Sunday, February 24, 2008

ބޮޑުފެންގަނޑު


ހައްދުންމަތީ ގަމަކީ ދިވެހިރާއްޖޭގެ ތާރީޚަށް ވަރަށް މުހިންމު ރަށެއް ސަބަބަކީ މިރަށަކީ ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީން ދިރިއުޅުނު ރަށެއް ކަމަށް ބެލެވޭތީ. މިކަމަށް ދަލީލުލިބޭ އިހުޒަމާނުގެ ބިނާތައް މިރަށުގައި އެބަހުރި. މީގެ އިތުރުން މިރަށުގެ މީހުން ދިރިއުޅޭ ހިސާބާ ދުރުގައި އޮންނަ މިފެންގަނޑަކީ، ވަރަށް އާދަޔާޚިލާފް ސިފަތަކެއް ލިބިފައިވާ ފެންގަނޑެއް. ރާއްޖޭގެ އެންސަރަހައްދުތަކުގައި އޮންނަ ކުޅިތަކާއި މިތަނާއި ދެމެދު ހުންނަ އެންމެ ބޮޑުތަފާތަކީ މިތަނުގެ ފުންކަމާއި މޫދާއި ދުރުކަން. އަދި މިފެންގަނޑުގެ ވަށައިގެންކައިރިފަށްވެސް އެހެންކުޅިތަކަށްވުރެ ފުން. މިފެންގަނޑުގެ ވަށައިގެން ހެދިފައިވާ ގަސްތަކުގެތެރޭގައި އެންމެގިނައީ ބޮޑުވަކި. މީގެއިތުރުން ކިނބިގަހާއި ރުއްވެސް މިފެންގަނޑުގެ ވަށައިގެން ހެދިފައިވޭ. މިފެންގަނޑުގައި ފެނުގައި ދިރިއުޅޭ ތަފާތު ބާވަތްބާވަތުގެ މަސްދިރިއުޅޭ. މިފެންގަނޑާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވޭ. އަދި މިފެންގަނޑު މަޑުމަޑުން ބޮޑުވަމުން އަންނަކަން ފާހަގަ ކުރެވޭ. ގަމުގެ ބައެއް މީހުންބުނާގޮތުގައި މިފެންގަނޑުގެ ވަށަގެން ހެދިފައިވާ ބޮޑެތި ކިނިބިގަހާއި ބޮޑުވަކި ގަސްތައް ފެންގަނޑަށްވެއްޓި އަޑިޔަށް ގޮސްގެއްލިފައިވޭ.މިތަނުގެ ފުންމިންބެލުމަށް 1971 ނުވަތަ 1972 ވަނަ އަހަރު އޭރުގެ އެގްރިކަލްޗަރ މިނިސްޓަރ އަލްމަރުޙޫމް ފާރޫޤު އިސްމާޢީލް މަސައްކަތްކުރެއްވި ކަމަށާއި އޭރު މިފެންގަނޑުގެ މެދުތެރެ 75 ފޫޓަށްވުރެ ފުންކަން ޔަޤީންކުރެވުނު ކަމުގައި ގަންމުކުރިމަގު އޮފީހުން މަޢުލޫމާތު ދެއްވި.
------------------------------
ޢަލީ ސުލައިމާން/ކައްދޫބިއުރޯ

No comments: