Tuesday, April 2, 2013

ޕްރެގްމެޓިކްސް



ފެށުން:
    ބަހަކީ އޭގައި ވަރަށް އާދަޔާ ޚިލާފް ސިފަތަކެއް ވާ އެއްޗެކެވެ. މިގޮތުން ބަލާއިރު ދުނިޔޭގައިވާ ކޮންމެ ބަހަކީވެސް އެބަހެއްގެ ޒާތުގައި ފުރިހަމަބަހެކެވެ. އެއްބަހާއި އަނެއްބަހާއި މެދު އަޅާކިޔައި މޮޅުދެރަ ކަނޑައެޅުމަކީ ވެވޭނެކަމެއް ނޫނެވެ. އެހެނީ ކޮންމެ ބަހެއްވެސް ބިނާވެފައިވަނީ އެބައެއްގެ މުޖުތަމަޢާއި މާހައުލާއި ގުޅޭގޮތުން ޚިޔާލާއި ޝުޢޫރު އެވަގުތަކަށް އެބޭނުންވާ މިންވަރަކަށް ބޭނުން ކުރެވޭ ގޮތަށެވެ.
   ބަހަވީ އިލުމުގައި ތަފާތު ބައިތައް ހިމެނެއެވެ. އޭގެތެރޭގައި ސިންޓެކްސް ސެމެންޓިކްސް އަދި ޕްރެގް މެޓިކްސް ހިމެނެއެވެ. އަދި މިއިންކޮންމެ ބައެއްވެސް އެތައް ބަޔަކަށް ބެހިގެން ދެއެވެ. މިއިން ކޮންމެ ބައެއްވެސްވަނީ އެއްބަހެއް އަނެއްބަހާއި ގުޅިލާމެހި ފައެވެ. އެހެންކަމުން މިފަހަރު މިބަލާލަނީ ޕްރެގްމެޓިކްސް އަކީ ކޮބައިކަމާއި ޕްރެގް މެޓިކްސްގެ އެއްބައި ކަމުގައިވާ މައުލޫމާތާއި ޤަވާއިދުގެ ހަމައިގެ ތެރޭގައި ހިމެނޭ ދެވިފައިވާ މައުލޫމާތާއި އައު މައުލޫމާތުގެ މައްޗަށެވެ.

ޕްރެގްމެޓިކްސް އަކީ ކޮބާ؟
     ބަހަކީ އުފެއްދުންތެރި އެއްޗަކަށް ވާތީ، ތަފާތު ހާލަތުގައި ވާހަކަދައްކާ މީހާއާއި ދެކެވޭމީހާ ބޭނުންކުރާ ލަފުޒުތަކުގެ މާނަ ދެނެގަތުމަށް އެދެފަރާތާއި އަދި އެމީހުން އެދެއްކި ވާހަކައަކާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވެއެވެ. ޚާއްސަކޮށް ދެކެވޭ ވާހަކައަކާއި އެވާހަކައެއް ލިޔުމެއްގެ ސިފައިގައި އޮންނައިރު ދޭހަކުރެވޭ މާނައާއި ތަފާތުވެއެވެ. މިހެންވަނީ ލިޔެފައިވާ ޖުމުލަތަކެއްގައި ދެކެވޭ ވާހަކައަކުން ސާފުކޮށް އެނގޭ ބައެއް މައުލޫމާތު އެނގެން ނުހުންނާތީއެވެ.ޖޯޖްޔޫލޭ (1995) ވިދާޅުވަނީ ޕްރެގްމެޓިކްސް އަކީ ވާހަކަ ދައްކާ މީހާ ގަސްތުކުރާ މާނަ ދެނެގަތުމުގެ އިލުމުކަމުގައެވެ. އަދި ވާހަކަ ދެއްކުމުގައި ދެމާނަ އެކުލެވޭގޮތަށް ވާހަކަދައްކާ ދެއްކުމާއި ޖުމުލައެއް ބުނުމުން އެއިން ދޭހަވާ މާނައަކީ ޕްރެގްމެޓިކްސް ކަމުގައި، ޖޯޖްޔޫލް (1996) ވިދާޅުވެއެވެ. ވިކްޓޯރިއާ ފްރޮމްކިންގ 1999އާއި އޭނާގެ ބައިވެރިން ހާމަކުރާ ގޮތުގައި ޕްރެގްމެޓިކްސް އަކީ، މުވާޞަލާތު ކުރާއިރު ބޭނުންކުރާ ޖުމުލައިގެ ނުވަތަ ލަފުޒުގެ މާނައާއި ބޭނުންކުރުމާއި އެބޭނުންކުރި ހާލަތާއި ދެމެދުގައިވާ ގުޅުންކަމަށެވެ. ވީމާ، ޕްރެގްމެޓިކްސްއިން ދޭހަކޮށްދެނީ ޖުމުލައިން ފެންނަން އޮންނަ މާނައާއި ޚިލާފަށް އެވާހަކައެއް ދެކެވޭ ފަންތިއަކާއި ގިންތި އެއް ހިމެނޭގޮތުން ލަފްޒީ މާނައާއި ތަފާތު މާނައެކެވެ.
ޕްރެގްމެޓިކްސްގައި ހިމެނެނީ؛
މިސާލު:ހ
އިބްރޭ: އަޝްރަފް. ފިލާ އޮންނާނެ ކަމެއް ނެތް، ނުކުމޭ.
ސަމީމާ: އޭތް މީ ކޮންފަދަ ކަމެއް. ކޮން ހަޅޭކެއް މިއޮތް ދަންވަރު
އިބްރޭ: ހަޅޭއްނުލެވިއްޔާ ދެރަ. ކަލޭގެ ދަރި. މުޅިރަށް ކުޑަކޮށްފަ އައިސް އެވަރުން ނުފުދިގެން މަގޭ ކޮއްކޮ އާއި ދިމާކޮށްލީ. އޭނަގެ ބޮލަށް އެމާޖަހާ އެތި ތަޅާނުލެވުނު ނަމަ އެފަކީރުގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީސް. ނެރޭ އެޖައްބާރު ކަލޭގެ، މަމީ ނުބައި މީހެއްކަން އަންގާލާނަން.                                       =ފިލްމް ދެރިޔާގެ މަންޒަރަކުން ނަގާފައި=
      މިވާހަކަ ކޮޅަށް ބަލާއިރު، ވާހަކަ ދެކެވެނީ ސަމީމާއާއި އިބްރޭއާއި ދެމެދުގައެވެ. ވާހަކަދެކެވެނީ އަޝްރަފް ކަންތައްކުރި ގޮތާއި ބެހޭގޮތުންނެވެ. ހާލަތަކީ އަޝްރަފްގެ އަމަލުތަކާއި މެދު ބަދަލުހިފަށް ބޭނުންވެފައިވާ ހާލަތެވެ. ވަގުތަކީ ދަންވަރުގެ ވަގުތެވެ. އަދި އިބްރޭ ވާހަކަ ދައްކަމުންދަނީ ރުޅިވެރި ކަމުގެ ރާގުގައެވެ.
 މިވާހަކޮޅުގައިވާ ލަފުޒުތަކުގެ މާނައަށް ބަލާއިރު؛
މުޅިރަށް ކުޑަކުރުން- ލަފްޒީގޮތުން މާނަކުރަނީ ރަށެއްގެ ބޮޑު ކުޑަމިނަށް ބަދަލުގެންނަ ވާހަކަ
               އެކަމަކު ވާހަކަކޮޅުގެ މަންޒަރާއި ހާލަތާ ކުރިން ހިނގާދިޔަކަންކަމުގެ މައުލޫމާތު ގުޅުވާލުމުން ޕްރެގްމެޓިކް މާނައަކަށްވަނީ، އަޝްރަފް ރަށުތެރޭގައި އާވާރާއެއް ހެން އުޅޭވާހަކައާއި އަންހެނުންނާއި އެކު ނަހަމަ ގުޅުންތައް ހިންގާވާހަކައެވެ.
މަ މީ ނުބައިމީހެއްކަން އަންގާލާނަން: ލަފުޒީމާނައަކީ ތިމާގެހުރި ނުބައިކަން އަނެކާއަށް ބުނެދޭވާހަކައެެވެ.
                          އެކަމަކު ވާހަކަކޮޅުގެ މަންޒަރާއި ހާލަތާ ކުރިން ހިނގާދިޔަކަންކަމުގެ މައުލޫމާތު ގުޅުވާލުމުން ލިބޭ ޕްރެގްމެޓިކް މާނަ އަކީ އޭނާގެ ގައިގަ ތަޅައި ގަންނާނެ ވާހަކައާއި އަނިޔާކޮށް ކުރާނެ ވާހަކައެވެ.
ޕްރެގްމެޓިކްސްގައި ހިމެނޭ ބައިތައް:
        ޕްރެގްމެޓިކްސް ސެމެންޓިކްސްއާއި ތަފާތު ވަނީ ޕްރެގްމެޓިކްސްގައި ދެއްކިވާހަކައެއްގެ މާނަ ދެނެގަތުމަށް، އެކަމަކާއި ގުޅޭގޮތުން ކުރިން ލިބިފައިވާ މައުލޫމާތާއި އެވާހަކައެއް ދެކެވުނު މާހައުލާއި ހާލަތާއި ވާހަކަދެކެވުނީ ކޮންބައެއްގެ މެދުގައިކަމާއި މިކަންކަމަށް ރިޢާޔަތް ކުރަންޖެހޭތީއެވެ. ޕްރެގްމެޓިކްސްގައި ހިމެނޭ މުހިންމު އެއްބަޔަކީ މައުލުމާތުގެ ޤަވާއިދުގެ ބައެވެ. މައުލޫމާތާއި ޤަވާއިދުގެ ތެރޭގައި ހަތަރު ބައެއް ހިމެނޭ ކަމަށް އައިމިނަތު އަލީ (2001) ވިދާޅުވެއެވެ.

މައުލޫމާތުގެ ޤަވާއިދުގެބައި؛
މިބައިގައި ހިމެނެނީ؛


ދެވިފައިވާ މައުލޫމާތާއި އައު މައުލޫމާތު
      ދެމީހަކު ނުވަތަ އެއަށްވުރެ ގިނަމީހުންވިޔަސް ވާހަކަ ދެއްކުމުގައި އެކަކަށް ނުވަތަ އެހެންމީހުންނަށް ނޭނގޭ މައުލޫމާތު އަބަދުވެސް ހުށައަޅައެވެ. ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކައަކަށް ބަލާނަމަ އެކަކު ދައްކާވާހަކަ އަށް އަނެކަކު ދޭޖަވާބު ބިނާވެފައިވާނީ އައު މައުލޫމާތެއްގެ ގޮތުގަޔާއި ތަކުރާރުކުރުމެއް ނުވަތަ އިދިކޮޅު ޖަވާބެއްގެ ގޮތުގައެވެ. އެޑްވަޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގަ ދެވިފައިވާ މައުލޫމާތަކީ ދައްކާވަހަކައިން ހޯދިދާނެ މައުލޫމާތުކަމުގައި އަޑުއަހާ މީހާ ދެކޭ މައުލޫމާތެވެ. އަދި އާ މައުލޫމާތަކީ އެވާހަކައެއް ފުރިހަމަކުރުމަށް އިތުރަށް ގެނެވޭ މައުލޫމާތު ކަމުގައިވެސް ފިނެގަން ވިދާޅުވެއެވެ. އައިންތު އަލީ (2001)ވެސް ވިދާޅުވެފައިވަނީ ހަމަ މިގޮތަށެވެ. އެހެންކަމުން އެނގެނީ ކޮންމެ ވާހަކަދެއްކުމެއްގައިވެސް ދެވިފައިވާ މައުލޫމާތާއި އާމައުލޫމާތު ބޭނުންކުރެވެމުންދާނެކަމެވެ.
 ޔޫގެން އީލޫސް (2004) ހާމަކުރާ ގޮތުގަ ދެވިފައިވާ މައުލޫމާތަކީ، ދެކެވޭ ވާހަކައާއި ގުޅޭގޮތުން އަޑުއަހާމީހާއަށް އެނގިފައިވާ މައުލޫމާތެވެ. އިނގިރޭސި ބަހުގައި މިބައިވާނީ ޖުމުލައިގެ ފެށޭ ބައިގައެވެ.އަދި ވާހަކަ ދެއްކުމުގައި އެލަފުޒުތަކަށް ސްޓްރެސް އެއް ނުކުރެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ދެވިފައިވާ މައުލޫމާތުގެ ތެރޭގައި:
- އާއްމު މައުލޫމާތު
- ލިންގުއިސްޓިކް އިތުރު މައުލޫމާތު ބައެއް ނުވަތަ
-  ކުރިން ދެކެވުނު ވާހަކައިގެ މައުލޫމާތު :    ހިމެނޭނެއެވެ.
ދެވިފައިވާ މައުލޫމާތު ބެހޭ އިތުރު ބައިތަކަކީ:
1- އެވޯކެޑް އެންޓިޓީ evoked entity (އެކަމަކާއި ގުޅޭގޮތުން އެނގޭ މައުލޫމާތު)
a)      ސިޓުއޭޝަނަލީ އެވޯކެޑް އެންޓިޓީ(Situtionally evoked entity) .
    މިއީ ހާލަތާއި ގުޅިގެން ލިބިފަައިވާ މައުލޫމާތު
    މިސާލުi- : ކަލެއަށް ދޮރު ލެއްޕޭނެތަ (މިހެންބުނާއިރު އެތަނުގައިހުރީ އެންމެ ދޮރެއް ނަމަ ކުރިން ދޮރުގެ ވާހަކަ ނުބުންޏަސް ދޮރުވާނީ ދެވިފައިވާ މައުލޫމާތަކަށެވެ.)
b)      ޓެކްސްޓްއަލީ އެވޯކެޑް އެންޓިޓީ (textually evoked entity).
މިއީ ކުރިން ބުނެވިދިޔަ ބުނުންތަކުގައި ބޭނުންކުރެވިފައިވާތީ އެނގިފައިވާ މައުލޫމާތެވެ.
2- އިންފެރަބްލް އެންޓިޓީ inferable entity(ކުރިންދެވިފައިވާ އެހެން މައުލޫމާތަކަށް ބިނާވާ މައުލޫމާތު)
މިސާލަކަށް: އަހަރެން އިއްޔެ ބަހަށް އެރި އިރު ޑްރައިވަރު އިނީ ރާބޮއެގެން.
މިޖުމުލައިގައި ބަސް ގެ އިންފްރެބަލް އަކީ ޑްރައިވަރު.
ޔޫގެން އީލޫސް (2004) ހާމަކުރާ ގޮތުގަ އާ މައުލޫމާތަކީ، ދެކެވޭ ވާހަކައާއި ގުޅޭގޮތުން އަޑުއަހާމީހާ ކުރިން ދެކެވުނު ވާހަކައަކާއި ގުޅިގެން ހުށައަޅާ މައުލޫމާތަކީ އާމައުލޫމާތެވެ. އިނގިރޭސިބަހުގައި މިބައިއަންނަނީ ޖުމުލައިގެ ފަހަތުގައެވެ. އަދި އެމައުލޫމާތަށް ސްޓްރެސް ކުރެއެވެ.
މިސާލުii-:
·         A: Do you know where my SHOES are?
·         B: I put them in the CLOSET.
މިސާލު:ށ.
އިމްރާން:   ވަޅުލައިފިތަ؟
ނަސީމާ:    އާނ މެންދުރު ނަމާދުކުރިން ވަޅުލައިފި.
     މިޑައިލޮގް ކޮޅަށް ބަލާއިރު އިމްރާން ވަޅުލައިފިހޭ އެހުމުން، ކޮންމެވެސް އެއްޗެއް ވަޅުލަންޖެހިފައިވާކަން ދެމީހުންނަށްވެސް އެނގޭކަން ނަސީމާ ދޭ ޖަވާބުންވެސް އެބައެނގެއެވެ. ވީމާ މިމައުލޫމާތުވާނީ ކުރިން އެނގިފައިވާ މައުލޫމާތަށެވެ. ނަމަވެސް މެންދުރު ނަމާދުކުރިން ވަޅުލައިފިއޭ ނަސީމާ ބުނިބުނުން ވާނީ އައު މައުލޫމާތަކަށެވެ.
      ވާހަކަ ދެއްކުމުގައި ދެވިފައިވާ މައުލޫމާތަށް އައު މައުލޫމާތެއް ހުށައަޅާއިރު ބައެއް ފަހަރު ކުރިން ބުނި ބުނުމުގެ މައިގަނޑު ލަފުޒު ތަކުރާރު ކުރެއެވެ. އަދި އަނެއްބައި ފަހަރު ތަކުރާރު ނުކުރެއެވެ.

މިސާލު: ނ

މިސާލު: ނ ގެ 1 ގައި އެވާ ޑައިލޮގްކޮޅުން ފަޒްލާއަށް އެނގޭމައުލޫމާތަކީ ގަޑިން ވީވަރު ޝާންއަށް ނޭނގޭކަމާއި ފުރަން އެބަގޮވާކަމެވެ. އެއާއި ގުޅިގެން ފަޒްލާ ހުށައެޅި އައުމައުލޫމާތަކީ ގަޑިންވާނެވަރު ކަމަށް އޭނާއަށް ލަފާކުރެވޭ ވަގުތު ބުނުމެވެ. އަދި އިތުރު ތަފްޞީލެއްގެ ގޮތުން ބުނި އެގޮވަނީ ފެރީންދާމީހުންނަށޭ ބުނި ބުނުމަކީވެސް އައު މައުލޫމާތެކެވެ.
މިސާލު: ނ ގެ 2 ގައި އެވާ ޑައިލޮގްކޮޅުން ފަޒްލާއަށް ދެވުނު މައުލޫމާތަކީ އެދުވަސް ޝާންއަށް ފޫހިދުވަހަކަށް ވެފައިވާކަމެވެ. ދުވަހުގެ މޫސުމް އޮތްގޮތާއި މީހުންމަދުވާހަކަ ބުނުމަކީ ފަޒްލާ އެވާހަކައިގެ ތެރެއަށް ގެނައި އާމައުލޫމާތެވެ.
މިސާލު: ނ ގެ 3 ގައި އެވާ ޑައިލޮގްކޮޅުން ފަޒްލާއަށް ދެވުނު ނުވަތަ އެނގުނު މައުލޫމާތަކީ، ނާދިޔާ ނާންނަކަމާއި އޭނާ ބަލިވެ އުޅޭކަމެވެ. މިސާލު ނގެ 4ގައި އެވަނީ ޝާންގެ ވާހަކަ ޔަޤީންކުރުމަށް ނާދިޔާ ހޯދަންބޭނުންވި އިތުރު މައުލޫމާތެވެ. އަދި މިވާހަކަކޮޅުގައި ފަޒްލާ ހުށައެޅި އިތުރު މައުލޫމާތަކީ، ނާދިޔާވީ ރައްޓެއްސަކާއި އެކުގައި ރިސޯޓަކަށް ގޮސްކަމެވެ.



ނިންމުން:
    ލިންގުއިސްޓިކް އިލުމުގެ އެންމެ މުހިންމުބައި ކަމުގައިވާ ޕްރެގްމެޓިކްސްގެ އިލްމާއި ނުލައި ދެކެވޭވާހަކައެއްގެ ހަޤީޤީ މާނައާއި ހަމައަށް ވާޞިލެއް ނުވެއެވެ. ސެމެންޓިކްގޮތުން ދޭހަވާ މާނައާއި ޕްރެގްމެޓިކްސްމާނަ އެއްލަފުޒުތަކަކުން ނުވަތަ އެއްޖުމުލައަކުންވެސް ދެގޮތަށް ނުކުމެއެވެ. މިމާނަތައް ދެނެގަތުމަށް ނުވަތަ އެމާނައަކާއި ހަމައަށް ވާޞިލްވުމަށް ޕްރެގްމެޓިކްސްގެ އިތުރުބައިތަކަށްވެސް ބަލައިލާންޖެހެއެވެ. މިގޮތުން މުހިންމު އެއްބަޔަކީ މައުލޫމާތުގެ ޤަވާއިދާއި ހަމައެވެ. ވީމާ ދެކެވޭ ވާހަކައެއް ދިރާސާކުރާއިރު އެބަހެއްގެ ޤަވާއިދާއި، ޕްރެގްމެޓިކްސްގައި ހިމެނޭ މައުލޫމާތާއި ޤަވާއިދުގެ ބައި އެނގެން ޖެހެއެވެ.
   ޕްރެގްމެޓިކްސްގައި ހިމެނޭމައުލޫމާތާއި ޤަވާއިދާއި ހަމައިގެ ތެރޭގައި ހިމެނޭ އެއްބަޔަކީ ދެވިފައިވާ މައުލޫމާތާއި އައުމައުލޫމާތެވެ. ދެކެވޭ ވާހަކައެއް ކުރިޔަށްދާނީ ދެވިފައިވާމައުލޫމާތާއި އައުމައުލޫމާތުގެ މައްޗަށް ބިނާވެގެންނެވެ. އެހެންކަމުން ދެވިފައިވާ މައުލޫމާތަކީ ވާހަކަދައްކާ މީހާ އަޑުއަހާ މީހާއަށް އެނގޭނެކަމަށް ދެކޭ މައުލޫމާތެވެ. އަދި އަޑުއަހާމީހާ އޭނާދޭ ޖަވާބު ބިނާވެފައި އޮންނާނީ ލިބުނު މައުލޫމާތާއި އެއާއި ގުޅުވައިގެން ހުށައަޅާ އާމައުލޫމާތުގެ މައްޗަށެވެ.

ރިފަރެންސް:
> އައިމިނަތު އަލީ(2001). މައުލޫމާތުގެ ޤަވާއިދުގެ ހަމަ {އަތްމަތީ ކަރުދާސް}.މާލެ: ފެކަލްޓީ އޮފް އެޑިޔުކޭޝަން.
> އެޑްވަރޑް ފިނެގަން (1999). ލޭންގުއޭގް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫސް. ދެވަނަ އެޑިޝަން. އޮސްޓްރޭލިޔާ:
        ޔުނިވަރސިޓީ އޮފް ކެލިފޯނިއާ.
> ވިކްޓޯރިއާ ފްރޮމްކިންގ، ޑޭވިޑްބްލެއަރ، ޕީޓަރކޮލިންސް(1999). އެންއިންޓްރޮޑަކްޝަން ޓު ލޭންގުއޭޖް. ފޯތު އެޑިޝަން.
         ޔޫއެސްއޭ: ޕްރެސް ސިންޑިކޭޓް އޮފް ޔުނިވަސިޓީ އޮފް ކެމްބްރިޖް.
> ޔޫގެން އީލޫސް (2004).  ގިވަން ވާރސަސް ނިއު އިންފޮމޭޝަން.{ގައުުމުނެތް}.
> ޖޯޖް ޔޫލޭ (1995). ޕްރެގްމެޓިކްސް. ލަންޑަން: އޮކްސް ފޯޑް ޔުނިވަރސިޓީ ޕްރެސް.
> ޖޯޖް ޔޫލޭ (1996). ދަ ސްޓަޑީ އޮފް ލޭންގުއޭގް{ދެވަނަ އެޑިޝަން}. ލަންޑަން: އޮކްސް ފޯޑް ޔުނިވަރސިޓީ ޕްރެސް.
> ޝައުޒޯން .(1997).ވަޓްއިޒްޕްރެގްމެޓިކްސް. ނެގީ : އޮކްޓޫބަރ 20،2010،
              http://www.gxnu.edu.cn/Personal/szliu/definition.html ން

No comments: