Monday, February 25, 2008

އެމްޓީސީސީން ހައްދުންމައްޗާއި ކޮޅުމަޑުލުގެ ރަށްތަކަށް ދެމުންއައި ފެރީލޯންޗުގެ ޚިދުމަތް މެދުކަނޑާލައިފި.



އެމްޓީސީސީން ހައްދުންމައްޗާއި ކޮޅުމަޑުލުގެ ރަށްތަކަށް ދެމުންއައި ފެރީލޯންޗުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
ޝެޑިއުލް ފެރީ ލޯންޗުގެ ޚިދުމަތް މެދުކަނޑާލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުންފެށިގެންނެވެ. ފެރީގެ ޚިދުމަތް މެދުކަނޑާލަން ޖެހުނީ އެމްޓީސީސީގެ ލ ރީޖަނަލް އޮފީހަށް ޕެޓްރޯލް ސަޕްލައިކޮށްދޭ ދެފަރާތުގެ ސްޓޮކުން ޕެޓްރޯލް ހުސްވެ ޕެޓްރޯލް ލިބުން ދަތިވެފައިވާތީ ކަމަށް އެކަމާއި ގުޅޭ ގޮތުން އެމްޓީސީސީ ލ ރީޖަނަލް އޮފީހުން ކުރެއްވި އިއުލާނުގައި ވިދާޅުވެފައިވެއެވެ. އެމްޓީސީސީއަށް ފޮނަދޫން ޕެޓްރޯލް ސަޕްލައިކޮށްދޭ ފަރާތެއް ކަމަށް ވާ އައި އާރް ސްޓޯރުން މަޢުލޫމާތު ލިބުނު ގޮތުގައި އެފަރާތަށް ޕެޓްރޯލް ލިބުން ދަތިވީ އެފިހާރައަށް ޕެޓްރޯލް ސަޕްލައިކޮށްދޭ ފަރާތްކަމުގައިވާ ފިއުލް ސަޕްލައި އޯޑަރު ކުރެވުނުލެއް ލަސްވެގެން ކަމުގައެވެ. އަދި އެފިހާރައަށް ޕެޓްރޯލް ލިބުމަށް ފަސްވަރަކަށް ދުވަސް އަދިވެސް ނަގާނެ ކަމުގައި އެފިހާރައިން މަޢުލޫމާތު ލިބިފައިވެއެވެ.
އެމްޓީސީސީގެ ހައްދުންމަތީ ރީޖަނަލް އޮފީހުން ވިދާޅުވެފައިވާގޮތުގައި ފެރީލޯންޗް ގެ ޚިދުމަތް އަލުންދޭ ފެށޭނީ ޕެޓްރޯލް ލިބެން ފެށުމުން ކަމުގައެވެ. މީގެ އިތުރުން ގަމާއި ފޮނަދޫން މިވަގުތު ޕެޓްރޯލް ލިބުން ދަތިވެފައިވާތީ އާއްމުންނަށް އެއް ގަމުން ދަތުރު ފަތުރު ކުރުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.
މީގެ އިތުރުން ހައްދުންމަތީގައި އެމްޓީސީސީގެ ފަރާތުން ދެމުންއައި ބަހުގެ ޚިދުމަތްވެސް މިދިޔައަހަރުގެ ނޮވެމްބަރ މަހުންފެށިގެންވަނީ ހުއްޓާލާފައެވެ. ބަސްދަތުރުތައް ހުއްޓާލާފައިވަނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ދެބަހުގެވެސް އެއަރކަންޑިޝަންތައް ހަލާކުވެގެން ކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.

No comments: