Monday, August 29, 2016

VAAHAKA: KARUNA

 

މާބައިދޫގެ ގޮނޑު ދޮށުގައި  ނަސީރު ހިނގަމުން ދިޔައެވެ. އޭނާ ބަލަމުން ދިޔައީ ފުއްޓަރަށް މުގުރަމުން ދިޔަ ރާޅުތަކަށެވެ. ކަޅި ޖަހާ ނުލައި އޭނާ މާސިންގާ ކަނޑުން އުދަވެގެން އައިސް ފަރުމައްޗަށް މުގުރަމުން ދިޔަ ރާޅުތަކަށް ބަލަމުން ދިޔައެވެ. ހީވަނީ އެރާޅުތަކުގެ ތެރެއިން އޭނާ ކޮންމެވެސް އެއްޗެއް ހޯދަނީ ހެންނެވެ. ދިޔަވަރު ހިކި މޫދު ވިނަތަކާއި ގާތަށް ވަނީ ހިކިފައެވެ. ފަރުވަސް މުޅި ހިސާބަށް ވަނީ ފެތުރިފައެވެ. އަރަމުން އަންނަ އިރުގެ ރަންއަވިން މުޅި ފަޒާ ވަނީ ރަންކުލައަކުން ގިރިޓީވެފައެވެ.

ހިކިފައިވާ މޫދު ވިނަތަކާއި މުރަކަތައް މަތީގައި ނަސީރު ހިނގަމުން ދިޔައެވެ. ފުއްޓަރަށް މުގުރަމުންދާ ރާޅު ތަކާއި ދިމާއަށެވެ. ވަށައިގެން ހޯދަމުންނެވެ. އޭނާގެ މިލާ މޯޅިވެފައިވާ މޫނުން ހިތާމަޔާއި ހިތްދަތިކަމުގެ އަސަރު ފާޅުވެއެވެ. އޭނާގެ ހިތުގައިވާ ވޭނީ އުދާސްތައް ދެލޮލުން ހާމަކޮށްދެއެވެ.

ރާޅުތައް މުގުރަމުން ދިޔަ ފުއްޓަރުގެ ގަލެއް މަތީގައި ނަސީރު އިށީނެވެ. އޭރު ރާޅު މުގުރާ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. ކަރުނަވީ ދެލޮލުން އޭނާ ފުއްޓަރުގެ ރާޅުތަކަށް ބަލަމުން ދިޔައެވެ. އިރު ކޮޅަކުން އިސްދަށަށް ޖަހާލިއެވެ. އޭނާއަށް ގިސްލެވެން ފެށުނެވެ. އަމިއްލަ ނަފުސު ކުއްވެރި ކުރާ ހާލުގައެވެ.

މިފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ރަށުގައި ހުރެވޭ ކޮންމެ ދުވަހަކު ދިޔަވަރު ހިކޭވަގުތަށް އޭނާ ފުއްޓަރުމައްޗަށް އާދެއެވެ. ފުއްޓަރުގެ ގާތަކުގެ ތެރޭން މާވަހަރެއް ފެނުން އެދިގެނެއް ނޫނެވެ. އޭނާގެ ލޮލުގެ ކުރިމަތީގައި މަރުވެ ދިޔަ އޭނާގެ ދެ ދަރީންނަށް ޒިޔާރަތްކުރުމުގެ ގޮތުންނެވެ. މި މާސިންގާ ކަނޑަކީ އޭނާގެ ލޯބިވާ ދެދަރީންގެ ކަށްވަޅެވެ. އޭނާގެ އުންމީދުތައް މީގެ އެތައް އަހަރެއް ކުރިން މިމާސިންގާ ކަނޑުގެ ތެރެއަށް ގެނބި ދިޔައީއެވެ.

ހަޤީޤަތް އެނގޭނަމަ ކޮންމެ މީހަކުވެސް ކުއްވެރި ކުރާނީ ނަސީރެވެ. އެއްޗެހި ކިޔާނީ އޭނާއަށެވެ. ބުނާނެއެވެ. ބަފައިމީހާ އަށް ދެދަރީން ދޫކޮށްލާން ކެރުނަސް މައިމީހާ އޭނާގެ ފުރާނަ ވަކިވެ ދިޔަސް ދަރީން ދޫކޮށެއް ނުލާނެއެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެކަމަކު އެފަދަ ވަގުތެއްގެ ހިއްދަތިކަމާއި ނިންމުންތައް ނިންމަން ލިބޭ މަދު ސިކުންތު ކޮޅު އިނގޭނީ އެފަދަ ކަމެއް ތަހައްމަލު ކުރި މީހަކަށެވެ. އެވާހަކަތައް އަޑު އެހި މީހަކަށެވެ.

ނަސީރު ހިތަށް އަރައެވެ. އޭނާގެ ދެދަރީންގެ ގައިން ދޫކޮށް ނުލެވުނު ނަމައެވެ. އެހެން ނޫންނަމަ އޭނާ ސަލާމަތްވި ގޮތަށް އޭނާގެ ދަރީންވެސް ސަލާމަތްވީސް ކަންނޭނގެއެވެ. އެކަމަކު ނަމަޔަކުން މިއަދު ކުރާނެ ކަމެއް ނެތެވެ. ކަން ވެނިމި ހިނގައްޖެއެވެ. މިއަދު އޮތީ ކުރެވޭ އުންމީދެކެވެ. ހީއެކެވެ. އަދިވެސް ނަސީރުގެ ހިތުގައިވާ އުންމީދުގެ ހުޅުކޮޅެއް ނުނިވެއެވެ. އޭނާގެ ދަރީން އެނބުރި ނާންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިތަނަށް ނަސީރު އަންނަނީ އެހެންވެއެވެ. މިރާޅުތަކުގެ ތެރޭން އޭނާގެ ދެދަރީން ތެދުވެގެން އަތުވެދާނެ ކަމަށް ހީވާތީއެވެ.

އެހެން މީހުން އެހަނދާންތައް ނެތިއްޖެއެވެ. އެވާހަކަ ދެއްކުން ހުއްޓިއްޖެއެވެ. އެކަމަކު ނަސީރަކަށް އެހަނދާންތަކާއި ދުރެ ނުވެވުނެވެ. އޭނާގެ ލޮލުން ދަރީންގެ ސޫރައެއް ނުގެއްލުނެވެ. އެމަންޒަރުތައް ދެންމެ ވީކަމެއްހެން އޭނާގެ ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ. ދެދަރީން އޭނާއަށް ގޮވާއަޑާއި ރޯއަޑު އޭނާގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. ހަމައެކަނި ކުރެވެނީ އުންމީދެކެވެ. ކުރެވެނީ ދުޢާއެކެވެ.

ނަސީރަކީ މަސްވެރިއެކެވެ. އެހާދިސާއަށް ފަހު އޭނާ ދުވަސްކޮޅަކު މަހަށްވެސް ދިޔައެވެ. ކަނޑުމައްޗަށް ނުކުމެވުމާއި އެކު ކޮންމެ ފަހަރަކުވެސް އޭނާއަށް ބެލެނީ ކަނޑަށެވެ. ކަޅިނަޖާނުލައި ހޯދަނީ އޭނާގެ ދަރީން އެމާސިންގާ ކަނޑުގެ ތެރޭން ފެނިދާނެހެން އޭނާއަށް ހީވާތީއެވެ. މަސްއައިނަށް އަރައި ދޮށިއަޅަންވެސް އޭނާއަށް އުނދަގުލެވެ. މަސްއައިނަށް ބުޅި ޖަހާއިރު އެތާނގައި އޭނާގެ ދަރިފުޅަކު އޮވެދާނޭ އެދަރިފުޅުގެ ގައި ބުޅި އަޅައިގެންފާނޭ އޭނާއަށް ހީވަނީއެވެ.
ނަސީރުގެ ހަނދާނަށް އަންނަމުން ދިޔައީ އެދުވަހެވެ. އެއީ އިންޑިޔާކަނޑުގައި އުފެދުނު ވަރުގަދަ ސުނާމީގައި ރާއްޖޭގެ ރައްތައް ޣަރަޤުވެ ދިޔަދުވަހެވެ. ބާރަ އަހަރުގެ އެއްމާބަނޑު ދެފިރިހެން ކުދިންގޮވައިގެން އެދުވަހު ނަސީރު އައީ ފަރުމައްޗަށް ކުޑަ ބޮއްކުރައެއްގައި އަކިރި ނަގާށެވެ. ގޯތީގެ ވަށާފާރު ނެގުމަށް ބޭނުންވާ އަކިރި އެއްކުރާށެވެ. ހެނދުނު ސައިބޮއިގެން ކުދިންނާއި އެކު ފަރުމައްޗަށް ދާން ނުކުތުމުން ނަސީރުގެ އަށް އަހަރުގެ އަންހެންދަރިފުޅާއި ފަސްއަހަރުގެ ފިރިހެން ދަރިފުޅުވެސް އެމީހުންގެ ފަހަތުން ބައްޕައާއި ދެބޭބެއާއި އެކު އަކިރިނަގަން ދާން ނުކުތެވެ. އެކަމަކު އެކުދީންނަށް ފިލައިގެން ދޮށީ ދެދަރިންނާއި އެކު ނަސީރު އައިރު ކުރިޔަށް އޮތް ވަގުތު ކޮޅުގެ ނުރައްކާތެރިކަން އެމީހުންނަށް އެނގޭނީ ކިހިނެއްހެއްޔެވެ؟

ތިލަފަޅުގެ ތެރޭގައި ގޯނިތައް ހިފައިގެން ބޮއްކުރާގައި ކަނބާފައި އެމީހުން ފުއްޓަރުގެ އެތެރެ ފަރާތު ކައިރިއަށް އައިސް އެތަނަށް ފޭބިއެވެ. އެމީހުން އަކިރި އަޅަން ތިއްބައި ބާރު އޮއެވަރެއް ފަޅު ތެރޭގައި އުފެދި ކިލަނބުވާން ފެށިއެވެ. ފައިދަށުން ވެލި ގަނޑު ދެމިގެންދާން ފަށައިފިއެވެ. ބަލަބަލައި ތިއްބައި އެންމެ ފެންތިއްކެއް ނެތި ފަޅުތެރެ ހިކިއްޖެއެވެ. މަސްތައް ގާތައް މަތީގައި މަރަށް ތެޅެން ފަށައިފިއެވެ. ދެކުދިން އަކިރި އެޅުން ހުއްޓާލާފައި ފަރުމަތީގައި ހިކިފައިވާ މަސްތައް ހޮވައި ގޯންޏަށް އަޅަން ފަށައިފިއެވެ. ކުދިންނަށް އެއީ މާބޮޑު ކަމަކަށް ނުވިޔަސް ނަސީރަށް އެކަމާއި ދޭތެރޭ ވިސްނާލެވުނެވެ. އެކަމަކު މިވާގޮތެއް ދެނެގަންނާކަން އޭނާއަކަށް ނޭނގުނެވެ.

ގޯނިތަކަށް މަސްތައް އަޅައިގެން ގެނެސް ދެކުދީން ބޮއްކުރާގެ ބީހި އަރިވެފައިވާ ބޮއްކުރާ ތެރެއަށް އަޅަމުން ދިޔައެވެ. ނަސީރު ހުރީ ބޮއްކުރާ ކައިރީގައި ކޮޅަށެވެ. އޭނާ ބަލަމުން ދިޔައީ ވަށައިގެންވާ ސަރަހައްދަށެވެ. އިރު ކޮޅަކުން ދިޔަވަރު ކުއްލިއަކަށް ފޫދެން ފަށައިފިއެވެ. އޮވަރުގެ ކޮޅު ބަދަލުވެއްޖެއެވެ. މާކަނޑުގެ ތެރޭން ގޮށްރާޅުޖަހާފައި ރަށާއި ދިމާއަށް އަންނަ އާދަޔާ ޚިލާފް އޮއެ ގަނޑެއް ނަސީރަށް ފެނުނެވެ. ނަސީރު ކުދިންނަށް ގޮވިއެވެ. އޭނާގެ ގާތަށް އައުމަށެވެ.

ކުދިންނަށް ނަސީރާއި ހަމައަށް އާދެވުނު އިރު ބޮއްކުރާވެސް ފުންވެއްޖެއެވެ. އޮއެވަރު ބާރުވާން ފަށައިފިއެވެ. ދެކުދިން ގޮވައިގެން ނަސީރަށް ބޮއްކުރައަށް އެރުނީ ކިރިޔާއެވެ. އެއޮއެ ގަނޑު ތިލަފަޅު ތެރެއަށް ވަދެ ފޮނުޖަހާފައި އެމީހުންނާއި ދިމާއަށް އަންނަން ފަށަފިއެވެ. އެއޮއެގަނޑާއި އެކު ދިޔަވަރު ފޫދިގެން އައީ އާދަޔާ ޚިލާފް ބާރު މިނުގައެވެ. އެވަނީ ކިހިނެއްތޯ ދެކުދިން ނަސީރު ގާތު އެހިއެވެ. އެކަމަކު ނަސީރަށްވެސް މިވަނީ ކީއްކަން ބުނެދޭކަށް ނޭނގުނެވެ.

އޮއެގަނޑުގައި ޖެހުމާއި އެކު ދަނޑިން ކަނބާފައި ކުރިޔަށް ދެވޭ ވަރެއް ނުވިއެވެ. އޮއެގަނޑާއި އެކު ބޮއްކުރާ ދަމަމުން ދިޔައީ ކަނޑު އޮޅިއާއި ދިމާއަށެވެ. އޭރު ކުރިމަތިން ފެންނަން އޮތް ރަށް ރާޅުގެ ތެރެއަށް ގެނބެމުންދާތަން ފެނުމުން ނަސީރަށް މިވަނީ ރަނގަޅު ކަމެއް ނޫންކަން އެނގުނެވެ. އޭރު މުޅި ފަޅާއި ކަނޑު އޮތީ ކިރުފެން ކުލައިގައެވެ. ކަނޑެއް ފަޅެއް ވަތްކެއް ނުވެއެވެ. ގޮށްރާޅު ތަކުގެ ތެރޭގައި ބޮއްކުރާ ދިޔައީ ދިޔަވަމުންނެވެ. ބޮއްކުރާގެ ތެރޭގައި ކޮޅަށް ހުރެވޭ ވަރު ނުވިނަމަވެސް ރިއްދަނޑި ވިއްދޭތޯ ނަސީރު މަސައްކަތް ކުރަމުން ދިޔައެވެ. އޭރު ބޮއްކުރާ އޮޔާ ދަމަމުން ދިޔައީ ރަށާއި ދުރަށެވެ. އޮއެ ބަދަލުވުމާއި އެކު ރަށުތެރޭން ކުނި ބުންނާއި ފެންއަޅާކަޅުހަމާއި ލަކުޑި ފައިބައިގެން އަންނާތީ ނަސީރަށް ފެނުނެވެ.

ނަސީރު ރިއްދަނޑި ފޯރާތޯ ބަލާލުމަށް މޫދުގެ ތެރެއަށް ކޮއްޕާލި ވަގުތު  ފުއްޓަރުގެ ގާތަކުގެ ތެރޭގައި ދަނޑި ތާށިވެ ދަނޑީގެ މައްޗަށް ބޮއްކުރާ ލައްވި ވަގުތު ބާރު އޮއެގެ ސަބަބުން ބޮއްކުރާ ދިޔައީ ބަންޑުންވެގެންނެވެ. ނަސީރަށްވެސް ބޯހިއްލާލެވުނު ވަގުތު ދެކުދީންވެސް އައިސް ބެއްދީ ނަސީރުގެ ކަރުގައެވެ. ބައްޕާއޭ މަރުވަނީއޭ ކިޔައި ރޮއެގެން ފައެވެ. އެއީ ބަޔާން ކުރެވޭ ވަރަށް ވުރެ އަސަރުގަދަ ވަގުތު ކޮޅެކެވެ. ނަސީރުގެ ނޭވާވެސް ހާސްވާން ފެށިއެވެ. އެންމެ ފަހުން އަމިއްލަ ފުރާނައަށް ޓަކައި އޭނާއަށް ދެކުދިންގެ ކިބައިން ސަލާމަތްވުމަށް އަޑިއަށް ފީނައިގަންނަން ޖެހުނީއެވެ. ނަސީރު އަޑިޔަށް ދިޔުމާއި އެކު ދެކުދިން ނަސީރުގެ ގައިން ދޫކޮށްލައިފިއެވެ. ނަސީރަށް މައްޗަށް ބޯހިއްލާ ލެވުނު އިރު ދެކުދީން އޮޔާ ދުރަށް ގެންގޮސްފިއެވެ. ނަސީރަށް ފެނުނީ އެކަކު އަނެކަކާއި ބައްދައިގަނެގެން ތިބި ދެކުދީން ގެނބެމުންދާތީއެވެ. ބައްޕާއޭ މަރުވަނީއޭ ކުދިންގޮވާއަޑު ނަސީރަށް އިވުނެވެ.

ކުދީންނާއި ހަމައަށް ދެވޭތޯ ނަސީރު ފަތައިގަތެވެ. އެކަމަކު އޭނާއަށް އެކުދިންނާއި ހަމައަކަށް ނުދެވުނެވެ. ރާޅުތަކުގެ ތެރެއަށް އެކުދިން ގެނބި ގެއްލިއްޖެއެވެ. ބައްޕާއޭ ކިޔައި ދެކުދީން ރޮމުން ގޮވަމުން ދިޔައަޑު ކެނޑިއްޖެއެވެ. އޭރު ބަންޑުވެފައިވާ ބޮއްކުރާވެސް ނަސީރާއި މާދުރުނޫން ހިސާބަކުން އޮޔާދެއެވެ. ނަސީރު ފަތައިގަތެވެ. ނަސީބު ރަނގަޅުކަމުން އޭނާގެ އަތުގައި ބޮއްކުރާ ޖެހިއްޖެއެވެ. ނަސީރު ބޮއްކުރާގެ މަތީގައި ބަނޑު އަޅައިގެން އޮވެ ރޮމުން އަޑުގެ ނެތްތަނަށް އޭނާގެ ދެދަރީންނަށް ގޮވަމުން ދިޔައެވެ. އެކަމަކު އޭރު އެކުދިން އޭނާގެ ލޯމަތިން ގެއްލިއްޖެއެވެ.

މަހަށް ގޮސްފައި އައި ދޯންޏަކަށް ނަސީރު ފެނުނީ މާބައިދުއާއި މުންޑޫއާއި ދެމެދު އޮތް ކަނޑު އޮޅީގެ ތެރެއިން އޮޔާދަނިކޮށެވެ. އެމީހުން ނަސީރު ދޯންޏަށް ނެގުމާއި އެކު އޭނާގެ ހޭ ހުސްވީއެވެ.

ނަސީރަށް ހޭވެރިކަންވީ އިރުކޮޅަކުންނެވެ. ހޭވެރިކަން ވުމާއި އެކު އޭނާ ދެދަރީންނަށް ގޮވަން ފެށިއެވެ. ދޯނީގެ މީހުންނަށް ވީގޮތް ރޮއެރޮއެފައި ކިޔައިދީފިއެވެ. އޭރު އޮއިވަރު އޮތީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. އެތައް އިރެއްވާންދެން ދޯނީގެ މީހުން އެކަނޑު އޮޅިއާއި ކަނޑު އޮޅީގެ ސަރަހައްދުގައި އެދެކުދީން ފެނޭތޯ ދުއްވިއެވެ. އެކަމަކު ކުދީންގެ ޚަބަރެއް ނުވުމާއި އެކު ރަށުތެރޭގެ ހާލެއް ނޭނގޭތީ އެމީހުން ރަށަށް ވަނީއެވެ.

އޭރު ރަށަށްވެސް އޮތީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގެތަކުގެ ފާރުތައް ވެއްޓިފައެވެ. ބަނދަރުމައްޗަށް އެއްވެފައިވާ މީހުންގެ ތެރެއިން ނަސީރަށް އޭނާގެ އަނބިމީހާ އާއި ކުޑަ ދެކުދީން ފެނި އެމީހުންނާއި ބައްދަލުވިއެވެ. ކުދީން ކޮބައިތޯ އަންހެނުން އެހުމާއި އެކު ނަސީރަށް ރޮވުނީއެވެ. ކުދިން ކަނޑުތެރެއަށް ގެއްލުނީ ކަމުގައި ބުނުމާއި އެކު އަންހެނުން ހޭހުސްވީއެވެ.

އޭގެ ފަހުން ނުވަ އަހަރު ވެއްޖެއެވެ. އެކަމަކު އެހަނދާންތައް ނަސީރުގެ ހިތަކުން ނުފިލިއެވެ. ރަށުގައި ހުރެވިއްޖެނަމަ ދިޔަވަރު ހިކޭވަގުތު އޭނާ ފަރުމައްޗަށް އާދެއެވެ. އޭނާގެ ދަރީންނަށް ޒިޔާރަތް ކުރުމަށެވެ. އޭނާ އެއަންނަނީ އޭނާގެ ދަރީންގެ މަހާނަ ކައިރި އަށެވެ. ފާހަގަވާން ނެތަސް އެކުދީންގެ މަހާނަ ވަނީ މިމާސިންގާ ކަނޑުގެ ތެރޭގައެވެ.

ދިޔަވަރު ފޫދެން ޖެހުމާއި އަދި އަވިއަރައި ބާރުވާން ފެށުމާއި އެކު ނަސީރު ތިލަފަޅު ތެރޭން ރަށާއި ދިމާއަށް ހިނގައި ގަތެވެ. ދަރީންގެ މަތިން ހަނދާން ކުރަމުންނެވެ. އެކުދިންނަށް ހެޔޮދުޢާކުރަމުންނެވެ. ދަރީން ފެންނާނެ ކަމުގެ ޔަޤީންކަމެއް ނެތަސް އޭނާ މިތަނަށް އަންނާނެއެވެ. މިތަން ހޯދައި ބަލާނެއެވެ. އަދި މިތަނުގައި ކަރުނަ އޮއްސުމުގައި މުޅި އުމުރު ހޭދަކުރާނެއެވެ. އެއީ އޭނާގެ އަލަތު ދެދަރީންނެވެ. އެކުދީންގެ މަތިން އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެކުދީންގެ އަޑު އޭނާގެ ކަންފަތަކުން ނުފިލާނެއެވެ.
---ނިމުނީ---