Thursday, July 31, 2008
11:26 BREAKING NEWS UPDATE
ރޭފަތިހު ހައްދުންމަތީ މާމެންދޫން ދެމީހުންނާއި އެކު ކުރުމަހުގެ މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަމުން އެބަދޭ. މާމެންދޫ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މިދެމީހުންނާއި ދޯނި ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު މެންދުރުފަހު ހައްދުންމަތީގެ ދެކުނުބިތުގެ ރައްތަކަށް ޖެހުނު ބާރުގަދަ ކޮޅިގަނޑަށްފަހު. ގެއްލިގެން ހޯދަމުންދާ މިދެމީހުންނަކީ، ހައްދުންމަތީ މާމެންދޫ ބިންބިމާގޭ އުމުރުން 61 އަހަރުގެ އަހުމަދު އަބޫބަކުރާއި، އެރަށު ކުދި ލުނބޯމާގޭ އުމުރުން 71 އަހަރުގެ ޢަލީ ހުސޭން. 35 ފޫޓުގެ ފައިބަރު މަސްދޯންޏެއްގައި މިދެމީހުން ކުރުމަހުގެ މަސްވެރިކަމަށް ނުކުތީ ރޭގެ ފަތިސްނަމާދަށްފަހު. އަދި މިއަދު ހެނދުނު ހައެއްޖެހި ފަހުން ހައްދުންމަތީ ގާދޫ ކަނޑުއޮޅިމަތިން ކުނަހަންދޫ ދޯންޏަކަށް މިމީހުން ފެނިފައިވޭ. ކުރުމަސް ނަމަކަށް ކިޔާ މިދޯނީގެ ބޭރުގައި ލާފައިހުންނާނީ މަޑުނޫކުލަ ކަމަށާއި މިދޯންޏަކީ އާދައިގެ އިންޖީނުއެޅި ދޯންޏެއްކަމަށްވެސް މާމެންދޫ އޮފީހުން މަޢުލޫމާތު ދީފައިވޭ. އަދި ކުރުމަހަށް ނުކުމެ އުޅުނު މިދޯނީގައި މުވާޞަލާތު ކުރެވޭނެ އެއްވެސް ވަޞީލަތެއް ނުހުންނާނެ ކަމަށާއި، އަދި ކާނާވެސް ހުރިކަމަށް ނުބެލެވޭ ކަމަށާއި އެހެންނަމަވެސް ކޮންމެވެސް ވަރަކަށް އެދޯނީގައި ބޯފެންހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް މާމެންދޫ އޮފީހުން ވިދާޅުވޭ. މިދޯނި ހޯދުމަށް މާމެންދޫގެ ދެދޯންޏާއި ކޯސްޓްގާޑުގެ އުޅަނދެއް މިހާރުވެސް ދަނީ ހަރަކާތްތެރިވަމުން. މިދޯނި ކުރުމަހުގެ މަސްވެރިކަމަށް ނުކުތްކަމަށްވަނީ ލ އަތޮޅުގެ އިރުމަތީ ފަރާތުން މާކަނޑަށް.
Subscribe to:
Post Comments (Atom)
No comments:
Post a Comment