ދުނިޔޭގެ ދަތުރު ފަތުރުގެ ތާރީޚް:
ދުނިޔޭގެ ހިކިފަސްތަނަށްވުރެ
ބޮޑު ބަޔަކީ ކަނޑު ކަމަށްވާތީ އާއި އަދި އެކި ހަޟާރާތްތައް ތަރައްޤީވެގެން
އައީކޯރުތަކުގެ އައްސޭރީގައި ކަމަށްވާތީ ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރު އުފައްދައި އެއިން ދަތުރުކުރުމުގެ ތާރީޚް މީގެ އެތައްހާސް އަހަރުކުރިއަކަށްދެއެވެ. މިގޮތުން އެންމެ ކުރީގެ އުޅަނދަކަށް ފެންނަން އޮތީ ނޫޙުގެ ފާނުގެ ނާކޮޅެވެ. ތުރުކީގެ އަރާރަތު ފަރުބަދަ މަތިން މީލާދީން 1922 ވަނަ
އަހަރު މިނައުކޮޅު ފެނިފަވާކަމަށް
ވިކިޕީޑިއާ (2010)ގައި ބުނެފައިވެއެވެ. ވީމާ މިހާރުފެނިފައިވާ
ޤަދީމީ ހަޟާރަތްތަކުގެ ކުރިން މިހާދިސާ ހިނގާފައިވާނަމަ ނޫހުގެފާނުގެ ނައުކޮޅުވާނީ
ދުނިޔޭގެ އެންމެ ގިނަދުވަސްވީ ކަނޑުއުޅަނދަށެވެ.
ވިކިޕީޑިޔާގައި(2010)ގައި ބުނެފަވަނީ، މީލާދުގެ 40ހާސް އަހަރުކުރިން ދުނިޔޭގަ އުޅަނދު ފަހަރު ބޭނުންކުރަންފަށާފަވާކަމަށެވެ.
އެންސިއެންޓް އިޖިޕްޓް (2010) ގައި
ބުނެފަވަނީ، މިއުޅަނދުތަކުގަ އެމީހުން ޢަރަބި އެހެން ސަރަހައްދުތަކަށް
ދަތުރުކުރިކަމަށެވެ. މާކް ޑެނީ(2008) ވިދާޅުވަނީ
މީލާދުގެ ހަތަރުހާސް އަހަރުކުރިންފެށިގެން ޢަރަބީން ވިޔަފާރި ކަމުގަ ކަނޑު
އުޅަނދުފަހަރުގަ ދަތުރުކޮށްފަވާކަމަށެވެ. އަދި މީލާދުގެ 1500 އަހަރުކުރިން ޗައިނާ މީހުންވެސް
ޕެސިފިކްކަނޑުގަ ދަތުރުކުރަން ފަށާފަވެއެވެ.
ދިވެހިންގެ އޮޑި ދޯނި ފަހަރަށް ބަލާއިރު
އޭގައި ދުނިޔޭގެ އެކިސަރަހައްދުތަކުގެ ކަނޑު އުޅަނދުފަހަރާއި އެއްގޮތް
ސިފަތައްވެއެވެ. އަހުމަަދުޝަފީޤު (1991) ވިދާޅުވަނީ ބޭރުގެ އެކި ލިޔުންތެރިންގެ
ހޯދުމުގެ ތެރޭން އެވޭލާ ދިވެހީންގެ އޮޑިދޯނި ފަހަރުގެ ސިފަޔަށް ބަލާއިރު، މީލާދީން
ދެވަނަ ޤަރުނުގަ އޭޝިޔާއާއި އެފްރިކާއަދި ޔޫރަޕްގެ ބައެއް ރަށްރަށުގެ ނަމޫނާތަކުން އަމިއްލަ ފާާޑުވެރިކަމެއް ހޯދައިގެން
އޮޑި ދޯނި ފަހަރު ބަނދެފައިވާ ކަމަށެވެ.
އީސާއީސަނަތުގެ ކުރީކޮޅު ދުނިޔޭގެއެކި
ކަންކޮޅުތަކަށް ދިވެހިން ދަތުރުކޮށްފައިވާ ކަން ތާރީޚީ ހެކިތަކުން ސާބިތުވެއެވެ. ނަސީމާމުޙައްމަދު
(2002) ރޫމީންގެ ލިޔުންތެރިޔަކާ ހަވާލާދެއްވައި ވިދާޅުވާ ގޮތުގަ ރޫމީންގެ
ރަސްގެފާނު ޖޫލިއަންގެ އަރިހަށް ދީވީން(ދިވެހިން) މީލާދީން 362 ވަނަ އަހަރު ވެދުން
ގެންގޮސްފަވެއެވެ. އަދި މީލާދީން 658 ވަނަ އަހަރާއި 662 ވަނަ އަހަރު ޗައިނާގެ
ރަސްގެފާނު އަރިހަށް ވެދުން ހިފައިގެން ގޮސްފައިވާކަމަށްވެސް ނަސީމާ ވިދާޅުވެއެވެ.
ދުނިޔޭގެ ޗާޓަށް ބަލާއިރު މިދުރު
ދަތުރު ދިވެހިން ކޮށްފައިވާނީ އެކަށީގެންވާ ވަރުގެ އުޅަނދެއްގައި ކަމާއި އޭރުވެސް
އެމީހުންނަކީ ކަނޑުދަތުރުފަތުރަށް ފަރިތަ ދުނިޔެ ދަންނަ ބައެއްކަން ޗާޓު އެކަކަށް
ބަލާލުމުންވެސް އެނގެއެވެ. (ޗާޓު 1 ބަލާ.)
ޗާޓް:1 ދިވެހިން ރޯމަށާއި ޗައިނާއަށް ދަތުރުކުރި
މަގުތައް:
![]() |
ދަތުރުފަތުރުގެ
ތާރީޚް
ފުރަތަމަ
ދުނިޔޭގެ އެކި ހަޟާރަތްތަކުގަ މީހުން ކަނޑުދަތުރު ފަތުރުކޮށް އުޅުނުގޮތާއި ބޭނުންކުރި އުޅަނދުތަކަށް ބަލާލުމުން ދިވެހިންގެ ގެއްލިފައިވާ ތާރީޚަށް އަލިކަމެއް ލިބިދާނެއެވެ. އަހުމަދު ޝަފީޤު(2000) ވިދާޅުވަނީ އެންމެ ފުރަތަމަ
ދިވެހިން ރާއްޖޭގަ ވަޒަންވެރިވި މީހުން ކަނޑު ދަތުރުފަތުރު ކުރަން އުފެއްދީ
ކޮންއެއްޗެއްސެއްކަން މިހާތަނަށް ހޯދިފައެއް ނުވާކަމަށެވެ. އޭނާވިދާޅުވަނީ
އެކި ސިފައަށް އަދި އެކިކަންކަމަށް އުފައްދާފައިވާ ސާޅީސް ބާވަތަށްވުރެ ގިނަ
އުޅަނދު ރާއްޖޭގަ އެވޭލާ ޒަމާނުގައި ބޭނުންކުރިކަމަށެވެ. \
ދިވެހިންގެ
އޮޑި ދޯނި ފަހަރު:
ދިވެހިން އުޅަނދުފަހަރު އުފެއްދުމުގެ
މަސައްކަތަށް ދިވެހިން ޒަމާނުއްސުރެ ކިޔަމުން އަންނަނީ އޮޑިދޯނި ފަހަރު ބަނުމެވެ. ކިއްސަރުވަޑާމުގެ
މަސައްކަތުގައި އޮޑިދޯނިފަހަރު ބަނުން ކިއިފައިވަނީ ކުރިން އުޅަނދު ފަހަރު
އުފައްދަމުން ދިޔައީ ރޯނުން ބަނދެގެން ކަމަށްވާތީ ކަމުގައި މުހައްމަދު އިސްމާއިލް
ދީދީ (1995) ބަޔާންކުރައްވައެވެ.
މިހިޔާލަށް ތާއީދުލިބޭ އަނެއްކަމަކީ ރޯނުގެ
ވިޔަފާރިއަކީ ދުނިޔެއަށް މަޝްހޫރުވިޔަފާރިއަކަށް ބޭނުންބޮޑު އެއްޗަކަށް އެޒަމާނުގަ
ވެފަވާކަމެވެ. މުޙައްމަދު އިސްމާއީލް ދީދި (1995)ވިދާޅުވެފަވަނީ އެގޮތަށް
އުޅަނދުފަހަރު ރޯނުން ބަންނަމުންދިޔައީ އިންޑިޔާއާއި އޮމާނާއި މަސްކަޓްގައެވެ.
އަދި އޭރު ޔަމަންފަދަ ޢަރަބި ޤައުމުތަކަށް ރާއްޖެއިން ރުއްކަނޑައިގެން ގެންދެއެވެ.
އަހުމަދު ޝަފީޤު (1991) ވިދާޅުވާ ގޮތުގަ މީލާދީން ސޯޅަވަނަ ޤަރުނުގެ ކުރީގެ
އުޅަނދު ފަހަރު ހުރީ ފިލާ ލަފާާ ގާތްކޮށް ވިދުތޮރުފައި ވަކަ ނުވަތަ ރޯނު
ލައްވައިގެން އަސްބަނުމަކުން ބަނދެފައެވެ. ޝަފީޤު ވިދާޅުވަނީ ދެމަޑޫ ޅިސްޖަހައި
ގުޅުވައިގެން ދޯނިފަހަރު ބަންނަން ފަށާފައިވަނީ 16 ވަނަ ޤަރުނުން ފެށިގެން އޭގެ ފަހަށެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގަ، ދިވެހިން އޮޑި ދޯނިފަހަރު ޅިިސްޖަހައިގެން
ބަންނަން ފަށާފައިވަނީ، ބޭރުގެ އެކިއެކި ނަމޫނާތަކުގެ މައްޗަށް ބަލައިގެން ކަމަށް
ބޭރުގެ ލިޔުއްވުންތެރިން ލިޔުއްވާާފައި ވެއެވެ. ރާއްޖޭއަކީ ކަނޑު ދަތުރުފަތުރަށް
ބިނާވެފައިވާ ޤައުމަކަށްވާތީ ތަފާތު އެކިނަންނަން ކިޔާ އެކި ޑިޒައިންތަކުގެއުޅަނދު
ފަހަރު ދިވެހިން ބޭނުންކޮށްފަވެއެވެ. މިގޮތުން
ވަރަށް ގިނަ ބާވަތްތަކުގެ އުޅަނދު ދިވެހިން އުފައްދާފައިވެއެވެ(އަހުމަދު ޝަފީޤު
1991). މީގެ ތެރޭގައި އެކި ބޭނުންތަކަށް އެކިސައިޒަށް ބަނދެފައިވާ އުޅަނދުތައް
ހިމެނެއެވެ.

މިއީ އެއްކޮށް ބަނދެފައި އޮންނަ ލަކުޑި
ފިލާތަކުން ހަދާފައިވާ އުޅަނދެކެވެ. އާއްމުކޮށް މިއުޅަނދު ދުއްވަނީ ރިއްދަނޑިން
ކަނބައިގެން ނަމަވެސް ހަތަރެސްކަން ރިޔާ ނަގައިގެންވެސް މިއުޅަނދު ދުއްވާ
އުޅެއެވެ. އެވޭލާ ޒަމާނުއްސުރެ މިހާރާއި ހަމައަށްވެސް ދިވެހިން މިއުޅަނދު
ބޭނުންކުރެއެވެ.
ބޮއްކުރާ:

ޖަހާދޯނި:

ވަދު ދޯނި:


މިއީ
ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަން ކުރުމަށް ބޭނުންކުރަމުން އައި
އުޅަނދެވެ. މިއުޅަނދަށް މަސްއޮޑިވެސް ކިޔައެވެ. މިއުޅަނދުގެވެސް
އެވްރެޖްބޮޑުމިނަކީ، 15×4
މީޓަރެވެ. މިއުޅަނދަކީ ރިޔަލާއި ފަލިން ދުއްވާ
އުޅަނދެކެވެ.
ނާލުބައްތެލި:


މިއީ
އިހު އެވޭލާގަ ރާއްޖޭގައި ބޭނުންކޮށް އުޅުނު އެންމެ ބޮޑެތި އުޅަނދު ފަހަރުތެރޭގަ
ހިމެނޭ އުޅަނދެކެވެ. މިއުޅަނދަކީވެސް އެއްރިޔަލަށްވުރެ ގިނަ ރިޔާ ނަގައިގެން
ދުއްވާ އުޅަނދެކެވެ. މިއުޅަނދުގެ ބޮޑު މިނަކީ 21×7 މީޓަރެވެ.
ސަންބޯކް:
މިއީ އެންމެ އިހު އެވޭލާއިން ފެށިގެން
ދިވެހިން ރިޔަލުގަ ބޭރުގެ ކަރަތަކަށް ދަރުކޮށް އުޅުނު އުޅަނދެއް ކަމަށް އަޙުމަދު
ޝަފީޤު (1991) ވިދާޅުވެއެވެ. މިއުޅަނދުގެ އިތުރު މައުލޫމާތެއް އޭނާވެސް
ލިޔުއްވާފައެއް ނުވެއެވެ.

މިއީވެސް ބޭރުގެ ކަރަތަކަށް ދަތުރުކުރުމަށް
ދިވެހިން ބޭނުންކުރި އުޅަނދެކެވެ. 20 ވަނަ ޤަރުނުގެ މެދުތެރޭގައި ރާއްޖެއަށް
ޒިޔާރަތްކުރެއްވި އެލެން ވިލިޔާސް ލިޔުއްވާފައިވާ ކަމަށް ޒާހިރު ނަސީރު (2007)
ވިދާލުވަނީ ބަނގަލާބޯޓު ޢަރަބީންގެ އުޅަނދުފަހަރާ އަދި އިހުޒަމާނުގައި ސްޕޭން
މީހުން ގެންގުޅުނު ނައުފަހަރާއި ވައްތަރު ކަމަށެވެ.

މިއުޅަނދަކީ އެތައް
ބައިވަރު ރިޔާތަކެއް ނަގާފައި ހުންނަ އަދި
އެއްކުނބަށްވުރެ ގިނަ ކުނބު ނަގާފައި ހުންނަ އުޅަނދެކެވެ. މިއުޅަނދަކީ ދުރު
ހިސާބުތަކަށް ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދެކެވެ. މިއުޅަނދުގައި ކަމަރާ ހަދައި
ކައްކައި ކައިބޮއެ ހެދޭނެ ރަނގަޅު އިންތިޒާމްތައް ހަމަޖައްސާފައިހުރެއެވެ.
ދިވެހިންގެ
ދަތުރުފަތުރަށާއި އުޅަނދު ފަހަރަށް އައި ތަރައްޤީ:
ދިވެހިންގެ
މަޢީޝަތު ކުރިއަރަމުން އައި އައުމުގައްޔާއި އެކި ޒަމާންތަކުގައި އެކިބަދަލުތައް
އަންނަމުންގޮސް ދިވެހިންގެ އެވޭލާ އުޅަނދުފަހަރު މިހާރުވަނީ މުޅިން އުވި
ގޮސްފައެވެ. އަހުމަދު ޝަފީޤު (2000) ވިދާޅުވާ ގޮތުގަ މިޒަމާނަށް އައިރު ރާއްޖޭގައި ކުރިން ބޭނުންކުރެވުނު
ގިނަ ބާވަތްތަކެއްގެ އުޅަނދުތަކާއި އޭގެ ފަރުމާތައް ބޭނުންކުރުންވަނީ މުޅިންމެ
ހުއްޓިފައެވެ. މިއަދު ރާއްޖޭގެ ކަންކޮޅު ތަކަށް ބަލާލާއިރު ފެންނަނީ މުޅިން
އާފަރުމާތަކާއި އާޑިޒައިންތަކެވެ. އުޅަނދުފަހަރު ލަކުޑިން ބަނުމުގެ ޒަމާން ފާއިތުވެގޮސް
ދިވެހިންގެ އުޅަނދުފަހަރު ބަނދެއުޅުނު ގޮތްތައްވެސް މުޅިން ބަދަލުވެއްޖެއެވެ.
ނިންމުން:
ދިވެހިންނަކީ އުފެއްދުންތެރި ބައެއްކަން، އެކިބޭނުންތަކަށް ދިވެހިން އުފައްދާފައިވާ
އުޅަނދުތަކުން ދޭހަވެއެވެ. އަދި އިހުޒަމާނުއްސުރެ ދިވެހިން އިންޑިޔާ ކަނޑުގައި
ދަތުރުފަތުރުކޮށް އުޅުނު ފަރާތްތަކުގެ ކިބައިން މައުލޫމާތާއި ތަޖުރިބާ ހޯދައިގެން މިވެއްޓާއި
ގުޅޭގޮތަށް އުޅަނދު ފަހަރު އުފައްދާފައިވާކަން ސާބިތުވެއެވެ.އަދި އުޅަނދުފަހަރު
އުފެއްދުމުގެ ފަންނާއި ހުނަރަކީ ދިވެހިން ދިވެހިބިމަށްއައިރު ގެނައި ފަންނެއްކަމާއި
ދުނިޔޭގެ ޤަދީމީ ޙަޟާރަތްތަކުގެ އަސަރު ދިވެހިންގެ ތެރޭގައި އެބަހުރިކަމުގެ
ސާބިތުދަލީލަކަށް ދިވެހިންގެ އޮޑިދޯނިފަހަރާއި އެއުޅަނދުފަހަރު ބަންނަގޮތް
ފުދެއެވެ. ވީމާ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ދިވެހިން އެވޭލާ ޒަމާނުއްސުރެ
މިއަދާއި ހަމައަށް ދަތުރުފަތުރު ކުރުމުގައި ބޭނުންކޮށްފައިވަނީ ކަނޑު
އުޅަނދުފަހަރެވެ. އަދި އެމީހުންގެ ދަތުރުފަތުރަށް އެއުޅަނދުތައް އުފައްދާފައިވަނީ
ބޭރުގެ ފަރުމާތަކަށް ބަލައި ދިވެހިމާހައުލާއި ދިވެހިންނާއި ގުޅޭގޮތަށެވެ.
----------------------------
ރެފަރެންސް:
މާރކް ޑެނީ
(2008). އެން އިންޓްރަޑަކްޝަން ޓުދަ އޯސިއާނޯގްރަފީ. ޕްރިންސަން ޔުނިވަރސިޓީ.
(ިޤައުމު ނޭނގޭ)
އަހުމަދު ޝަފީޤު
(1991). އޮޑި ދޯނިފަހަރު ބަނުން، މަލަސް 35. މާލެ. ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
އަހުމަދު ޝަފީޤު (2000).
ދަންފުޅި،
ސާސްތުރަ.މާލެ.
އަހުމަދު ޝަފީޤު
(1988). ދިވެހިންގެ މަސައްކަތްތެރިކަން، މަލަސް 15. މާލެ. ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު
ޒާހިރު ނަޞީރު (2007). ދިވެހިއަދީބުންގެ ދުވަސްވީ ލިޔުއްވުންތައް، 07. މާލެ.
ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރޒް ޕްރައިވެޓް ލިމިޓެޑް.
ނަސީމާ
މުޙައްމަދު (2002). ދިވެހިންގެތަރިކަ، 1،2،3،4. މާލެ. ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ނަސީމާ
މުޙައްމަދު (2003). ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚް، ދިވެހިންގެތަރިކަ، 5. މާލެ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ވިކިޕީޑިއާ
(2010).
No comments:
Post a Comment