އެއްވަނަ އިއުލާނުކޮށްލުމާއި އެކު ހޯލުތެރެ ދިޔައީ
ގުގުމައިގެންނެވެ. އުފާވެރިހަޅޭކާއި ތަހުނިޔާއާއި މުބާރަކްބާދީގެ އަތްތިލަ ބަޑީގެ
އަޑުންނެވެ. ބޭއިހްތިޔާރުގައި އަހަރެންނަށް ބަލާލެވުނީ ނާޒްނީނަށެވެ. އޭނާ
މޫނުމަތީގައި އަތްއެޅިއެވެ. ގިސްލަންފެށިއެވެ. އެއްވަނަ ނުލިބުނީމާ އޭނާއަށް
ރޮވުނީއެވެ. ދެރަވީއެވެ. އަހަރެންގާތަށް ހިނިއައެވެ. އޭނާ އެހާ ފިނޑިވީމައެވެ.
އެއްވަނަ ލިބުނު ރޯޒީ ސްޓޭޖާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ހުރީ އުފަލުން
ފޮޅިފައެވެ. ހިނިތުންވުމާއި އުފާވެރިކަން އޭނާގެ މޫނުމަތިން ފެނެއެވެ. ފަރި ހިނގުމުގައި
އޭނާ ގޮސް ސްޓޭޖަށް އަރައިފިއެވެ. މާބޮނޑިތަކާއި ހަދިޔާތަކާއި ޓްރޮފީއޭނާއާއި
އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ޝަރަފްވެރި މެހްމާންގެ އަތުން އޭނާ އާއި
ހަވާލުކޮށްފިއެވެ. އޭރުވެސް އަތްޖަހާމީހުން އަތް ޖަހައެވެ.
އެމަންޒަރު ނުދެކޭންވެގެން ކަންނޭނގެއެވެ. ނާޒްނީން
ތެދުވެގެން ގޮސް ހޯލުގެ ދޮރުން ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން އެހެން
ކުއްޖަކުވެސް ނުކުތެވެ. ހީވަނީ ނާޒްނީންގެ ކޮއްކޮއެއް ހެންނެވެ. އަހަރެންގާތަށް
އައީ ލާނެތް ހިންޏެކެވެ.ހިތަށް އެރިއެވެ. މުބާރާތެއްގައި ބައިވެރިވާންވާނީ މޮޅާއި
ދެރަވެސް އޮންނާނެކަން އެނގިގެން ނޫންހެއްޔެވެ؟ އެއްވަނަ ނުލިބުނީމާ ނުވަތަ
އެއްވެސް ވަނައެއް ނުލިބުނީމާ ރޯންޖެހޭ ހެއްޔެވެ؟ އެއީ އަންހެނުންގެ ވައްތަރޭ ހިތާ
އަހަރެން ހިތްހަމަ ޖައްސާލެވޭތޯ ބެލީމެވެ. އެކަމަކު ކަން ހިނގިގޮތް އިނގޭތީ
އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހިތް ހަމަނުޖެހިފައެވެ. އުނދަގޫވެފައެވެ.
ހަފްލާ ނިމިއްޖެއެވެ. އެންމެ ރީތި ވެޑިންގ
ޑްރެސްއެއް ފަރުމާކޮށް ދައްކާލައިގެން އެއްވަނަ ހޯދި ރޯޒީއަށް އަހަރެންވެސް
މަރުހަބާކީމެވެ. އެކަމަކު އެވަނަ އަކީ އަހަރެމެން މުބާރާތަށް އިންސާފުކުރި
ފަނޑިޔާރުން ހަމަގަސްތުގައި ރޯޒީއަށް ދިން ވަނައެއް ކަމެއް އޭނާއަކަށް
ނޭނގޭނެއެވެ. އެވެސް ކޮރަޕްޝަނެވެ. އެކަން އަހަރެންނަށް އެނގެއެވެ. އެކަމަކުވެސް
އެވަނަ ރޯޒީއަށް ދޭންޖެހުނީ އޭގައި ސަބަބުތަކެއް އޮވެގެންނެވެ. އެއްސަބަބަކީ
އޭނާއަކީ ޑިޒައިން ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހަކަށް ވާކަމެވެ. "ސްލޭމް
ޑިޒައިން"އަށް އެފަދަ ޑިޒައިނަރެއް ބޭނުންވާ ކަމެވެ. އިނާމެއްގެ ގޮތުގައި
އެއްލަކަ ރުފިޔާ ދިނުމުގެ އިތުރުން ފަސް އަހަރު ދުވަހަށް އެފިހާރައަށް
ޑިޒައިންކޮށްދިނުމުގެ ކޮންޓްރެކްޓެއްވެސް އޭގައި ހިމެނޭތީއެވެ. ހަމައެންމެ
ހެދުމެއް ޑިޒައިންކޮށްލައިގެން އެއްވަނައަށް ހޮވޭ މީހަކަށް އެކޮންޓްރެކްޓްގައި
މަސައްކަތް ނުކުރެވޭނެކަމަށާއި ވަނަ އެފަދަމީހަކަށް ދެވޭތޯ ބެލުމަށް މުބާރާތް
އިންތިޒާމްކުރި ފަރާތުންވެސް ފަނޑިޔާރުން ގާތުގައި ބުނެފައިވާތީއެވެ.
ރިފްރެޝްމެންޓްގައި މާ ކާހިތްވާ އެއްޗެއް ނެތުމުން
ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުން އަހަރެން ބޭރަށް ނުކުމެއްޖައީމެވެ.
ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ޕާކު ފާރުބުރިމަތީ ރޯން އިން
ނާޒްނީނެވެ. އޭނާގެ ގާތުގައި ހުރި އަންހެންކުއްޖާ އޭނާ ހުއްޓުވޭތޯ މަސައްކަތް
ކުރެއެވެ.
"ދައްތާ! ހުއްޓާލަބަލަ! މިފަހަރު ދެންވީގޮތް.
އެހެން ގޮތެއް ފެނޭތޯ ބަލާނީ ލާރި ލިބޭނެ އެހެން މަގުމަގުވެސް ހުންނާނެ!"
އެކުއްޖާ ނާޒްނީނު ގާތުގައި ބުނި ވާހަކަ އަޑު އިވިފައި އަހަރެންގެ ކަންފަތްކޮޅަށް
ޖެހުނެވެ. ވީގޮތެއް އޮޅުން ފިލުވާލަން ބޭނުންވެގެން ކައިރިއަށް ޖެހިލީމެވެ.
ނާޒްނީނު އެވަރަށް އެރޮނީ ހަމަ އެއްވަނަ ނުލިބިގެން ހެއްޔެވެ؟ އެކަމަކު އޭގައި
އެހެން ސަބަބެއް އެބައޮތްކަމުގައި އަހަރެންގެ ހިތް ބުންޏެވެ.
"ކިހިނެއްވީ! ނާޒްނީން ހާދަ ވަރަކަށް
ތިރޮނީ؟" އަހަރެން އަހާލީމެވެ.
ނާޒްނީން ޖަވާބެއް ނުދީ ތެދުވެގެން ހިނގައިގަތެވެ.
ދަރުބާރުގޭން މަގުމައްޗަށް ނުކުންނަ ދޮރާއި ދިމާއަށެވެ. އަހަރެންނަކީ މުބާރާތުގެ
ފަނޑިޔާރެއްކަމުން އޭނާ އަހަރެންނާއި މެދު ހިތްހަމަ ނުޖެހުނީ ކަންނޭނގެއެވެ.
އަހަރެންނަށް ޖަވާބުދިނީ ނާޒްނީންގާތުގައި ހުރި އޭނާގެ ކޮއްކޮއެވެ.
"ދައްތަގެ ހުންނާނެ ލޭއަޅާކުއްޖެއް.
އެކުއްޖާގެ ބޯން މެރޯ ޓްރާންސް ޕްލާންޓް ހަދަން އެއްލައްކަ ރުފިޔާ ބޭނުންވާތީ
އަސްލު ދައްތަ މިމުބާރާތުގައި ބައިވެރިވީވެސް. އެއްވަނަ ހޯދަން ދައްތަ ވަރަށް
މަސައްކަތްކުރި ކޮންމެ ބުރެއްގެ ޑްރެސްވެސް އެތައްރެއެއްގެ ނިދި ގުރުބާންކޮށްގެން
ފެހީވެސް. ހެދުން ދައްކާލާ ޝޯވ އަށްވެސް މޮޑެލެއްގެ ގޮތުގައި ދައްތަ އެރީ
އެހެންމީހަކަށް އަގުދީފައި އެރުވުމަކީ އިތުރު ޚަރަދަކަށްވާތީ"
އަހަރެންނަށް އެއްޗެއް ނުބުނެވުނެވެ.
ވީދެރައިންނެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. ދަރިއަކަށްޓަކައި މަޔަކު
އެކުރިފޮނި އުންމީދާއި ވީޤުރުބާނީގައި ކޮޅުފައިންޖެހީ އަހަރެމެންނަށް
ކަމުގައިވާތީއެވެ. ނާޒްނީންގެ އެމަސައްކަތުގެ ބޭނުމަކީ އެއީކަން އެނގުނުނަމަ ކަން
ކޮންމެ ގޮތަކަށް ވިޔަސް އަހަރެން ނަތީޖާ ބަދަލުކުރާކަށް އެއްބަހެއް ނުވީމުހެވެ.
އަހަރެންގެ ބާރުގައި ނަމަވެސް ނާޒްނީންއަށް އެވަނަ ދިނީމުހެވެ. އެކަމަކު ކުރާނެ
ކަމެއް ނެތެވެ. ނާޒްނީންއަށް ލިބުނު ވަނަ ބަދަލުކޮށްލީ އަހަރެމެންނެވެ.
މުބާރާތުގައި ވަކިވަކި ފަނޑިޔާރުންގެ އެންމެ
މަތީމާކްސް ލިބުނީވެސް ނާޒްނީނަށެވެ. އާއްމުންގެ އެންމެ ގިނަ އެސްއެމްއެސް
ލިބުނީވެސް ތިންބުރުގައިވެސް ނާޒްހުށައެޅި ތިން ހެދުމަށެވެ. މުބާރާތުން އެއްވަނަ
ލިބުނީ އޭނާއަށެވެ. އެކަމަކު އޭނާއަކީ މަޝްހޫރު ޑިޒައިނަރަކަށް ނުވާތީ އަހަރެމެން
އޭނާ ފެއިލްކޮށްލީއެވެ. މާރކްސްތައް އެގޮތް މިގޮތް ހަދައި އަހަރެމެން ބޭނުން
ނަތީޖާ ނެރުނީއެވެ. އެއްވަނަ ލިބުނީ ނާޒްއަށް ނަމަވެސް އަހަރެމެން އޭނާއަށް
އެއްވަނަ ކީއްކުރަންހެއްޔެވެ؟ ތިންވަނަވެސް ނުދެމެވެ.
ނާޒްއަށް ވަނައެއް ނުލިބުމުން ބައެއް މީހުން ކުދިކީ
އަޑުވެސް އަހަރެން އެހީމެވެ. ރޯޒީގެ ހެދުންތަކަށްވުރެ ނާޒްނީންގެ ހެދުންތައް
މާރީތިކަމުގައި މުބާރާތްބެލި މީހުންވެސް އެއްބަސްވެއެވެ. އެކަމާއި އަހަރެންވެސް
އެއްބަހެވެ. އެކަމަކު އަހަރެމެން ބެލީ ވިޔަފާރީގެ މަސްލަހަތަށެވެ. ހައްޤުމީހާއަށް
ވަނަ ދޭކަށް ނޫނެވެ.
"ފަޒީލް. ކަލޭމެން ޑިޒައިންކޮށްކޮށް މުސްކުޅި
ވެފައި ތިބި މީހުންނަށްވެސް ރީތި ހެދުމެއް ނޭނގޭދޯ! ތިޔަ ވަނަތައް ދިން
ހެދުންތަކަށްވުރެ މާރީތި ނާޒްގެ ހުރިހާ ހެދުންވެސް" ހޯލުން ނުކުމެގެން އައި
ޑިޒައިނަރު ޝާފީ އަހަރެންނާއި ދިމާއަށް ބުންޏެވެ.
ޝާފީގެ އެބަސްތަކުން އަހަރެން އިތުރަށް ދެރަވިއެވެ.
ފުރަތަމަ ފަހަރަށް ގޯހެއް ހެދިއްޖެ ކަމުގައި އިހްސާސްވެއްޖެއެވެ.
މުބާރާތެއްގައި ބައިވެރިވާ ކޮންމެ މީހަކު
ބައިވެރިވާނީ ހޮބީއަކަށް ނޫނެވެ. އޭގައި މަޖުބޫރެއްވެސް އޮވެދާނެއެވެ. ބޮޑު
މުސީބާތަކުން ސަލާމަތްވާ ކޮށާ މަގަކަށް
ވެދާނެއެވެ. ތެދެކެވެ. އަހަރެމެން މިއަދު އެވަނަ ހައްޤުމީހާއަށް، ވަނަ ދިން ނަމަ
އޭނާއަށް އެތައް އުފަލެއް ލިބުނީހެވެ. އޭނާގެ ދަރިފުޅު އެވޭންދެނިވި ދިރިއުޅުމުން
ސަލާމަތްވާނޭ މަގެއް ފެނުނީހެވެ.
ޔަޤީނެވެ. އޭނާގެ މަސައްކަތުގައި ބަރަކާތް
ލެއްވުނެވެ. އޭނާއަށް ތަޤުދީރު އެހީވެސްވިއެވެ. އެކަމަކު އޭނާއަށް އޭނާގެ
އުންމީދުތައް ހާސިލްނުވީ އަހަރެމެންގެ ސަބަބުންނެވެ. ކޮރަޕްޝަނާއި ފަސާދައިގެ
ސަބަބުންނެވެ. އަހަރެން ކުރިން އަޑުއަހަނީ ކޮރަޕްޝަނަކީ އެތައް ބައެއްގެ ހައްޤު
ގެއްލިގެންދާ އަމަލެއްކަމެވެ. އެކަމަކު އެއީ ކިހާވަރެއްގެ ތެދެއްކަން މިރޭ
ވިސްނިއްޖެއެވެ.
އަހަރެމެންނަށް ނާޒްނީންއަށް އެހެން ނުހެދުނުނަމަ
އޭނާގެ ދަރިފުޅުގެ ބޯންމެރޯ ޓްރާސްޕްލާންޓް ހަދާނެ ފައިސާގެ ލިބުމުގެ އިތުރުން
ނާޒްނީންއަށް އާމްދަނީ ލިބޭނެ ރަނގަޅު މަސައްކަތެއްވެސް ލިބުނީހެވެ. އޭނާގެ ދަތި
ދިރިއުޅުމަށް އަލިމަގެއް ވެސް ފެނުނީހެވެ. އެތައް ހަޔާތަކަށް އުފާވެރިކަމާއި
ފާގަތިކަން ލިބުނީހެވެ. އޭގެ އިތުރަށް ހުނަރުވެރި މޮޅު ޑިޒައިނަރެއް ސްލޭމް
ޑިޒައިނަށްވެސް ލިބުނީހެވެ. ރޯޒީއަށްވުރެ ނާޒްގެ ފަރުމާކުރުމުގެ ހުނަރު
މާބޮޑަށްވެސް އެބަހުއްޓެވެ. އެކަން އަހަރެންނަށް ޔަޤީނެވެ.
ރޯޒީއަކީ މުއްސަންޖެއްގެ ދަރިއެކެވެ. ފޯރާމީހެއްގެ
ދަރިއެކެވެ. އޭނާ އިނާމަށް ލިބުނު އެ އެއްލައްކަ ރުފިޔާއިން ކުރާނެ
މާމުހިއްމުކަމެއް ނޯންނާނެއެވެ. ރައްޓެހިންނާއި އެކު ކޮފީޔަށް ސަޔަށް
ރެސްޓޯރެންޓްތަކަށް ނުވަތަ ލަންކާ ދަތުރުތަކަށް ޚަރަދު ކުރުން ފިޔަވައެވެ. ރޯޒީ
އަކީ އަހަރެން ކުރިންވެސް ދަންނަ މީހަކަށް ވާތީ، އޭނާ އެފައިސާ ދުއްވާލާނީ
ކުޅިވަރަށްކަން އަހަރެންނަށް ހަމަ ރަނގަޅަށް އެނގެއެވެ. އޭނާ އަކީ ހިތަށް އެރީމާ
ހިތަށް އެރިވަރަކަށް ފައިސާ ލިބޭ މީހެކެވެ. އެހެންވީއިރު ލައްކައެއްހާ ރުފިޔާ
ވަޔަށް ތަޅާ ބުރުވާލުމަކީ އޭނާއަކަށް މާބޮޑު ކަމަކަށް ނުވާނެއެވެ.
މިރޭ ވީހައި ދެރަ އަހަރެން ދުވަހަކުވެސް ނުވެއެވެ.
އެއީ ހަޤީޤަތް އެނގުނު އަދި ހިތެއް އޮތް މީހަކު ދެރަނުވާނެ ވަރުގެ
ކަމެއް ނޫނެވެ. އެހެނީ މަޔަކު އޭނާގެ ދަރިފުޅަށްޓަކައި އެކުރީ ބުރަ
މަސައްކަތެކެވެ. ދުވަހަކު ސްޓޭޖަކަށް މޮޑެލް ކުރަން ނާރާ ނާޒްނީން އޭނާގެ
ހެދުންތައް ދައްކާލުމަށް މޮޑެލް އެއްގެ ގޮތުގައި ސްޓޭޖަށް އަރާނީވެސް ހާދަ
ހިއްވަރުކޮށްގެންނޭ އަހަރެންގެ ހިތަށް އެރިއެވެ. ޔަޤީނެވެ. އޭނާގެ ލަދާއި ބިރު
ކަނޑާލާފައި އަދި މީހުން ކިޔާފާނެ އެއްޗަކަށް ނުބަލައި އޭނާ ސްޓޭޖަށް އެއެރީ އޭނާގެ
ދަރިފުޅުދެކެ ވާލޯބީގެ ހައްގުގައެވެ. މައިލަގޮނޑިއަށް ކެތް ނުވެގެންނެވެ. އެހެން
އަންހެންކުދިންހެން ތުއި ދައްކާކަށް، ތިއްތި ދައްކާކަށް ނޫނެވެ. އަހަރެންނަށް
އެކަން ޔަޤީންވެއްޖެއެވެ.
ނާޒްނީންއަށް އަންނަ އަހަރު މިމުބާރާތުގައި
ފުރުސަތު ހޯދައިދޭން އަހަރެން އަޒުމު ކަނޑައެޅީމެވެ. އަހަރެންނަށްވެސް
ބައިވެރިވެވުނު އެކުށުގެ ކައްފާރާއަކަށް އެމިންވަރު ފުދޭނެ ކަމުގައި އެދިގެންނެވެ.
އަދި ނާޒްނީންގެ ދަރިފުޅަށް އެހީއެއް ވެދެވޭނެ ގޮތަކާއި މެދު ވިސްނަމުންނެވެ.
އެކަމަކު އެވަރުގެ އެހީއެއްދޭނީ ކާކުހެއްޔެވެ؟ ފުދި އިތުރުވެގެން އުޅޭ މީހަކު
ނޫޅެއެވެ. ކޮންމެ މީހަކުވެސް އުޅެނީ ލިބޭވަރު މަދުވެގެންނެވެ.
ނާޒްނީންއާއި މެދު ކަންތައް ކުރެވުނުގޮތުން
ހިތުގައި އެލައް ޖެހިފައި ހުރީ ހަފްތާއެއްހާ ދުވަހުއެވެ. މަޑުމަޑުން މަޑުމަޑުން
އަހަރެންވެސް އެހަނދާން ނެތިއްޖެއެވެ. ވާނީވެސް އެހެންނެވެ. މިއީ ލޯމަތިން
ގެއްލުމުން ދެން އެމީހެއްގެ މަތިން ހަނދާންވެސް ނުވާހައި ބިޒީ ޒަމާނެކެވެ.
އޭގެ މަހެއްހާ ދުވަސް ފަހެވެ. މީރާއަށް ކުންފުނިން
ދައްކަންޖެހޭ ޖީއެސްޓީ ޓެކްސްދައްކަން ގޮސްހުއްޓައި އަސުރު ނަމާދަށް ގޮވުމުން
އަހަރެން ދިޔައީ އާސަހަރާ މިސްކިތަށެވެ. ސަހަރާ ގޯޅިއަށް އެޅި އިރުވެސް
މަގުމަތީގައި ވަރަށް މީހުން މަދެވެ. މީހަކު މަރުވެގެން ސަހަރާ ތެރޭގައި ބަޔަކު
އުޅޭ ހެނެއް ހިއެއް ނުވެއެވެ. މިސްކިތަށްވެސް ވަދެވެން ހުންނަ ސަހަރާގެ ބޭރު
ދޮރުން ވަދެފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަށް ފެނުނީ
ދެއަންހެނަކު ނާޒް އަތުލަފިކޮށްގެން ނެރޭތީއެވެ. އޭނާ ވެއްޓިވެއްޓިފައި ރޮނީއެވެ.
ހީވަނީ އޭނާގެ ހަށިގަނޑުން ފުރާނަ ދަނީހެންނެވެ. އެއީ ވޭނީ ރުއިމެކެވެ.
އެތައްހިތާމައަކުން އެކުވެ އޮހެމުން ދިޔަ ކަރުނައެކެވެ.
ސަހަރާތެރޭގައި މާގިނަ ބަޔަކު ނެތެވެ. މީހަކު
ކައިރީ އަހައި އޮޅުން ފިލުވައިލީމެވެ. މަރުވީ ނާޒްނީންގެ ލޭއަޅާ ދަރިފުޅެވެ.
އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ހިނަވާގޭ ތެރެއަށް ވަދެ އެކުޑަކުޑަ މައުސޫމް
ކުއްޖާގެ މޫނު ފެނުނުވަގުތު އަހަރެންގެ ހިތްއައީ ފުންމައިގެންނެވެ.
ވީދެރައިންނެވެ.
އެކުއްޖާގެ ބޯންމެރޯ ޓްރާންސް ޕްލާންޓް ހެދުމަށް
އަމިއްލަ ޖަމިއްޔާއަކުން ވަނީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑުބައި ދީފައެވެ. މުޅި
ޚަރަދު ހަމަޖެއްސުމަށް ނާޒްނީން ހޯދަންޖެހުނީ ލައްކައެއްހާ ރުފިޔާއެވެ. އެކަމަކު
އެކަން އޭނާއަށް ނުވީއެވެ. ދަރިފުޅު ދުނިޔެއާއި ވަކިވެ ދިޔައީއެވެ. އެތައް
ބުރައަކާއި ވޭނެއް އުފުލައި އެންމެ އުންމީދުގެ ހުޅުކޮޅު ދިއްލެމުންދަނިކޮށް
އެހުޅުކޮޅު ނިވުނީއެވެ.
އެމަންޒަރުދެކޭކަށް އެތާކު އަހަރެންނަކަށް ކެތެއް
ނުވިއެވެ. އަމިއްލަ ކުށް އިހްސާސްވާލެއް ބޮޑުކަމުންނެވެ. މައެއްގެ އުންމީދުތަކާއި
ބުރަ މަސައްކަތުގައި ކޮޅުފައިންޖެހި މީހަކަށް އަހަރެންވެސް ވާތީއެވެ. އެކަމަކު
އަހަރެންނަށް ޔަޤީނެވެ. ދެން ދުވަހަކުވެސް އަހަރެންނަކަށް ހިތްހަމަ ޖެހުމެއް
ނުލިބޭނެއެވެ. މިކުށުގެ ކައްފާރާ އަދައެއް ނުކުރެވޭނެއެވެ. އާއެނކެވެ.
މުބާރާތްކާމިޔާބުކުރީ ނާޒްނީނެވެ. އެކަމަށް ކައުނުގެ ވެރިރައްބު ހެކިވެ
ވޮޑިގެންވާނެއެވެ. ނާޒްނީންގެ ޤުރުބާނީ ދެކެދެނެވޮޑިގެންވާނެއެވެ. މުބާރާތުން
ފެއިލްވީ އަހަރެމެންނެވެ. މުބާރާތް އިންސާފުކުރި ފަނޑިޔާރުންނެވެ. އެހެނީ
އަހަރެމެން ފެއިލްވީ ދުނިޔަވީ މުބާރާތުންނެވެ. އެއީ ދެން ބަދަލުކުރެވެން ނެތް
ކަމެކެވެ.
(ނިމުނީ)