Sunday, December 14, 2008

ހިތްދަތި ހަތަރު އަހަރަށްފަހު ބާއްޖަވެރި ފަތިހަކަށް

ސުނާމީ ކާރިސާއަށްފަހު ރ ކަނދޮޅުދޫގެ އާއިލާތައް ދިރިއުޅެމުން އައީ އެތަންމިތަނުގައެވެ. އެމީހުންގެ އާއިލާތައްވަނީ އެކިތަނަށް ބެހިގެންގޮސްފައެވެ. ހަތަރުހާސް ހަސަތޭކައެއްހާމީހުންގެ އާބާދީއެއް އޮތް ކަނދޮޅުދޫއަކީމަސްވެރިއަދިވިޔަފާރުވެރި ރަށެކެވެ. އަދި ބިންފުރި ވަރަށް ބޮޑަށް ތޮއްޖެހިފައި އޮތްރަށެކެވެ. ސުނާމީކާރިސާގައި އެރަށް ހަލާކުވެ ދިޔުމާއި ގުޅިގެން އައިއެފްއާރްސީން ފަންޑްދެއްވައިގެން ކަނދޮޅުދޫގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ދުވާފަރު އާބާދުކުރައްވަންފެއްޓެވީ ދެހާސްފަސްވަނައަހަރު ގައެވެ. ދުވާފަރަކީ ތާރީޚީ ރަށެއްކެވެ. އެރަށުގައި މީގެކުރިން މީހުންވެސް ދިރިއުޅެނެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހެދި އެމީހުން ދުވާފަރު ފަޅުކޮށް އެރަށުންފޭބީއެވެ. ދުވާފަރަކީ ރީތި ގޮނޑުދޮށެއް ލިބިފައިވާ ބިންތަނަވަސް ރަށެކެވެ. ދުވާފަރުގައި އައިއެފްއާރްސީން ފަސްސަތޭކަ ފަސްދޮޅަސްދެގެ ޢިމާރާތްކޮށްދީފައެވެ. އަދި ސަރުކާރުން އިމާރާތްކޮށްދެއްވި ތިރީސް އަށް ގެއާއި އެކު ދުވާފަރުގައި ޖުމުލަ ހަސަތޭކަގެ އިމާރާތްކޮށްފައިވެއެވެ. މީގެ އިތުރުން މިސްކިތްތަކާއި ސްކޫލްމަދަރުސާތަކާއި ކޮމިއުނިޓީސެންޓަރެއްވެސް ދުވާފަރުގައިވަނީ ބިނާކޮށްފައެވެ. އަދި ކަރަންޓާއި ބޯފެނުގެ ވަޞީލަތްތައް ވެސްވަނީ ޤާއިމްކޮށްފައެވެ. ދުވާފަރު ތަރައްޤީކުރުމަށް މިހާތަނަށް އައިއެފްއާރްސީންވަނީ ހަތަރުބިލިއަނަށްވުރެގިނަރުފިޔާ ޚަރަދުކޮށްފައެވެ. ދުވާފަރަށް މީހުން ބަދަލުކުރުމުގެ މަސައްކަތް މިޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހު ސަރުކާރުންވަނީ ފައްޓަވާފައެވެ. ދުވާފަރުގައި ކަނދޮޅުދޫގެ ރައްޔިތުން އާބާދުކުރެވުނުއިރު އެމީހުންވަނީ ސުނާމީކާރިސާއާއިގުޅިގެން ހަތަރު އަހަރު ވަގުތީހިޔާތަކުގައި ހިތްދަތި ދިރިއުޅުމެއް ވޭތުކޮށްފައެވެ. އެދިރިއުޅުމަށްފަހު އަމިއްލަވަޒަނުގައި އުފާވެރި ދިރިއުޅުމެއް އެމީހުންމިއަދު އެފަށަނީ އުފަލާއި އެކުގައެވެ.

Wednesday, October 15, 2008

ހައްދުންމައްޗަށް އަލްވަދާޢު

ފެބުރުއަރީން ފެށިގން އޮކްޓޫބަރުމަހުގެ ސާދަވަނަދުވަހާއި ހަމައަށް ޓީވީއެމް ހައދުންމަތީ ބިއުރޯގައި އަޅުގަނޑު މަސައްކަތްކުރިއިރު ހައްދުންމަތީގެ ރއްޔިތުންގެ ފަރާތުންލބުނު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރަމެވެ

Tuesday, October 7, 2008

ރިޔާސީ އިންތިޚާބު

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ނުވައެއް ޖަހާއިރު ފެށޭނެ. މިފަހަރުގެ އިންތިޚާބުގައި ހައްދުންމަތީގައި ޖުމުލަ 20 ފޮށި ބެހެއްޓިފައިވޭ އެއީ ހައްދުންމަތީ އިސްދޫގައި ދެފޮށި ގަމުގައި ހަތަރު ފޮށި ފޮނަދޫގައި ތިންފޮށި. އަދި ދެން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެއްފޮށި. މީގެ އިތުރުން މާންދޫގައި ފޮއްޓެއް އަދި ކައްދޫގައި ފޮއްޓެއް ބެހެއްޓިފައިވޭ. ހައްދުންމަތީގެ އާބާދީގައި ފަނަރަހާހަށްވުރެ ގިނަމީހުން ތިބި އިރު ވޯތުދިނުމުގެ ހައްގުލިބިގެންވާ ނުވަހާހަށްވުރެ ގިނަމީހުން އެބަތިބި

Saturday, October 4, 2008

ހަޔާތުގެ ކުލަތައް

އިރު އޮއްސުމުގެ ކުރިން ނަޢީމް ވަޅުލާ ނިންމާފައި މޫދައެރި ތާހިރުވެގެން މޫސައަށްވެސް ގެއަށް އާދެވުނުއިރު މަޣުރިބު ނަމާދަށް ބަންގި ގޮވައިފިއެވެ. އެއީ ކޮލެރާގެ ފެށުމެވެ. ސިއްޚީ ފަރުވާ އެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ރަށްފުށުގައި އެދުވަސްވަރުގެ ހާލަތު ހުރީ އިންތިހާ ދަރަޖައަށް ދަށުގައެވެ. އަނެއް ދުވަހަށް އިރު އެރި އިރު އެތައް ބަޔަކަށް މިރޯގާ ޖެހިއްޖެއެވެ. އެއްގޭގެ ހަތަރު ފަސްކުދިންނަށްވެސް ޖެހިފައި ތިއްބެވެ. ކުދިންނާއި ބޮޑެތި މީހުންވެސް ހޮޑުލާ ބޭރަށް ހިންގަނީއެވެ. ރަށު އޮފީހުން އަންގަނީ ފެންދިނުން މަދުކުރުމަށެވެ. ހޮޑުލުމާ ބޭރަށް ހިންގުން ކޮންޓްރޯލްވާނީ އެގޮތަށްކަމުގައި ރަށުގައި ތިބި ކަމުވޮށިގެންވާ މީހުންނަށް ހީވަނީ އެވެ. ދެވަނަ ދުވަހަށް އިރު އޮއްސުނު އިރު މިރޯގާގައި ހަތަރު މީހުން މަރުވެގެން ވަޅުލައިފިއެވެ. އަނެއްދުވަހަށް އިރު އެރި އިރު ރަށުގެ އާބާދީގެ ގިނަމީހުންނަށް މިބަލި ޖެހިއްޖެއެވެ. އެހެންކަމުން ހާލުބޮޑު ބަލިމީހުންތައް މާލޫދު ހަރުގެއަށް ގެންގޮސް އެތާނގައި ބައިތިއްބައިގެން ފަރުވާކުރަން ފަށައިފިއެވެ. ކުރަނީ ކޮންކަހަލަ ފަރުވާއެއްކަމަށްތޯއެވެ. ތަށިތައް ލިޔެ މަތުރާ ފެންވަރު ވަނީއެވެ. ފާޑުފާޑުގެ ތަކެތިން ދުންއަޅާ ކިޔެވެލިތައް ކިޔަވަނީއެވެ. އިރުއޮއްސުމުން ރަށުތެރޭގައި ދުން މުޖުމަރާއެއް ހިފައިގެން މުދިންމީހާއާއި އެނޫން މީހުންވެސް ނުކުމެ ބަންގި ގޮވާ ތަކުބީރު ކިޔަނީއެވެ. ރޯގާ ފެށުނުތާ ތިންވަނައަށްވީ ދުވަހުގެ އިރު އޮއްސުނު އިރު މިރޯގާގައި ރަށުން ބާރަމީހުން މަރުވެއްޖެއެވެ.
ޢިޝާ ނަމާދު ކޮށްލައިގެން މޫސަވެސް އޮތީ ކުދިންކައިރީގައި އޮށޯވެގެންނެވެ. އޭނާގެ ހަކުދިންނަށް މިރޯގާ ފެށުނުފަހުން ގެއިން ނުކުތުންވެސް ވަނީ މަނާކޮށްފައެވެ. އަދި މީސްމީހުންދޭ ކާއެއްޗެތި ނުކެއުމަށްވެސް މޫސައާއި ސަންފަ އެމީހުންގެ ދަރިންނަށް އަބަދުމެ ނަޞޭޙަތްތެރިވެއެވެ. މެންދަންވަމުން ދިޔަވަގުތެވެ. ބިރުވެރި ހުވަފެނެއްގެ ތެރޭން މޫސައަށް ހޭލެވުނީ ދަރިފުޅު ޝުހާން ގޮވާއަޑަށެވެ.
" އައްޕާ، މަހޮޑުލަވަނޫ" އެއަޑު މޫސައަށް އިވުނީ ހޮނު ގުގުރިއެއް ހެންނެވެ.ރަށުގެ އެތައް ބަޔަކު މަރުވެ ފަނާވަމުންދާ ނުރައްކާތެރި ރޯގާ އޭނާގެ ދަރިފުޅަށް ޖެހިއްޖެ ކަމުގެ ބިރު ހީވީއެވެ.
"ސަންފާ. ސަންފާ" ދެފަހަރަކު މޫސަ ގޮވާލި އަޑު އިވިފައި އެތެރެ ގޭތެރެއިން ސަންފަ ނުކުތީ އަލިފާނޯއްޔޭ ގޮވީމާވެސް ނުނުކުންނާނެހާ ހަލުވިކޮށެވެ.
" މިސޮރު ހޮޑު ލަވަނީއްޔޭ، އަވަހަށް ލުބޮޔަކުން ފަނި ތައްޓެއް ގިރާބަލަ"
" މިގެޔަކު ލުބޮއެއް ނެތޭ. އިރު އޮއްސުނު އިރު ތުއްތުބޭ އައިސް ބުނީމާ އޮތް ލުބޯވެސް ދެވިއްޖެ. އެކަމަކު ގިފިލި ފަރާތު ގަހުގައި ހުތްފެލޭވަރުގެ ލުބޯ ހުންނާނެ"
ދެކުނު ފަރާތު ދޮރު ހުޅުވާލާފައި މޫސަ ނުކުތެވެ. އަތުގައި ފުޅިބައްތިއެއް އޮތެވެ. ފުރަ ދަންވަރު ކަނު އަނދިރީގައި އޭނާ އެދަނީ ލުނބޯ ބިންނާށެވެ. ތެދެކެވެ. މައިންބަފައިންގެ ލޯތްބަކީ އެކަހަލަ އެއްޗެކެވެ. ދަރިންނަށްޓަކައި ފަރުބަދައެއް ކަނޑަށް ޖެހުނަސް އެމީހުން ފަހަކަށް ނުޖެހޭނެވެ. އަޒުމަކަށް ބަދަލެއް ނާންނާނެއެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށްޓަކައި ލެޔާ ފުރާނައިން ޤުރުބާންވާއިރު، ކަނު އަނދިރީގައި ލުނބޯގަހަކުން ލުނބޯބިނުމަކީ އުނދަގޫ ކަމަކަށް ވާނެ ހެއްޔެވެ؟ މޫސަގެ ހުރިހާ ދަރިންގެ ތެރެއިންވެސް މޫސަ އެންމެ ލޯބިވަނީ ޝުހާން ދެކެއެވެ. އޭނާގެ އެހެން ހުރިހާ ދަރިންނަށްވުރެ ޝުހާންގެ ބުރު ސޫރަ ރީއްޗެވެ. ދޮނެވެ. ބަސްމަދެވެ. ކިޔަމަންތެރިއެވެ. އަދި އެހާމެ ތޫނު ފިއްޔެވެ. ހަޤީޤަތުގައި ޝުހާން ހީވަނީ ރަސްދަރިކަލެއް ހެންނެވެ. ގުދުރަތު އޭނާއަށް ދެއްވާފައިވަނީ އެފަދަ މަޤާމެކެވެ. ހުރިހާގޮތަކުންނެވެ. އެހެނަސް މޫސަ ޝުހާންދެކެ އެހާބޮޑަށް ލޯބިވާކަން އަބަދުވެސް އެހެން ކުދިންނަށް ވަންހަނާ ކުރެއެވެ. އެހެން ކުދިންވެސް ޝުހާންދެކެ ވަރަށް ލޯބިވެއެވެ. ބަފައިބެވެސް އެހާވަރު ހުންނާނެއެވެ. މޫސަ ލުނބޯ ބިނދެގެން ގެއަށް އައިސްވަތް އިރު ޝުހާން ހޮޑުލާން ފަށައިފިއެވެ. މޫސަ ޝުހާންގެ ގައިގައި އޮޅުލައިގަތެވެ.
" މަގޭ، ދެލޮލާ، ރަންކޮޅާ" މޫސައަށް ގިސްލެވިއްޖެއެވެ. ސަންފަ އަށްވެސް ރޮވޭގޮތްވެއްޖެއެވެ. ހިނދުކޮޅެއްވެސް ނުވަނީ މައިދައިތަ ލުބޯފަނި ގިރައިގެން ގެނެސްފިއެވެ. ކުޑަ އެތިއެތި ފޮދުން ޝުހާންއަށް ފަނި ދެވޭތޯ ސަންފަ އުޅެއެވެ. މޫސަ ނުކުތީ، މުދިންބެ ހޯދަންދާށެވެ. އޭނާގެ ދަރިފުޅަށް ޝިފާއެއް ހޯދާށެވެ. މަގުމައްޗަށް ނުކުތް އިރު ބައެއް ގޭގޭގެ ފުޅަށް ކައިރީގައި ޖަހާއިފައި ހުރި ކޮރު ދަންތަކުން މަގުމައްޗަށްވާ އަލި ފިޔަވައި އެހެން އަލިކަމެއް ނެތެވެ. މުދިންބޭ ގެއާއި ދިމާއަށް މޫސަ ހިނގަމުން ދިޔައީ ހަލުވި ކޮށެވެ. އޭރު މަގުގެ ދެފަރާތުގައި ހުރި ގެތަކުން މީހުންގެ ރުއިމާއި ގިސްލުމުގެ އަޑު އިވެއެވެ. ހޮޑުލާން މީހުން އޯކާ ދެމޭ އަޑު އިވެއެވެ. އެކަމަކު އެއަޑުތައް މޫސައަށް ނީވޭ ކަހަލައެވެ. މޫސައަށް މުދިންބޭ ގެއާއި ހަމައަށް ދެވުނު އިރު ފަތިސްނަމާދަށް މުދިންބެ ގޭން ނުކުންނަނީއެވެ.

Thursday, September 25, 2008

ހަޔާތުގެ ކުލަތައް

އެއީ ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅެވެ.
ހަމަހިމޭން މެންދަމަކަށްފަހު، އުފާވެރި ދުވަހަކަށް އަލިވިލެމުންދަނީއެވެ. ކާޅާއި ކޮވެއްޔާއި ކުކުޅުހާލުގެ އަޑުން ފަޒާގެ ހިމޭންކަން ފޫއަޅުވަމުންދެއެވެ. އޭރު ފަތިސް ނަމާދުން މީހުން ފައިބައިފިއެވެ. އަނެއްކާވެސް އާދުވަހަކަށް އަލިވިލުނީއެވެ. ފަތިސްނަމާދުން އައިގޮތަށް އާދައިގެމަތިން މިއަދުވެސް މޫސަ މަސައްކަތް ފަށައިފިއެވެ. ފަތިހަށް ގޮވާ ހާލާއެކު ކޮންމެ ރެޔަކުވެސް އޭނާ ތެދުވެއެވެ. ދަމުނަމާދަށް ފަހު ފަތިސްނަމާދުކޮށްގެން އޭނާގެ މަސައްކަތްފަށައެވެ. ބޮޑު ނައިލޯނު ގޯންޏެއްގެ ތުންހުޅުވައިގެން އިނދެ އޭނާ އޭގެތެރޭގައި އޮޅުން ބޮޅުންވެފައި އޮތް ބޮޑު ނައިލޯނުގަނޑެއް މިންޖުކޮށް ފަށްތައް ނިއުޅުވަމުން ދިޔައެވެ. އޭރު އޭނާގެ ދިރި އުޅުމުގެ ޞަފްހާތައްވެސް އޮޅެމުން ނިއުޅެމުން ޚިޔާލީ ސްކްރީނުގައި ދައުރުވަމުން ދިޔައެވެ.
ވާއެޅުމަކީ މޫސަ ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މަހެއްގެ ތެރޭން އޭނާއަށް ގަދަވެ ހުންނަންލިބޭ ދެތިން ދުވަހު އޭނާ ހޭބޯނާރައި މަސައްކަތްކުރެއެވެ. އަނބިދަރީންނަށް ޓަކައެވެ.މޫސައަކީ ނޭވާ ހިއްލާމީހެކެވެ. އޭނާއަށް އެކަމެއް ޖެހުނީ ދެވަނަ ދަރިފުޅު ލިބުނުތާ މާގިނަދުވަހެއް ނުވަނީހެވެ. އޭނާގެ ދޮށީދަރިފުޅު އައިމިނައަށް އަދިވީ އެންމެ ތޭރަ އަހަރެވެ. ދެންހުރީ އިބްރާހިމެވެ. އޭނާއަށް ދިހަވަރަކަށް އަހަރު ވީއިރު ޝުހާންއަށް އޮތީ އަށް އަހަރަށެވެ. އަދި ހަތަރުވަނަ ދަރިފުޅު މައުސޫމަށް ހައަހަރަށް އޮތްއިރު ފަސްވަނަ ދަރިފުޅު ފާތުމައަށް އޮތީ ހަތަރު އަހަރަށެވެ. އަދި ހަވަނަ ދަރިފުޅު ރުޤިއްޔާއަށް އޮތީ ދެއަހަރަށެވެ. ހަދަރިންނާއި އަތްބަކު ގޮވައިގެން ބަލިހާލުގައި މޫސައަށް އުޅެންޖެހިފައިވަނީ ދަތިދިރިއުޅުމެކެވެ. އެދަތިކަމަށް ކުޑަވެސް ލުޔެއް ލިބިފައިވަނީ އަންހެނުންގެ ބައްޕަގެ ފަރާތުންނެވެ. އަންހެނުންގެ ބައްޕައަކީ ފޯރާ މީހަކަށް ވާތީއެވެ. ގޭގައި ދެދޯނިމަހަށް ދުއްވާތީއެވެ. އެހުރިހާމަހެއް ކައްކާ ހިއްކާނީ އަންހެނުން ސަންފަ އާއި މައިދައިތަ ސިއްތިއެވެ. މޫސަގެ ކަމަކީ ދަރު ފަޅައިދިނުމާއި މަސްކަނޑައި ދިނުން ފަދަ ކަންކަމެވެ. ބައެއް ދުވަސް ދުވަހު އޭނާވެސް މަހަށް ދެއެވެ. ދުވަސްތައް ތަކުރާރުވެ ވޭތުވަމުން ދިޔައީ އުފާ ފާގަތި ކަންމަތީގައެވެ.
އެއީ ހިޖުރައިން ތޭރަސަތޭކަ ނުވަދިހަ ވަނަ އަހަރުގެ ޒުލްޤައިދު މަހުގެ ދުވަހެކެވެ. މެދުގޭތެރޭ އުނދޯލީގައި މޫސައިނީ އެގޭގައި މަހަށްދުއްވާ ދެދޯނީގެ ތެރެއިން ބޮޑުދޯނީގެ އެންދާ ހަދާށެވެ. ގޭތެރޭގައި ކުދިވެރިން ކުޅެން އުޅެއެވެ. އޭރު ސަންފަ އާއި މައިދައިތަ އުޅެނީ މަހު ކަށިނަގައި ދުމަށި މަތީގައި މަސްޖެހުމުގައި އަވަދި ނެތިވެގެންނެވެ. ކުލިއަކަށް ރޮއިހޭރެމުން ގޭތެރެއަށް އައިސް އެވަނީ ބޮޑުދައިތައެވެ. ދެލޯ ތަންމިނަށް ހުޅުވައިގެން ބިރުގެންފައި ޝުހާން ހުރީ ބަލަހައްޓައިގެންނެވެ. އަޑުން އަޑުނަގާ ބޮޑުދައިތަ ރޯތީއެވެ. ބަސްމަދު އެހާމެ މަޑުން ހުންނަ ޝުހާންއަކީ މީހަކު ރޯތަން ފެންނައިރަށް ވަރަށް ކަންބޮޑުވާ ކުއްޖެކެވެ.
"އައްތާ! ކިޔެއްވުދޯ ތި ހޭރެނޫ" ޝުހާންގޮސް ބޮޑުދައިތަ ގާތު ހުއްޓެމުން ބުންޏެވެ.
" މޫސާ، ދަރިފުޅާ، މަގޭ ނަޢީމެއްވާ ނެތް"
މޫސަވެސް ތެދުވެގެންގޮސް ބޮޑުދައިތަ ގާތު ހުއްޓުނެވެ. ބޮޑުދައިތަގެ ރުއިމުގެ އަޑަށް ދުވެ މަރުވަމުން ސަންފަ އާއި މައިދައިތަވެސް ގޭތެރެއަށް އަތުވެއްޖެއެވެ. އޭރު ކޮންމެ މީހަކުގެ އަތުގައިވެސް ކަށިފިލުވަން ނެގި މަސްކިބަ އޮތެވެ.
" ކިޔެއްދޯ ވު" ތިންމީހުންނަށްވެސް އެއް ފަހަރާ އެހުނީ އެހެންނެވެ.
" މަގޭ ނަޢީމް މަރުވެއްޖެ." ބޮޑުދައިތަގެ ރުއިމުގެ އަޑު އަދި ކުރިއަށް ވުރެވެސް ބާރު ވެއްޖެއެވެ.
" ބޮޑާއްތާ އެޔަށް ކިޔެއްދޯ ވު" އެންމެ ހަތް އަހަރުގެ ނަޢީމް ނިޔާވީ ކީއްވެ ހެއްޔެވެ.
" ދެފަހަރަކަށް މެންދުރުވީ ތަނާ ހޮޑުލީ، ޢަސުރު ވުމާއި ދޭތެރޭ ހައެއްކަ ފަހަރު ބޮޑުކަމުވެސް ދިޔަ. ދެންމެ މާބޮޑަށް ވަރުދެރަވެފައި ހަރަކާތެއް ނެތިފައި އޮންނާތީ ކަތީބު ގެނައިމާ އޭނާވެސް ބުނެފި މިހާރަކު ފުރާނައެއް ނެތޭ"
އިރު އޮއްސުމުގެ ކުރިން ނަޢީމް ވަޅުލާ ނިންމާފައި މޫދައެރި ތާހިރުވެގެން މޫސައަށްވެސް ގެއަށް އާދެވުނުއިރު މަޣުރިބު ނަމާދަށް ބަންގި ގޮވައިފިއެވެ. އެއީ ކޮލެރާގެ ފެށުމެވެ. ސިއްޚީ ފަރުވާ އެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ރަށްފުށުގައި އެދުވަސްވަރުގެ ހާލަތު ހުރީ އިންތިހާ ދަރަޖައަށް ދަށުގައެވެ. އަނެއް ދުވަހަށް އިރު އެރި އިރު އެތައް ބަޔަކަށް މިރޯގާ ޖެހިއްޖެއެވެ. އެއްގޭގެ ހަތަރު ފަސްކުދިންނަށްވެސް ޖެހިފައި ތިއްބެވެ. ކުދިންނާއި ބޮޑެތި މީހުންވެސް ހޮޑުލާ ބޭރަށް ހިންގަނީއެވެ. ރަށު އޮފީހުން އަންގަނީ ފެންދިނުން މަދުކުރުމަށެވެ. ހޮޑުލުމާ ބޭރަށް ހިންގުން ކޮންޓްރޯލްވާނީ އެގޮތަށްކަމުގައި ރަށުގައި ތިބި ކަމުވޮށިގެންވާ މީހުންނަށް ހީވަނީ އެވެ. ދެވަނަ ދުވަހަށް އިރު އޮއްސުނު އިރު މިރޯގާގައި ހަތަރު މީހުން މަރުވެގެން ވަޅުލައިފިއެވެ. އަނެއްދުވަހަށް އިރު އެރި އިރު ރަށުގެ އާބާދީގެ ގިނަމީހުންނަށް މިބަލި ޖެހިއްޖެއެވެ. އެހެންކަމުން ހާލުބޮޑު ބަލިމީހުންތައް މާލޫދު ހަރުގެއަށް ގެންގޮސް އެތާނގައި ބައިތިއްބައިގެން ފަރުވާކުރަން ފަށައިފިއެވެ. ކުރަނީ ކޮންކަހަލަ ފަރުވާއެއްކަމަށްތޯއެވެ. ތަށިތައް ލިޔެ މަތުރާ ފެންވަރު ވަނީއެވެ. ފާޑުފާޑުގެ ތަކެތިން ދުންއަޅާ ކިޔެވެލިތައް ކިޔަވަނީއެވެ. އިރުއޮއްސުމުން ރަށުތެރޭގައި ދުން މުޖުމަރާއެއް ހިފައިގެން މުދިންމީހާއާއި އެނޫން މީހުންވެސް ނުކުމެ ބަންގި ގޮވާ ތަކުބީރު ކިޔަނީއެވެ. ރޯގާ ފެށުނުތާ ތިންވަނައަށްވީ ދުވަހުގެ އިރު އޮއްސުނު އިރު މިރޯގާގައި ރަށުން ބާރަމީހުން މަރުވެއްޖެއެވެ
.

Sunday, August 17, 2008

BREKING NEWS

ހައްދުންމަތީ ގަން ސިނާއީ ސަރަހަދުން، މާހިރީ ހޮޓާކައިރިން ސިނާޢީމަގަށް ނުކުންނަން އޮންނަ ހިސާބުގައި ހަދާފައިވާ ބުރުކަރީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ. މަންޒަރުށް ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި ނުރައްކާތެރި މިއެކްސިޑޭންޓްގައި އަނިޔާވި ދެމީހުންނަކީ ތިލަދުއްމަތީ ދެކުނުބުރީ ހަނިމާދޫ މުޝްތަރީގޭ އުމުރުން 24 އަހަރުގެ އަހުމަދު ރަޝީދާއި، ހައްދުންމަތީ ގަން މުކުރިމަގު، މޫންލައިޓް އުމުރުން 19 އަހަރުގެ އަހުމަދު އަނީސް. މިދެމީހުންނަށްވެސް ގަންރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެވެމުންދާ ކަމަށާއި ދެމީހުންގެ ހާލުވެސް ވަރަށް ސީރިޔަސްކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދޭ. ހައްދުންމަތީ ގަން ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއްވާގޮތުގައި މިހާދިސާ ހިނގިއިރު ޕިކަޕްދުއްވަން އިނީ ހައްދުންމަތީ މާވަށު ނޫރާނީގެ އުމުރުން ތޭވީސް އަހަރުގެ މުހައްމަދު މުބާރިކު. އަދި ސައިކަލްގައި ތިބި ދެމީހުންނަކީ މޯލްޑިވުސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ލ ރީޖަނަލް އޮފީހުގައި މަސައްކަތްކުރާ ދެމުވައްޒަފުން. މިހާދިސާ ހައްދުންމަތީގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަޙްޤީޤުކުރަމުން.

ހަނދުކޭތަ ހިފައިފި

ރޭހަނދުކޭތައެއް ހިފައިފި. މެޓް އޮފީހުންވިދާޅުވާގޮތުގައި ދެން މިއަހަރުގެ ތެރޭގައިހަނދުކޭތައެއް ހިފުމުގެ ފުރުޞަތެއް ނޯންނާނެ. ރޭ ހަނދު ކޭތަ ހިފަން ފަސާފައިވަނީ މެންދަމު 12:10ގައި، ކޭތަ ފުރިހަމަވެފައިހުރީ މެންދަމުން އަލިވެ 2:10ގައި. އަދި ކޭތަ ވީއްލާފައިވަނީ މެންދަމުން އަލިވެ 3:05ގަ. ރޭމާލެއާއި އަތޮޅުތަކުގެ ހުކުރު މިސްކިތްތަކުގައި ކޭތަނަމާދު ކުރުން އޮތް.

Thursday, August 7, 2008

ވެކްސިން މެނޭޖްމެންޓް ވާރކްޝޮޕް

ހައްދުންމަތީގައި ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ވެކްސިން މެނޭޖްމަންޓް މަސައްކަތު ބައްދަލުވުމެއް ހިންގައިފި

Sunday, August 3, 2008

ހައްދުންމަތީގައި ރީޖަނަލް ފަޔަރ ސަރވިސްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައި އެޓޯލްސް މިނިސްޓްރީ އ



ހައްދުންމަތީގައި ރީޖަނަލް ފަޔަރ ސަރވިސް އެއްގެ ޚިދުމަތްފެށުމަށް ޓަކައި ބޭނުންވާ ހައްދުންމަތީގައި ރީޖަނަލް ފަޔަރ ސަރވިސްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައި އެޓޯލްސް މިނިސްޓްރީ އާއި އެމްއެންޑީ އެފުން ވިދާޅުވެއްޖެ. މީހުން ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ފަށާފަ. މިގޮތުން މިކަމަށް ކުރިމަތިލި 43 މީހުންނާއި އިންޓަރވިއުކޮށް، ޝޯޓްލިސްޓް ކުރެވުނު 23 މީހުންގެ ފިޒިކަލްޓެސްޓްތައް ވެސްވަނީ ބާއްވާފަ. މިޓެސްޓްތައް ބާއްވާފައިވަނީ ކައްދޫ ކޯޒުވޭ ގަޔާއި ފޮނަދޫގަ. އެމްއެންޑީ އެފުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިވަޒީފާއަށް ބޭނުންވާ ފަނަރަ މީހުން ހޮވާ އެފަރާތްތަކަށް ތަމްރީންދެނީ އެމްއެންޑީ އެފުން ނަމަވެސް ރީޖަނަލް ފަޔަރ ސަރވިސް ހިންގަމުންދާނީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށުން. އެމް އެންޑީ އެފުން މަޢުލޫމާތު ދޭ ގޮތުގައި ހައްދުންމަތީ ރީޖަނަލް ފަޔަރ ސަރވިސްގައި މަސައްކަތްކުރުމަށް ހޮވޭ ފަނަރަ މުވައްޒަފުންނަށް ފުވައްމުލަކުގައި އަމަލީ ތަމްރީންތައް ދިނުމަށް ހަމަޖެހިފައިވޭ. ފާއިތުވި އަހަރު ތަކުގައި ހައްދުންމަތީގެ ރަށްތަކުގައިވެސް އެކިވަރުގެ އަލިފާނުގެ ޙާދިޘާތައް ހިނގާ މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުންތައް ލިބިފައިވޭ.

ތިމާވެއްޓައި މެދު އާއްމު ހޭލުންތެރިކަން އިތުރުކުރުން


ތިމާވެއްޓައި މެދު އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ނިއު އެންލާރނިންގ އާ ފޮނަދޫގައި ހުންނަ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް ފޭސް ދޭއްގެ އޮފީހާއި ގުޅިގެން އާއްމުން ހޭލުންތެރިކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި. ތިން ދުވަހުގެ މުއްދަތަށް ބޭއްވި މިމަސައްކަތު ބައްދަލުވުމުގައި ފޮނަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމިޓީއާއި ލއަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ބައިވެރިވި. މިމަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ތިމާވެށި ރައްކާތެރި ކުރުމަށް ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ގޭބިސީ ތަކާއި ރަށުފެންވަރުގައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން. މިގޮތުން ނުރައްކާތެރި ކުނި ބުނި ވަކިކުރާނެ ގޮތާއި ކާދުތައްޔާރު ކުރާނެ ގޮތްތަކުގެ މަޢުލޫމާތުވެސް ދީފައިވޭ.

ހައްދުންމަތީ ކަޅައިދޫއަށް މިއަދު މެންދުރުންފެށިގެން އުދަ އަރާފައިވާ ކަމަށް ކަޅައިދޫ އޮފީހުން ވިދާޅުވެއްޖެ.



ހައްދުންމަތީ ކަޅައިދޫއަށް މިއަދު މެންދުރުންފެށިގެން އުދަ އަރާފައިވާ ކަމަށް ކަޅައިދޫ އޮފީހުން ވިދާޅުވެއްޖެ. މިގޮތުން އުދަ އަރަންފަށަފައިވަނީ މިއަދު މެންދުރުން ފެށިގެން. އަދި ރަށުގެ އިރުމަތި ފަރާތުން ރަށުތެރެއަށް އެއްހާސް ފޫޓަށްވުރެ ބޮޑަށް އެއްގަމަށް ލޮނުގަނޑުއަރާ ފެތުރިފައިވާ ކަމަށާއި މީހުން އުޅޭ ބައެއް ގޭގެއާއި އިންޖީނުގެއާއި ހަމައަށްވެސް ލޮނުގަނޑު ފެތުރިފައިވާކަމަށް މައުލޫމާތު ލިބިފައިވޭ.

ފުލުހުން ކުޑަކަމުދާ ނިޒާމް ޗެކްކުކުރުން


ފުލުހުން ކުޑަކަމުދާ ނިޒާމު ޗެކުކުރާކަމަށް ރާއްޖޭގެ މަޝްހޫރު ދުވަހު ނޫހަކުން ބުނެފި.މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވިގެން ހައްޔަރު ކުރި ހއ ހޯރަފުށީ ކަނީރުމާގޭ އާދަމް އާރިފްގެ ކުޑަކަމުދާ ނިޒާމު ޗެކުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕިއޭޓްސްއަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުންގެ ތަހްލީލް ރިޕޯޓުގައި ވާކަމަށް މިމައްސަލަ ބެއްލެވި ޤާޒީއާއި ހަވާލާދީ މިއަދު ނޫހުން ބުނެފިއެވެ.

Thursday, July 31, 2008

2:37am. LATEST UPDATE

ޭފަތިހު ހައްދުންމަތީ މާމެންދޫން ދެމީހުންނާއި އެކު ކުރުމަހުގެ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ގެއްލުނު ދެމީހުންނާއި ދޯނި ފެނިއްޖެ.މިމީހުންނާއި ދޯނި ފެނިފައިވަނީ މިދެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ދިޔަ މާމެންދޫ ގެ ލޯންޗަކަށް، ރޭ ދަންވަރު ދޭއްޖަހާ އެހާކަންހާއިރު ހައްދުންމަތީ މާމެންދޫކައިރީގައި ކުޑަ ފަޅު ރަށެއްގައި ތިއްބާ. މިދެމީހުންގެ ހާލުވެސް ރަނގަޅުކަމަށާއި މިމީހުން ރޭފަތިހު މާމެންދޫއަށް ގެނެވިފައިވާކަމަށާއި މިދެމީހުންގެ ހާލުވެސް ރަނގަޅުކަމުގައި މާމެންދޫ އޮފީހުން މަޢުލޫމާތު ދެއްވާ. އެއޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މިދެމީހުންނާއި ދޯނި ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެ މެންދުރުފަހު ހައްދުންމަތީގެ ދެކުނުބިތުގެ ރައްތަކަށް ޖެހުނު ބާރުގަދަ ކޮޅިގަނޑަށްފަހު. މިދެމީހުންނާއި އެކު މިދޯންޏަށް އެ ފަޅުރަށަށް ވެދެވުނީ، ދޯނީގެ އިންޖީނު ހުއްޓި ވަޔާއި އޮޔާލަގުވަމުން ކަމަށް މަޢުލޫމާތު ލިބިފައިވޭ. މިދެމީހުންނަކީ، ހައްދުންމަތީ މާމެންދޫ ބިންބިމާގޭ އުމުރުން 61 އަހަރުގެ އަހުމަދު އަބޫބަކުރާއި، އެރަށު ކުދި ލުނބޯމާގޭ އުމުރުން 71 އަހަރުގެ ޢަލީ ހުސޭން.

11:26 BREAKING NEWS UPDATE

ރޭފަތިހު ހައްދުންމަތީ މާމެންދޫން ދެމީހުންނާއި އެކު ކުރުމަހުގެ މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަމުން އެބަދޭ. މާމެންދޫ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މިދެމީހުންނާއި ދޯނި ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު މެންދުރުފަހު ހައްދުންމަތީގެ ދެކުނުބިތުގެ ރައްތަކަށް ޖެހުނު ބާރުގަދަ ކޮޅިގަނޑަށްފަހު. ގެއްލިގެން ހޯދަމުންދާ މިދެމީހުންނަކީ، ހައްދުންމަތީ މާމެންދޫ ބިންބިމާގޭ އުމުރުން 61 އަހަރުގެ އަހުމަދު އަބޫބަކުރާއި، އެރަށު ކުދި ލުނބޯމާގޭ އުމުރުން 71 އަހަރުގެ ޢަލީ ހުސޭން. 35 ފޫޓުގެ ފައިބަރު މަސްދޯންޏެއްގައި މިދެމީހުން ކުރުމަހުގެ މަސްވެރިކަމަށް ނުކުތީ ރޭގެ ފަތިސްނަމާދަށްފަހު. އަދި މިއަދު ހެނދުނު ހައެއްޖެހި ފަހުން ހައްދުންމަތީ ގާދޫ ކަނޑުއޮޅިމަތިން ކުނަހަންދޫ ދޯންޏަކަށް މިމީހުން ފެނިފައިވޭ. ކުރުމަސް ނަމަކަށް ކިޔާ މިދޯނީގެ ބޭރުގައި ލާފައިހުންނާނީ މަޑުނޫކުލަ ކަމަށާއި މިދޯންޏަކީ އާދައިގެ އިންޖީނުއެޅި ދޯންޏެއްކަމަށްވެސް މާމެންދޫ އޮފީހުން މަޢުލޫމާތު ދީފައިވޭ. އަދި ކުރުމަހަށް ނުކުމެ އުޅުނު މިދޯނީގައި މުވާޞަލާތު ކުރެވޭނެ އެއްވެސް ވަޞީލަތެއް ނުހުންނާނެ ކަމަށާއި، އަދި ކާނާވެސް ހުރިކަމަށް ނުބެލެވޭ ކަމަށާއި އެހެންނަމަވެސް ކޮންމެވެސް ވަރަކަށް އެދޯނީގައި ބޯފެންހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް މާމެންދޫ އޮފީހުން ވިދާޅުވޭ. މިދޯނި ހޯދުމަށް މާމެންދޫގެ ދެދޯންޏާއި ކޯސްޓްގާޑުގެ އުޅަނދެއް މިހާރުވެސް ދަނީ ހަރަކާތްތެރިވަމުން. މިދޯނި ކުރުމަހުގެ މަސްވެރިކަމަށް ނުކުތްކަމަށްވަނީ ލ އަތޮޅުގެ އިރުމަތީ ފަރާތުން މާކަނޑަށް.

9:20PM BREKING NEWS

މާމެންދޫ ދެމީހުންނާއި އެކު ކުރުމަސްބޭނުމަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިއްޖެ. މިދޯނި ގެއްލިފައިވަނީ މިއަދު ހަވީރު ހައްދުންމަތީގެ ދެކުނު ބިތުގެ ރައްތަކަށް ޖެހުނު ގަދަ ވިލާގަނޑަށްފަހުގައި ކަމަށް މާމެންދޫ އޮފީހުން ވިދާޅުވޭ. އިތުރު ތަފްސީލް އަން ނަނީ.

Tuesday, July 29, 2008

ފޮނަދޫގައި ޢިމާރާތްކޮށްފައިވާ ނަމޫނާގެތައް ދޫކުރުން

ހައުސިންގ ފައިނޭންސް ސްކީމްގެ ދަށުން ހައްދުންމަތީ ފޮނަދޫގައި ސަރުކާރުން ޢިމާރާތްކޮށްދެއްވާފައިވާ ނަމޫނާ 24 ގޭގެ ތެރެއިން މިހާރު ދޫނުކުރެވިވާ ހަތްގޭގެ ތެރެއިން ހަގެއަކަށް ހަފަރާތަކުން އެދިފައިވާ ކަމަށް ހައްދުންމަތީ އަތޮޅު އޮފީހުން ވިދާޅުވެއްޖެ.

Monday, July 28, 2008

ވައިގެމަގުން ހައްދުންމައްޗަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި


ވައިގެ މަގުން ހައްދުންމައްޗަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްދުންމަތީ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފި. ގަމް ޕޮލިސްސްޓޭޝަނުން ހައްޔަރު ކުރި މިމީހަކީ ގަން ތުނޑީ ވައިޓް ކޯރަލް މުހައްމަދު އާސިދު. މީނާ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ދިރުވާލައގެން ކަމަށް ފުލުހުން މަޢުލޫމާތުދޭ. މީނާ ގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭތީ ގަން ރީޖަނަލްހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނެގުމުން އޭނާގެ ހަށިގަނޑު ތެރޭގައި ކެޕްސޫލްތަކެއް ހުރިކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާ. އަދި ފުލުހުންގެ ހާޟިރުގައި ޑޮކްޓަރ އޭނާގެ ފުރަގަސް ފަރާތުން ދެ ކެޕްސޫލް ނެގި ކަމަށާއި އަދި ފަހުން އޭނާ ބޮޑުކަމު ދިޔަ ތަކެތީގެ ތެރެއިން ވެސް އިތުރު ދެކެޕްސޫލް ފެނިފައިވާ ކަމަށް ގަން ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއްވާ. އަދި އާސިދުގެ ކުޑަމުދާ އެއްޗެހި ޓެސްޓު ކުރުމުން އޭނާ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާކަމަށްވެސް ނަތީޖާއިން ދައްކާ ކަމަށް ފުލުހުން މަޢުލޫމާތުދޭ. އިއްޔެ ހެނދުނު މީނާ ހައްޔަރު ކުރެވފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގެވި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށްވެސް އެފަރާތުން މަޢުލޫމާތުދޭ

ގާދޫ ހެލްތު ޕޯސްޓުން ޚިދުމަތް ނުލިބޭކަމަށް ބުނެ ކޮމިއުނިޓީހެލްތު ވޯކަރު ހިފަހައްޓައިފި



ހައްދުންމަތީ ގާދޫ ހެލްތު ޕޯސްޓުން ޚިދުމަތް ނުލިބޭކަމަށްބުނެ އެރަށުގެ ބަޔަކު ނުކުމެ މިއަދު އެތަނުގައި މަސައްކަތްކުރާ ކޮމިއުނިޓީ ސްޕަވައިޒަރު ހިފަހައްޓައިފި. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެހެލްތުޕޯސްޓުން ދެވޭ ޚިދުމަތާއި މެދު ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަ ނުޖެހިގެން އުޅެނީ، އެތަނުގައި ކުރިން ހުރި ހެލްތުވޯކަރު ކޯހަކަށް މާލެ ދިޔުމާއި ގުޅިގެން އެތަނަށް ފޮނުވާފައި ހުންނަ ކޮމިއުނިޓީ ހެލްތުވޯކަރ ފަރުވާކުޑަކަމަށް ބުނެ. ގަން ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ ގާދޫ ހެލްތުޕޯސްޓުގައި ހުރި ފެމިލީ ހެލްތުވޯކަރު ކޯހަށް ފުރުމާއި ގުޅިގެން އެތަނުގައި މިހާރު މަސައްކަތްކުރާގޮތަށް ހަމަޖައްސާފައިވަނީ ފޮނަދޫ ސިއްޚިމަރުކަޒުގއައި މަސައްކަތްކުރާ މުވައްޒަފެއްކަމަށް. އަދި އޭނާ ބުރާސްފަތިދުވަހު ހުރީ ސަލާމުގައި ކަމަށާއި މިއަދު އޭނާ ގާދޫއަށް ދާން ބަނދަރަށް ދިޔައިރު ފެރީ ފުރައިފައިވާތީ އޭނާއަށް ދެވުނީ ލަހުން ކަމަށް.
،ގާދޫ ހެލްތުޕޯސްޓް ދޮށަށް އެއްވި މީހުން އެތަނަށްވަދެ މުވައްޒަފުން ނެރުމަސްފަހު ތަންތަޅުލުމަށް ބުނެފައިވާކަމަށް އެވަގުތު އެތާނގައި ހުރިމީހަކު މަޢުލޫމާތު ދީފައިވޭ. ތިންސަތޭކައެއްހާ މީހުންދިރިއުޅޭ ގާދޫއަކީ ދިރިއުޅުމަށް ތަފާތު ގިނަދަތިތަކެއް ހުރިރަށަކަށްވާތީ އެތަނަށް މުވައްޒަފުން ފޮނުވުމުގައި ދަތިތައް ކުރިމަތިވާކަމަށް ގަންރީޖަނަލްހޮސްޕިޓަލުން ވިދާޅުވޭ

Friday, July 25, 2008

ގަމުގައި އޮންނަ ބޮޑު ފެންގަނޑު

ގަމުގައި އޮންނަ މިފެންގަނޑާއި ބެހޭ އިތުރު ދިރާސާތަކެއް ކުރުން މުހިންމު

ހިރަފުސް ބޯވުމުގެ މައްސަލަ

މިކަމަށް ހައްލެއް ހޯދޭނީ ކިހިނެއް

ފޮނަދޫ މިސްކިތްތަކުގެ ޖާގަ ބޮޑުކުރުން

އަލަށް އިމާރާތްކުރާ ހުކުރު މިސްކިތް ނުނިމުމުގެ ސަބަބުން ދަތިތައް ކުރިމަތިވާނެ ފޮނަދޫ އޮފީސް

މުލީގައި ނަރުދަމާއެޅުމުގެ މަސައްކަތް

މުލީގައި ނަރުދަމާގެ ނިޒާމް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭވަރުވާނެ ކަމުގައި ރަށު އޮފީހުން ބުނެފި

ގަމާއި ފޮނަދޫގެ ގޮނޑުދޮށްތަކުން ވެލިނަގާ މައްސަލަ

ގަމާއި ފޮނަދޫގެ ގޮނޑުދޮށްތަކުން ވެލިނަގާމީހުން ބުނަނީ އެމީހުންނަށް އެނޫންގޮތެއް ނެތްކަމަށް.

ފޯންބޫތުތަކަށް އޮތް ޑިމާންޑް ގެއްލުން

އަތޮޅުތަކާއި މާލޭގައި ބަހައްޓާފައިވާ ފޯން ބޫތުތައް ދިރާގުން ނަގަންފަށައިފި

ހިރިލަންދޫ އިޤުތިޞާދީ މަސައްކަތްތައް

ކޮޅުމަޑުލު ހިރިލަންދޫ އިޤުތިޞާދީ މަސައްކަތްތަކަށް ދޫކުރާނެ ބިން މިހާރ ނެތްކަމުގައި ރަށު އޮފީހުން ވިދާޅުވެއްޖެ

ގޮވާންކުރުމުގެ މަސައްކަތާއިމެދު އަލުން ވިސްނަންފެށުން

ހައްދުންމަތީގެ ދަނޑުވެރިން ގޮވާންކުރުމުގެ މަސައްކަތާއި މެދު އަލުން ވިސްނަން ފަށައިފި.

Monday, March 10, 2008

އިންޓަރހައުސް ވޮލީ މުބާރާތް ނިމިއްޖެ


ހައްދުންމަތީ އަތޮޅުތައުލީމީ މަރުކަޒުގެ އިންޓަރހައުސް ވޮލީ މުބާރާތް ނިމިއްޖެއެވެ. މިގޮތުން އިންޓަރ ހައުސް ސަތާރަވަނަ ފިރިހެންކުދިންގެ ވޮލީމުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ ކާނި ހައުސާއި ފުނަހައުސެވެ. ސީދާ ތިންސެޓުން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ކާނި ހައުސެވެ. ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ، ކާނި ހައުސްގެ ޢަބުދުއްﷲ ޒިޔާދެވެ. އިންޓަރހައުސް ހަވަނަ އަންހެންކުދިންގެ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ދެސެޓް ތިންސެޓުން މެޗުކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ، ފުނަ ހައުސެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީފުނަހައުސްގެ ފާޠިމަތު ޝައުފާއެވެ. މިދެމުބާރާތް ނިމުމުން ވަނަވަނައަށް ދިޔަ ޓީމްތަކަށާއި ކުޅުންތެރިންނަށް ތައްޓާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ ހައްދުންމަތީ އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލާ ޢިލުމުއްނިސާ ދޮންމަނިކެވެ.

ދަނޑުވެރިކަމުގެ ނާސަރީ ހުޅުވައިފި.


ހައްދުންމަތީ ދަނބިދޫގައި ކެއަރ ސޮސައިޓީއާއި ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ބިނާކުރި ދަނޑުވެރިކަމުގެ ނާސަރީ ހުޅުވައިފިއެވެ. މިނާސަރީ ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ދަނބިދޫގައި ގިނަދުވަސްތަކެއްވަންދެން ދަނޑުވެރިކަންކޮށްފައިވާ އަދި މިހާރުވެސް ދަނޑުވެރިކަމުގައި ހަރަކާތްތެރިވަމުންދާ ފަރާތެކެވެ. ފަސްހާސް އަކަފޫޓޫގެ ބިމެއްގައި ޤާއިމްކޮށްފައިވާ މިނަރސަރީގައި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައެއްވެސް ހިމެނެއެވެ. މިނަރސަރީ އަކީ ޔޫއެންޑީޕީ މެދުވެރިވެގެން އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގައި ކެއަރސޮސައިޓީއާއި ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅީގެން ބިނާކުރި ނާސަރީއެކެވެ.

Saturday, March 8, 2008

ރައްޔިތުންގެ ދަނޑުވެރިކަމުގެ ނާސަރީއާއި އުގަންނައިދޭ މަރުކަޒު ހުޅުވައިފި.

ކެއަރ ސޮސައިޓީ ސުނާމީ ރީކޮންސްޓްރަކްޝަން އެންޑް ރިހެބިލިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ހައްދުންމަތީ ގަން މަތިމަރަދޫ އަވަށުގައި ބިނާކުރެއްވި ރައްޔިތުންގެ ދަނޑުވެރިކަމުގެ ނާސަރީއާއި އުގަންނައިދޭ މަރުކަޒު ހުޅުވައިފިއެވެ.
އެމަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުހުޅުއްވައިދެއްވީ ދަނޑުވެރިކަމުގައި ހީވާގި ކަމާއެކު ހަރަކާތްތެރިވަމުންދާ ބޭފުޅެކެވެ. މިމަރުކަޒުހުޅުވުމުގެ ރަސްމިއްޔާތުގައި ގަމުގައި ދަނޑުވެރިކަންކުރަމުންދާ ދަނޑުވެރިންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިން ބައިވެރިވިއެވެ. ކެއަރ ސޮސައިޓީން މަޢުލޫމާތު ދޭ ގޮތުގައި ދަން މަތިމަރަދޫ އަވަށުގައި ޤާއިމް ކުރެވުނު މިމަރުކަޒު ޤާއިމްކުރެވިފައިވަނީ 40 ހާސް އަކަފޫޓުގެ ބިމެއްގައެވެ. އަދި މިމަރުކާޒު ޤާއިމް ކުރުމަށް އެކެއް ޕޮއިންޓް އަށެއް މިލިޔަނަށް ވުރެ ގިނަރުފިޔާ ޚަރަދުވެފައިވެއެވެ. ހައްދުންމަތީ ގަން މަތިމަރަދޫ އަވަށުގައި ހުޅުވުނު މިމަރުކަޒުގައި ނާސަރީއަކާއި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނުވިއްކާ ފިހާރައެއްގެ އިތުރުން ޓްރޭނިންގ ރޫމަކާއި އެކަމަޑޭޝަން އެޕާރޓްމަންޓެއް އަދި އޮފީސްބައެއް ހިމެނެއެވެ. މިމަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2006 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި މިމަރުކަޒު ޤާއިމްކުރުމުގެ މަސައްކަތަށް އެކްޝަންއެއިޑް އިންޓަރ ނޭޝަނަލްގެ ފަރާތުންނާއި ފްރެންޗު ރެޑްކްރޮސް އަދި ޔޫއެންޑީޕީގެ ފަރާތުން މާލީ އެހީވެދެއްވާފައިވާ ކަމަށް ކެއަރސޮސައިޓީން މަޢުލޫމާތުދެއެވެ

ހައްދުންމަތީގައި ޤައުމީ ދުވަސް ފާހަގަކޮށްފި



ޤައުމީދުވަސް ފާހަގަ ކުރުމުގެ ގޮތުން ހައްދުންމަތީ އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން އިންތިޒާމްކޮށްގެން އެއްބައިވަންތަ ކަމުގެ އަތުގުޅާ ލުމަކާއި ހިނގާލުމެއް ބާއްވައިފިއެވެ. މިހިނގާލުމާއި އަތުގުޅާލުން ޝަރަފްވެރިކޮށްދެއްވީ ހައްދުންމަތީ އަތޮޅުވެރިޔާ އަލްފާޟިލް ޢަލީވަހީދެވެ. ޤައުމީ ދުވަހު ހެނދުނު ހަގަޑި ފަނަރަ ހާއިރުން ފެށިގެން ފޮނަދޫގެ ބޮޑެތި މަގުތަކުގައި ކުރިޔަށްދިޔަ މިހިނގާލުމުގައި އެމަރުކަޒުގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނާއި ބެލެނިވެރިންނާއި ފޮނަދޫގައި ހުރި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބައެއް މުވައްޒަފުންބައިވެރިވިއެވެ. މިހިނގާލުން ނިންމާލީ ފޮނަދޫ ބަނދަރު ސަރަހައްދުގައި ހިނގާލުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ މެދުގައި ބޭއްވި އަތުގުޅާލުމަކުންނެވެ.

މީގެ އިތުރުން ޤައުމީދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ހައެއްޖެހި އިރު ހައްދުންމަތީ އަތޮޅު އޮފީހުގައި ވަނީ ބާއްވާފައެވެ. މިރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ހައްދުންމަތީ އަތޮޅުވެރިޔާ އަލްފާޟިލް އަލީ ވަހީދެވެ. ދިދަނެގުމުގެ ރަސްމިއްޔާތުގައި ފޮނަދޫގެ ކޮމިޓީތަކާއި ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާ ތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

Tuesday, March 4, 2008

މަސްމާރުކޭޓުގައި ހިނގި ހާދިސާ


2008 މާރޗުމަހުގެ ތިންވަނަ ދުވަހުގެރޭ މާލޭ ރޯމަސް މާރުކޭޓްގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާގައި ކޮޅުމަޑުލު ދިޔަމިގިލީގެ ފަސްޒުވާނަކު ވަނީ ނިޔާވެފައެވެ. މިމީހުން މަސައްކަތްކުރަމުން ދިޔައީ މާރުކޭޓު ދޮވުމަށާއި މަސްކަނޑަތަނުގެ އިސްކުރުތަކަށް ފެންނެގުމަށް ބޭނުންކުރާ ވަޅުން ވަރަށް އަވަހަށް ފެންހުސްވާތީ އެވަޅުގައި ބޯހޯލެއް ތޮރުފާ ވަރަށްފުނުން ފެންއަރާނެ ގޮތް ހެދުމަށެވެ. މިގެޮތުން މާރޗުމަހުގެ ދެވަނަ ދުވަހުގެރެއާއި ތިންވަނަ ދުވަހުގެރޭ އެމީހުން މިމަސައްކަތް ކޮށްފައިވެއެވެ.މިމަސައްކަތް ލޯންގ ސްޓަރ ގުރޫޕާއި ހަވާލުކޮށްފައިވަނީ މާރޗުމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތަންހިންގުމަށް ހަވާލުވެފައިވާ މައްޗަންގޮޅީ ބޮލިފަރު އއަހުމަދު ޝަފީޢު އެވެ. އޭނާ ބުނިގޮތުގައި މިމަސައްކަތާއި ހަސަންމަނިކު ހަވާލުވެފައިވަނީ އެއްވެސް އެގްރިމެންޓެއް ނެތި އަނގަބަހުންނެވެ. އަދި ވާހަކަ ދެކެވފައިވަނީ މިމަސައްކަތް ދިހަހާސް ރުފިޔާއަށް އެއްރެއިން މަސައްކަތް ނިންމާގޮތަށެވެ. ޝަފީއު ބުނިގޮތުގައި މިފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް އޭނާގެ ޚިޔާލަށްވެސް ގެނެވިފައި ނުވާކަމަށެވެ. ޝަފީއު ބުނިގޮތުގައި ދެވަނަ ދުވަހުގެރޭ އެމީހުން އެވަޅުގެ ފެންހިއްކާ ވަޅު ސާފުކުރުމަށް ފަހު ތިންވަނަ ދުވަހުގެރޭ މަސައްކަތްކުރީ އެވަޅުގެ ފޫތޮރުފާލުމަށެވެ. މިތަނުގައި މަސައްކަތްކުރަން އުޅުނު މީހުންގެ ތެރެއިން ހަމައެކަނި ސަލާމަތްވި އިސްމާއީ ޝަރީފް ބުނި ގޮތުގައި އެމީހުން ގެތެރެއިން ދެމީހަކު ވަޅުތޮރުފުމުގެ މަސައްކަތްކުތަން ފެށި އިރުވެސް ވަޅުގައި ކޮންމެވެސް ވަރަކަށް ފެންހުއްޓެވެ. އަދި ބާރަޖަހާ އެހާކަންހާއިރު ވަޅުގެ ފެންގަނޑު ބޮޑުވެ މޭކައްޓާއި ހަމައަށް އެރިއެވެ. އަދި އެތަނުން އެކަކު މައްޗަށް އަރަށް ބޭނުންކަމަށް ބުނުމުން އޭނާއަށް ވަލެއް ދިންކަމަށާއި ނަމަވެސް އޭނާ ވަލުގައި ހިފިތަނާ ފެންގަނޑުގެ ތެރެއަށް ވެއްޓުނީކަމަށް ޝަރީފްބުންޏެވެ.އއަދި ކައިރީގައި ތިބި އަނެއް ތިންމީހުން ވަޅުގެ ތެރެއަށް ފޭބީ އެމީހުން ވެއްޓުމުން އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ، ނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި އެތިންމީހުންވެސް ވެއްޓުނުކަމަށާއި އެވަގުތުން ފެށިގެން އެތަނަށް މީހުންނަށް އެއްކޮށް ސަލާމަތް ކުރުމަށް މަސައްކަތް ފެށުނުކަމުގައި ޝަރީފް ބުންޏެވެ އަދި ވަޅުގެ މަތިން މެޝިން ދުރައްޖައްސާ ޕަންޕް ޖައްސާ ފެންގަނޑު ހިއްކާލުމުގެ މަސައްކަތް އޭނާ ވަގުތުން ފެށިކަމަށްވެސް އޭނާބުންޏެވެ އަދި ޝަރީފްވެސް ވަޅަށް އެމީހުން ސަލަމަތްކުރަން ފައިބަން އުޅެން ފެށުމުން އެތަނުގައި ތިިބި މީހުން އޭނާ ހިފެހެއްޓީ ކަމުގައިވެސް ޝަރީފް ބުންޏެވެ. އާދީއްތަ ދުވަހުގެ ރޭ ހިނގި މިހާދިސާގައި ނިޔާވި ފަސްމީހުންނަކީ، ކޮޅުމަޑުލު ދިޔަމިގިލީ މަގުމަތީގޭ ، ޢުމުރުން ބާވީސް އަހަރުގެ އިސްމަޢީލް ޝަމީމް، ހަމައެރަށު ހީނާމާގޭ ޢުމުރުން 22 އަހަރުގެ އަޙުމަދު ރަޝީދު، މާލެވިލިނގިލީ ފަލަސް ޢުމުރުން 24 އަހަރުގެ މުޙަންމަދު ޝަފުރާޒް، ދިޔަމިގިލީ މިނިވަން އުފާ ޢުމުރުން 23 އަހަރުގެ ޢަލީ ޝިޔާމް، ކޮޅުމަޑުލު ދިޔަމިގިލީ ދެކުނުގޭ ޢުމުރުން 19 އަހަރުގެ އަޙުމަދު ޝާން. އެވެ. މިހާދިސާގައި އެމީޙުން މަރުވާން ދިމާވީ އެވަޅުގެ ތެރޭގައ ނުރައްކާތެރި ދެގޭހެއް އުފެދި އެދެގޭހުގެ މިންވަރު މަތިވުމުގެ ސަބަބުންނެވެ. މިގޮތުން އެވަޅުގެ ތެރޭހައި ހައިދްރިޖަން ސަލްފައިޑާއި ކަރބަން މޮނޮކްސައިޑް ވަރަށް ގިނައަދަކަށް ހުރިކަމަށް އެމްޑަބުލިޔު އެސް ސީގެ ފަންނީ މާހިރުންނާއި ހަވާލާދީ މޯލްޑިވުސް ޕޮލިސް ސަރވިސްއިން ވިދާޅުވެފއައިވެއެވެ. މިހާދިސާ ހިނގީ އެރޭގެ މެންދަމު ބާރަގަޑި ބައިހާއިރު ކަމަށް ވީނަމަވެސް އެވަޅުން މިފަސްމީހުން ނަގައިގެން ހޮސްޕިޓަލަށް ގެންދެވުނީ ގާތްގަނޑަކަށް މެންދަމުން އަލިވެ ދޭއް ޖަހާއެހާކަންހާއިރު އެވެ. މިމީހުންގެ އާއިލާތައް ހޯމަދުވަހު ވަނީ މާލެއައިސް ފައެވެ. އަދި މަރުވި ފަސްމީހުންގެހަށިތައް ހޯމަދުވަހުގެ އަސުރުނަމާދަށްފަހު އާސަހަރާގައިވަނީ ވަޅުލާފައެވެ.އަަދި މިހާދިސާއަށްފަހު މަސްމާރުކޭޓް މިހާރުވަނީ އަލުން ބޭނުންކުރަން ފަށަފައެވެ. އަދި އެތަނުގައި މާރުކޭޓް ދޮވުމަށާއި މަސްކަނޑާތަންތަނަށް މިހާރު ދޫކޮށްފައިވަނީ ވޯޓަރ ސަޕްލައި ފެންކަމުގައި އެތަންހިންގާ ފަރާތް ކަމުގައިވާ މ އ. ބޮލިފަރު އަހުމަދު ޝަފީޢުބުންޏެވެ.

Saturday, March 1, 2008

އަތުންކުރާ ޒަޚަމަށްވުރެ ދުލުންކުރާ ޒަޚަމް ގިނަދުވަހަށް ދެމިހުރެއެވެ.

ކަނޑިއަކުން ނުވަތަ ބަޑިއަކުން ނަމަވެސް ހަށިގަނޑު ޒަޚަމްވެއްޖެ ނަމަ އެތަނަކުން ލޭ އޮހެރެއެވެ. އެޒަޚަމްގައި އަޅާވޭން އެންމެ ރަނގަޅަށް އިހްސާސްކުރެވެނީ އެވަގުތުގައެވެ. އެހެން ނަމަވެސް ވަގުތާއި ހާލަތު ބަދަލުވަމުންދާ ދިޔުމުގައި އެޒަޚަމްގެ ފާރުތައް ފަސޭހަވެ ލަކުނަށްވުމުން ކުރިން އިހްސާސްކުރެވުނު ތަދާވޭނުގެ ހަޤީޤީ އަސަރު ފިލައިދެއެވެ. ނަމަވެސް ދުލުން ކުރެވޭ ކޮންމެ ޒަޚަމަކީ އެދެމީހެއްގެ ޚަޔާތުގައި ދާއިމަށް ދެމިގެންދާ ވޭންހުރި އަސަރަކަށްވެއެވެ. ކޮންމެ މަންޒަރަކާއި ކޮންމެ ކަމަކުން އެހަނދާންތައް އާކޮށްދޭނެތީއެވެ. ދުލުން ޒަޚަމްކުރެވޭ ހެއްޔެވެ. ތިބާ އަމިއްލަ ނަފްސާ މިސުވާލުކޮށް ބަލާާށެވެ. ދުލުން ކުރެވޭ ޒަޚަމަކީ މީހަކާއި ދިމާއަށް ހައްޤަކާއި ނުލައި ތުހުމަތުކޮށް ބުނާ ބަހަކުން ނުވަތަ އެމީހަކު ނެތްތަނެއްގައި ދައްކާ އެމީހެއްގެ ވާހަކައަކުން އަނެކާގެ ހިތަށްކުރާ އަސަރެވެ.

Tuesday, February 26, 2008

ދިހަ ދުވަހަށް މެދުކަނޑާލުމަށްފަހު އެމްޓީސީސީ ފެރީދަތުރުތައް މާދަމާ ފަށާނެ

ޕެޓްރޯލްލިބުމުގެ ދަތިކަމާއި ހުރެ އެމްޓީސީސީގެ ޝެޑިއުލް ފެރީލޯންޗުގެ ދަތުރުތައް މެދުކަނޑާލިތާ ދިހަދުވަސްފަހުން އަލުން ދަތުރުތައް މާދަމާ ފަށާނެއެވެ. މިގޮތުން މާދަމާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިސްދޫއަށެވެ. އެމްޓީސީސީން މިމަހުގެ 17ވަނަ ދުވަހުންފެށިގެން ޝެޑިއުލްފެރީގެ ޚިދުމަތް މެދުކަނޑާލީ، އެކުންފުންޏަށް ޕެޓްރޯލްސަޕްލައިކޮށްދޭ ފަރާތުގެ ސްޓޮކުން ޕެޓްރޯލްހުސްވުމުގެ ސަބަބުންނެވެ. އެކުންޏަށް ޕެޓްރޯލް ސަޕްލައިކޮށްދޭ ފިއުލް އެންޑް ފިއުލްގެ ފަރާތުންބުނީ އެފިހާރައިން ޕެޓްރޯލް ހުސްވީ، އެފަރާތުން ކުރެޑިޓަށް ގިނަފަރާތްތަކުން ތެޔޮނަގާ ޕޭމަންޓް އަދާކޮށްފައިނުވާތީ، ޕެޓްރޯލްގަތުމަށް ދަތިތަކެއް ދިމާވުމުންނެވެ. އައިއާރް ސްޓޯރުން ބުނީ އެމްޓީސީސީން އެފިހާރައިން އާއްމުގޮތެއްގައި ޕެޓްރޯލް ނުނަގާތީ ސްޓޮކް ގެންގުޅެނީ އެކަމަށް ވިސްނައިގެން ނޫންކަމަށެވެ. އަދި އެފިހާރައިން ޕެޓްރޯލްހުސްވިއިރުވެސް ޕެޓްރޯލަށް އޯދަރު ނުކުރެވުނީ އެމްޓީސީސީއާއި އެނޫންވެސް ބައެއް ފަރާތްތަކުން ކުރެޑިޓަށް ތެޔޮނަގައި ޕޭމަންޓް އަދާނުކޮށް ގިނަދުވަސްތަކެއްވުމުން މާލީ ދަތިކަމާއި ހެދިއެވެ.އައި އާރް ސްޓޯރުން ބުނި ގޮތުގައި އެފިހާރައިން އެމްޓީސީސީއަށް އެއްލައްކަ ރުފިޔާއަށްވުރެ ގިނަ ޕެޓްރޯލް ކުރެޑިޓަށް ދޫކުރެވިފައިވާ ކަމުގައެވެ

ގަން ސިނާޢީމަގުގައި ހިރަފުސްބޯވުމުގެ މައްސަލަ.



މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ ގެ ޒިންމާ އަކީ ހައްދުންމަތީ ގަން ސިނާޢީމަގު މަރާމާތުކޮށް ބެލެހެއްޓުންކަމުގައި އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ ޓީވީއެމް ހައްދުންމަތީ ބިއުރޯއިން ހައްދުންމަތީ ގަން ސިނާއީ މަގު ހެދުމުގެ މަސައްކަތަށް ހިރަފުސް ބޯވުމުގެ ސަބަބުން އުނދަގޫވޭތޯ އަދި އެކަމަށް ހައްލެއް ހޯދިދާނެ ގޮތަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ހަ ދުވަސްފަހުން ފޮނުއްވި ޖަވާބުގައެވެ. އެމިނިސްޓްރީގެ ފަރާތުން ހައްދުންމަތީ ގަން ސިނާއީ މަގު މަރާމަތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިރަފުސް ބޯވުމުގެ ސަބަބުން ހުއްޓާލާފައި އޮންނަތާ ދެމަސްދުވަސްވެފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ޓީވީއެމް ހައްދުންމަތީ ބިއުރޯއަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މަގުތަކުގައި ވާރޭވެހުމުގެ ސަބަބުން ޗަކަ ހެދި އަޑިގުޑަންވުމާއި. އަދި ވާރޭ ނުވެހޭނަމަ ހިރަފުސްބޯވުމުގެ ސަބަބުން ދުއްވޭ ވަރުނުވުމަކީ، މިރަށްރަށުގެ އާއްމުންގެ ވަރަށްބޮޑު ޝަކުވާއެކެވެ. އަދި މަގުތައް އަޑިގުޑަންވުމުމުގެ ސަބަބުން އުޅަނދުފަހަރަށް ގެއްލުންވަމުންދާކަންވެސް މިރަށްރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. ކަމާ ބެހޭ ކޮންސަލްޓަންޓުން ވިދާޅުވާގޮތުގައި ހައްދުންމަތީ ގަންސިނާޢީ މަގު މަރާމާތުކޮށް ބެލެހެއްޓުމަށް ޚަރަދު ކުރެވޭ މިންވަރު އެމަގު ރަނގަޅުފެންވަރަކަށް ހެދިއްޖެނަމަ މިހާރަށްވުރެ ކުޑަކުރެވިދާނެއެވެ. ޓީވީއެމް ހައްދުންމަތީ ބިއުރޯއިން ގަންސިނާއީމަގުގައި ހިރަފުސް ބޯވުމުގެ ސަބަބުން އާއްމު އުނދަގޫތައް ކުރިމަތިވާ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ހޯދާލުމަށް ހައްދުންމަތީ ފޮނަދޫގައި ހުންނަ އެމިނިސްޓްރީގެ އޮފީހަށް ދަންނަވާލުމުން އެއޮފީހުގެ މެނޭޖަރ ވިދާޅުވީ އެމަޢުލޫމާތު ދެވޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެންކަމުގައެވެ. އަދި އެމިނިސްޓްރީގެ ޑިރެކްޓަރަކަށް ގުޅާލުމުން ވިދާޅުވީ، އެމަގުގައި ހިރަފުސްބޯވަނީ މިނިސްޓްރީން ކުރާކަމަކުން ނޫންކަމުގައެވެ. އަދި އެކަމާއި ބެހޭ މަޢުލޫމާތު ހޯދުމަށް ލިޔުމަކުން ހުށައެޅުއްވުމަށެވެ.

Monday, February 25, 2008

ގަމާއި ފޮންދޫގެ މަގުތަކުގައި ހިރަފުސްބޯވެ އާއްމު އުނދަގޫތައްކުރިމަތިވުން


ހައްދުންމަތީ ފޮނަދޫއާއި ކައްދޫއާއި މާންދޫ އަދިގަމުގެ ތެރޭގައި އޮންނަ މިމަގުގެ ދިގުމިނަކީ 16.8 ކިލޯމީޓަރެވެ. މީ މުޅިރާއްޖޭގައިވެސް އޮންނަ އެންމެ ދިގުމަގެވެ. މިމަގަކީ މިރަށްރަށުގެ ރައްޔިތުން އެއްރަށުން އަނެއްރަށަށް އަދި އެއް އަވަށުން އަނެއް އަވަށަށް ދިޔުމަށް އޮންނަ ހަމައެކަނި މަގެވެ. މިއީ ރާއްޖޭގައި އެއްފަސްގަނޑެއްގެ ގޮތުގައި އޮންނަ އެންމެ ބޮޑުތަން ކަމަށް ވުމާއެކު މިމަގުގައި ދަތުރުކުރާ އުޅަނދުފަހަރު ބާރު ދުވެލީގައި ދަތުރުކުރެއެވެ. ކޮންމެ އަހަރެއްގެވެސް ހޫނުމޫސުމުގައި އަދި ހޫނު މޫސުން ނޫނަސް ވާރޭނުވެހި ދުވަސްކޮޅެއްވާ އިރަށް މިމަގުގައި ހިރަފުސް ބޯވެ ހިނގާ މީހުންނަށާއި ސައިކަލާއި ބައިސްކަލް ދުއްވާ މީހުންނަށް އަދި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ މީހުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެއެވެ. މިއުނދަގޫތައް ބޮޑަށް ކުރިމަތިވަނީ ހިނގާމީހުންނަށާއި ސައިކަލާއި ބައިސްކަލް ދުއްވާ މީހުންނަށާއި މިމަގުގައި ހުންނަ ގެތަކުގެ މީހުންނަށެވެ.މިމަގުތަކުގައި ހިނގާބިގާވާ މީހުންނަށާއި ދުއްވާ މީހުންނަށް އަދި ސްކޫލްކުދިންނަށް އުނދަގޫ ތަކާއި ކުރިމަތިވަމުންދާއިރު މިކަމަށް ހައްލެއް ހޯދޭނީ ކޮންގޮތަކަށްތޯ އަދި މަގުތައް ހެދުމުގެ މަސައްކަތަށް ހިރަފުސްބޯވުމުގެ ސަބަބުން ދަތިތައް ކުރިމަތިވޭތޯ ފޮނަދޫގައި ހުންނަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގެ އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ ގެ ޕަބްލިކް ސާރވިސް އޮފީހުގެ މެނޭޖަރަށް ދަންނަވާލުމުން ވިދާޅުވީ އެތަނުން އެއްވެސް މައުލޫމާތެއް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމުގައެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރުން ވިދާޅުވީ އެމަޢުލޫމާތު ދެވޭނީ ހަފްތާއެއްހާ ދުވަސް ފަހުންކަމަށެވެ.

އެމްޓީސީސީން ހައްދުންމައްޗާއި ކޮޅުމަޑުލުގެ ރަށްތަކަށް ދެމުންއައި ފެރީލޯންޗުގެ ޚިދުމަތް މެދުކަނޑާލައިފި.



އެމްޓީސީސީން ހައްދުންމައްޗާއި ކޮޅުމަޑުލުގެ ރަށްތަކަށް ދެމުންއައި ފެރީލޯންޗުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
ޝެޑިއުލް ފެރީ ލޯންޗުގެ ޚިދުމަތް މެދުކަނޑާލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުންފެށިގެންނެވެ. ފެރީގެ ޚިދުމަތް މެދުކަނޑާލަން ޖެހުނީ އެމްޓީސީސީގެ ލ ރީޖަނަލް އޮފީހަށް ޕެޓްރޯލް ސަޕްލައިކޮށްދޭ ދެފަރާތުގެ ސްޓޮކުން ޕެޓްރޯލް ހުސްވެ ޕެޓްރޯލް ލިބުން ދަތިވެފައިވާތީ ކަމަށް އެކަމާއި ގުޅޭ ގޮތުން އެމްޓީސީސީ ލ ރީޖަނަލް އޮފީހުން ކުރެއްވި އިއުލާނުގައި ވިދާޅުވެފައިވެއެވެ. އެމްޓީސީސީއަށް ފޮނަދޫން ޕެޓްރޯލް ސަޕްލައިކޮށްދޭ ފަރާތެއް ކަމަށް ވާ އައި އާރް ސްޓޯރުން މަޢުލޫމާތު ލިބުނު ގޮތުގައި އެފަރާތަށް ޕެޓްރޯލް ލިބުން ދަތިވީ އެފިހާރައަށް ޕެޓްރޯލް ސަޕްލައިކޮށްދޭ ފަރާތްކަމުގައިވާ ފިއުލް ސަޕްލައި އޯޑަރު ކުރެވުނުލެއް ލަސްވެގެން ކަމުގައެވެ. އަދި އެފިހާރައަށް ޕެޓްރޯލް ލިބުމަށް ފަސްވަރަކަށް ދުވަސް އަދިވެސް ނަގާނެ ކަމުގައި އެފިހާރައިން މަޢުލޫމާތު ލިބިފައިވެއެވެ.
އެމްޓީސީސީގެ ހައްދުންމަތީ ރީޖަނަލް އޮފީހުން ވިދާޅުވެފައިވާގޮތުގައި ފެރީލޯންޗް ގެ ޚިދުމަތް އަލުންދޭ ފެށޭނީ ޕެޓްރޯލް ލިބެން ފެށުމުން ކަމުގައެވެ. މީގެ އިތުރުން ގަމާއި ފޮނަދޫން މިވަގުތު ޕެޓްރޯލް ލިބުން ދަތިވެފައިވާތީ އާއްމުންނަށް އެއް ގަމުން ދަތުރު ފަތުރު ކުރުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.
މީގެ އިތުރުން ހައްދުންމަތީގައި އެމްޓީސީސީގެ ފަރާތުން ދެމުންއައި ބަހުގެ ޚިދުމަތްވެސް މިދިޔައަހަރުގެ ނޮވެމްބަރ މަހުންފެށިގެންވަނީ ހުއްޓާލާފައެވެ. ބަސްދަތުރުތައް ހުއްޓާލާފައިވަނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ދެބަހުގެވެސް އެއަރކަންޑިޝަންތައް ހަލާކުވެގެން ކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.

ހަޔާތާއި ދިރިއުޅުމަކީ އެކިމީހުންނަށް ތަފާތު އެއްޗެކެވެ.


ހަޔާތާއި ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވާނީ އެކި ކަންތަކެވެ. އެކިމީހުން މާތް ﷲ ޚަލުޤު ކުރެއްވީ އެކި ގޮތަށެވެ. އެކިމީހުންގެ ނަޞީބުގައިވެސް މިންވަރު ކުރެވިގެންވަނީ އެކި ގޮތެވެ. ފުރާނަ އެޅުއްވުނު ކޮންމެ އެއްޗެއް މަރުގެ ރަހަ ދެކޭނެއެވެ. އަވަހަށް ނުވަތަ ލަހުންނަމަވެސް މެއެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. ކީރިތި ﷲ ޢަޒަލުގައި ލިޔުއްވާފައިވާ ގޮތެވެ. މަރާއި މެދު އެކަކުވެސް ޝައްކެއް ނުކުރެއެވެ. އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ވަގުތެއްކަން އެންމެވެސް ޤަބޫލުކުރެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެވަގުތެއް ނައުން އެންމެ އެދޭ ވަގުތަކީ އެއީއެވެ. އުފާވެރި ދިގުއުމުރަކަށް އަބަދުވެސް އިންސާނާ އުންމީދުކޮށް ބޭނުންވެއެވެ. އުމުރުން ދުވަސްވެ މަރުތަންމަތީގައިވެސް އެންމެ ފުރަތަމަ ތިމާގެ އަޚުންނަށް ޝަކުވާގެ ރާގުގައި ބުނެވެނީ މިހެންނެވެ. "އޭ އަޚާއެވެ. އަހަރެން މިމަރުވަނީ އެވެ."
----------------------------
އަޅުގަނޑަކީ، މިއަދު ދިވެހީންގެ ގިނަ ބަޔަކު ދަންނަ މީހަކީމެވެ. އަޅުގަނޑަށް ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވުނީ، ސުނާމީ ކާރިސާއަށްފަހު ދިރިއުޅުމަށް އައި ބަދަލު ތަކާއި އެކުގައެވެ. ދުނިޔޭގެ އަލިކަމުގެ ތެރެއަށް ހޭލައިގަނެވުނީ މީލާދީން 1982 ވަނަ އަހަރުގައެވެ. ތަޢުލީމް ޙާޞިލްކުރީ މަދަރުސަތުލް ޖިހާދުންނާއި މ އަތޮޅު ތަޢުލީމީ މަރުކަޒުންނާއި އީޕީއެސް އެސް އިންނެވެ. އުމުރުގެ އެންމެ ޅަދުވަހުއްސުރެ ދިރިއުޅުމުގެ ހިތިތަޖުރިބާތައް ކުރަން ޖެހުނެވެ. މީހުންގެ މަލާމާތާއި ފުރައްސާރައަށް ޅައުމުރުއްސުރެ ހޭނިފައިވުމުން އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ބޮޑުވެފައިވެއެވެ. އަޅުގަނޑަކީ ހަމަ އަޅުގަނޑެވެ. ދެވަނަ މީހަކު ކޮޕީކުރާކަށް ނުޖެހޭނެއެވެ. މާތް ﷲ އަޅުގަނޑަށް ދެއްވީ އަޅުގަނޑާއި އެންމެ އެކަށޭނަ ސިފަތަކެވެ. އަޅުގެ ތަޤުދީރާއި މެދު އަދި ނަޞީބާއި މެދު ޝަކުވާއެއް ނުކުރަމެވެ. އުދަ ރާޅަކުން ދިރިއުޅުމުގެ ހުރިހާ އުފާތަކެއް މާސިންގާ ކަނޑަށް އޮޔާލެވިގެން ދިޔަ ދުވަހުވެސް އެއަށްވުރެ ރަނގަޅުގޮތެއް އަޅުގެ ތަޤުދީރުގައި މިންވަރު ކުރެވިގެންވާނެ ކަމާއި މެދު ޔަޤީންކުރީމެވެ. ކޮންމެ މުޞީބާތެއްގެ ފަހަތުގައި ނިޢުމަތާއި ހިތްހަމަޖެހުންވާނެކަން ދެނެ ހުރީމެވެ. ސުނާމީ ކާރިސާގެ ކުރިން އަޅުގަނޑަކީ ޓީޗަރަކީ މެވެ. ކުދިންގެ މަޤުބޫލުކަމާއި އިތުބާރުލިބި އުފަލުގައި ދުވަސްތައް ވޭތުކުރީމެވެ. އެއަށްފަހު އަޅުގަނޑު މަސައްކަތްކުރީ ދުވަހު ނޫސް މިއަދު ގައެވެ. ޙަޤީޤަތުގައި ނޫސްވެރިކަމުގެ ދާއިރާއަށް އަޅުގަނޑު ނެރެދެއްވީ މިއަދު ނޫހުންނެވެ. އެއީ އަޅުގަނޑުގެ ޙަޔާތުގެ ފޮނި ކާމިޔާބީގެ ފެށުމެވެ. ޓީވީ މޯލްޑިވުސްއަށް އަޅުގަނޑުވަނީ ވަރަށް ހަނި ފުރުޞަތަކުންނެވެ. ކޯސް އެންމެ ފުރިހަމަގޮތުގައި ނިންމާލުމަށް ފަހު ޓީވީއަށް ވަނީ ވަރަށް ވަންނަ ހިތުންނެވެ. އެކަމަކު ޙަޤީޤަތުގައި އެއީ ދިރިއުޅުމުގައި އަޅުގަނޑު ހިނގަންޖެހުނު އެންމެ ކަށިގިނަ މަގުތަކެވެ.އަޑި ގުޑަންތަކާއި ވަޅުގަނޑުތައް އެންމެ ގިނަ މަގެވެ. ޓީވީގައި އަޅުގަނޑު މަސައްކަތްކުރަނީ ވަކިމީހަކަށް ދައްކާކަށް ނޫނެވެ. ހެޔޮހިތުން ދިވެހި ރައްޔިތުންނަށް ޓަކައެވެ. ދިވެހިރައްޔިތުންގެ ލޯތްބާއި ރުހުން ވަރަށް މަތީ ދަރަޖައަކަށް އަޅުގަނޑަށް ލިބުނެވެ. ދިޔަ ކޮންމެތާކުންވެސް އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ. ހުރިހާ ޝުކުރެއްވެސް ޙައްޤުވަނީ ގަދަކީރިތިވަންތަ މާތް ﷲ އަށެވެ. ނިންމާލަމުން ބުނެލާނީ އަޅުގަނޑުގެ އަޑަށާއި މަސައްކަތަށް ހިއްވަރު ދެއްވި ހުރިހާބޭފުޅުންނަށްވެސް ޝުކުރިއްޔާއެވެ. " އަޅުގަނޑަކީ ހަމަ އަޅުގަނޑެވެ. އަޅުގަނޑަށް މާތްރަސްކަލާންގެ ދެއްވި އަޑާއި ސިފައަށްޓަކައި ފަޚުރުވެރިވަމެވެ." އެކަން ބަލައިގަތް އަދި ބަލައި ނުގަންނަ މީހުންނަށްވެސް ހެޔޮދުޢާ އާއި ޝުކުރު ދަންނަވަމެވެ.

Sunday, February 24, 2008

ބޮޑުފެންގަނޑު


ހައްދުންމަތީ ގަމަކީ ދިވެހިރާއްޖޭގެ ތާރީޚަށް ވަރަށް މުހިންމު ރަށެއް ސަބަބަކީ މިރަށަކީ ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީން ދިރިއުޅުނު ރަށެއް ކަމަށް ބެލެވޭތީ. މިކަމަށް ދަލީލުލިބޭ އިހުޒަމާނުގެ ބިނާތައް މިރަށުގައި އެބަހުރި. މީގެ އިތުރުން މިރަށުގެ މީހުން ދިރިއުޅޭ ހިސާބާ ދުރުގައި އޮންނަ މިފެންގަނޑަކީ، ވަރަށް އާދަޔާޚިލާފް ސިފަތަކެއް ލިބިފައިވާ ފެންގަނޑެއް. ރާއްޖޭގެ އެންސަރަހައްދުތަކުގައި އޮންނަ ކުޅިތަކާއި މިތަނާއި ދެމެދު ހުންނަ އެންމެ ބޮޑުތަފާތަކީ މިތަނުގެ ފުންކަމާއި މޫދާއި ދުރުކަން. އަދި މިފެންގަނޑުގެ ވަށައިގެންކައިރިފަށްވެސް އެހެންކުޅިތަކަށްވުރެ ފުން. މިފެންގަނޑުގެ ވަށައިގެން ހެދިފައިވާ ގަސްތަކުގެތެރޭގައި އެންމެގިނައީ ބޮޑުވަކި. މީގެއިތުރުން ކިނބިގަހާއި ރުއްވެސް މިފެންގަނޑުގެ ވަށައިގެން ހެދިފައިވޭ. މިފެންގަނޑުގައި ފެނުގައި ދިރިއުޅޭ ތަފާތު ބާވަތްބާވަތުގެ މަސްދިރިއުޅޭ. މިފެންގަނޑާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވޭ. އަދި މިފެންގަނޑު މަޑުމަޑުން ބޮޑުވަމުން އަންނަކަން ފާހަގަ ކުރެވޭ. ގަމުގެ ބައެއް މީހުންބުނާގޮތުގައި މިފެންގަނޑުގެ ވަށަގެން ހެދިފައިވާ ބޮޑެތި ކިނިބިގަހާއި ބޮޑުވަކި ގަސްތައް ފެންގަނޑަށްވެއްޓި އަޑިޔަށް ގޮސްގެއްލިފައިވޭ.މިތަނުގެ ފުންމިންބެލުމަށް 1971 ނުވަތަ 1972 ވަނަ އަހަރު އޭރުގެ އެގްރިކަލްޗަރ މިނިސްޓަރ އަލްމަރުޙޫމް ފާރޫޤު އިސްމާޢީލް މަސައްކަތްކުރެއްވި ކަމަށާއި އޭރު މިފެންގަނޑުގެ މެދުތެރެ 75 ފޫޓަށްވުރެ ފުންކަން ޔަޤީންކުރެވުނު ކަމުގައި ގަންމުކުރިމަގު އޮފީހުން މަޢުލޫމާތު ދެއްވި.
------------------------------
ޢަލީ ސުލައިމާން/ކައްދޫބިއުރޯ