ވާހަކަ: ވަޢުދު
ދެކުދީން
ނިންދަވާފައި ބައްޕަ އިޝާނަމާދުން އަންނަން ވާއިރަށް ކާންހަދައި ކޮންމެ ރެއަކުވެސް
އަށެއް ޖަހަން ވާއިރަށް އަހަރެން ޓީވީ ހުޅުވަމެވެ. ޚަބަރު ބަލާލާށެވެ. ރާއްޖޭގެ
ޚަބަރެއް ނޫނެވެ. އަހަރެންގެ ހިތުގެ ޚަބަރެވެ. ޓީވީގެ ސްކްރީނުން ފެންނަ
އަހަރެންގެ މާޒީގެ ޚަބަރެވެ. އަހަރެންގެ ހަޔާތުގެ ހިތްހަމަޖެހުމަކީ އެއީ އެވެ.
ދިރިހުރުމަށްޓަކައި ކުރާ އުންމީދަކީ އެއީއެވެ. އަދިވެސް އެއްދުވަހަކުން އަހަރެމެން
ބައްދަލުވާނެއެވެ. އެއްދުވަހަކުން އަހަރެމެން އެކުގައި އުޅޭނަމެވެ.
އެއްދުވަހަކުން އަހަރެމެން ދެމީހުން އެތުނޑިމައްޗަށް
ދާންނަމެވެ. އަތުގުޅައިގެން އެކުގައި ހިނގާނަމެވެ. ހިމޭން ލޮނުގަނޑާ ކުޅެމުންނެވެ.
ރާޅުޖަހާ ފަށުގައި ދުވަމުންނެވެ. ހީސަމާސާ ކުރަމުންނެވެ. އެއީ ވަޢުދެކެވެ.
އަހަރެމެން ދެމިހުންގެވެސް މެއެވެ. އެކަމަކު އެވަޢުދު ފުރިހަމަ ވާނީ ކޮން
ދުވަހަކުން ހެއްޔެވެ؟ ކޮންގޮތަކަށް ހެއްޔެވެ؟ އިންތިޒާރު ކުރެވެއެވެ. ދުޢާ
ކުރެވެއެވެ. ތެދެކެވެ. ކުށް ކުރެވުނީ އަހަރެންނަށެވެ. ނުވިސްނުނީ އެވެ.
ޅަކަމުންނެވެ. ނޫނެކެވެ. ވިސްނައިދޭނޭ މީހަކު ނެތީއެވެ.
ޚަބަރު ފެށިއްޖެއެވެ.
އަހަރެން އެންމެ ދެކެން ބޭނުންވާ މީހާ ޓީވީން ފެނިއްޖެއެވެ. ހިނިތުންވެލެވުނެވެ. އޭނާ
މިރޭ އަދި ވަކިން ރީތިހެން ހީވެއެވެ. ކަޅު ކޯޓަކާއި ހުދު ގަމީހެއް ލައި
ރަތްކުލައިގެ ޓައީއެއް އަޅާފައެވެ. މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން
ކޯޓުގައި ރަތްފިނިފެންމަލެއް ޖަހާފައި ހުއްޓެވެ. އެމަލާއި އެކު ހުދުކުލައިގެ
ކުދިކުދި މާތަކަކާއި ފަތްކޮޅެއް ހަރުކޮށްފައި ވެއެވެ. ޓީވީން ނަމަވެސް އޭނާއާއި
އަހަރެން ހަތަރު ކަޅި ހަމަވެއްޖެއެވެ. މިނިވަން ދުވަހުގެ ތަހުނިޔާ އޭނާ އެކީ
އަހަރެންނަށް ކަހަލައެވެ. އެހިނިތުންވުން ދިނީ އަހަރެންނަށްހެން ހީވިއެވެ. އެހެނީ
އެއީ އޭނާގެ ވައުދެކެވެ. ކަރުނަވީ ދެލޮލެއް ދުވަހަކުވެސް އަހަރެންނަށް
ނުދެއްކުމެވެ. ވަފާތެރި ލޯބިވެރިކެވެ.
ވައުދުގެ މަތީގައި ދެމިހުންނަ މީހެކެވެ. އަހަރެން ފެންކަޅިވިއެވެ. ދެރަވިއެވެ.
އަހަރެންނަށް ކޮންމެ ދުވަހަކުވެސް އޭނާ ފެނެއެވެ. ހާލު އެނގެއެވެ. ކިރިޔާ
ރޯގާއެއްޖެހި އަޑު ކުރެހި ލިޔަސް އަހަރެންނަށް އެބަދަލު ފާހަގަވެއެވެ. އެހެނީ
އަހަރެންނަށް އޭނާގެ ކޮންމެ ކަމެއް ހިތުދަސްވެފައިވާތީއެވެ.
އަހަރެން ސަމާލުކަން
ދެނީ ޚަބަރުގައި ކިޔާ އެއްޗަކަށް ނޫނެވެ. އޭނާގެ ރީތި މޫނަށެވެ. އެއޮމާން
އަޑަށެވެ. އޭނާއާއި ގުޅުން ހުރިކޮންމެ އެއްޗަކަށެވެ. އެހެނީ ހަޤީޤި ލޯބި
އަހަރެންނަށް ދަސްވީ އޭނާގެ ފުށުންނެވެ. ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި
ލޯތްބަކީ ހާސިލްވުން ނޫންކަމާއި ޤުރުބާނީ އަކީވެސް ލޯބި ކަމުގައި އޭނާގެ ފުށުން
އަހަރެންނަށް ދަސްވިއެވެ.
ޓީވީގެ ޚަބަރުގައި އަހަރެންނަށް
ހަމައެކަނި ސަމާލުކަން ދެވުނީ، އެޗެނަލްގެ މުވައްޒަފުންނަށް ހިންގި ކޯހެއްގެ
ވާހަކަ އައުމުން އެއަށެވެ. ކޯހުން އެއްވަނަ ލިބުނީވެސް އޭނާ އަށެވެ. ޝަރަފްވެރި
މެހްމާނުގެ އަތުން އިނާމް ހިފައިގެން އޭނާ ދާތަން ވީޑިއޯގައިވެސް ދެއްކިއެވެ.
އަހަރެން ބެލީމެވެ. އުފާވެސް ވިއެވެ. އޭނާ އަށް ދިރިއުޅުމުގައި ކާމިޔާބީތައް
ލިބޭތީއެވެ.
ޚަބަރު ނިމިއްޖެއެވެ.
ބެލުންތެރިންނަށް ބާއްޖަވެރި ރެއަކަށް އެދެމުންނެވެ. ޓީވީ ސްކްރީނުން
އޭނާގެއްލެންދެން އަހަރެން އިނީމެވެ. ގުޅާލަން ނުވަތަ މެސެޖެއް ކޮއްލަން
ހިތައްއެރިއެވެ. ރީތި ވާހަކަ ބުނާށެވެ. ހާލު ރަނގަޅުތޯ އަހާށެވެ. އެކަމަކު
ހިއްވަރެއް ނުލިބުނެވެ. އޭނާ އަހަރެންނަށް ކުރާ އިތުބާރު ގެއްލި ދާނެތީއެވެ.
އަހަރެން މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެ އޭނާއަށް ދުވަހަކުވެސް ނުގުޅުމަށް
ބުނެފައިވާތިއެވެ. އަދި އޭނާވެސް ނުގުޅާނެކަމަށް ވަޢުދު ވުމުންނެވެ.
އަހަރެމެން ކިހާ މޮޔަ
ހެއްޔެވެ؟ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވާއިރުވެސް މިތިބެނީ ދުނިޔޭގެ
ދެކޮޅުގައި ދުރުގައެވެ. ފޯނާއި ފޭސްބުކާއި ޓުވިޓާފަދަ ސޯޝަލް މީޑިޔާގެ
ޒަމާނެއްގައެވެ. ލޯބީގެ ގުޅުން ކެނޑުމުން ރައްޓެހި ރަހުމަތްތެރި ކަމުގެ ގުޅުންވެސް
ކެނޑުނީއެވެ. ދެމީހުންގެ ދިރިއުޅުމަށް އެކަމުން އަސަރެއް ކޮށްފާނެތީއެވެ. ކައިވެނި
ރޫޅިދާނެތީއެވެ.
އަހަރެންނަކީ މިއަދު
ދެކުދީންގެ މަންމައެކެވެ. އޭނާ އަކީ ދެކުދީންގެ ބައްޕައެކެވެ. އޭނާ ބުނާ
ގޮތުންނަމަ އަހަރެމެން މިތިބީ ހަޔާތުގެ މަގު ދެކަވި އެތަކެއް ހާސް ކިލޯ މީޓަރުގެ
ދުރަށް ދެވިފައެވެ. ފުރަތަމަ ބައްދަލުވި ހިސާބަށް ދެން އާދެވުމަކީ ނާދިރުކަމެވެ.
ނާދިރު ކަމަކަށްވުރެ ބޮޑަށް މުސްތަހީލު ކަމެކެވެ.
އޭނާ ޓިވީން ފެންނަ
ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި މާޒީގެ އުފާވެރި ހަނދާންތައް އާވެއެވެ.
ޅަދުވަހުގެ އެލޯބީގެ ރާހަތުން ރޭދުވާ ބޭޤަރާރު ކުރުވައެވެ. ކަރުނައިގެ މުތީތައް
ދެލޮލުން ނީރާލައެވެ. އަހަރެންގެ ހިތުގައި އޭނާގެ ލޯބި ވަޅުލެވިފައި ވިޔަސް
އެލޯބީގެ ހުޅުކޮޅެއް ނުނިވެއެވެ. ނުވެސް ނިވޭނެ މެއެވެ. އެހެނީ އެއީ އެއަށްވުރެ
މާތް އިންސާނެކެވެ. މިބިންމަތިން އަހަރެން އެފަދަ އެހެން މީހަކު ނުދެކެމެވެ.
ހިތަކީ ބަސް ޤަބޫލު ކުރާއެއްޗެއް ނަމަ އަހަރެން އުޅުނީހީ އޭނާގެ އަނތްބެއްގެ
ގޮތުގައި އޭނާގެ ކައިރީގައެވެ. އުފަލާއި އަރާމާއި ނިޢުމަތުގައެވެ.
އެކަމަކު
ދެކެބަލާށެވެ. ލޯބި ވެވެނީ އެހެން މީހަކު ދެކެއެވެ. ކައިވެނިކޮށް ދިރިއުޅުމެއް
ފެށުނީ އެހެން މީހަކާއި އެކުގައެވެ. މިއީ ކިހާ ވޭންދެނިވި ހަޔާތެއްކަން އެނގޭނީ
އޭނާ އަށާއި އަހަރެންނަށެވެ. އަހަރެމެން ފަދައިން މިފަދަ ދިރިއުޅުމެއް
ތަހައްމަލުކުރާ މީހަކަށެވެ.
ތަފާތަކީ ކޮންމެ
ދުވަހަކު އަހަރެންނަށް އޭނާ ފެނުނަސް އޭނާއަށް އަހަރެން ނުފެންނާނެކަމެވެ.
ދެދަރިން ލިބި ފަލަވެ ޅަދުވަހުގެ ރީތި ބުރުސޫރަ ގެއްލުމުން އޭނާއަށް އަހަރެން ވަކިކުރަން
އެނގޭނެބާވައެވެ؟ އަހަރެންނަށް ޔަޤީނެވެ. ކޮންމެ ސިފައެއްގައި އަހަރެން ހުއްޓަސް
އޭނާ އަހަރެން ދެނެގަންނާނެއެވެ. އަހަރެންގެ ލޯބި އޭނާގެ ހިތުގައި މަރެއް
ނުވާނެއެވެ. އެކަން އެނގެނީ ރައްޓެހިންގެ ފަރާތުން އިވޭ ވާހަކަތަކުންނެވެ.
ރައްޓެހިން ބުނެއެވެ.
އޭނާ ބުނާ އަޑު އެހީމެވެ. އޭނާ އަދިވެސް އަހަރެން ދެކެ ލޯބިވާ ވާހަކައެވެ.
ލޯބިވުމަކީ ކޮންމެހެން ލޯބިވާ ވާހަކަ ބުނުން ނޫން ކަމަށެވެ. ފޯނުން ގުޅުން
ނޫންކަމަށެވެ. އެއީ ތެދެކެވެ. ތެދުވެރި ލޯބި މަރެއް ނުވާނެއެވެ. އަދި ކޮންމެ
ލޯތްބެއް ހާސިލެއްވެސް ނުވާނެއެވެ. ލައިލާ އާއި މަޖުނޫން އަދި ޝީރީނާއި ފަރުހާދުގެ
ވާހަކަވެސް ވާހަކައަކަށްވީ އެމީހުންނަށް މިދުނިޔެއިން ލޯބި ހާސިލް ނުވީމައެވެ.
އެހެން ނޫންނަމަ އެއީ ފަހުތިބީންގެ ދޫމަތީގައި ތާއަބަދަށް ދެކެވޭނޭ ވާހަކައަކަށް
ނުވީހެވެ.
އަހަރެންނާއި އޭނާ
ބައްދަލުވީ މަދުރަސީ ދައުރުގައެވެ. އޭރުވެސް އޭނާއަކީ ކިޔަވަން މޮޅު މީހެކެވެ.
އަހަރެންނަށްވުރެ ދެގްރޭޑް މަތީގައި އޭނާ ކިޔަވަމުން ދިޔަޔަސް އަހަރެމެސް ސްކޫލަށް
ދަނީ އެކީގައެވެ. އަންނަނީ އެކީގައެވެ. ތެދެކެވެ. އޭނާ އަކީ ހިތްސީދާ ދޫ ސީދާ
މީހެކެވެ. ހުވަފެން ތަޢުބީރު ކުރުމުގެ ވެސް ހުނަރު ހުރި މީހެކެވެ. ފަހަރުގައި
އަހަރެމެންގެ ބަދު ނަސީބަކީ އެއީ ކަމުގައި ވެދާނެއެވެ.
އަހަރެން އެންމެ
ފުރަތަމަ އޭނާ އާއި ދިމާއަށް މަލާމާތްކޮށް ދިމާކުރީއެވެ. އަންހެންކުދިންގެ
ތެރޭގައި ލަދު ގެންނެވީއެވެ. އެކަމަކު އެދުވަހު އޭނާ ބުނިބަސް އަހަރެންގެ ހިތުގައި
މިއަދުވެސް ހަރުލާފައި އެބަހުއްޓެވެ. އޭނާ ބުންޏެވެ. "މުޅި އުމުރަށް ތިބާ
އަހަރެންގެ ލޯތްބަށް އެދި އެދި ހުންނާނެއެވެ. އެކަމަކު އެލޯބި ހާސިލްވާނެތޯ
ނުވާނެތޯ ނާހާށެވެ."
ތެދެކެވެ. އޭނާދެކެ
ލޯބި ވެވުނީ އަހަރެންނަށެވެ. އޭނާ އާއި ނުލައި ދިރިއުޅެން ދަތިވީ އަހަރެންނަށެވެ.
އަހަރެން އަބަދު އުޅެނީ އޭނާގެ ގޭގައެވެ. އޭނާގެ ގާތުގައެވެ. އޭނާއަށް ކާން
ހަދައިދީ އެއްޗެހި ދޮވެދީ ހަދަނީ އަހަރެންގެ ދެއަތުންނެވެ. ސްކޫލުގައި އުޅޭ ވަގުތު
ފިޔަވައި ދެން ހުރިހާ ވަގުތަކީވެސް އަހަރެމެން އެކުގައި އުޅޭ ވަގުތެވެ. ނިދަން
ވަންދެންނެވެ.
އަހަރެމެން އެކުގައި
ގޮނޑުދޮށަށް ގޮސްހަދަމެވެ. ދެފަސް ބެދޭ ހިސާބުގައި އިށީނދެ ތިބެމެވެ. އޭނާ
އަހަރެންގެ އުނގުގައި ބޯއަޅައިގެން އޮވެ އަހަރެންނަށް ލަވަ ކިޔައިދޭނެއެވެ. ހިންދީ
ލަވައެވެ. އޭގެ މާނައެވެ. މިހާރުވެސް ރޭޑިއޯއިން ނުވަތަ ޓީވީން އެއިން ލަވައެއް އަޑު
އިވިއްޖެނަމަ އަހަރެންގެ ހަނދާނަށް އެދުވަސްތައް ގެނުވައެވެ. އެދުވަސް އެނބުރި
އަންނާނެ ނަމައޭ ހިތަށް އަރައެވެ.
އަހަރެމެން
އެކަހެރިވެ ބައްދަލުވެސް ކުރީމެވެ. އެއްކޮޓަރީގައި އެކުގައި ނިދާވެސް ހެދީމެވެ.
އެކަމަކުވެސް ޝައިތާނާ އަށް އޭނާގެ ސިކުނޑިއަކަށް ސަވާރެއް ނުވެވުނެވެ. ރޭގަނޑުގެ
ފުރަމެންދަމުގައި ވިއްސާރަ ތޫފާނީ ރެއެއްގައި އޭނާ އަހަރެންގެ ކޮޓަރިއަށް އައީ
އެކަނި އަހަރެން ނިދަން ބިރުން އުޅޭތީއެވެ. އަހަރެން ބުނެ ގެނެވެ. އެއީ އާއިލާގެ
މީހުން ކައިރި ރަށަކަށް ދިޔަ ރެއެކެވެ. ވިއްސާރައިގައި ޖެހިގެން އެމީހުންނަށް ނާދެބުނީއެވެ.
އެރޭ އޭނާއަށް
ދައުވަތު ދިނީ އަހަރެންނެވެ. ލޯބީގެ ލައްޒަތުގެ އާދުނިޔެއަކަށް ދިޔުމަށެވެ.
އުފަލާއި އަރާމާއި ފިނިފެންމަލުގެ ދާނެއްގައި ނިދާލުމަށެވެ. ސިއްރުންނެވެ. މުޅި
ދުނިޔެއަށްވެސް މެއެވެ. އެރޭގައި ކައުނުގެ ވެރި ރައްބު ފިޔަވައި އެކަން ދެކޭނޭ ފަރާތެއް
ނެތެވެ. ހުރިހާމަގެއް އޮތީ ހާމައަށް ހުޅުވިފައެވެ. އެއްވެސް ނުރައްކަލެއް
ހާސްކަމަކާއި ނުލައެވެ. އެކަމަކުވެސް އޭނާ ދިނީ ފުރަގަހެވެ. ވިސްނައިދިނީ
އަހަރެންނަށެވެ. ކައިވެނީގެ އިމުން ބޭރުގައި އެފަދަ ގުޅުމެއް ހިންގާނީ ލޯބި
ނުވާމީހުން ކަމުގައެވެ. އެހެނީ އަލަތު ކައިވެނީގެ ރެއަކީ އެރެއްގެ އުފަލާއި
އަރާމާއި ހިތްހަމަޖެހުން އެއަށްވުރެ މާބޮޑު ރެއެކެވެ. އެރެއަށްޓަކައި ކެތްކުރަން
ޖެހޭނެ ކަމެވެ. ދުނިޔެއިން އާޚިރަތް ހޯދަން އެދޭ ފަދައިންނެވެ.
އެރޭ އޭނާ ދެއްކީ
ހުސް ތެދުވާހަކައެކެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ޖައުހަރަކީ އޭނާގެ
އިއްފަތްތެރިކަމެވެ. އޭނާ އަލަތު ފިރިމީހާއަށްދޭނެ އެންމެ ބޮޑު ހަދިޔާއަކީވެސް
އެއީ ކަމެވެ. ކައިވެނީގެ އިމުން ބޭރުގައި އެފަދަ ގުޅުމެއް ހިނގުމަކީ މުޅި އުމުރަށް
ތެދުވެރި ލޯބި ގެއްލިގެންދާ ކަމެކެވެ. އެފަދަ ދެމީހަކު ކައިވެނި ކުރިޔަސް
އެކައިވެންޏެއްގައި އިތުބާރެއް ހިތް ހަމަޖެހުމެއް ނޯންނާނެއެވެ.
އެރޭ އަހަރެން
ލަދުގަތެވެ. އެރޭގެ ފަހުން އޭނާގެ ކުރިމައްޗަށް ދާން އުނދަގޫވެސް ވިއެވެ. އެކަމަކު
އޭނާގެ ކިބަޔަކުން އެފަދަ ކަމެއް އަހަރެންނެއް ނުދެކެވެ. ތަފާތެއްވެސް ފާހަގައެއް
ނުވެއެވެ. އެރޭގެ ފަހުންވެސް އޭނާ އަހަރެންނާއި ވާހަކަ ދައްކަނީ ހަމަ ކުރީގެ
ގޮތަށެވެ. އޯގާތެރިކަމާއި ލޯތްބާއި އެކުގައެވެ. ވެދާނެއެވެ. އަހަރެންނަށްވުރެ އޭނާ
ހަތަރު ފަސް އަހަރު ދޮއްޓަތީ އަހަރެންނަށްވުރެ ބޮޑަށް އޭނާއަށް ދުނިޔޭގެ ކަންކަން
ވިސްނެނީ ކަމަށެވެ.
އެކުގައި ތިން އަހަރު
އަހަރެމެން ހޭދަކުރީމެވެ. ދުވަހަކުވެސް މައްސަލައެއް ނުޖެހެއެވެ. އޭނާ ބުނާނެއެވެ.
މައްސަލައެއް ނުޖެހުމަކީވެސް މައްސަލައެކެވެ. އެއީ މައްސަލައެއް ޖެހިއްޖެނަމަ
ހައްލެއް ނުވާނެއެވެ. އެމައްސަލައެއްގެ ނިމުމަކަށްވާނީ ވަކިވުމެވެ. އެއީ
ތާއަބަދުގެ ވަކިވުމެއް ކަމުގައި ވެދާނެއެވެ. ކަން ދިމާވީ ވެސް އެހެންނެވެ.
އަހަރެމެން
ރައްޓެހިވެގެން އުޅޭ ކަން ދެފަރާތުގެ އާއިލާގެ މީހުންނަށްވެސް އެނގުނީ ތިން އަހަރު
ވީފަހުންނެވެ. ހީވީ އަނދައަނދާހުރި އަނގުރު ގަނޑަކަށް ޕެޓްރޯލް ޖެހި ހެންނެވެ.
އަހަރެންގެ މީހުން އޭނާ ކައިނުލީ ކިރިޔާއެވެ. ތަޅައި ނުގަތީވެސް އޭނާއަކީ
އަހަރެންގެ ބައްޕަގެ މާގާތް ރައްޓެއްސެއްގެ ދަރިއަކަށް ވާތީއެވެ. މަންމަ
ދުނިޔޭގައި ނެތަތީ އާއި އަހަރެންނަކީ އާއިލާގެ އެންމެ ހަގު ކުއްޖާއަށް ވާތީ
އަހަރެންގެ ކޮންމެ ކަމެއް ބަލަހައްޓަނީ ދައްތަޔާއި ބޭބެމެންނެވެ. ބައްޕަ އެއްވެސް
ކަމަކާ ނުބެހޭނެއެވެ.
އެހަމަނުޖެހުން
ގަނޑުގެ ތެރޭގައި އެއަހަރު އަހަރެން ފާހެއްވެސް ނުވިއެވެ. އިލްޒާމް އެޅުނީ އޭނާގެ
ބޮލުގައެވެ. އޭނާގެ ލޯބީގައި ދީވާނާކޮށް އަހަރެންގެ ކިޔެވުން ހަލާކުކޮށްލީ
ކަމަށެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ދައްތަޔާއި ބޭބެމެން އޭނާއާއި
ދިމާއަށް ގޮވާ އެއްޗިއްސާއި ފޮށޭ ފޮށުންތަކާއި ހެދި އެކަމާއި ވިސްނާފައި އެހެން
ކަމެއް ކުރާނެ ވަގުތެއް އަހަރެންނަށް ނުލިބުނީއެވެ. އޭނާ އަހަރެންނަށް ކިތަންމެ
ވަރަކަށް ނަޞޭހަތްދީ، ކިޔަވަން އެހީތެރިވިޔަސް އެއިން އެކައްޗެއްވެސް އަހަރެންގެ
ސިކުނޑިއަށް ނުވަނީއެވެ.
ދުވަސްކޮޅަކުން އޭނާ
އަހަރެންނާއި ރުޅިވީއެވެ. ވާހަކަވެސް ނުދެއްކީއެވެ. އަހަރެން ރޮއެ
އާދޭސްކުރުމުންވެސް އަޅައެއް ނުލިއެވެ. ދެން ފެންނަންފެށީ އެހެން އަންހެންކުއްޖަކާ
އޭނާ ގާތްކަން ބާއްވާތަނެވެ. ވާހަކަދައްކަން އަތިރިމަތީ ރުއްދޮށުގައި ތިބޭ ތަނެވެ.
އަހަރެންވެސް ދޫކުރާކަށް ދެރަވާކަން ބޭނުމެއް ނުވިއެވެ. އަހަރެންގެ ފަހަތުން
މުގޯލި އަޅަމުން އާދޭސް ކުރަމުން ދުވާ އެތައް ކުދީންނެއް ތިއްބަތީ އެއިން ކުއްޖަކާ
ރައްޓެހިވިއެވެ. ކޮންމެހެން ލޯބިވެގެނެއް ނޫނެވެ. އޭނާއަށް ދެރަ ނުވާން
ވެގެންނެވެ. ބަދަލެއް ހިފާށެވެ. އޭނާ ދެރަކޮށްލާށެވެ.
ފަހުން ހަޤީޤަތް
އެނގުމުން ދެރަވިއެވެ. އޭނާ އަހަރެންނާއި ރުޅިވީ އަހަރެންގެ ކިޔެވުން ހަލާކުވީ
އޭނާގެ ސަބަބުން ކަމުގައިބުނެ އޭނާގެ ބޮލުގައި އެޅުނު އިލްޒާމްތަކުން
ސަލާމަތްވާންކަން އެނގުމުންނެވެ. އަހަރެންނަށް އޭނާ ނަސޭހަތްދީ އާދޭސް
ކުރުމުންވެސް ކުރިން ހޯދި ނަތީޖާ ނުހޯދޭތީ އެކަން ބަދަލު ކުރެވޭތޯ ކަން
އެނގުމުންނެވެ. އޭނާ ހީކުރީ އޭނާ އަހަރެންނާއި ރުޅިވުމުން އަހަރެން އަލުން އައު
ހިއްވަރަކާއި އެކު ކިޔަވަން ފަށާނީކަމަށް ކަމުގައި ވީތީއެވެ.
އެކަމަކު ކަންވީ
އެހެނެއް ނޫނެވެ. އެއްކުލާހުން އަނެއް ކުލާހަށް އަހަރެން ބަދަލުވީ އޮޓަމެޓިކުންނެވެ.
އޯލެވެލް ނިންމާލީ "ޔޫ" ސެޓަކުންނެވެ. އޭރު އޮތީ ވާނެ ހައެތި
ވެނިމިފައެވެ. ލޯބި ނުވިޔަސް ފަހުން ރައްޓެހިވި ކުއްޖާއާއި އެކު ހުރިހާ
ގުޅުމެއްވެސް ބޭއްވިފައެވެ.
ކިޔަވައި ނިމުމުން
އޭނާ އަހަރެން ގާތު ރައްޓެހިވާންވެސް އިންނަންވެސް އެހިއެވެ. އެކަމަކު ދެފަރާތުގެ
އާއިލާގެ މީހުން ނުގަބޫލުވީއެވެ. އަހަރެމެން އިންނަން އެއްބަސްނުވީއެވެ. އެންމެ
ސަބަބަކާއި ހެދިއެވެ. އޭނާގެ މައިންބަފައިން ދިރިއުޅެނީ މާލޭގައި ކަމަށްވާތީއެވެ. އަހަރެން
އާއިލާއާއި ވަކިވެގެން އޭނާގެ ގާތަށް މާލެދާންޖެހޭނެތީއެވެ.
އަހަރެން އިނީ ލޯބި
ނުވިޔަސް އާއިލާމީހުން ދެއްކި މީހަކާއެވެ. ތަނަވަސް މީހަކާއެވެ. އެކަމަކު އޭނާގެ
ފުށުން އަހަރެންނަށް ލޯތްބެއް އޯގާތެރިކަމެއް ނުލިބުނެވެ. އަނިޔާއާއި ވޭނާއި
ހިތާމަ ނޫން އެއްޗެއް ނުލިބުނެވެ. އަހަރެން މީހަކާ ވާހަކަދެއްކިޔަސް ފޯނުވެސް
ހަލާކުކޮށްލާނެއެވެ. އަހަރެން ފުރާނަފަދައިން ލޯބިވާ މީހާ ޓީވީއެއްގައި މަސައްކަތް
ކުރާތީ އެޗެނަލް ބެލުންވެސް އަހަރެންނަށް އޮންނަނީ މަނާކޮށްފައެވެ. ޝައްކު ބޮޑު
މީހެކެވެ. އެރޭ އޭނާ ބުނީ ތެދެއްކަން މިއަދު އަހަރެންނަށް އެނގެއެވެ. ކައިވެނީގެ
ކުރިން އަހަރެންގެ މިހާރުގެ ފިރިމީހާއާއި އެކު އެފަދަ ގުޅުމެއް ބޭއްވުނަތީ
ފިރިމީހާއަށް އަހަރެންނަށް އިތުބާރު ނުކުރެވެނީ އެވެ. ޝައްކު ކުރެވެނީއެވެ. އެހެން
ފިރިހެނުންނާއި އެކުވެސް އެފަދަ ގުޅުމެއް އަހަރެން ނުބާއްވާނެކަން ޔަޤީންކުރަން
ދަތިވަނީއެވެ.
އަހަރެމެންގެ
ދިރިއުޅުމަށް ވަންނަން އޭނާ ނާންނާނެކަން އެނގޭނީ އަހަރެންނަށެވެ. މީހެއްގެ
އަނތްބަކަށް އަހަރެން ވުމަށްފަހު އަހަރެންދެކެ ކިތަންމެ ލޯބިވިޔަސް އަހަރެންނާއި
ދިމާއަށް ބަލައިވެސް ނުލުމަށް އޭނާ އޮތީ ވައުދުވެފައެވެ. އެވައުދު އޭނާ
ފުއްދާނެއެވެ. އެކަން އަހަރެންނަށް މެންދުރުގެ އިރު ފަދައިން ޔަޤީނެވެ.
ޚަބަރު ނިމުމުން
އަހަރެން ތެދުވީ ބައްޕަ ކޭތަށިތައް ނަގާށެވެ. އެކަމަކު ދެންވެސް ޓީވީގައި ފެށުނީ
އޭނާ ހުށައަޅާ ޕްރޮގްރާމަކަށް ވާތީ ބަލައިލަން މަޑުކޮށްލެވުނީއެވެ. ފިރިމީހާ
ގެއަށް އައިސްވަނީ އެވަގުތުއެވެ. އަހަރެން ޓީވީ ބަލަން އިންދައި ފެނުމުން އޭނާގެ
ސިކުނޑި ދިޔައީ އުދުހިގެންނެވެ. މޭޒުމަތީގައި ހުރި މުށި މާވަށިގަނޑުން އެއްލައިޖެހީ
ޓީވީގެ ސްކްރީންގައެވެ. ބަޑިއެއްޖެހިހެން ޓީވީ ގޮވީއެވެ. މުށިމާވަށިގަނޑު
ތަޅައިގެން ދިޔައީއެވެ. އެވަރަކުން ނުފުދުނުނެވެ. އަހަރެންގެ އިސްތަށިގަނޑުގައި
ހިފައި އަތަށް އޮޅާލައިގެން ގެނެސް ކޮޓަރިއަށް ވައްދައި އެނދުމައްޗަށް ކޮއްޕާ ވައްޓާލީއެވެ.
އަހަރެން ނުރޮމެވެ.
އެއީ އަހަރެންނަށް އާކަމަކަށް ނުވާތިއެވެ. އެކަމަކު ތަދުވިއެވެ. ހިތުގައި ވޭން
އެޅިއެވެ. އަމިއްލަ ނަސީބާއި މެދުގައި ކުރެވޭ ހިތާމައިގެ ސަބަބުންނެވެ. ރަނގަޅު
މީހަކު ލިބި ގެއްލުނީއެވެ. އަހަރެންގެ މޮޔަކަމުންނެވެ. ނުވިސްނުނު ކަމުންނެވެ.
އެކަމަކު ހިތުގައި އަދިވެސް އެއްކަމެއް އޮވެއެވެ. އެއީ އަހަރެންނަށް ފެނުނު
ހުވަފެނެވެ. އެހުވަފެން ކިޔައި ދިނުމުން އޭނާ ބުންޏެވެ. އުމުރުގެ ވަރަށް
ފަހުކޮޅުގައި މެނުވީ އަހަރެމެން އެކުގައި ދިރިއުޅޭނެ ހެނެއް ހިއެއް ނުވެއެވެ.
No comments:
Post a Comment