Monday, February 25, 2008

ހަޔާތާއި ދިރިއުޅުމަކީ އެކިމީހުންނަށް ތަފާތު އެއްޗެކެވެ.


ހަޔާތާއި ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވާނީ އެކި ކަންތަކެވެ. އެކިމީހުން މާތް ﷲ ޚަލުޤު ކުރެއްވީ އެކި ގޮތަށެވެ. އެކިމީހުންގެ ނަޞީބުގައިވެސް މިންވަރު ކުރެވިގެންވަނީ އެކި ގޮތެވެ. ފުރާނަ އެޅުއްވުނު ކޮންމެ އެއްޗެއް މަރުގެ ރަހަ ދެކޭނެއެވެ. އަވަހަށް ނުވަތަ ލަހުންނަމަވެސް މެއެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. ކީރިތި ﷲ ޢަޒަލުގައި ލިޔުއްވާފައިވާ ގޮތެވެ. މަރާއި މެދު އެކަކުވެސް ޝައްކެއް ނުކުރެއެވެ. އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ވަގުތެއްކަން އެންމެވެސް ޤަބޫލުކުރެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެވަގުތެއް ނައުން އެންމެ އެދޭ ވަގުތަކީ އެއީއެވެ. އުފާވެރި ދިގުއުމުރަކަށް އަބަދުވެސް އިންސާނާ އުންމީދުކޮށް ބޭނުންވެއެވެ. އުމުރުން ދުވަސްވެ މަރުތަންމަތީގައިވެސް އެންމެ ފުރަތަމަ ތިމާގެ އަޚުންނަށް ޝަކުވާގެ ރާގުގައި ބުނެވެނީ މިހެންނެވެ. "އޭ އަޚާއެވެ. އަހަރެން މިމަރުވަނީ އެވެ."
----------------------------
އަޅުގަނޑަކީ، މިއަދު ދިވެހީންގެ ގިނަ ބަޔަކު ދަންނަ މީހަކީމެވެ. އަޅުގަނޑަށް ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވުނީ، ސުނާމީ ކާރިސާއަށްފަހު ދިރިއުޅުމަށް އައި ބަދަލު ތަކާއި އެކުގައެވެ. ދުނިޔޭގެ އަލިކަމުގެ ތެރެއަށް ހޭލައިގަނެވުނީ މީލާދީން 1982 ވަނަ އަހަރުގައެވެ. ތަޢުލީމް ޙާޞިލްކުރީ މަދަރުސަތުލް ޖިހާދުންނާއި މ އަތޮޅު ތަޢުލީމީ މަރުކަޒުންނާއި އީޕީއެސް އެސް އިންނެވެ. އުމުރުގެ އެންމެ ޅަދުވަހުއްސުރެ ދިރިއުޅުމުގެ ހިތިތަޖުރިބާތައް ކުރަން ޖެހުނެވެ. މީހުންގެ މަލާމާތާއި ފުރައްސާރައަށް ޅައުމުރުއްސުރެ ހޭނިފައިވުމުން އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ބޮޑުވެފައިވެއެވެ. އަޅުގަނޑަކީ ހަމަ އަޅުގަނޑެވެ. ދެވަނަ މީހަކު ކޮޕީކުރާކަށް ނުޖެހޭނެއެވެ. މާތް ﷲ އަޅުގަނޑަށް ދެއްވީ އަޅުގަނޑާއި އެންމެ އެކަށޭނަ ސިފަތަކެވެ. އަޅުގެ ތަޤުދީރާއި މެދު އަދި ނަޞީބާއި މެދު ޝަކުވާއެއް ނުކުރަމެވެ. އުދަ ރާޅަކުން ދިރިއުޅުމުގެ ހުރިހާ އުފާތަކެއް މާސިންގާ ކަނޑަށް އޮޔާލެވިގެން ދިޔަ ދުވަހުވެސް އެއަށްވުރެ ރަނގަޅުގޮތެއް އަޅުގެ ތަޤުދީރުގައި މިންވަރު ކުރެވިގެންވާނެ ކަމާއި މެދު ޔަޤީންކުރީމެވެ. ކޮންމެ މުޞީބާތެއްގެ ފަހަތުގައި ނިޢުމަތާއި ހިތްހަމަޖެހުންވާނެކަން ދެނެ ހުރީމެވެ. ސުނާމީ ކާރިސާގެ ކުރިން އަޅުގަނޑަކީ ޓީޗަރަކީ މެވެ. ކުދިންގެ މަޤުބޫލުކަމާއި އިތުބާރުލިބި އުފަލުގައި ދުވަސްތައް ވޭތުކުރީމެވެ. އެއަށްފަހު އަޅުގަނޑު މަސައްކަތްކުރީ ދުވަހު ނޫސް މިއަދު ގައެވެ. ޙަޤީޤަތުގައި ނޫސްވެރިކަމުގެ ދާއިރާއަށް އަޅުގަނޑު ނެރެދެއްވީ މިއަދު ނޫހުންނެވެ. އެއީ އަޅުގަނޑުގެ ޙަޔާތުގެ ފޮނި ކާމިޔާބީގެ ފެށުމެވެ. ޓީވީ މޯލްޑިވުސްއަށް އަޅުގަނޑުވަނީ ވަރަށް ހަނި ފުރުޞަތަކުންނެވެ. ކޯސް އެންމެ ފުރިހަމަގޮތުގައި ނިންމާލުމަށް ފަހު ޓީވީއަށް ވަނީ ވަރަށް ވަންނަ ހިތުންނެވެ. އެކަމަކު ޙަޤީޤަތުގައި އެއީ ދިރިއުޅުމުގައި އަޅުގަނޑު ހިނގަންޖެހުނު އެންމެ ކަށިގިނަ މަގުތަކެވެ.އަޑި ގުޑަންތަކާއި ވަޅުގަނޑުތައް އެންމެ ގިނަ މަގެވެ. ޓީވީގައި އަޅުގަނޑު މަސައްކަތްކުރަނީ ވަކިމީހަކަށް ދައްކާކަށް ނޫނެވެ. ހެޔޮހިތުން ދިވެހި ރައްޔިތުންނަށް ޓަކައެވެ. ދިވެހިރައްޔިތުންގެ ލޯތްބާއި ރުހުން ވަރަށް މަތީ ދަރަޖައަކަށް އަޅުގަނޑަށް ލިބުނެވެ. ދިޔަ ކޮންމެތާކުންވެސް އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ. ހުރިހާ ޝުކުރެއްވެސް ޙައްޤުވަނީ ގަދަކީރިތިވަންތަ މާތް ﷲ އަށެވެ. ނިންމާލަމުން ބުނެލާނީ އަޅުގަނޑުގެ އަޑަށާއި މަސައްކަތަށް ހިއްވަރު ދެއްވި ހުރިހާބޭފުޅުންނަށްވެސް ޝުކުރިއްޔާއެވެ. " އަޅުގަނޑަކީ ހަމަ އަޅުގަނޑެވެ. އަޅުގަނޑަށް މާތްރަސްކަލާންގެ ދެއްވި އަޑާއި ސިފައަށްޓަކައި ފަޚުރުވެރިވަމެވެ." އެކަން ބަލައިގަތް އަދި ބަލައި ނުގަންނަ މީހުންނަށްވެސް ހެޔޮދުޢާ އާއި ޝުކުރު ދަންނަވަމެވެ.

2 comments:

ehan said...

ސުލޭގެ އަޑަށާއި ހިތްވަރަށް ހަމަ ސާބަހެވެ.
ހުޒާމް ، ވަސްމާ

alisulaiman said...

ސުލޭގެ އަޑަށާއި ހިތްވަރަށް ހަމަ ސާބަހެވެ.
ހުޒާމް ، ވަސްމާ