Wednesday, December 25, 2013

ދިވެހި ރެފިއުޖީންގެ ދުވަސް - 26 ޑިސެމްބަރު 2013

ސުނާމީ ކާރިސާއަށް މިއަދަށް 9 އަހަރު ފުރުނީއެވެ. އެހެން ނަމަވެސް އެހަނދާންތަކާއި އެއަސަރުތައް އަޅުގަނޑުގެހިތުގައި ބިންވަޅު ނެގިފައިވަނީ ގަލުވަޑާންކުރާ ވަޑިޔަކު ހިލައިގައި ބިންވަޅު ކެނޑި ރޮނގެއް ފަދައިންނެވެ. އެމަންޒަރުތައް މިއަދުވެސް މިލޮލުގެ ކުރިމަތީގައި ސިފަވަނީ ދެންމެ ވީކަމެއް ފަދައިންނެވެ. އެފާރުތައް މިހިރީ 9 އަހަރުވީ އިރުވެސް ނުހިކި ރޮލަށެވެ. ކުރާނެކަމެއް ނެތެވެ. ނަޞީބުގައި ހުރިގޮތެވެ. މިނަވްރުފުޅުގައި އަޒަލުގައި ލިޔުއްވާފައިވާ ގޮތެވެ.

ސުނާމީ ކާރިސާގައި ރާއްޖޭން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. 11000 ވުރެ ގިނަމީހުން ގެދޮރުނެތި ބިކަހާލުގައި ޖެހުނެވެ. އާބާދީގެ ލައްކަ އަކަށްވުރެ ގިނަ މީހުންނަށް ސީދާގޮތުން އެކާރިސާގެ އަސަރުތައް ފޯރިއެވެ. ނުސީދާ ގޮތުން އެކާރިސާގެ ގެއްލުން ހިއްސާނުކުރާ އެއްވެސް ދިވެހި ރައްޔިތަކު މިދިވެހި ބިމުގައި ނުހުންނާނެކަން ޔަޤީނެވެ.

އެހާދިސާއަށް މިއަދު 9 އަހަރު ފުރިގެން އެވާހަކަތައް މީޑިޔާތަކުގެ ފަލަސުރުހީގައި އެނބުރެމުންދާނެއެވެ. ޤައުމީ އެއްބައިވަންތަ ކަމަށް ގޮވާލެވޭ އަޑެއްގެ ގޮތުގައެވެ. އެއްބައިވަންތަކަމަށް ފަޚުރުވެރިވާ ހާލުގައެވެ. އެހެން ނަމަވެސް އެކަމާއި މެދު އަޅުގަނޑުގެ ހިތުގައި އުފެދެނީ ފާޑެއްގެ ނަފްރަތެކެވެ. ބޮޑު ބޮޑެތީން އެވާހަކަތައް މީޑިޔާތަކަށް އަރައިތިބެ ދެއްކުމުން އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އެމީހުންނަށް ރައްދު ކުރެވެނީ ލައުނަތެވެ.

ސުނާމީ ކާރިސާގައި ގެދޮރު ގެއްލި ދިޔަމީހުންނަށް ސަރުކާރުން އެހީ ނުވެއެކޭ ބުނާކަށް ނެތީމެވެ. އަދި އެމީހުންނަށް ގެދޮރު އަޅައިނުދެއެކޭވެސް ބުނާކަށް ނެތީމެވެ. އެހެނީ މުޅިން ނުނިމުނަސް އެމަސައްކަތް އޮތީ ކުރެވިފައެވެ. ފިނިހަކަ ދުވާ ބާރުމިނުގައި ކަމަށް ވިނަމަވެސް މެއެވެ.

ސުނާމީގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނީ ތ ވިލުފުއްޓާއި ތ.މަޑިފުއްޓާއި މ. މަޑިފުއްޓާއި މ ކޮޅުފުއްޓާއި ދ. ގެމެންދޫއާއި ރ ކަނދޮޅުދޫއަށެވެ. މިރަށްތަކުގެ ރައްޔިތުންގެ ތެރެއިން ދ ގެމެންދޫ ރައްޔިތުން ހިޖުރަކުރީ އެއަތޮޅު ކުޑަހުވަދޫ އަށެވެ. މ.މަޑިފުށީ މީހުން ހިޖުރަކުރީ އދ މާމިގިއްޔަށެވެ. އެމީހުން މިއަދުވަނީ އެމީހުންގެ ގެދޮރުގައި ވަޒަންވެރިވެ ދިރިއުޅުން ހަމަޖެހިފައެވެ. ތ.މަޑިފުށީގެ ރައްޔިތުންނަށްެވެސް ގެދޮރު އަޅައިދެވި ދިރިއުޅުން އާއްމު ހާލަތަކަށް ބަދަލުވި ނަމަވެސް އަދިވެސް ބައެއް ގެތައް ހުރީ މަސައްކަތް ފެށިގޮތަށް 600 ޓަނުގެ ނަގިއްޔެއް ތަނަކަށް ވައްޓާލައި ގުޑުވާނުލެވި އޮތްހެން މަސައްކަތް ހުއްޓިފައެވެ. މ. ކޮޅުފުށީގެ ރައްޔިތުންނަށް ގެދޮރު އަޅައި ދިނުމުގެ މަސައްކަތް ހިނގަމުންދާއިރު ވިލުފުއްޓާ ދުވާފަރު އެއޮތީ ލޯމައްޗަށް ނިމިފައެވެ.

ދުވާފަރާއި ވިލުފުއްޓަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ޕްލޭންކުރެވިފައިވާ މަގުތަކެއް ފެންނާނެއެވެ. ރީތި ގެތަކެއް ފެންނާނެއެވެ. އެކަމަކު އެގެތަކުގެ ތެރޭގައި ދިރިއުޅޭމީހުންގެ ހާލު ފެންނަ ވަރަށްވުރެ ދިވެހި ދައުލަތުގެ ލޯ ކަނެވެ. އެމީހުންގެ ކެކުޅުމުގެ އަޑު އިވޭ ވަރަށްވުރެ ކަންފަތް ބީރެވެ. އެމީހުންގެ ހާލަތު ވަޒަން ކުރެވޭ ވަރަށްވުރެ ދިވެހި ދައުލަތުގެ ހިއްސު ކެނޑިފައިވާ ވަރު ބޮޑެވެ. އެމީހުންގެ ފަރުދީ ހައްޤުތަކާއި އިޖުތިމާއީ ހައްގުތައް ނަގާލެވިފައިވާތާ އެތައް އަހަރެއްވާއިރު ދިވެހިދައުލަތް އޮތީ ކޯމާއެއްގައި ހެއްޔެވެ؟ ހިއުމަންރައިޓްސް ކޮމިޝަނާއި އެފަދަ މުއައްސަސާތައް އޮތީ މަރުވެ ހަރުދަނޑި އަރާފައި ހެއްޔެވެ؟

ތެދެކެވެ. ވިލުފުއްޓާއި ދުވާފަރު އެއޮތީ ރާއްޖޭގައި އެފަދަ އެހެން ރަށްތަކެއް ނެތް މިންވަރަށް ތަރައްޤީވެފައެވެ. އެކަމަކު އެއީ އަތްކަންކުރާމީހަކު ލޮއިގައި ރަނުންކޮށްފައިވާ ގިރިޓީއެއްކަމަށް ބުނެފިނަމަ ތިޔަ ބޭފުޅުން ބުނާނީ އަޅުގަނޑުމެންނަކީ މިންވަރަށް އީމާންނުވާ ބައެއް ކަމަށެވެ. އެކަމަކު މިލިޔުމާއިގެން ކުރިޔަށް ވަޑައިގަތުމަށް އަޅުގަނޑު ތިޔަބޭފުޅާއަށް ދަޢުވަތު އަރުވަމެވެ. ހަޤީޤީ މަންޒަރު ހަމަލޮލުން ދެކި ލުމަށެވެ.

ސުނާމީ ކާރިސާއަށް ފަހު ވިލުފުއްޓާއި ދުވާފަރުގައި އެޅިފައި އެވަނީ ވަގުތީ ދާއިމީ ގެތަކެކެވެ. ގެތައް ބަހާފައިވާ ދެވިފައިވާ ގޮތުން އެތައް ބައެއްގެ ހައްޤުވަނީ ގެއްލިފައެވެ. އިސްލާމްދީނާއި ދިވެހި ޘަޤާފަތާއި ހުރި ފުށުއެރުންތައް ބޮޑުކަމުން އެއޮތީ ދެން ކުރިޔަށް ފިޔަވަޅެއް ނޭޅޭވަރަށް މަގު ބަންދުވެފައެވެ. އެކަމަކު އެކަމާއި މެދު ދިވެހި ދައުލަތަށް ކަހެރު ވަކެކޭވެސް ހިތަށް އެރި ބާވައެވެ؟

ގެތައް ބަހާފައިވަނީ ސުނާމީގައި ވަގުތީ ހިޔާތަކަށް މީހުން ބެހި އުސޫލުންނެވެ. ވަގުތީ ރަޖިސްޓްރީއަކަށެވެ. އެހެން ކަމުން އެއްވެސް މީހަކަށް ގެ ރަޖިސްޓްރީ ކޮށްދެވޭނެ ގޮތެއް ނެތެވެ. އަނބިމީހާ ވަރި ކުރާ ދުވަހު އޭނާގެ ނަން ހިމަނައިގެން ލިބިފައިވާގެއިން އޭނާއަށްވީބައި ވަކިކޮށްގެން ގެންދެވެން ނެތީމައެވެ. އަދި ބައިކުރެވޭނެ ޖާގަވެސް ނެތީމައެވެ. އެއްވެސް އާއިލާއެއްގެ އެންމެ އިސްމިހާ މަންމަ ނުވަތަ ބައްޕައަށް ގެ ރަޖިސްޓްރީ ކޮށްދެވެންނެތީ، އެކަން ކުރެވިފައި އޮތީ އިސްލާމްދީނުގައި ތަރިކަމުދާ ބެހޭ އުސޫލަށް ނުބަލައިކަމަށްވާތީއެވެ.

ގެތައް ރަޖިސްޓްރީ ނުކުރެވި ދިގު 5 އަހަރު ފާއިތުވެ ދިޔަ އިރު އެކަން ސަރުކާރަކަށް ބޮޑެއް ނޫނެވެ. އެކަމާއި ހެދި ވިލުފުށީގައި ކިތަންމެ ބިން އޮތަސް ގޯއްޗެއް ދެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ ގެތައް ރަޖިސްތްރީ ނުކުރެވޭނެނަމަ ގޯތި ލިބުން ހައްޤުވާބައެއް ކައުންސިލަށް ކަނޑަނޭޅޭތީއެވެ. 337 މިލިއަން ރުފިޔާގެ އަގުހުރިބިމުން ރައްޔިތުންނަށް ހިޔާވަހިކަމެއް ނުލިބުނެވެ. ސަރުކާރުން ހީކުރީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަކީ ގަލުގެ ބުދުތަކެއް ކަމަށް ބާވައެވެ. އެމީހުން މީހުންނާއި ނުއިންނާނެކަމަށް ބާވައެވެ. އެމީހުންނަށް ދަރީން ނުލިބޭނެ ކަމަށް ބާވައެވެ. އާއިލާތައް ބޮޑެތިވެ ގެތަކުގައި މީހުން ތޮއްޖެހެމުން އަންނަ އިރު ދެންވާނެ ގޮތްތައް އަޅުގަނޑު އިތުރަށް ކިޔައިދޭކަށް ނެތީމެވެ. މިކަންކަމުގެ ތެރޭގައި އާއިލާތައް ބިކަވެ އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި އަހަރުތައް ގުނަމުންދާއިރު ދައުލަތާއި ސަރުކާރުން އެއޮތީ ކުޅިބަލާށެވެ. ރައްޔިތުންގެ ހައްގާ އެއްބައިވަންތަކަމަށް ގޮވާލާށެވެ. އެކަމުން އަޅުގަނޑުގެ ކެކެނީ ލެއެވެ. އަންނަނީ ރުޅި އެވެ. އެތިބަ މީހުންގެ ދެފުއްކެހެރި ކަމާއެވެ.

ދެން އޮތީ މާބޮޑު ކަމެކެވެ. ވިލުފުއްޓާއި ކަނދޮޅުދޫގެ ކޮންމެ ރައްޔިތަކު ރަޖިސްޓްރީ ވެފައިވަނީ ވުޖޫދުގައި ނުވެސް ނެތް ގެތަކަކަށެވެ. ސުނާމީ އައިސް އެގެތަށް ބަނޑު އަކިރިތަކެއް ފަދައިން ކަނޑަށް ދަމައިގަނެގެން ގެންދިޔަތާ 9 އަހަރު ވެއްޖެކަމެއް ދިވެހި ދައުލަތާއި ސަރުކާރަކަށް ނޭނގެއެވެ. 2004 އަހަރު ފަހުން މިދެރަށަށް އަލަށް އުފަންވި ގިނަކުދީންވެސް ރަޖިސްޓްރީ ކުރަންޖެހެނީ ވުޖޫދުގައިނެތް އެގެތަކަށެވެ. ބޭންކުން ލޯނެއް ނަގަން އެއިން ގެއެއްގެ ރަޖިސްޓްރީ ޤަބޫލެއް ނުކުރެއެވެ. ދައުލަތާއި ސަރުކާރުގެ ހުރިހާ އިދާރީ ލިޔެކިޔުންތަކުގައި އެގެތައް އެބަހުއްޓެވެ. ވީމާ ހައްޤުތަކުގެ ވާހަކަ އެމީހުން އެދައްކަނީ ކިހިނެއްތޯއެވެ.

ދެން އޮތީ އެއްބައިވަންތަ ކަމުގެ ވާހަކައެވެ. ތެދެކެވެ. 2004 ގެ ސުނާމީ އާއި ގުޅިގެން ދިވެހިންގެ ކިބައިން ފެނުނީ ލާމަސީލު އެއްބައިވަންތަ ކަމެކެވެ. އަތުގައި އެއްވެސް އެއްޗެއްނެތި ބީރައްޓެހި ރަށަކަށް އަޅުގަނޑުގެ އާއިލާ ދިޔަދުވަހު އެރަށުން ލިބުނީ އުންމީދުވެސް ނުކުރާ ހިތަށްވެސް ނުގެނެވޭފަދަ އޯގާތެރިކަމާއި އެހީތެރިކަމެވެ. ތ އަތޮޅު ގުރައިދޫއާއި ވިލުފުއްޓަކީ ޒަމާނުއްސުރެ ވާދަވެރިކަން އޮތް ދެރަށެވެ. އެކަމަކު ވިލުފުށި ފުނޑުފުނޑުވެ ދިޔުމުން ހަތަރު ފަސްމޭލު ދުރުގައި ތިބި ގުރައިދޫމީހުން އައިސް ވިލުފުށީ މީހުން އެރަށަށް ގެންދިޔައެވެ. އެމީހުން ހޭލާތިބެފައި އަޅުގަނޑުމެން ނިދަން އެމީހުންގެ ކޮޓަރިތަކާއި އެނދުތައް ދިނެވެ. އަންނައުނާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ މަގުތައް ފަހިކޮށްދިނީ އިންސާނިއްޔަތު އެކަމަށްޓަކައި ހެކިވެ ޝުކުރުވެރިވާނެ މިންވަރަށެވެ. އެކަމަކު މިއަދު އެހެންތޯއެވެ. މިއަދު މިތިބީ މިތުރުން ހަތުރުންނަށް ވެފައެވެ. އެއްދިމާއަށް މޫނު އަނބުރާ ނުލެވޭ ވަރުވެފައެވެ. ޑިމޮކްރަސީ އާއި ޕާޓީ ސިސްޓަމުގައި ޖެހި އަވަދިވެގެންނެވެ.

އެއީ ޑިމޮކްރަސީގެ ސަބަބުން ވީކަމެއް ނޫނެވެ. ޑިމޮކްރަސީ ނުދަންނަ އަދި ސިޔާސަތު ނޭނގޭ ސިޔާސަ މީހުންގެ ސަބަބުން ވީކަމެކެވެ. އެމީހުން ބެލީ އަނެކާ އަށް ކުނި ހުތުރު ގޮވައި އާޑަފުރައްސާރަކޮށް އަނެކާގެ ނެތިމޮށެގެން ތިމާ މޮޅު މީހަކަށްވުމަށެވެ. ދޮގާއި ހަސަދައިގެ ތެރެއަށް ރައްޔިތުން ގަންބައިގެން ވެރިކަމުގެ ޖާހާއި ލައްޒަތު ހޯދުމަށެވެ. ޑިމޮކްރަސީ އަކީ ކެމްޕޭން ކުރުން ކަމުގައި ވީނަމަވެސް އެމީހުން ދަންނަނީ އަދި ދަސްކޮށްދިނީވެސް އެންޓިކެމްޕޭން ކުރާށެވެ. ހަޤީޤަތުގައި ދިވެހި ޤައުމުގެ އިޖުތިމާއީ ފޭރާން ވީދި ސުނާމީ ކާރިސާއިން އަރައި ނުގަނެވިފައި ޤައުމު މިއޮތީ އެހެން ވެއެވެ.  ވީއިރު މިއަދު ގައުމުގެ ބޮޑު ބޮޑެތީގެ ތެރޭގައި ތިބި މިދެންނެވި މީހުން މީޑިޔާތަކުގައި ޤައުމީ އެއްބައިވަންތަކަމޭ ކިޔައިގެން "ނުވީދޭ"ށެވެ. އެކަމަށް އަޅުގަނޑާއި ދިވެހި ރެފިއުޖީން ލަޢުނަތްދޭ ހުށީމެވެ.

މިއަދު އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވުރެ ދިވެހި ރެފިއުޖީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުން މާއައުލާވެގެންވެއެވެ. އެހެނީ އަދިވެސް މިތިބީ އަމިއްލަ ޤައުމުގައި އުފަންވަތަނުގައި ރެފިއުޖީންގެ ގޮތުގައި ކަމަށްވާތީއެވެ. އަދި ޤައުމީ ދުވަހާއި މިނިވަންދުވަހާއި ހުރަވީ ދުވަހުގައިވެސް މީޑިއާގައި ފަށަފަށައިގެން ދެކެވެނީ ޤައުމީ އެއްބައިވަންތަކަމުގެ ވާހަކަ ކަމުގައިވާތީއެވެ.

ހަޤީޤަތުގައި ސުނާމީ ކާރިސާއަށްވުރެ އޭގެ ފަހުން އެރި ސުނާމީ މާބާރުގަދައެވެ. ވިދިވިދިގެން ދެއަހަރުގައި އެރި ދެސުނާމީ އަކީ ތަފާތު ދެސުނާމީ އެކެވެ. ހަޤިޤަތުގައި ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ބަދު ނަސީބަކީ 2005 ވަނަ އަހަރު އެރި ސިޔާސީ ސުނާމީ އެވެ. ހަމަ ހަޤީޤަތުގައިވެސް 2004 ވަނަ އަހަރުގެ ސުނާމީން ލިބުނު މާއްދީ ގެއްލުންތަކުން އަރައިނުގަނެވުނީ 2005 ވަނަ އަހަރު އެއައި ދިމާއަކުން އައި ޕާޓީ ސުނާމީގައި މުޅިޤައުމު އަވަދިވެ އެނޫންކަމަކަށް ވަގުތު ނެތި ހުރިހާކަމެއް ސިޔާސީ ވުމުންނެވެ.

2004 ވަނައަހަރު ސުނާމީ އާއި ގުޅިގެން ރާއްޖެއށް ތަކެއްޗާއި ފައިސާގެ ގޮތުގައި ލިބުނު އެހީގެ އަދަދު މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ. ހަމަ ޔަޤީނުންވެސް އެއަދަދު ހަތަރު ފަސްބިލިއަނަށްވުރެ ކުޑައެއް ނުވާނެއެވެ. އެކަމަކު އެއޮތްހާ ފައިސާ ވަތްތަނަކަށް ވަދެ ހުސްވިއިރު އަދިވެސް ހާލުގައި ޖެހުނު މީހުން އެތިބީއެވެ. ދިރިއުޅުން ގެއްލި ބިކަވެފައެވެ. ހަދާނެ ގޮތެއް ހެދޭނެ ގޮތެއްވެސް ނެތިފައެވެ.

Tuesday, April 2, 2013

ޜޭޑިޔޯ ޑްރާމާގެ ނަމޫނާ



c
ޑްރާމާގެ ނަން:                   ލައްގަނޑު
ތީމް:                               ޖިންސީ އަނިޔާކުރާ މީހުންނަށް ބޮޑެތި އަދަބުދިނުމަށް ބާރުއެޅުން.
ބާވަތް:                            27 މިނިޓްގެ ޚިޔާލީ ޑްރާމާއެއް
އޯޑިއަންސް:                      ޒުވާނުންނާއި ބަލަދުވެރިން އަދި ޝަރުޢީ އަދި ސިޔާސީ ފަރާތްތައް
ގިންތި:                            12 އަހަރުން މައްޗަށް.
ދިގުމިން:                          13 މިނިޓް 49 ސިކުންތު.
ފޮނުވާ ދުވަސް:                   1 ޖެނުއަރީ 2011
ފޮނުވާގަޑި:                 11:30 (ރޭގަނޑު)
ޑްރާމާ ލިޔުނު ފަރާތް:      ޢަލީ ސުލައިމާން.
ޕްރޮޑިއުސަރ:                    އައިމިނަތު އަލީ

ކަރެކްޓަރުން
ނަން:                              ކަރެކްޓަރ                                                                                                ތަރި.    .      
1-     ނިޝާ                         ތަޢުލީމީ، ހޭލުންތެރި ދޫހެލޭ މާފެޝަން ނޫން 22 އަހަރުގެ ޒުވާނެއް              ޒީނަތު
2- އަރީފް                          މަޑުމައިތިރި ތަޢުލީމީ، މުއްސަނދި އާއިލާއެއްގެ28 އަހަރުގެ ޒުވާނެއް                 ޖަމީލް
3- ވަހީދު (ވައިޑޭ)                މުއްސަނދި އާއިލާއެއްގެ ނުކިޔަވާ ހުރި ރަހުމުކުޑަ ވަހުޝީ މެދުއުމުރުގެ މީހެއް.   ނަސްރު
4- ޒައީމާ            ތަންދޮރު ނުފިލާހުރި އަނގަ ގަދަ މެދު އުމުރުގެ އަންހެނެއް.            އާޝިދާ
5- ހާމިދު          ތަންކޮޅެއް އަބުއި 20 އަހަރުގެ ޒުވާނެއް                          ހަސަން
6- އަމީނާ         އޯގާތެރި އަޅާލާ މަންމައެއް                                    ނަޖުމާ

ފާހަގަ: "ފާހަގަ. މިޕްރޮގްރާމް ފޮނުވާނީ 1 ޖެނުއަރީ 2011ވާ،  ހޮނިހިރު ދުވަހުގެރޭ 11:30ގަ. އެޕިސޯޑުގެ
ދިގުމިނަކީ 27 މިނިޓް 49 ސިކުންތު. ފާހަގަ ނިމުނީ"


މަންޒަރު 1.
ނިޝާ އޮފީސްތެރޭގައި އޭނާގެ ކެބިންގައި. އޮފީހުގަ އުޅޭ އެހެންކުއްޖަކު ލީޝާގެ ކެބިންގަ ޓަކިޖަހާލާފަ އެތެރެއަށް ވަނުން.
FX (ޓަކިޖަހާއަޑު)
1.      ނިޝާ: ވަދޭ.
2.      ނިޝާ: ކިހިނެއްވީ.
3.      ޒައީމާ: ވަހީދު ވިދާޅު އެކޮޓަރިއަށް ދުރުވެ ބަލާށޭ.
4.      ނިޝާ: އެކީއްކުރަން (ހައިރާންވެފަ).
5.      ޒައީމާ: ނޭނގެ މަށަކަށް. އެހެންނޫނަސް އޭނަ މާގަޔާވާ މީހެއްނު ނިޝާތީ.
6.      ނިޝާ: މަވަރަށް ފޫހިވޭ (ފޫހި ރާގަކަށް)....ކުރީ ދުވަހުވެސް ގެންގޮސްފަ ބުނީ ކޮފީއެއް ހަދައިގެން
       ގެނެސްދީބަލާށޭ...ހީވަނީ މަމީ މިތާނގެ މަސައްކަތު މީހާހެން...
7.      ޒައީމާ: ފުރުޞަތުގެ ބޭނުންކޮށްބަލަ....
8.      ނިޝާ: ދައްކާ ވާހަކަ... ޒައީ މިތަނަށް އައީ ވަހީދު ވިދާޅުވެލައްވާ ވާހަކަ ބުނާކަށްނު.... ދެންދޭ...
9.      ޒައީމާ: އާނ މަމިދަނީ
FX (ދޮރުހުޅުވާ އަޑާ ލެއްޕޭ އަޑު)
10.  ނިޝާ: (ހިތާހިތުން) ކޮންމެ އޮފީހެއްގަވެސް ކަންތައް ހުންނަ ގޮތަކީ މިއީބާ! ހާދަ ގޮތެއް ނެތް
ވެރިއެކޭ...އަދި އެބައުޅެއެއްނު އަމިއްލައަށް ވައިޑޭ އެކޭވެސް ކިޔައިގެން. ކިހިނެއްބާ ހަދާނީ... ކެނޑެންވީ ކަންނޭނގެ..އެކަމަކު އަދި މިއޮފީހަށް ވަތްތާވެސް މިވީ އެންމެ ދެހަފްތާ... މިހާއަވަހަށް ކެނޑުނީމަ މީހުން ކީކޭ ކިޔާނީ....އެހެންނޫނަސް ދެންވަޒީފާ ލިބޭ އޮފީހެއްގެ ހާލަތު ހުންނާނެ ގޮތެއް ނޭނގެ...



FX (އިންޓަރކަމް ފޯނު ރިންގުވާ އަޑު)
11. ނިޝާ: ހަލޯ. ނިޝާ...
12. ވަހީދު: ޒައީމާ ފޮނުވިން އައިސްބަލާށޭ ބުނަން....ލަސްވާތީ......
13. ނިޝާ: މިދަނީ.....މިދަނީ...
14. ނިޝާ: (ހިތާހިތުން) މިއަދު އަނެއްކާ ބުނާނީ ކީކޭބާ؟ އެކަމަކު ނުދާންވެސް ދައްކާނީ ކޮންބަހަނާއެއް...
FX  (ދޮރުފަތް ލައްޕާއަޑު.....ހިނގާ އަޑު...ދޮރުގަ ޓަކިޖަހާ އަޑު)
15. ވަހީދު: (މައިކާ ދުރުން) އާދޭ! އާދޭ!
FX  (ދޮރުފަތް ލައްޕާ އަޑު)
16. ނިޝާ: ކީއްތޯވީ!
17. ވަހީދު: މިޕްރޮޖެކްޓުގެ ބެލެންސް ޝީޓު އަޅާކިޔާފަ ޗެކް ކޮށްލައިގެން ގެނެސްދީބަލަ....
18. ނިޝާ: ދެއްވާ!
19. ވަހީދު: އަދި ކޮފީއެއް ހަދައިގެން ގެނެސްދީބަލަ... އިއްޔެ ނިޝާ ހަދައިގެން ގެނައި ކޮފީ ވަރަށް މީރު...
20. ނިޝާ: (މައިކާ ދުރުން) އަޅުގަނޑެއް ނޫން އެކޮފީ ހެދީ... ޒައީމާ ހެދީ....
21. ވަހީދު: އެ... އެހެންތަ...(ރަކި ފާޑަކަށް)
FX  (ދޮރުފަތް ލައްޕާއަޑު..ހިނގާއަޑު)
__________________________________________________________________________
މަންޒަރު 2.
ނިޝާ އޮފީސް ދޮރުމަތިން މަގުމަތީގައި އަރީފްގެ އިންތިޒާރުގަ. ހާމިދު އެތަނަށް އައުން.އަރީފް ސައިކަލުގަ އައިސް މަޑުކޮށްލުން(ހަވީރު 16:30 ހާއިރު)
FX  (މަގުމަތީގަ އެއްޗެހި ދުއްވާ އަޑުފަށައިފައި ހަތަރު ސިކުންތު ބަހައްޓާފައި އަޑު ދަށުގައި ބެހެއްޓުން)
22. ހާމިދު: ނިޝާ... ކިހިނެއްވެފަ ދޮރުމަތީގަ ތިހިރީ...
23. ނިޝާ: އަރީފް އަންނަންދެން މިހިރީ....ހާމިދު ގެއަށް ދާކަށް ނޫންތަ ތިނުކުތީ..
24. ހާމިދު: ގެއަށްދާން މިދަނީ...
FX (މަގުމަތީގަ އެއްޗެހި ދުއްވާ އަޑުފަށައިފައި ހަތަރު ސިކުންތު ބަހައްޓާފައި އަޑު ދަށުގައި ބެހެއްޓުން)
25. އަރީފް: ވަރަށް ލަސްވެއްޖެ ދޯ! ސޮރީ އިނގޭ ލޯބީ. ހަވީރުވީމަ މަގުތަކުގެ ޓްރެފިކްވެސް ހަމަބޮޑީ..
26. ނިޝާ: އަހަރެން ޝަކުވާއެއް ނުކުރަމެއްނު އަރީފް ލަސްވެގެން...
FX  (ސައިކަލް ދުއްވާލާ އަޑު، މަގުމަތީގަ އެއްޗެހި ދުއްވާ އަޑު ދަށުގައި)
27. އަރީފް: ހާދަމަޑުން މިއަދު ތި އިންނަނީ.... ހިތްހަމަ ނުޖެހިފަތަ؟
28. ނިޝާ: ކަމެއް ނުވޭ....ކުޑަކޮށް ބޮލުގަ ރިއްސަނީ.....
FX  (މަގުމަތީގެ އަޑުތައް ފޭޑް އައުޓް)
__________________________________________________________________________
މަންޒަރު 3.
ނިޝާގެ ގޭތެރެ / ނިޝާ ލަވަޖަހައިގެން ކޮޓަރީގެ އެނދުގަ އޮށޯވެގެން އޮތުން، މަންމަ އަމީނާ ނިޝާ ކާން ނައިސްގެން ގޮވުން، ކޮއްކޮއައިސް ވަހީދު ގުޅާފަ އޮތް ވާހަކަ ބުނުން (އިރާކޮޅުގެ ވަގުތު)
FX  (އެހަނދާނުގައި ރިމިކްސް "ދިން މިހިތެއް..."، ދިހަ ސިކުންތު ކުޅެފައި އަޑު ދަށުގައި ބެހެއްޓުން)
29. އަމީނާ: (މައިކާ ދުރުން) ދަރިފުޅާ ނިޝާ، ކާކަށް ނުވޭތަ؟
30. އަމީނާ: ބަލަ ދަރިފުޅާ ކާކަށް ނުވޭތަ؟ އެހެރަ ނުވައެއްޖެހީ އޭ!
31. ނިޝާ: އުނހ.....ކީކޭ މަންމާ.....
32. އަމީނާ: ކޮމްޕިއުޓަރުން އެވަރަށް ލަވަޖަހައިގެން، އަދި ނުވީތާކަށް ކަންފަތަށް ވެސް އެއްޗެއް ކޮއްޕައިގެން
ތިޔަ އޮތީ... ދެން ކިތަންމެ ވަރަކަށް ގޮވިއްޔާ އަޑު އިވޭނެތަ؟(ނުރުހުމުގެ ރާގަކަށް)... މަންމަ މިހުރީ ދަރިފުޅު ނުނުކުމެގެން ނުކައި....ހިނގާ ބަލަ ކާންދާން..( ލޯތްބާއެކު އޯގާތެރި ރާގުގަ)
33. ނިޝާ: އަޅުގަނޑު މިރޭ އަރީފްއާއެކު ބޭރަށް ކާންދާނީ....އެންމެ ރަނގަޅުތޯ؟
34. އަމީނާ: މަންމަގެ މައްސަލައެއްނެތް...އެކަމަކު އެގާރަ ނުޖަހަނިސް ގެއަށް އަންނަންވާނެ..
35. ނިޝާ: މަންމަ ހާދަ ރަނގަޅޭ...(ޅަގޮތަކަށް)
36.  ނަދާ: (މައިކާ ދުރުން) ދޮންތާ! ދޮންތާ!
37.  ނަދާ: ދޮންތަގެ ފޯނު ކޮންތާކަށް ލައިގެންތަ ތިޔައުޅެނީ.....ވަހީދު ކިޔާމީހަކު އެބައޮތް ދޮންތަ ހޯދަން
       ގުޅާފަ...
38. ނިޝާ: ބުނޭ ދޮންތަ ނޫޅެޔޭ ގެޔަކު.....
39.  ނަދާ: ދެން..... ކޮއްކޮއަށް ބުނެވިއްޖެޔޭ ދޮންތަ ކޮޓަރީގަ އެބައުޅެޔޭ.......
40. އަމީނާ: ކީއްވެ ކޮއްކޮ ލައްވާ ދޮގެއް ހައްދުވަން ތިޔަ އުޅުނީ......
41. ނިޝާ: ދެންކަމެއް ނުވޭ،، (ފަރުވާކުޑަ ގޮތަކަށް)
FX  (ލަވައިގެ އަޑު {ކްރޮސްފޭޑް} ހިނގާ އަޑު، ފޯނުގެ އަތްގަނޑު ނަގާއަޑު)
42. ނިޝާ: ހަލޯ
43. ވަހީދު: ވަރަށް ބޮޑަށް ސޮރީ އޮފީސްގަޑި ނިމުނީމަވެސް އުނދަގޫ ކުރެވޭތީ...
44. ނިޝާ: އެއީ އެހާބޮޑު ކަމެއް ނޫނެއް ނޫންތޯ.
45. ވަހީދު: މިއަދު ދިން ފައިލް ކޮބައިތަ؟
46. ނިޝާ: އެބައޮތް.. ލަސްވީތޯ..އަވަހަށް ނިންމާލަންކަމަށް އެފައިލް ހިފައިގެން އަޅުގަނޑު ގެއަށް އައީ..
47. ވަހީދު: (ހިތާހިތުން) ނަސީބެއްތާ!،އެހެންނޫންނަމަ މިރޭ ނިޝާ މިގެއަށް ގެނެވޭނެ އެހެން ގޮތެއް ނެތީސް.
48. ނިޝާ: ކީއްތޯވީ އެއްޗެއް ވިދާޅުނުވީ... އަނެއްކާ... ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވީ ތޯ؟
49. ހާމިދު: ނޫނޭ މިރޭ އެފައިލް ކޮންމެހެންވެސް ބޭނުންވެއްޖެ...ނިޝާ ގެއަށް ގެންގޮސްފައި އޮތްކަންވެސް
 ވަރަށް ރަނގަޅު..
50. ނިޝާ: އާ..... އާދެ! ހަމަކުޑަ އިރުކޮޅަކުން މިދަނީ.....
FX  (ފޭޑް އިން އަކުން އަވަސް ތީމްލަވަ 20 ސިކުންތު ކުޅެފައި ފޭޑް އައުޓްކޮށްލުން)