ކުރުވާހަކަ: އިންސާފް
އޯކިޑްމަގުން
ޖަސްޓިސް ބިލްޑިންގ ކުރިމަތީގައި ފުލުހުންގެ ދެޖިޕް އޮތެވެ. އެއުޅަނދުތައް
ކައިރީގައި ފުލުހުންގެ ޚާއްސަ ފައުޖުގެ ފުލުހުން ތިއްބެވެ. އެތަނުން ނެރެވޭ ކުށްވެރީންގެ
ތެރެއިން ބަންދުގެ މުއްދަތު އިތުރުކޮށްގެންނާއި، ހުކުމް އިއްވައި އަދަބު ތަންފީޒް
ކުރުމަށް ގެންދެވޭ މީހުންވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކީ ފިޒާންއެވެ.
ފުރަގަހަށް ބިޑިއަޅުވައި ފުލުހުން ކުއްވެރީންގެ އަތުގައި ހިފަހައްޓައިގެން
ނެރެމުން ދިޔައިރު އެއްވެފައިތިބި ނޫސްވެރިންތައް ދިޔައި ފޮޓޯނަގައި ވީޑިއޯ
ކުރަމުންނެވެ. ބައެއް ކުއްވެރީން އެކަމާ ރުޅިއައިސްގެ ނޫސްވެރިންނާއި ދިމާއަށް
ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. ފިޒާން ނޫނީ އެހެން ކުށްވެރިންގެ ފަރާތަކުން
ހިތާމަޔާއި މޮޅީގެ އެއްވެސް އަސަރެއް ނުފެނެއެވެ. ނޫސްވެރިންގެ ކެމެރާތަކުގެ
ފޯކަސް އޭނާއާއި ދިމާއަށް ހުއްޓުނީ އެހެންވެ ކަމަށް ވެދާނެއެވެ.
ފިޒާންވެސް ހުރީ
ފުރަގަހަށް ބިޑިއަޅުވާފައެވެ. ފިޒާންގެ އަތުގައި ހިފަހައްޓައިގެން ފުލުހަކު އޭނާ
ޖިޕަށް އަރުވަން ޖަސްޓިސް ބިލްޑިންގ އިން ބޭރަށް ނުކުތް ވަގުތު ދޮރުމަތީގައި ހުރި
މީހަކު ހަޅޭލަވައިގެންފިއެވެ. މަލާމާތުގެ ރާގުގައި ހީގެންފިއެވެ.
"ކަލޭމެން، މީނާގެ
ފޮޓޯ ނަގާފައި ނޫހުގައި ޖަހާ ބަލަ! މިހިރީ އެއްބަނޑު އެއްބަފާ ނުކުޅެދޭ ކޮއްކޮ
އާއި ބެހިގެން 15 އަހަރަށް ޖަލަންލާން ހުކުމްކޮށްފައި ނެރުނު މީހެއް" އޭނާ
އަޑުގެ ކޮޅަށް ގޮވިއެވެ.
ފިޒާން އިސްޖެހިއެވެ.
ދުނިޔެއަށް އޭނާގެ މޫނު ނުދައްކަން ވެގެންނެވެ. އެއަނިޔާއަށް ކެތް ނުވެގެނެވެ.
މަރުވާނެ ނަމަ ނުވަތަ ބިންގަނޑު އިރައިގެން ގޮސް ފައިތަޅާގެ އަޑިޔަށް އޭނާ
ގެނބިގެންދާނެ ނަމައޭ ހިތަށް އެރިއެވެ. ފިޒާން އެމީހާއާއި ދިމާއަށް ބަލާލިއެވެ.
ކަރުނަވީ ދެލޮލުންނެވެ. ޝަކުވާގެ ނަޒަރުންނެވެ.
ފިޒާން ބުނާ
ކަހަލައެވެ. "އަހުރެން ދުނިޔެއަށް ގިނަކޮށް ބަދުނާމް ކޮށްލައިފީމުއެވެ.
އަހަރެންގެ މައިންބަފައިންނަށް ކަށްވަޅުގައިވެސް ކެތްނުވާހާ އަނިޔާ ޔަތީމް
ދެދަރީންނަށް ދީފީމުއެވެ. ކަލޭމެން ބޭނުންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ އަހަރެންގެ
މައިންބަފައިންގެ ގެދޮރު ހެއްޔެވެ؟ އެ މުދާ ހެއްޔެވެ؟ މިވަރުނުކޮށް އެހެން
ބުނިނަމަ އެތަކެތި ދީފީމުހެވެ. އެއީ އަހަރެމެންނަށް މުހިއްމު އެއްޗެއް
ނޫނެވެ."
ފިޒާން އާއި ދިމާއަށް
އެހެން ބުނީ ބޮޑުބޭބެގެ ދަރިފުޅު ނަސީމްއެވެ. އޭނާ އައިސް ހުރީ ފިޒާންއަށް
ހުކުމްކޮށްގެން ނެރޭއިރު އޭނާއާއި ދިމާކުރާށެވެ. ލަދު ގަންނަވާލާށެވެ. އެމީހުންގެ ބޭނުމަކީ
ފިޒާން މިދުނިޔޭން ވަކިކޮށްލުމެވެ. ނަފްސާނީ އަނިޔާ އާއި ޖިސްމާނީ އަނިޔާ ދީ އޭނާ
އަމިއްލައަށް މަރުވެދާނޭ ހާލަތަށް ވައްޓާލުމެވެ. އެކަމަކު އެތައް އަނިޔާއެއްދީ
ދުނިޔެއަށް އެތައް ބަދުނާމެއްކޮށް ފަޟީހަތްކޮއްލި އިރުވެސް އެމީހުންގެ އެ އެދުމެއް
ހާސިލެއް ނުވިއެވެ. އެރޭވުމެއް ކާމިޔާބެއް ނުވިއެވެ.
ފިޒާން ގެނެސް
ކަރެކްޝަނަލް ސާރވިސްއާއި ހަވާލުކުރުމާއި އެކު އޭނާ މާފުށީ ޖަލަށް ގެނެވިއްޖެއެވެ.
ފިޒާންއާއި އެހެން ކުއްވެރީންވެސް ގޮވައިގެން އައި ވެހިކަލް މާފުށީ ޖަލުގެ
ބޮޑުގޭޓުން އެތެރެއަށް ވަތްއިރު ފިޒާން އިނީ ބޭރު ބަލާށެވެ. އޭނާގެ ހަޔާތް
މިނިވަން ޖައްވަކުން އަޅުވެތި ކުޑަގޮޅިއަކަށް ބަދަލުވެގެންދާ މަންޒަރު ދެކޭށެވެ.
މަތިން އުދުހިފައި
އައސް މާފުށީ ޖަލުގެ މައިގޭޓުން ބޭރުގައި ހުރި ދިވެހި ރުކަކަށް ތިރިކޮށްލި ބާޒު
ފެނިފައި ފިޒާން ހައިރާންވިއެވެ. އޭނާ ތަހުޤީޤަށް ބަންދުކުރުމަށްފަހު ދޫކޮށްނުލައި
ބަންދުގައި ހުންނަތާ ދެއަހަރުވީ އިރުވެސް، އޭނާގެ ބާޒު އޭނާގެ ފަހަތުން ނައްޓައި
ނުލައި އުޅޭތީއެވެ. އެއްބަޔަކު މިހާރު ފިޒާންގެ މަތިން ހަނދާންވެސް ނެތިއްޖެއެވެ.
އެކަމަކު ފިޒާންގެ އަތުން ކާންދީ ބަލަހައްޓައި އޮޅު ކޮށްގެން ގެންގުޅުނު ބާޒް
އަދިވެސް އެއުދުހެނީ ސާހިބު މީހާގެ ބޯކޮޅު ބަލަމުންނެވެ.
އެބާޒު އެއައީ
ކޮންމެވެސް ޚަބަރަކާއިގެންނެއެވެ. އެކަން ފިޒާންއަށް ޔަޤީނެވެ. އަނެއްކާ ކާކުގެ
ހަބަރެއް ހެއްޔެވެ؟ ކޮއްކޮގެ ޚަބަރެއް ހެއްޔެވެ؟ ފިޒާންއަށް ރޮވުނެވެ. ލޯބިވާ
ކޮއްކޮގެ މަތިން ހަނދާންވެފައެވެ. މިފާއިތުވި ދެއަހަރު ކޮއްކޮ އުޅޭނެ ނިކަމެތި
ހާލު އިހްސާސް ކޮށްފައެވެ. އޭނާއަށް ލިބޭނެ އަނިޔާތަކާއި މެދުގައި ވިސްނޭ
ވަރުންނެވެ.
ފިޒާންގެ ކޮއްކޮއަކީ
ކަންފަތަށް އަޑު ނުއިވޭ އަދި ވާހަކަ ނުދެއްކޭ މަންމަން ކުއްޖެކެވެ. ހިނގާނބިނގާވެ
އުޅުމުގައި އުނިކަމެއްވެސް ހުރެއެވެ. ސިކުނޑީގައި އުނިކަމެއް ހުއްޓަސް އޭނާއަކީ
މީހުން ބުނާއެއްޗަކާއި ފެންނަ މަންޒަރުން ކަންކަން ދެނެގަންނަން އެނގޭވަރުގެ
ކުއްޖެކެވެ.
ފިޒާންގެ އުމުރަކީ
އެންމެ 20 އަހަރެވެ. ކޮއްކޮ ފަޒީނާގެ އުމުރަކީ 12 އަހަރެވެ. އެދެކުދިންގެ
މަންމަވެސް ބައްޕަވެސް ވަނީ ނިޔާވެފައެވެ. މަންމަ ނިޔާވީ ފަޒީނާއަށް ހަތަރު
އަހަރަށް އޮއްވައި ހަމަ ކުއްލިއަކަށެވެ. އައީ ހުމެކެވެ. އަވައްޓެރިން
ކިޔާގޮތުންނަމަ އެއީ ސިހުރުވެރި ކަމެކެވެ.
މަންމަ ނިޔާވުމުން
ފިޒާން އާއި އާއި ފަޒިނާ ބެލުމަށް، ފިޒާންގެ ބައްޕަ މާލެ ގެނައީ ބޮޑު ބޭބެގެ
އަންހެނުންނެވެ. ފަހުން މަޑުމަޑުން ބޮޑުބޭބެގެ އަންހެނުންނާއި ދަރިންނާއި ތިމާގެ
މީހުން އައިސް ގޭތެރެ ފުރުނީއެވެ. އެމީހުން ދާއިމަށް ދިރިއުޅޭނޭ ތަނަކަށް
އެތަންވީއެވެ.
ފިޒާންގެ ބައްޕަ
ނިޔާވީ ފިޒާންގެ އުމުރުން ފަނަރަ އަހަރަށް އޮއްވައެވެ. އޭރު ފަޒީނާއަށް އޮތީ
އެންމެ 7 އަހަރަށެވެ. ފިޒާންގެ ބައްޕަ މަރުވީ ދަންޖެހިގެންނެވެ. އެމަރުގެ ތަހުޤީޤު
ކުރި ފުލުހުންނަށްވެސް ޖަވާބު ނުހޯދުނު އެތައް ސުވާލެއް ވެއެވެ. އެއީ ޤަތުލެއް
ކަމަށް ޝައްކުވެސް ކުރެވުނެވެ. އެކަމަކު ސީދާ އެގޮތަށް ކަނޑައަޅައި ނިންމޭނެ އަދި
ސާބިތު ކުރެވޭނެ ހެއްކެއް ނެތުމުން އެންމެ ފަހުން އެތަހުޤީޤު ނިމުނީ ފިޒާންގެ
ބައްޕަ އަމިއްލައަށް މަރުވީ ކަމަށެވެ.
އެކަމަކު އެހަޤީޤަތް
ފެނުނީ ފަޒީނާއަށެވެ. ބޮޑުބޭބެގެ އާއިލާގެ ދެފިރިހެނަކު ވެގެން ދަންވަރެއްގައި
ކޮޓަރިތެރޭގައި ބައްޕަ ދަންޖައްސައި މަރާލި އިރު އެމަންޒަރު އޭނާ ދުއްޓެވެ.
އެކަމަކު ސިކުނޑީގެ އުނިކަން ހުރި އެކުއްޖާފުޅަށް އެމީހުން އެކުރަނީ ކީއްކަމެއް
ނޭނގުނެވެ. ބައްޕައަށް އަނިޔާކުރާތީ އާއި ބައްޕަ ތެޅި ފޮޅޭތަން ފެނުމުން އޭނާ
ގަތްބިރުން އަނބުރައިގަނެގެން ވެއްޓުނީއެވެ. ކޮޓަރީގެ ކުޑަދޮރުކައިރިއަށެވެ.
އެނުބައި އަމަލު
ހިންގާފައި ނުކުތް މީހުންނަށް ފަޒީނާ ވެއްޓިފައި އޮއްވައެއް ނުފެނުނެވެ.
އެހެންނޫނަމަ އެރެއަކީ އެކުއްޖާފުޅުގެވެސް ފަހުރޭ ކަމުގައި ވާނެކަން ކަށަވަރެވެ. ދުނިޔޭގެ
މުދަލާއި އަރާމާއި ލައްޒަތަށްޓަކައި ހޭކުޑަވެފައި ތިބިބަޔަކަށް އެއީކީ މާބޮޑު
ކަމަކަށް ނުވާނެއެވެ.
ހުރިހާވެސް ރޭވުމަކީ
ބޮޑުބޭބެގެ ރޭވުމެވެ. މާލޭގައި އޮތް ފިޒާންގެ ބައްޕަގެ ބޮޑު ގޯއްޗާއި ދެފިހާރަ
ވާރުތަވާން ހުރި މީހަކީ ފިޒާންއާއި ފަޒިނާއެވެ. ދެން ބޮޑުބޭބެ އާދަނެވެ. އާދަނަކީ
ފިޒާން އާއި ފަޒީނާގެ ބައްޕަ ނެތް ދުނިޔޭގައި އެމީހުންގެ ވާރުތަ ހިނގާ ޝަރުއީ
ބަލަދުވެރިޔާއެވެ. އެކުދިންނަށް ސަހަރޯވެރިވާންޖެހޭ މީހާއެވެ. އެކަމަކު އެދެކުދީން
ޔަތީމްވެ މުޅި ދިރިއުޅުން ގެއްލި އެދަނީ އެކުދީންގެ މުދަލުގެ މައްޗަށް ބޮޑުބޭބެގެ
ހިތުގައި އޮތް ދަހިވެތިކަމުގެ ސަބަބުންނެވެ.
ފިޒާންގެ ކޮއްކޮއަށް
ފަޒިނާއަށް ބޮޑުބޭބެ އަނިޔާކޮށް ޖިންސީ ގޯނާވެސް ކުރަމުން އައެވެ. އެކަން ސިދާ
ފިޒާންއަށް ފެނުނުރޭ އޭނާ ހަމައިން ނެއްޓީއެވެ. ކަންކުރާނެ ގޮތް ނޭނގި އަތް
އިސްވީއެވެ. ބޮޑު ބޭބެގެ ގައިގައި ތަޅައިގަތީއެވެ. ތަނެއް ދޮރެއް ނުބަލައެވެ.
ފުލުހުން އައުމުން ބޮޑުބޭބެ މުޅިވާހަކަ އެކޮޅުކޮޅުން ޖެހީއެވެ. ނަންވީ ކޮއްކޮއާއި
ބެހެނީ އޭނާކަމަށެވެ. ބޮޑު ބޭބެއަށް އެމަންޒަރު ފެނުމުން މަރާލަންވެގެން ފިޒާން
ބޮޑުބޭބެގެ ގައިގައި ތަޅައިގަތީ ކަމުގައެވެ.
ޝަރީއަތުގައި
ފިޒާންގެ ހަމައެކަނި އުންމީދަކަށް ވެފައި އޮތީ ކޮއްކޮގެ ހެކިބަހެވެ. ފައިސަލާ
ކުރަނިވި ޙުކުމަކާއި ހަމައަށް ދިޔުމުގައި އެންމެ ބުރަދަން ބޮޑު ހެއްކަކީ އެއެވެ.
ކަންވީވެސް ފިޒާން ހީކުރި ގޮތަށެވެ. ކޮއްކޮ ބަޔާންދީފައި އޮތީ ފިޒާން އޭނާއާއި
ތަކުރާރުކޮށް ބެހެމުން އަންނަ ކަމަށެވެ. ކުޑައިރުންފެށިގެންނެވެ. އެތައް ދުވަހަކު
އެވެ. އެތައް ހާސްފަހަރަކުއެވެ. ޝަރީޢަތުގައި އެބަޔާން އިއްވުނު ދުވަހު ފަޒީންގެ
ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނާ މާޔޫސްވެ ގޮތް ހުސްވިއެވެ. ދުނިޔޭގެ
އަނިޔާވެރިކަމާއި މެދުގައެވެ.
ކޮންމެ މީހަކުވެސް
ފިޒާންއާއި ދޭތެރޭ ދެކެނީ ނަފްރަތުގެ ލޮލުންނެވެ. ވަހުޝީ ވަލު ޖަނަވާރެއްގެ
ބީދައިންނެވެ. އެކަމަކު ހަޤިޤަތަކީ އެއެއް ނޫނެވެ. އެކަން އެނގެނީ ފަޒީންއަށެވެ.
އެހެން މީހުންނަށް ހަޤީޤީ މަންޒަރު ފެންނާނީ ހަޤީޤީ ލޮލަކުން ބަލާނަމައެވެ.
ހަޤީޤަތް ހޯދުމަށް މަސައްކަތް ކުރާނަމައެވެ. ދިމާއަށް ފެންނަ ކޮންމެ ކަމަކީ އަދި
އެއީ ހަޤީޤަތަށް ނުވެދާނެއެވެ. ހަނަފަސް ސަހަރާގައި އަވާމެންދުރު ފެންނަ
ފަދައިންނެވެ.
ޤާނޫނުގައި ހުންނަ
ވިދުތަކަކީ ބައެއް މީހުންނަށް އޭގެ ނާޖާއިޒު ފައިދާ ނަގަން އެނގޭ ކަންކަމެވެ.
ޚާއްސަކޮށް މީހުންނަށް އަނިޔާދީ އެމީހުންގެ މަޤުޞަދުތައް ހާސިލްކުރުމަށް
އެކަންކަން ހޯދައި ބަލާ މީހުންނަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ
ޤާނޫނަކީ އެފަދަ މީހުންނަށް އޮތް ފަސޭހަ ހަތިޔާރެކެވެ. ފަޒީންގެ ބޮޑު ބޭބެއަކީ
އެފަދަ މީހެކެވެ. ސަރުކާރުގައި އުޅެ ދުނިޔެއަށް ހޭލެވިފައި ހުރި މީހަކަށް ޤާނޫނުގެ
ވިދުތަކުގެ ތެރޭން މީހެއްގެ ހަޔާތް ނިންމާލަން ނޭނގި ނުހުންނާނެތާއެވެ.
ވެހިކަލް މާފުށީ
ޖަލުގެ މައިގޭޓުން ވަދެއްޖެއެވެ. ފަޒީން ޖަލުގެ އެތެރެއަށް ވެއްދުމާއި އެކު ރުކުގެ
ފަންމަތީގައި އިންބާޒު އުދުހިގެން މާލެއާއި ވީ ދިމާއަށް ހިނގައްޖެއެވެ.
ފިޒާން އޭނާ އަކީ
ކުއްވެރިއެއް ނޫންކަމުގައި އޭނާ އެތައް ބަޔަކު ކައިރީގައި ބުނެ އާދޭސް ކުރިއެވެ.
ޝަރީއަތުގެ މަޖިލީހުގައި ކަރުނައޮއްސައި އާދޭސް ކުރިއެވެ. އޭނާގެ ކޮއްކޮ
ޝަރީއަތުގެ މަޖިލީހަށް ގެނެސްދޭން އެދުނެވެ. އެކަމަކު އެކަން ނުވީއެވެ. އިންސާފު ލިބެނީ
ހެކި އޮތް ކޮޅަކަށް ކަމުގައިވާތީއެވެ. އެއީ އަސްލެއް ނެތް ދޮގު ހެއްކެއް ކަމުގައި
ވީނަމަވެސް މެއެވެ.
ފިޒާން ޝަރީޢަތުގެ
މަޖިލީހަށް ކޮއްކޮ ހާޟިރުކޮށްދޭން އެތައް ފަހަރަކު އެދުނެވެ. އެކަމަކު ކޮއްކޮ
ނުގެނައީ އެއީ ލޭގެ ގުޅުމުގައި ހުރި ކުލުނާއި ޖަޒްބާތުގައި ކޮއްކޮ ބަޔާން
ބަދަލުކޮށްފާނެ ތީއެވެ. އޭނާގެ ހެކިބަސް ބަދަލުކޮށްފާނެ ތީއެވެ. އޭނާއަކީ
ސިކުނޑީގައި އުނިކަން ހުރި ކުއްޖަކަށް ވާތީއެވެ.
ފިޒާން އާއި ދެކޮޅަށް
ހުށައެޅުނު އެންމެ ވަރުގަދަ ހެއްކަކީ ޑޮކްޓަރުގެ ރިޕޯޓެވެ. ތަކުރާރުކޮށް
ފަޒީނާއަށް ޖިންސީ ގޯނާ ލިބިފައިވާކަން އެރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އެކަމަކު ފިޒާންގެ ދިފާއީ ވަކީލަށް ނަގަން ނޭނގުނު ނުވަތަ ނުނެގި ނުކުތާއަކީ
އެރިޕޯޓުންވެސް ފަޒީނާއާއި ބެހުނީ ނުވަތަ އޭނާއަށް ޖިންސީ ގޯނާކުރީ ކަނޑައެޅިގެން
ކާކުކަން ބުނެދޭން ނޭނގޭނެ ކަމެވެ. ދިފާއީ ވަކީލަކީވެސް ބޮޑުބޭބެގެ މުށުތެރޭގައި
ހުރި މީހަކަށްވާތީ ހަޤީޤަތް ދުނިޔެއަށް ފޮރުވުނީއެވެ. ފިޒާންގެ އަޑު އަހާނެ މީހަކު
ނުވީއެވެ. އިންސާފް ނުލިބުނީއެވެ.
ފިޒާން ޖަލުގައި
ދުވަސްތައް ގުނަމުން ދިޔައެވެ. ހިތްދަތިކަމާއި އެކުގައެވެ. އިންސާފު ލިބުން އެދި
ތާއަބަދު ދުއާކުރަމުންނެވެ. އޭނާގެ ކޮއްކޮއަށް ރަހުމަތް ލެއްވުން އެދެމުންނެވެ.
އަނިޔާވެރިންގެ ވަކިތަކުން ދިންނެވުން އެދެމުންނެވެ. ކޮންމެވެސް ދުވަހަކުން
ކޮންމެވެސް ބަޔަކަށް ހަޤީޤަތް ފާޅުކުރެއްވުން އެދެމުންނެވެ. އެހެނީ އެޔަތީމް
ދެކުދީންނަށް ﷲ ތަޢާލާ ފިޔަވައި އެހީތެރިއަކު ނުވެއެވެ.
އަހަރުތަކާއި
މަސްތައް ފިޒާން ޖަލުގައި ގުނަމުން ދިޔައިރު އޭނާވަނީ ދުނިޔެއާއި ގުޅުން
ކެނޑިފައެވެ. މުޖުތަމައުގައި ފެތުރޭ ޚަބަރުތަކާއި ހިނގާކަންކަން އެނގޭ ވަރަށް ވުރެ
އޭނާ ދިރިއުޅެން ޖެހިފައިވަނީ އެކަހެރި ދުނިޔެއެއްގައެވެ. އެގޮތުގައި ފަސް އަހަރު
އޭނާ ފާއިތު ކުރި އިރު އޭނާއަށް ހީވަނީ އެފަސް އަހަރަކީ ފަސްސަތޭކަ އަހަރުންހެން
ކަމުގައެވެ.
ގޮޅި ތެރޭގައި އިނދެ ފިޒާން
ކުރާހާވެސް ކަމަކީ ނަމާދުކޮށް
ދުޢާކުރުމެވެ. ޤުރުއާން ކިޔެވުމެވެ. އޭނާގެ ހަމައެކަނި ހިތްހަމަޖެހުމަކީ އެއީ
އެވެ. އޭނާއަށް ޔަޤީނެވެ. އިންސާފުގެ ދޮރު ތާއަބަދަށް އޭނާއަށް ބަންދުވެފައެއް
ނުހުންނާނެއެވެ. ކޮންމެވެސް އެއްދުވަހަކުން އެދޮރު ހުޅުވޭނެއެވެ. އެއީ
ކޮންދުވަހަކު ކިހިނެއް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. އިންސާފަށް އެދޭ
މީހާއަށްވެސް އޮތީ ކެތްތެރިވުމެވެ. އެކަން ފިޒާންވެސް ޔަޤީން ކުރެއެވެ.
މެންދުރު
ނަމާދުކޮށްލައިގެން ފިޒާން އޮތީ ގޮޅިތެރޭގެ ހަރު ތަޅުން މަތީގައި
އޮށޯވެލައިގެންނެވެ. އޭނާގެ ކޮއްކޮއާއި ކޮއްކޮގެ ހާލާއި މެދު ވިސްނާށެވެ.
ފަސްއަހަރު ފާއިތުވެ ދިޔައިރުވެސް ކޮންމެ ހިނދުކޮޅެއްގައިވެސް އޭނާ ކޮއްކޮގެ
ހަނދާންކުރެއެވެ. ވާނީވެސް އެހެންނެވެ. ދުނިޔެއަށް ކޮންމެ ކުލައެއް ފެނުނަސް ލޭގެ
ގުޅުމާއި ލޯތްބަކީ އެއަށްވުރެ މަތިވެރި އެއްޗެކެވެ. އެކަމަކު އެއީ ހަމަބުއްދިން
ވިސްނޭ ޝައިޠާނީ ޚިޔާލުތަކުގައި ކަސްތޮޅު އެޅިފައި ނުވާނަމަ އެވެ.
ޖަލު އޮފިސަރަކު
ފިޒާން އާއި ބައްދަލުކުރަން ވަކީލަކު އައިސް ހުރިކަމުގައި ބުންޏެވެ. އަދި
ބައްދަލުކުރާ ކޮޓަރިއަށް އޭނާއާއި އެކު ދިއުމަށް އެދުނެވެ. ފިޒާން އޮފިސަރުގެ
ފަހަތުން ގޮސް އެކޮޓަރިއަށް ވަނެވެ. އޭރު އެތާނގައި ހުރީ ފުލުހުންގެ ތެރޭގައި
މަސައްކަތް ކުރާ ވަކީލެކެވެ. ކުލަހެދުމެއްގައެވެ.
އޭނާ ފިޒާންއަށް ދިނީ
އުފާވެރި ޚަބަރެކެވެ. ފިޒާންގެ މައްސަލައިގެ ފައިލް އަލުން ހުޅުވެނީ އެވެ. އުންމީދުގެ
އަލިކަމެއް ފާއްދާލީއެވެ. އޭނާގެ ކޮއްކޮއަށް ބޮޑުބޭބެ ޖިންސީ ގޯނާ ކުރަނިކޮށް
އަވައްޓެރިންގެ ބަޔަކަށް ފެނި ރިޕޯޓް ކުރީއެވެ. އެތަހުޤީޤުގައި ފިޒާންގެ ކުށެއް
ނެތްކަމުގެ ހެކިތައް ފެންނަން ފެށީއެވެ. ފިޒާންގެ މައްސަލައިގައި ކޮއްކޮ ފަޒީނާ ބަޔާން
ދިން އިރު ބައްޕަ ކިޔަނީ ފިޒާންއަށް ނޫން ކަމާއި ބޮޑުބޭބެއަށް ކަން އެނގުނީއެވެ.
ތަހުޤީޤަށް ބަޔާން ނެގި ފުލުހުންނަށް އޭރު ވިސްނުނީ ފަޒީނާ ބައްޕަ ކިޔަނީ
ފިޒާންއަށް ނޫންކަމާއި ފުރަތަމަ އޭނާ ދިން ބަޔާނުގައިވެސް ބައްޕަ ކިޔާފައި އެވަނީ
ބޮޑު ބޭބެއަށް ކަމެވެ. އެއީ ބަޔާން ލިޔުނު ފުލުސް އޮފިސަރަށް ދޭހަވުމުގައި އެރި
އޮޅުމެއް ކަމެކެވެ.