވޭނެ ގޮތަކާއި މެދު ވިސްނަމުންނެވެ. އެކަމަކު އެވަރުގެ އެހީއެއްދޭނީ ކާކުހެއްޔެވެ؟ ފުދި އިތުރުވެގެން އުޅޭ މީހަކު ނޫޅެއެވެ. ކޮންމެ މީހަކުވެސް އުޅެނީ ލިބޭވަރު މަދުވެގެންނެވެ.

ނާޒްނީންއާއި މެދު ކަންތައް ކުރެވުނުގޮތުން ހިތުގައި އެލައް ޖެހިފައި ހުރީ ހަފްތާއެއްހާ ދުވަހުއެވެ. މަޑުމަޑުން މަޑުމަޑުން އަހަރެންވެސް އެހަނދާން ނެތިއްޖެއެވެ. ވާނީވެސް އެހެންނެވެ. މިއީ ލޯމަތިން ގެއްލުމުން ދެން އެމީހެއްގެ މަތިން ހަނދާންވެސް ނުވާހައި ބިޒީ ޒަމާނެކެވެ.

އޭގެ މަހެއްހާ ދުވަސް ފަހެވެ. މީރާއަށް ކުންފުނިން ދައްކަންޖެހޭ ޖީއެސްޓީ ޓެކްސްދައްކަން ގޮސްހުއްޓައި އަސުރު ނަމާދަށް ގޮވުމުން އަހަރެން ދިޔައީ އާސަހަރާ މިސްކިތަށެވެ. ސަހަރާ ގޯޅިއަށް އެޅި އިރުވެސް މަގުމަތީގައި ވަރަށް މީހުން މަދެވެ. މީހަކު މަރުވެގެން ސަހަރާ ތެރޭގައި ބަޔަކު އުޅޭ ހެނެއް ހިއެއް ނުވެއެވެ. މިސްކިތަށްވެސް ވަދެވެން ހުންނަ ސަހަރާގެ ބޭރު ދޮރުން ވަދެފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަށް ފެނުނީ ދެއަންހެނަކު ނާޒް އަތުލަފިކޮށްގެން ނެރޭތީއެވެ. އޭނާ ވެއްޓިވެއްޓިފައި ރޮނީއެވެ. ހީވަނީ އޭނާގެ ހަށިގަނޑުން ފުރާނަ ދަނީހެންނެވެ. އެއީ ވޭނީ ރުއިމެކެވެ. އެތައްހިތާމައަކުން އެކުވެ އޮހެމުން ދިޔަ ކަރުނައެކެވެ.

ސަހަރާތެރޭގައި މާގިނަ ބަޔަކު ނެތެވެ. މީހަކު ކައިރީ އަހައި އޮޅުން ފިލުވައިލީމެވެ. މަރުވީ ނާޒްނީންގެ ލޭއަޅާ ދަރިފުޅެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ހިނަވާގޭ ތެރެއަށް ވަދެ އެކުޑަކުޑަ މައުސޫމް ކުއްޖާގެ މޫނު ފެނުނުވަގުތު އަހަރެންގެ ހިތްއައީ ފުންމައިގެންނެވެ. ވީދެރައިންނެވެ.

އެކުއްޖާގެ ބޯންމެރޯ ޓްރާންސް ޕްލާންޓް ހެދުމަށް އަމިއްލަ ޖަމިއްޔާއަކުން ވަނީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑުބައި ދީފައެވެ. މުޅި ޚަރަދު ހަމަޖެއްސުމަށް ނާޒްނީން ހޯދަންޖެހުނީ ލައްކައެއްހާ ރުފިޔާއެވެ. އެކަމަކު އެކަން އޭނާއަށް ނުވީއެވެ. ދަރިފުޅު ދުނިޔެއާއި ވަކިވެ ދިޔައީއެވެ. އެތައް ބުރައަކާއި ވޭނެއް އުފުލައި އެންމެ އުންމީދުގެ ހުޅުކޮޅު ދިއްލެމުންދަނިކޮށް އެހުޅުކޮޅު ނިވުނީއެވެ.

އެމަންޒަރުދެކޭކަށް އެތާކު އަހަރެންނަކަށް ކެތެއް ނުވިއެވެ. އަމިއްލަ ކުށް އިހްސާސްވާލެއް ބޮޑުކަމުންނެވެ. މައެއްގެ އުންމީދުތަކާއި ބުރަ މަސައްކަތުގައި ކޮޅުފައިންޖެހި މީހަކަށް އަހަރެންވެސް ވާތީއެވެ. އެކަމަކު އަހަރެންނަށް ޔަޤީނެވެ. ދެން ދުވަހަކުވެސް އަހަރެންނަކަށް ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ. މިކުށުގެ ކައްފާރާ އަދައެއް ނުކުރެވޭނެއެވެ. އާއެނކެވެ. މުބާރާތްކާމިޔާބުކުރީ ނާޒްނީނެވެ. އެކަމަށް ކައުނުގެ ވެރިރައްބު ހެކިވެ ވޮޑިގެންވާނެއެވެ. ނާޒްނީންގެ ޤުރުބާނީ ދެކެދެނެވޮޑިގެންވާނެއެވެ. މުބާރާތުން ފެއިލްވީ އަހަރެމެންނެވެ. މުބާރާތް އިންސާފުކުރި ފަނޑިޔާރުންނެވެ. އެހެނީ އަހަރެމެން ފެއިލްވީ ދުނިޔަވީ މުބާރާތުންނެވެ. އެއީ ދެން ބަދަލުކުރެވެން ނެތް ކަމެކެވެ.
(ނިމުނީ)

Monday, August 29, 2016

VAAHAKA: KARUNA

 

މާބައިދޫގެ ގޮނޑު ދޮށުގައި  ނަސީރު ހިނގަމުން ދިޔައެވެ. އޭނާ ބަލަމުން ދިޔައީ ފުއްޓަރަށް މުގުރަމުން ދިޔަ ރާޅުތަކަށެވެ. ކަޅި ޖަހާ ނުލައި އޭނާ މާސިންގާ ކަނޑުން އުދަވެގެން އައިސް ފަރުމައްޗަށް މުގުރަމުން ދިޔަ ރާޅުތަކަށް ބަލަމުން ދިޔައެވެ. ހީވަނީ އެރާޅުތަކުގެ ތެރެއިން އޭނާ ކޮންމެވެސް އެއްޗެއް ހޯދަނީ ހެންނެވެ. ދިޔަވަރު ހިކި މޫދު ވިނަތަކާއި ގާތަށް ވަނީ ހިކިފައެވެ. ފަރުވަސް މުޅި ހިސާބަށް ވަނީ ފެތުރިފައެވެ. އަރަމުން އަންނަ އިރުގެ ރަންއަވިން މުޅި ފަޒާ ވަނީ ރަންކުލައަކުން ގިރިޓީވެފައެވެ.

ހިކިފައިވާ މޫދު ވިނަތަކާއި މުރަކަތައް މަތީގައި ނަސީރު ހިނގަމުން ދިޔައެވެ. ފުއްޓަރަށް މުގުރަމުންދާ ރާޅު ތަކާއި ދިމާއަށެވެ. ވަށައިގެން ހޯދަމުންނެވެ. އޭނާގެ މިލާ މޯޅިވެފައިވާ މޫނުން ހިތާމަޔާއި ހިތްދަތިކަމުގެ އަސަރު ފާޅުވެއެވެ. އޭނާގެ ހިތުގައިވާ ވޭނީ އުދާސްތައް ދެލޮލުން ހާމަކޮށްދެއެވެ.

ރާޅުތައް މުގުރަމުން ދިޔަ ފުއްޓަރުގެ ގަލެއް މަތީގައި ނަސީރު އިށީނެވެ. އޭރު ރާޅު މުގުރާ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. ކަރުނަވީ ދެލޮލުން އޭނާ ފުއްޓަރުގެ ރާޅުތަކަށް ބަލަމުން ދިޔައެވެ. އިރު ކޮޅަކުން އިސްދަށަށް ޖަހާލިއެވެ. އޭނާއަށް ގިސްލެވެން ފެށުނެވެ. އަމިއްލަ ނަފުސު ކުއްވެރި ކުރާ ހާލުގައެވެ.

މިފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ރަށުގައި ހުރެވޭ ކޮންމެ ދުވަހަކު ދިޔަވަރު ހިކޭވަގުތަށް އޭނާ ފުއްޓަރުމައްޗަށް އާދެއެވެ. ފުއްޓަރުގެ ގާތަކުގެ ތެރޭން މާވަހަރެއް ފެނުން އެދިގެނެއް ނޫނެވެ. އޭނާގެ ލޮލުގެ ކުރިމަތީގައި މަރުވެ ދިޔަ އޭނާގެ ދެ ދަރީންނަށް ޒިޔާރަތްކުރުމުގެ ގޮތުންނެވެ. މި މާސިންގާ ކަނޑަކީ އޭނާގެ ލޯބިވާ ދެދަރީންގެ ކަށްވަޅެވެ. އޭނާގެ އުންމީދުތައް މީގެ އެތައް އަހަރެއް ކުރިން މިމާސިންގާ ކަނޑުގެ ތެރެއަށް ގެނބި ދިޔައީއެވެ.

ހަޤީޤަތް އެނގޭނަމަ ކޮންމެ މީހަކުވެސް ކުއްވެރި ކުރާނީ ނަސީރެވެ. އެއްޗެހި ކިޔާނީ އޭނާއަށެވެ. ބުނާނެއެވެ. ބަފައިމީހާ އަށް ދެދަރީން ދޫކޮށްލާން ކެރުނަސް މައިމީހާ އޭނާގެ ފުރާނަ ވަކިވެ ދިޔަސް ދަރީން ދޫކޮށެއް ނުލާނެއެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެކަމަކު އެފަދަ ވަގުތެއްގެ ހިއްދަތިކަމާއި ނިންމުންތައް ނިންމަން ލިބޭ މަދު ސިކުންތު ކޮޅު އިނގޭނީ އެފަދަ ކަމެއް ތަހައްމަލު ކުރި މީހަކަށެވެ. އެވާހަކަތައް އަޑު އެހި މީހަކަށެވެ.

ނަސީރު ހިތަށް އަރައެވެ. އޭނާގެ ދެދަރީންގެ ގައިން ދޫކޮށް ނުލެވުނު ނަމައެވެ. އެހެން ނޫންނަމަ އޭނާ ސަލާމަތްވި ގޮތަށް އޭނާގެ ދަރީންވެސް ސަލާމަތްވީސް ކަންނޭނގެއެވެ. އެކަމަކު ނަމަޔަކުން މިއަދު ކުރާނެ ކަމެއް ނެތެވެ. ކަން ވެނިމި ހިނގައްޖެއެވެ. މިއަދު އޮތީ ކުރެވޭ އުންމީދެކެވެ. ހީއެކެވެ. އަދިވެސް ނަސީރުގެ ހިތުގައިވާ އުންމީދުގެ ހުޅުކޮޅެއް ނުނިވެއެވެ. އޭނާގެ ދަރީން އެނބުރި ނާންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިތަނަށް ނަސީރު އަންނަނީ އެހެންވެއެވެ. މިރާޅުތަކުގެ ތެރޭން އޭނާގެ ދެދަރީން ތެދުވެގެން އަތުވެދާނެ ކަމަށް ހީވާތީއެވެ.

އެހެން މީހުން އެހަނދާންތައް ނެތިއްޖެއެވެ. އެވާހަކަ ދެއްކުން ހުއްޓިއްޖެއެވެ. އެކަމަކު ނަސީރަކަށް އެހަނދާންތަކާއި ދުރެ ނުވެވުނެވެ. އޭނާގެ ލޮލުން ދަރީންގެ ސޫރައެއް ނުގެއްލުނެވެ. އެމަންޒަރުތައް ދެންމެ ވީކަމެއްހެން އޭނާގެ ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ. ދެދަރީން އޭނާއަށް ގޮވާއަޑާއި ރޯއަޑު އޭނާގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. ހަމައެކަނި ކުރެވެނީ އުންމީދެކެވެ. ކުރެވެނީ ދުޢާއެކެވެ.

ނަސީރަކީ މަސްވެރިއެކެވެ. އެހާދިސާއަށް ފަހު އޭނާ ދުވަސްކޮޅަކު މަހަށްވެސް ދިޔައެވެ. ކަނޑުމައްޗަށް ނުކުމެވުމާއި އެކު ކޮންމެ ފަހަރަކުވެސް އޭނާއަށް ބެލެނީ ކަނޑަށެވެ. ކަޅިނަޖާނުލައި ހޯދަނީ އޭނާގެ ދަރީން އެމާސިންގާ ކަނޑުގެ ތެރޭން ފެނިދާނެހެން އޭނާއަށް ހީވާތީއެވެ. މަސްއައިނަށް އަރައި ދޮށިއަޅަންވެސް އޭނާއަށް އުނދަގުލެވެ. މަސްއައިނަށް ބުޅި ޖަހާއިރު އެތާނގައި އޭނާގެ ދަރިފުޅަކު އޮވެދާނޭ އެދަރިފުޅުގެ ގައި ބުޅި އަޅައިގެންފާނޭ އޭނާއަށް ހީވަނީއެވެ.
ނަސީރުގެ ހަނދާނަށް އަންނަމުން ދިޔައީ އެދުވަހެވެ. އެއީ އިންޑިޔާކަނޑުގައި އުފެދުނު ވަރުގަދަ ސުނާމީގައި ރާއްޖޭގެ ރައްތައް ޣަރަޤުވެ ދިޔަދުވަހެވެ. ބާރަ އަހަރުގެ އެއްމާބަނޑު ދެފިރިހެން ކުދިންގޮވައިގެން އެދުވަހު ނަސީރު އައީ ފަރުމައްޗަށް ކުޑަ ބޮއްކުރައެއްގައި އަކިރި ނަގާށެވެ. ގޯތީގެ ވަށާފާރު ނެގުމަށް ބޭނުންވާ އަކިރި އެއްކުރާށެވެ. ހެނދުނު ސައިބޮއިގެން ކުދިންނާއި އެކު ފަރުމައްޗަށް ދާން ނުކުތުމުން ނަސީރުގެ އަށް އަހަރުގެ އަންހެންދަރިފުޅާއި ފަސްއަހަރުގެ ފިރިހެން ދަރިފުޅުވެސް އެމީހުންގެ ފަހަތުން ބައްޕައާއި ދެބޭބެއާއި އެކު އަކިރިނަގަން ދާން ނުކުތެވެ. އެކަމަކު އެކުދީންނަށް ފިލައިގެން ދޮށީ ދެދަރިންނާއި އެކު ނަސީރު އައިރު ކުރިޔަށް އޮތް ވަގުތު ކޮޅުގެ ނުރައްކާތެރިކަން އެމީހުންނަށް އެނގޭނީ ކިހިނެއްހެއްޔެވެ؟

ތިލަފަޅުގެ ތެރޭގައި ގޯނިތައް ހިފައިގެން ބޮއްކުރާގައި ކަނބާފައި އެމީހުން ފުއްޓަރުގެ އެތެރެ ފަރާތު ކައިރިއަށް އައިސް އެތަނަށް ފޭބިއެވެ. އެމީހުން އަކިރި އަޅަން ތިއްބައި ބާރު އޮއެވަރެއް ފަޅު ތެރޭގައި އުފެދި ކިލަނބުވާން ފެށިއެވެ. ފައިދަށުން ވެލި ގަނޑު ދެމިގެންދާން ފަށައިފިއެވެ. ބަލަބަލައި ތިއްބައި އެންމެ ފެންތިއްކެއް ނެތި ފަޅުތެރެ ހިކިއްޖެއެވެ. މަސްތައް ގާތައް މަތީގައި މަރަށް ތެޅެން ފަށައިފިއެވެ. ދެކުދިން އަކިރި އެޅުން ހުއްޓާލާފައި ފަރުމަތީގައި ހިކިފައިވާ މަސްތައް ހޮވައި ގޯންޏަށް އަޅަން ފަށައިފިއެވެ. ކުދިންނަށް އެއީ މާބޮޑު ކަމަކަށް ނުވިޔަސް ނަސީރަށް އެކަމާއި ދޭތެރޭ ވިސްނާލެވުނެވެ. އެކަމަކު މިވާގޮތެއް ދެނެގަންނާކަން އޭނާއަކަށް ނޭނގުނެވެ.

ގޯނިތަކަށް މަސްތައް އަޅައިގެން ގެނެސް ދެކުދީން ބޮއްކުރާގެ ބީހި އަރިވެފައިވާ ބޮއްކުރާ ތެރެއަށް އަޅަމުން ދިޔައެވެ. ނަސީރު ހުރީ ބޮއްކުރާ ކައިރީގައި ކޮޅަށެވެ. އޭނާ ބަލަމުން ދިޔައީ ވަށައިގެންވާ ސަރަހައްދަށެވެ. އިރު ކޮޅަކުން ދިޔަވަރު ކުއްލިއަކަށް ފޫދެން ފަށައިފިއެވެ. އޮވަރުގެ ކޮޅު ބަދަލުވެއްޖެއެވެ. މާކަނޑުގެ ތެރޭން ގޮށްރާޅުޖަހާފައި ރަށާއި ދިމާއަށް އަންނަ އާދަޔާ ޚިލާފް އޮއެ ގަނޑެއް ނަސީރަށް ފެނުނެވެ. ނަސީރު ކުދިންނަށް ގޮވިއެވެ. އޭނާގެ ގާތަށް އައުމަށެވެ.

ކުދިންނަށް ނަސީރާއި ހަމައަށް އާދެވުނު އިރު ބޮއްކުރާވެސް ފުންވެއްޖެއެވެ. އޮއެވަރު ބާރުވާން ފަށައިފިއެވެ. ދެކުދިން ގޮވައިގެން ނަސީރަށް ބޮއްކުރައަށް އެރުނީ ކިރިޔާއެވެ. އެއޮއެ ގަނޑު ތިލަފަޅު ތެރެއަށް ވަދެ ފޮނުޖަހާފައި އެމީހުންނާއި ދިމާއަށް އަންނަން ފަށަފިއެވެ. އެއޮއެގަނޑާއި އެކު ދިޔަވަރު ފޫދިގެން އައީ އާދަޔާ ޚިލާފް ބާރު މިނުގައެވެ. އެވަނީ ކިހިނެއްތޯ ދެކުދިން ނަސީރު ގާތު އެހިއެވެ. އެކަމަކު ނަސީރަށްވެސް މިވަނީ ކީއްކަން ބުނެދޭކަށް ނޭނގުނެވެ.

އޮއެގަނޑުގައި ޖެހުމާއި އެކު ދަނޑިން ކަނބާފައި ކުރިޔަށް ދެވޭ ވަރެއް ނުވިއެވެ. އޮއެގަނޑާއި އެކު ބޮއްކުރާ ދަމަމުން ދިޔައީ ކަނޑު އޮޅިއާއި ދިމާއަށެވެ. އޭރު ކުރިމަތިން ފެންނަން އޮތް ރަށް ރާޅުގެ ތެރެއަށް ގެނބެމުންދާތަން ފެނުމުން ނަސީރަށް މިވަނީ ރަނގަޅު ކަމެއް ނޫންކަން އެނގުނެވެ. އޭރު މުޅި ފަޅާއި ކަނޑު އޮތީ ކިރުފެން ކުލައިގައެވެ. ކަނޑެއް ފަޅެއް ވަތްކެއް ނުވެއެވެ. ގޮށްރާޅު ތަކުގެ ތެރޭގައި ބޮއްކުރާ ދިޔައީ ދިޔަވަމުންނެވެ. ބޮއްކުރާގެ ތެރޭގައި ކޮޅަށް ހުރެވޭ ވަރު ނުވިނަމަވެސް ރިއްދަނޑި ވިއްދޭތޯ ނަސީރު މަސައްކަތް ކުރަމުން ދިޔައެވެ. އޭރު ބޮއްކުރާ އޮޔާ ދަމަމުން ދިޔައީ ރަށާއި ދުރަށެވެ. އޮއެ ބަދަލުވުމާއި އެކު ރަށުތެރޭން ކުނި ބުންނާއި ފެންއަޅާކަޅުހަމާއި ލަކުޑި ފައިބައިގެން އަންނާތީ ނަސީރަށް ފެނުނެވެ.

ނަސީރު ރިއްދަނޑި ފޯރާތޯ ބަލާލުމަށް މޫދުގެ ތެރެއަށް ކޮއްޕާލި ވަގުތު  ފުއްޓަރުގެ ގާތަކުގެ ތެރޭގައި ދަނޑި ތާށިވެ ދަނޑީގެ މައްޗަށް ބޮއްކުރާ ލައްވި ވަގުތު ބާރު އޮއެގެ ސަބަބުން ބޮއްކުރާ ދިޔައީ ބަންޑުންވެގެންނެވެ. ނަސީރަށްވެސް ބޯހިއްލާލެވުނު ވަގުތު ދެކުދީންވެސް އައިސް ބެއްދީ ނަސީރުގެ ކަރުގައެވެ. ބައްޕާއޭ މަރުވަނީއޭ ކިޔައި ރޮއެގެން ފައެވެ. އެއީ ބަޔާން ކުރެވޭ ވަރަށް ވުރެ އަސަރުގަދަ ވަގުތު ކޮޅެކެވެ. ނަސީރުގެ ނޭވާވެސް ހާސްވާން ފެށިއެވެ. އެންމެ ފަހުން އަމިއްލަ ފުރާނައަށް ޓަކައި އޭނާއަށް ދެކުދިންގެ ކިބައިން ސަލާމަތްވުމަށް އަޑިއަށް ފީނައިގަންނަން ޖެހުނީއެވެ. ނަސީރު އަޑިޔަށް ދިޔުމާއި އެކު ދެކުދިން ނަސީރުގެ ގައިން ދޫކޮށްލައިފިއެވެ. ނަސީރަށް މައްޗަށް ބޯހިއްލާ ލެވުނު އިރު ދެކުދީން އޮޔާ ދުރަށް ގެންގޮސްފިއެވެ. ނަސީރަށް ފެނުނީ އެކަކު އަނެކަކާއި ބައްދައިގަނެގެން ތިބި ދެކުދީން ގެނބެމުންދާތީއެވެ. ބައްޕާއޭ މަރުވަނީއޭ ކުދިންގޮވާއަޑު ނަސީރަށް އިވުނެވެ.

ކުދީންނާއި ހަމައަށް ދެވޭތޯ ނަސީރު ފަތައިގަތެވެ. އެކަމަކު އޭނާއަށް އެކުދިންނާއި ހަމައަކަށް ނުދެވުނެވެ. ރާޅުތަކުގެ ތެރެއަށް އެކުދިން ގެނބި ގެއްލިއްޖެއެވެ. ބައްޕާއޭ ކިޔައި ދެކުދީން ރޮމުން ގޮވަމުން ދިޔައަޑު ކެނޑިއްޖެއެވެ. އޭރު ބަންޑުވެފައިވާ ބޮއްކުރާވެސް ނަސީރާއި މާދުރުނޫން ހިސާބަކުން އޮޔާދެއެވެ. ނަސީރު ފަތައިގަތެވެ. ނަސީބު ރަނގަޅުކަމުން އޭނާގެ އަތުގައި ބޮއްކުރާ ޖެހިއްޖެއެވެ. ނަސީރު ބޮއްކުރާގެ މަތީގައި ބަނޑު އަޅައިގެން އޮވެ ރޮމުން އަޑުގެ ނެތްތަނަށް އޭނާގެ ދެދަރީންނަށް ގޮވަމުން ދިޔައެވެ. އެކަމަކު އޭރު އެކުދިން އޭނާގެ ލޯމަތިން ގެއްލިއްޖެއެވެ.

މަހަށް ގޮސްފައި އައި ދޯންޏަކަށް ނަސީރު ފެނުނީ މާބައިދުއާއި މުންޑޫއާއި ދެމެދު އޮތް ކަނޑު އޮޅީގެ ތެރެއިން އޮޔާދަނިކޮށެވެ. އެމީހުން ނަސީރު ދޯންޏަށް ނެގުމާއި އެކު އޭނާގެ ހޭ ހުސްވީއެވެ.

ނަސީރަށް ހޭވެރިކަންވީ އިރުކޮޅަކުންނެވެ. ހޭވެރިކަން ވުމާއި އެކު އޭނާ ދެދަރީންނަށް ގޮވަން ފެށިއެވެ. ދޯނީގެ މީހުންނަށް ވީގޮތް ރޮއެރޮއެފައި ކިޔައިދީފިއެވެ. އޭރު އޮއިވަރު އޮތީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. އެތައް އިރެއްވާންދެން ދޯނީގެ މީހުން އެކަނޑު އޮޅިއާއި ކަނޑު އޮޅީގެ ސަރަހައްދުގައި އެދެކުދީން ފެނޭތޯ ދުއްވިއެވެ. އެކަމަކު ކުދީންގެ ޚަބަރެއް ނުވުމާއި އެކު ރަށުތެރޭގެ ހާލެއް ނޭނގޭތީ އެމީހުން ރަށަށް ވަނީއެވެ.

އޭރު ރަށަށްވެސް އޮތީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގެތަކުގެ ފާރުތައް ވެއްޓިފައެވެ. ބަނދަރުމައްޗަށް އެއްވެފައިވާ މީހުންގެ ތެރެއިން ނަސީރަށް އޭނާގެ އަނބިމީހާ އާއި ކުޑަ ދެކުދީން ފެނި އެމީހުންނާއި ބައްދަލުވިއެވެ. ކުދީން ކޮބައިތޯ އަންހެނުން އެހުމާއި އެކު ނަސީރަށް ރޮވުނީއެވެ. ކުދިން ކަނޑުތެރެއަށް ގެއްލުނީ ކަމުގައި ބުނުމާއި އެކު އަންހެނުން ހޭހުސްވީއެވެ.

އޭގެ ފަހުން ނުވަ އަހަރު ވެއްޖެއެވެ. އެކަމަކު އެހަނދާންތައް ނަސީރުގެ ހިތަކުން ނުފިލިއެވެ. ރަށުގައި ހުރެވިއްޖެނަމަ ދިޔަވަރު ހިކޭވަގުތު އޭނާ ފަރުމައްޗަށް އާދެއެވެ. އޭނާގެ ދަރީންނަށް ޒިޔާރަތް ކުރުމަށެވެ. އޭނާ އެއަންނަނީ އޭނާގެ ދަރީންގެ މަހާނަ ކައިރި އަށެވެ. ފާހަގަވާން ނެތަސް އެކުދީންގެ މަހާނަ ވަނީ މިމާސިންގާ ކަނޑުގެ ތެރޭގައެވެ.

ދިޔަވަރު ފޫދެން ޖެހުމާއި އަދި އަވިއަރައި ބާރުވާން ފެށުމާއި އެކު ނަސީރު ތިލަފަޅު ތެރޭން ރަށާއި ދިމާއަށް ހިނގައި ގަތެވެ. ދަރީންގެ މަތިން ހަނދާން ކުރަމުންނެވެ. އެކުދިންނަށް ހެޔޮދުޢާކުރަމުންނެވެ. ދަރީން ފެންނާނެ ކަމުގެ ޔަޤީންކަމެއް ނެތަސް އޭނާ މިތަނަށް އަންނާނެއެވެ. މިތަން ހޯދައި ބަލާނެއެވެ. އަދި މިތަނުގައި ކަރުނަ އޮއްސުމުގައި މުޅި އުމުރު ހޭދަކުރާނެއެވެ. އެއީ އޭނާގެ އަލަތު ދެދަރީންނެވެ. އެކުދީންގެ މަތިން އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެކުދީންގެ އަޑު އޭނާގެ ކަންފަތަކުން ނުފިލާނެއެވެ.
---ނިމުނީ---