ވާހަކަ: ޒީނާ
ކުޑަ ދަރިފުޅު
އުރާލައިގެން ޒީނާ ހޮސްޕިޓަލުން ބޭރަށް ނުކުންނަށް ހިނގައިގަތެވެ. ނިދިފައި އޮތް
ކުޑަ ދަރިފުޅު ކޮނޑުމަތީގައި ބާއްވައިގެންނެވެ. ޑޮކްޓަރަށް ދައްކަން އޭނާއަށް
ލިބުނު ނަމްބަރުގެ ކުރިއަށް އަދިވެސް ވިއްސަކަށް މީހުން ތިބީމައެވެ.
ތޮއްޖެހިފައިވާ ހާސްކަންބޮޑު ހޮސްޕިޓަލުގެ ތެރޭގައި އިނުމަށްވުރެ ކައިރީގައި ހުރި
ޕާކުގެ ގޮނޑިއެއްގައި ސާފު ވައިޖެހޭ ތަނެއްގައި އިށީނދެ އިނަސް މާރަނގަޅުވާނެ
ކަމަށް ޤަބޫލު ކުރެވިގެންނެވެ.
ހޮސްޕިޓަލުން
ބޭރަށް ނުކުންނަން ދިޔަ ވަގުތު އިމާރޖެންސީ ބައިގެ ދޮރުކައިރީގައި ހުރި ގޮނޑިބަރީގައި
އިން އުމުރުން ދުވަސްވީ ބަލި ފިރިހެނަކު ފެނިފައި ޒީނާ ހުއްޓުން ހެރިއެވެ.
އެވަގުތު ފައިއޮޅިގެން ޒީނާ ނުވެއްޓުނީ ކިރިޔާއެވެ. އެއާއެކު އަވަސް އަވަހަށް ވާތުން ފުރަގަހަށް
އަތްލައި، މޫނު ފޮތިކޮޅު ވައްޓާލައި ޒީނާ އޭނާގެ ލޯވެސް ފޮރުވިއެވެ. މޫނު ބުރުގާ އާއި
ކަޅުބޮޑުހެދުމުގެ ތެރޭގައި ޒީނާ ނިވާވީ، ބިރެއް ފެނިގެން ކަހަލައެވެ. އިރުކޮޅަކު
ހުއްޓި ހުރުމަށް ފަހު ޒީނާ އެފިރިހެން މީހާއަށް ރަނގަޅަށް ބަލާލިއެވެ.
ހިކިއަނަރޫފަވެފައިވާ
ބަލިކަށި ހަށިގަނޑެކެވެ. އުންމީދު ގެއްލި މުޅިން މާޔޫސްވެފައިވާ މޫނާއި ވަޅުވަދެ
ރީނދޫވެފައިވާ ދެލޮލާއި ނުރައިން ހުދުވެފައިވާ ދިގު ތުނބުޅިން އޭނާގެ ހާލު
ކިތަންމެހާވެސް ރީއްޗަކަށް ބަޔާންކޮށްދެއެވެ. ހިކި ކުރަކިވެފައިވާ ތުންފަތާއި،
ތުރުތުރު އަޅަމުންދިޔަ ހަށިގަނޑުން ދަލީލިކޮށްދެނީ އޭނާ ހުރީ ހުމާއި ފިހިފިހި
ކަމެވެ. ފުރަގަހަށް އަތްލައި އަޅުވާފައިވާ ބިޑިއާއި އޭނާ ލައްވާފައި ހުރި
ކަޅުފަށްދެމި ފެހިކުލައިގެ ޔުނީފޯމުން އޭނާއަކީ، ޑޮކްޓަރަށް ދައްކަން ގެނެސްފައިވާ
ގައިދީއެއްކަން އޭނާ ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
ޒީނާގެ ލޮލުން
އޮހެން ފެށި ކަރުނަތިކިތައް އެހެން މީހަކަށް ނުފެނުނަސް، ޒީނާގެ ހިތް ރޯއަޑު
އެފިރިހެން މީހާއަށް އިވުނީ ކަންނޭނގެއެވެ. އޭނާ އިސް އުފުލައި ޒީނާއާއި ދިމާއަށް
ބަލާލިގޮތުން ޒީނާއަށް ހީވީ އޭނާ އަށް ޒީނާ އެނގުނީހެންނެވެ. ޒީނާއަށް
ހޮސްޕިޓަލުގެ ދޮރާއި ދިމާއަށް ދުއްވައިގަނެވުނީ ބޭއިހްތިޔާރުގައެވެ. ޒީނާހުރީ
ކަޅުހެދުމާއި މޫނު ބުރުގާގެ ތެރޭގައި އެއްވެސް މީހަކަށް އޭނާ ދެނެ ނުގަނެވޭނެ
ވަރަށް ނިވާވެގެން ކަމުގައިވެސް ޒީނާ ހަނދާނެއް ނެތެވެ. އެއަށްވުރެބޮޑަށް އޭނާއަށް
އަސަރުކޮށްފިއެވެ. ހޮސްޕިޓަލުން ނުކުމެ، މަގު ހުރަސްކޮށް ގޮސް ކުރިމަތީގައި އޮތް
ކުޑަ ޕާކުގެ ތެރެއަށް ޒީނާ ވަނެވެ. އަދި ޕާކުގެ އެކަހެރި ހިސާބެއްގައި ގަހެއްގެ
ދަށުގައި ހުރި ހިލަގޮނޑިއެއްގެ މަތީގައި އިށީނެވެ. އަދި ކުޑަދަރިފުޅު އޭނާގެ
އުނގުތެރޭގައި ރީތިކޮށް ބޭއްވިއެވެ.
ލޯމައްޗަށް
ވައްޓާލި ފޮތިކޮޅު ފުރަގަހަށް އެއްލުމަށް ފަހު، އަތުގައި އޮތް ރުމާކޮޅުން ޒީނާ
ލޯފޮހެލިއެވެ. އެތައް އަހަރުތަކެއް ވާންދެން ހިތާމަޔާއި ހިތްދަތިކަމުގައި
ދުވަސްތައް ވޭތުކުރަމުން އައި ޒީނާގެ ހިތް ކުދިކުދިވެއްޖެވެ. އޭނާގެ ފާފައަށް
ތައުބާއެއް ނެތްކަމުގެ އިހްސާސްވަނީ އެވެ. އޭނާގެ ސަބަބުން ލޯބިވާ ބައްޕަ
ޖެހިފައިވާ ނިކަމެތިހާލު ފެނިފައި ޒީނާއަށް ކެތްނުވީއެވެ. އެނުބައި ކަމަށްފަހު
އޭނާގެ ހަޔާތްވީ ވޭނާއި އަނިޔާގެ ދުނިޔެއަކަށެވެ. ކަލާނގެ އޭނާގެ
އުރެދުމަށްޓަަކައި ދެދުނިޔޭގައިވެސް އަޒާބުދެއްވަނީ ކަމުގައި ޒީނާއަށް ޤަބޫލު
ކުރެވެއެވެ.
މިފާފަވެރި
ދުނިޔެއިން ނުކުންނާނީ ކިހިނެއް ކަމެއް ޒީނާއަކަށް ނުވިސްނުނެވެ. ބައްޕަ އާއި
ކުރިމަތިލާނެ ގޮތެއް ނޭނގުނެވެ. ބައްޕަގެ ކިބައިން މަޢާފާއި ހިތްހަލާލު ލިބިގެން
ނޫނީ އޭނާގެ ހަޔާތަށް ދުވަހަކުވެސް ނިޢުމަތެއްގެ ހިޔަންޏެއްވެސް އެޅެން ނެތްކަން
އިހްސާސްވިޔަސް އެކަން ކުރާނެ ގޮތެއް، އަދި އެފާފައިގެ ކައްފާރާ އަކީ ކޮބައިކަމެއް
ވެސް ނުވިސްނުނެވެ. ޖަލުގޮޅިއަށް ޒީނާގެ ދެއަތުން ބައްޕަ ކޮއްޕާ ވައްޓާލުމަށްފަހުގައި
އޭނާގެ ހަޔާތަށް ވީގޮތެއް ބައްޕަ އަޑުއަހައި އޭނާއަށް ހިތްހަލާލު ދޭނެއެކޭވެސް
ހިތެއް ނުބުނެއެވެ. އެހެނީ، ޒީނާ އޭނާގެ ބައްޕައަށް ދިނީ އެއަށްވުރެ މާބޮޑު
އަނިޔާއެކެވެ. ދުވަހަކުވެސް އުފަންދަރިއަކު އޭނާގެ އޭނާގެ ބައްޕައަށް ދީފައި
ނުވާފަދަ ބޮޑުއަނިޔާއެކެވެ. ޒީނާއަށް އިހްސާސްވެއެވެ. އެއީ މަޢާފެއް ނެތް
ކުށެކެވެ. ތައުބާ އާއި ކައްފާރާއެއް ނެތް ފާފައެކެވެ.
ޒީނާގެ ބައްޕަ
އުމުރު ދުވަހަށް ޖަލަށްލީ ދުވަހުން ފެށިގެން ޒީނާގެ ހަޔާތަށް އިރު އެރި ކޮންމެ
ދުވަހަކީވެސް ސުންޕާ ދުވަހެކެވެ. ބަދުނަސީބާއި ހިތާމައިގެ ދުވަހެކެވެ. ޒީނާގެ
ލޮލުން އޮހެމުންދިޔަ ކަރުގައިގެ ތެރޭގައި ނިއުޅިގެންދާން ފެށީ އޭނާގެ މާޒީއެވެ.
ޒީނާގެ ބައްޕައަކީ
މާލޭގައި އަމިއްލަ ގެދޮރުހުރި މާލޭ މީހެކެވެ. މަންމަ އަކީ މާލޭން ދެކުނުގެ
ރަށެއްގެ މީހެކެވެ. ބައްޕަގެ ވަރަށް ޅައުމުރުގައި މާމަ އާއި ކާފަނިޔާވުމުން ގޯތި
ބަހައި ބައްޕަގެ ޒުވާން އުމުރުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ރިޒޯޓް ސަޕްލައި
ވިޔަފާރިއެއް ފެށިއެެވެ. މަންމަ އާއި ބައްްޕަގެ ކައިވެނީގެ ހަފްލާއަކީވެސް އޭރު
މާލޭގައި ނުބާއްވާހައި ބޮޑު ހަފްލާއެކެވެ. ބައްޕަ ޖަލަށް ލުމާއި ހަމައަަށް
އެފޮޓޯތައް ގޭގައި އަލްބަމުގައި ހުއްޓެވެ. އެފޮޓޯތައް ޒީނާވެސް ދުއްޓެވެ. އެކަމަކު
ބައްޕަ ޖަލަށްލުމަށްފަހުގައި ކޯޓަށް ގޮސް ބައްޕަގާތުން ވަރިވުމަށް ފަހުގައި
އެފޮޓޯތައް މަންމަ އަންދާލީއެވެ.
ޒީނާގެ ޅައުމުރަކީ
އުފަލާއި ނިއުމަތުގެ ދުވަސްތަކެކެވެ. މުއްސަނދި ކަމާއި ފާގަތިކަމުގެ ދުވަސްތަކެވެ.
މުއްސަނދި ބައްޕައެއްގެ ހަމައެކަނި ހުރި ދަރިފުޅަށް ވުމުން، އޭނާއަށް ނުލިބޭ
އެއްޗެއް ނެތެެވެ. ފައިސާއަށް ގަންނަންލިބޭ ކޮންމެ އެއްޗެއް އޭނާއަށް ލިބެއެެވެ.
އެކަމަކު އެވަރުން ޒީނާއަށް ނުފުދުނީއެވެ.
ޒީނާ ބޭނުންވީ
ނުހަނު ޅައުމުރުގައިވެސް މިނިވަންކަމާއި އެކު ދިރިއުޅޭށެވެ. އެއްވެސް މީހަކު
އޭނާގެ މައްޗަށް ބަސް ނުކިޔާށެވެ. ބޭރަށް ތަންތަނަށް ދިޔުމާއި ހެދުން އެޅުމުގައި
ބައްޕަ ހިފަހައްޓާ ހިފެހެއްޓުންތައް ޒީނާއަށް މާނަކުރެވެމުން ދިޔައީ މުޅިން
އެެހެން ގޮތަކަށެވެ. އެއީ އޭނާގެ ޅަސިކުނޑިއަށް މަންމަވެސް ވިސްނައިދެމުން އައި
ގޮތްކަން ޒީނާއަށް އެނގުނީ ވާނެހުރިހާ ގޮތެއް ވެ ނިިމުނު ފަހުންނެވެ.
ބައްޕައަކީ ގިނަ
ރޭރޭ ރަށުން ބޭރުގައި ހޭދަކުރާ މީހަކަށް ވެފައި، ބައްޕަ ނުހުންނަ ރޭރޭ މަންމައާއި
އެކު ކޮޓަރީގައި މަންމަގެ ރަށު މީހަކު އުޅޭތީ ޒީނާއަށް ފެނުނަސް އެހިނގަނީ
ކޮންކަމެއް ކަމެއް އޭރަކު ޒީނާއަކަށް ނުވިސްނެއެވެ. އަދިއެކަމާއި ސުވާލެއްވެސް
ނުއުފެދެއެެވެ. ސަބަބަކީ އެމީހާވެސް ޒީނާއަށް ކޮއްކޮ ކިޔައި ގާތްކޮށްގެން
ގެންގުޅޭތީއެވެ. އޭގެ އިތުރުން އޭނާގެ ބަސްތަކުންވެސް ޒީނާއަށް ވިސްނައިދެމުން
ދިޔައީ ބައްޕަ ޒީނާދެެކެ ލޯބި ނުވާކަމާއި ގިނަ ކަންކަމަށް ހުރަސް އަޅަނީ އެހެންވެ
ކަމުގައެވެ.
އެއީ ޒީނާގެ ބައްޕަ
ރަށުގައި ނެތްރެއެކެެވެ. މަންމަ އާއި އެކު ޒީނާ މޭޒުދޮށުގައި ކާން އިންދައި މަންމަ
ގާތަށް އަންނަ މަންމަގެ ރަށުމީހާ ހުސޭނު އައިސް ވަނެވެ. ސަލާންެވެސް ގޮވައި ނުލާ
އަދި އެއްވެސް އެއްޗެކޭވެސް ނުބުނެ އައިގޮތަށް އައިސް ގޮނޑިދަމާލާފައި ކާމޭޒުދޮށުގައި
އޭނާ އިށީން ގޮތުންވެސް ހީވީ، އޭނާގެ އަމިއްލަ ގެއެއްގައި އޭނާ އުޅޭހެންނެވެ.
ހުސޭނުވެސް އައިގޮތަށް ފެށީ ޒީނާއަށް ކުލާސްތެރެއިން އަޑު އިވުނު ވާހަކައެވެ.
ޒީނާގެ ކުލާސްކުއްޖެއްގެ ބައްޕަ އެކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި
ވާހަކައެވެ.
ޒީނާވެސް ޒީނާގެ
ބައްޕަ ޒީނާއަށް އެފަދަ ގޯނާއެއްކޮށްފި ކަމަށް ބުނެފިނަމަ ހައްޔަރުކޮށްފާނެތޯ
މަންމަ އާއި ސުވާލުކޮށްލިއެވެ. އެވަގުތު ޒީނާގެ މަންމަ އާއި ހުސޭނުގެ މޫނުން
ހައިރާން ކަމަށްވުރެ ބޮޑަށް ޒީނާއަށް ފެނުނީ އުފާވެރިކަމެކެެވެ. ވަރަށް ގަޔާވެފައި
އެފަދަކަމެއް ހިނގީތޯ ހުސޭނު ޒީނާގާތު އަހާލުމުން ޒީނާ ތުންދަމާލިއެވެ. އެއާއެކު
ޒީނާގެ މަންމަ ޒީނާއަށް ފެށީ ހިއްވަރުލައިދޭށެވެ. ބައްޕަ ނަމަވެސް އެފަދަ ކަމެއް
ކޮއްފިނަމަ ބުނަންވާނެ ކަމެވެ. އެއީ ހިއްވަރުގަދަ ކުދިންގެ ގޮތްކަމެވެ.
ޒީނާއަށް ހޭލެވުނީ މީހަކު
އޭނާގެ ނިއްކުރީގައި ފިރުމާލުމުންނެވެ. ލޯހުޅުވާލި އިރު ބައްޕަގެ މޫނު ހުރީ ޒީނާގެ
މޫނާއި މޫނު ޖެހޭ ހިސާބުގައެވެ. ޒީނާގެ ނިއްކުރީގައި ބައްްޕަ ބޮސްދިނީ ނުހަނު
ލޯބިންނެވެ. އެކަމަކު ސިހިފައި ޒީނާއަށް ތެދުވެވުނީ އެވެ. ބިރުން ހަޅޭލަވައި
ގަނެވުނީއެވެ. ޒީނާގެ މިއާދަޔާ ޚިލާފު ހަރަކާތުން ޒީނާގެ ބައްޕަ ރައޫފަށް ލިބުނީ
ހައިރާން ކަމެކެވެ. އޭނާ ހުއްޓުން އަރާފައި ހުއްޓައި، ދުވެ މަރުވަމުން ކަހަލަ
ގޮތަކަށް ޖެހިގެން ހުރި ކޮޓަރިން ނުުކުމެގެން އައިސް އެކޮޓަރިއަށް ވަނީ ޒީނާގެ
މަންމައެވެ.
ޒީނާގެ މަންމަ
އައިގޮތަށް އައިސް ޒީނާގައިގައި ބައްދާލުމަށް ފަހު ރައޫފަށް ވަގުތުން ކޮޓަރިން
ނުކުންނަން އެންގުމުން ރައޫފަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އޭނާ ކޮޓަރިން
ބޭރަށް ނުކުތީ ޒީނާއަށް ވީގޮތަކާއި މެދު ހައިރާންވެ އަންތަރީސްވެ ހުރެއެވެ. އެހެނީ
އަބަދުވެސް ރަށުންބޭރުގައި އުޅެފައި ގެއަށް އަންނަ ގޮތަށް އޭނާ ދަރިފުޅާއި ބައްދަލުކުރާތީއެވެ.
ނިދާފައި އޮތް ނަަމަވެސް ނިއްކުރީގައި ފިރުމާލައި ދޮނެއް ދޭތީއެވެ. އެއީ ޒީނާ
އެންމެ ކުޑައިރުންފެށިގެންވެސް އޭނާ އަމަލުކުރާގޮތަށް ވެފައި އޭނާގެ ހިތުގައި
ދަރިފުޅަށް އޮތް ލޯބި ކަމުގައި ވާތީއެވެ.
އެރޭ އެދަންވަރު
ކުއްލިއަކަށް ފުލުހުން އައިސް އެގެއަށް ވަނުމުން ލިބުނު ހައިރާންކަމުގައި އެއްޗެއް
ނުބުނެވި އުޅެނިކޮށް ފުލުހުން ބުނިއެއްޗަކުން ރައޫފަށް ހީވީ ދުނިޔެެ އެނބުރިގަތް
ހެންނެވެ. އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާ
ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކުރަނީ ކަމަށް ބުނުމުންނެވެ. އެއަށްވުރެ
ބޮޑަށް ދެން އޭނާ ހައިރާންވެ ބަސް ހުއްޓުނީ އެރިޕޯޓް ކުރި މީހަކީ އޭނާގެ އަނބިމީހާ ކަން
އެނގުމުންނެވެ.
މިއަދު ނޫނިއްޔާ
އެރޭގެ ފަހުން ޒީނާ އޭނާގެ ބައްޕައެއް ނުދެކެއެވެ. ކޯޓަށް ހެކިބަސް ނަގާކަށްވެސް
ޒީނާ ނުގެންދެއެވެ. މަންމަ ކިޔައިދީ ދަސްކޮށްދިންގޮތަށް އޭނާ ގޭގައި އިނދެ
ފުލުހުންނަށް ބަޔާނެއްދިނީއެވެ. މަންމަ އޭނާއަށް ވިސްނައިދިނީ އެންމެ
ކުޑައިރުއްސުރެވެސް ބައްޕަ އެކުރަނީ ޖިންސީގޯނާ ކަމުގައެވެ. އަދި ބައްޕަ ކުރާކަމެއް
ފުލުހުންގާތުވެސް ބުނަން ނުކެރޭނެ ކަމަށް ބުނު މަށެވެ. އެވާހަކަތައް ކިޔައި ދޭނީ މަންމަ
ކަމުގައި ބުނެއެވެ.
ބައްޕަ ބަންދު
ކުރުމާއި އެކު ޒީނާއަށް މިނިވަންކަން ލިބުނީއެވެ. ރައްޓެހިންނާއި ކުލާސްކުދިންނާއި
އެކު ބީޗަށާއި ރެސްޓޯރެންޓްތަކަށްވެސް ދާންފެށީއެވެ. ހަމައެއާއިއެކު ބައްޕަ 25
އަހަރަށް ޖަލަށްލުމުގެ ކުރިން ކޯޓަށްގޮސް މަންމަވެސް ބައްޕަ ގާތުން ވަރިވީއެވެ. ދުނިޔޭގެ
ކުރިމަތީގައި މަންމަވީ ހިއްވަރުގަދަ އަންހެނަކަށެވެ. ކެރޭ މީހަކަށެވެ. އިންސާފަށް
ލޯބިކުރާ މީހަކަށެވެ.
އެކަމަކު އެދުވަހު
މަންމަގެ ރޭވުމާއި ނުބައިކަން ނޭނގުނަސް މިއަދު ޒީނާއަށް އެކަން އެނގެއެވެ.
އެމީހުން ޒީނާ ބޭނުންކުރީ އެމީހުންގެ މަޤުޞަދު ޙާސިލްކުރުމަށް ކަމަށެވެ. ބައްޕަގެ
މުދަލާއި ފައިސާގެ ބޭނުމުގައެވެ. ހުސޭނަކީ މަންމަގެ ކުރީގެ ލޯބިވެރިޔާއެވެ. ޒީނާގެ
އަސްލު ބައްޕައަކީވެސް އެއީ އެވެ. އެކަމަކު އެކަން ނޭނގެނީ ދުނިޔެއަށާއި
ރައޫފަށެވެ.
ވާގިނެތޭ ބަލިޖެހި
ދިރިހުރެ އެކަމަކު މަރުވެފައިވާ މައްޔިތެއް ފަދައިން ހޮސްޕިޓަލުގައި އެތަކެއް
ދުވަހު އޮތުމަށް ފަހު މަންމަ ނިޔާވީއެވެ. މަންމަ ނިޔާވުމުގެ ކުރިން މަންމަގެ
ދުލުން ޒީނާއަށް އެވާހަކަތައް ކިޔައިދިނެވެ. މަޢާފަށް އެދުނެވެ. އަދި ރައޫފުގެ
ކިބައިންވެސް މަޢާފަށް އެދޭކަމުގައި ބުންޏެވެ. އެހެން ނަމަވެސް އެދުވަހުގެ ފަހުން
ޒީނާގެ ހިތުގައި މަންމައާއި މެދު އުފެދުނީ ނަފުރަތާއި ރުޅިވެރިކަމެވެ. ދެވުނީ
ލައުނަތެވެ.
ރައޫފު ޖަލުގައި
ހޭދަކުރި މި 14 އަހަރުގެ ތެރޭގައި ޒީނާގެ ދިރިއުޅުމުގެ ހުރިހާކަމެއް ވަނީ
އެކޮޅުކޮޅުން ޖެހިފައެވެ. ރައޫފުގެ އަތުން މަންމަ ފޭރިގަތް މުދާ، ހުސޭނު
ފޭރިގަތީއެވެ. މަސްތުވާތަކެތީގެ އަޅަކަށް ވެފައި ހުރި މީހަކާ ޒީނާ ދެވައި
މަގުމަތިކޮށްލީއެެވެ. ކުލީ ކޮޓަރިގަނޑެއްގައި ޒީނާ މިއަދު ދިރިއުޅެނީ ފަގީރު
ވޭންދެނިވި ދިރިއުޅުމެކެވެ. ފައިސާނެތި އަތްމަތި ދަތިވެގޮސް ފިރިމީހާ އޭނާލައްވައި
ދުނިޔޭގައި ލެއްވި އެންމެ ބޮޑު ފާހިޝް އަމަލުވެސް ގަދަ މަޖުބޫރުން ހިންގުވަނީއެވެ.
އޭނާގެ މޫނާއި ހަށިގަނޑުގައި ވަނީ ފިރިމީހާގެ ފަރާތުން ލިބިފައިވާ އަނިޔާގެ
ލަކުނުތަކެވެ. ދީނީކަމަކަށްވުރެ ބޮޑަށް އޭނާ މޫނުބުރުގާ އަޅަނީވެސް ދުނިޔެއަށް
ފިލުމަށެވެ.
"ދަރިފުޅާ،
ޒީނާ" ވަރަށް ގާތުން މީހަކު ގޮވާލި އަޑަށް ޒީނާ ސިހިގެން ދިޔައެވެ. އޭރު އޭނާ
އާއި ދާދި ގާތުގައި ހުރީ ރައޫފެެވެ. ޒީނާ އޭނާގެ ބައްޕަގެ ގޮތުގައި އަބަދުވެސް
ދެކޭ އޭނާގެ ނުއުފަންނަ ބައްޕައެވެ. 14 އަހަރު ފަހުން އަދި އަމުދުން މޫނު
ބުރުގާއަޅައިގެން ޒީނާ ހުއްޓައި ރައޫފަށް ޒީނާ ދެނެގަންނަން އެނގުމުން ޒީނާވީ
ހައިރާނެވެ.
"މިޖަލު
އޮފިސަރަށް ވަރަށް އާދޭސްކޮށްގެން ދަރިފުޅާ ވާހަކަ ދައްކާލެވޭތޯ މިއައީ"
ބަލިކަށި ވޭނީ އަޑުން ރައޫފް ބުންޏެވެ. އެއަޑުގައި އެއްވެސް އުއްމީދެއް ނެތްކަން
ޒީނާއަށް ފާހަގަ ވިއެވެ.
"ޒީނާއެއް
ނޫން މީ" ޒީނާ މަޑުމަޑުން ބުންޏެވެ. ރައޫފަށް ޒީނާ އެނގޭކަށް އޭނާ ބޭނުމެއް
ނުވެއެވެ.
"އެކަމަކު!
ކޮއިފުޅުގެ އުނގުގައި ތިޔަ އޮތް ކުޑަ ދަރިފުޅު، އަހަރެންގެ ޒީނާ އާއި އެއްވެސް ތަފާތެއް ނެތް، އަހަރެން ހީކުރީ ތިޔައީ
މިކުއްޖާގެ މަންމަ ކަމަށްވާނަމަ، ތިޔަައީ ޒީނާކަމަށް" ރައޫފް ބުންޏެވެ.
ރައޫފް
ޖަލުއޮފިސަރާއި އެކު ހިނގައިގަތެވެ. އޭނާގެ ވަރުދެރަ ހަށިގަނޑުން އިތުރަށް ހަކަތަ
ބަލިވީކަންނޭނގެއެވެ. ތަންކޮޅަކަށް ހިނގައިގަތްތަނާ އޭނާ އަރިއަޅާލައިފިއެވެ.
ޒީނާއަށް ބައްޕާއޭ ކިޔާފައި އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ އިހުތިޔާރުން
ބޭރުގައެވެ. އޭނާގެ އަޑުވީއްލުނީ ކީއްވެކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
ރައޫފު
ބިންމައްޗަށް ވެއްޓުމުގެ ކުރިން ޖަލުއޮފިސަރު ހުށިޔާރުކަމާއި އެކު ހިފެހެއްޓިއެވެ.
އަދި މަޑުމަޑުން ރައޫފު ތިރިކޮށް ވިނަގަނޑުމަތީ ބޭއްވުމަށް ފަހު އޭނާ އަތުގެ
އިޝާރާތުން ހޮސްޕިޓަލުގެ ދޮރުމަތީގައި ތިބިބަޔަކަށް ސްޓްރެޗަރ ގެންނަން
ގޮވަންފެށިއެވެ.
ދަރިފުޅު
ކޮނޑަށްލައިގެން ދުވެފައި ގޮސް ޒީނާވެސް ރައޫފުކައިރީގައި ކުޑަކަކޫ ޖަހާފައި
އިށީނެވެ. މޫނު ބުރުގާގެ ފޮތިގަނޑު އޭނާއަށް ނެގުނީވެސް އިހުތިޔާރަކާ ނުލައެވެ.
ޒީނާގެ މޫނު ފެނުމާއި އެކު ރައޫފް ހިނިތުންވެލިއެވެ. އެހިނިތުންވުމާއި އެކު އޭނާގެ
އެންމެފަހުނޭވާ ދޫކޮށްލީ މަސައްކަތެއްކޮށް ވަރުބަލިވެފައިވާ މީހަކު މާނޭވާއެއް
ލީފަދައިންނެވެ.
ދުވެފައި އައި
މީހުންތައް ހޮސްޕިޓަލުން ނެރެގެން ގެނައި ސްޓްރެޗަރ މަތީގައި ބާއްވައިގެން ރައޫފު
ގެންގޮސް ހޮސްޕިޓަލަށް ވެއްދި އިރުވެސް ޖެހި ބުދެއްހެން އިންތާނގައި ޒީނާ އިނެވެ.
ކޮނޑުމަތީގައި އޮތް ދަރިފުޅު ރޮމުންދިޔައިރު އެކަމުގެ އިހުސާސެއްވެސް ނެތެވެ.
އޭނާއަށް ފެންނަމުން ދިޔައީ ވަށައިގެންވާ ހުރިހާ މަންޒަރެއްވެސް
ހުއްޓިފައިވާތީއެވެ. އެތައް އިރެއްފަހުން ޒީނާ ހިނގައިގަތެވެ. އަމިއްލަ ނަފުސާއި
މެދު ހިތާމަކުރަމުންނެވެ. ލިބުނު އެންމެ ފަހުގެ ފުރުސަތުގެ ބޭނުންވެސް ނުކުރެވި،
ފާފަތަކާއި އެކު އަދި މައާފް ނުލިބުނު ހާލުގައި ކަލާނގެ ހަޟުރަތަށް އޭނާވެސް
އެނބުރިދާންޖެހޭނެ ކަމުގެ ހިތާމަކުރަމުންނެވެ.
އެދުވަހުގެ
ފަހުންވެސް ޒީނާ ދިރިއުޅެންޖެހުނީ އެހިތާމަޔާއި ހިތްދަތިކަމުގައެވެ. ހަޔާތުގައި
އުފަލެއް ހިތްހަމަޖެހުމެއް ނުލިބިއެވެ. އެކަމަކު އޭނާގެ ހިތުގައި އަޒުމެއް
އޮތެެވެ. އެއީ ހުސޭނުގެ ކިބައިން ބަދަލު ހިފުމެވެ.
****************