ފުލުހުންގެ
ބަންދުން ދޫކޮށްލުމަށް މާލެ ގެންދިޔުމަށް ޝަޖުނީ ހުރީ ދޫނިދޫ ބަނދަރު މަތީގައެވެ.
އެކަމާއި ކަންބޮޑުވެފައެވެ. އޭނާ ނޫން އެހެން މީހުންވެސް އެތަނުގައި ތިއްބެވެ.
އެއީވެސް އެކި ތުހުމަތަށް ހައްޔަރު ކުރެވުނު މީހުންނެވެ. އެމީހުންތިބީ އެމީހުންގެ
ބަންދުން ވީއްލޭތީ އުފާވެފައެވެ. އެމީހުންގެ އުފާވެރިކަން އެމީހުންގެ އަމަލުތަކުން
ދޭހަވެއެވެ. އާއިލާގެ މީހުންނާއި ރައްޓެހިންނަށް ގުޅައި ދޫކޮށްލިކަން
އެންގީމައެވެ. އަދި 3 ނަމްބަރު ފާލަމަށް ލޯންޗުކައިރިއަށް އިސްތިޤުބާލަށް އަންނަން
ބުނީމައެވެ. އެމީހުންގެ ތެރޭގައި އިދިކޮޅު ޕާޓީގެ މުޒާހަރާއެއްގެ ތެރެއިން
ހައްޔަރު ކުރި ގިނަ މީހުންވެސް ހިމެނެެވެ.
އެމަންޒަރުތަކުން
ޝަޖުނީއަށް ލިބެނީ ހިތާމައެވެ. އޭނާ ބަންދުން މިނިވަންވި ކަމުގެ ޚަބަރު މީހަކަށް
ދޭކަށް ނުކެރުނެެވެ. އޭނާގެ އިސްތިޤުބާލަށް އަންނަން ބުނަން އެދޭނޭ މީހަކު ނެތެވެ.
އެއަށްވުރެ އޭނާ އެކަނިވެރިއެވެ. އޭނާ ބޭނުމީ އުމުރުގެ ބާކީ އޮތްބައި ފުލުހުންގެ
ބަންދުގައި ހުންނާށެވެ. އުމުރުގެ ޖަަލަށް ވަންނާށެވެ. ދުނިޔެއަށް މޫނު ދައްކާލަން
ކެރޭނެ ހިއްވަރެއް އޭނާގެ ނެތެވެ. އެއަށްވުރެވެސް އޭނާ ނިކަމެތިވެއްޖެއެވެ.
އާޚިރުގެ ގިންޏަށް ވުރެ ދުނިޔޭގެ ލަދު ބޮޑުކަމުގައި މީހުން ބުނާތީ މީގެ ކުރިން
ޝަޖުނީ އަޑުއަހަނީއެވެ. އެކަމަކު މިއަދު އޭނާއަށް އެކަން ޔަޤީންވެއްޖެއެެވެ.
ބަނދަރުމަތީގައި ތިބި މީހުންގެ ތެރެއިން
އަންހެނަކު ޝަޖުނީ ގާތަށް ޖެހިލިއެވެ. އަދި ޝަޖުނީވެސް ހައްޔަރު ކުރީ މުޒާހަރާގެ
ތެރެއިންތޯ ސުވާލު ކުރިއެވެ. ޝަޖުނީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަމައެކަނި
ހީލީއެވެ. އެއަންހެން މީހާއަށް މާނަކުރެވުނީ ޝަޖުނީ ބުނީ އާނއެކޭކަމަށެވެ.
އެކަމަކު ކޯޓަށް މުއްދަތުޖަހަން ގެންދިޔައިރު ކަލެއެއް ނުދެކެމޭ އޭނާ ބުނީވެސް
އެހެންވެ އެވެ. ދެވަނަ ފަހަރަށްވެސް ޝަޖުނީ ހީލީއެވެ. އޭނާ އެމީހުންނާއި ދުރަށް
ޖެހިލީ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ކުރާނެ ކަމެއް ނެތަތީއެވެ.
ދުރުގައި ފެންނަން
އޮތް މާލެއާއި ދިމާއަށް ޝަޖުނީ ބަލާލިއެވެ. އޭނާގެ ލޮލުން ނީރާލީ ކަރުނައެވެ.
ހިތަށްވީ ތަދެވެ. އޭނާ މާލެ ދާކަށް ބޭނުމެއް ނޫނެވެ. އާއިލާ އާއި ފިރިމީހާއި
ކުދިންގެ ކުރިމައްޗަށް ދާކަށް ބޭނުމެއް ނޫނެވެ. އޭނާގެ އެހިއްވަރެއް ނެތެވެ.
އޭނާގެ ހިތާ ޒަމީރު އެދެނީ އަލުން ދުވެގޮސް ކުޑަގޮޅިއަށް ވަނުމަށެވެ. އެތާނގައި
އިނުމަށެވެ. ދުނިޔެއަށް ފިލައެވެ.
ދޫނިދޫ ނެރުން ފެރީ
އައިސް ވަނުމާއި އެކު މިނިވަންވެ މާލެދާން ކެތްމަދުވެފައި ތިބި މީހުން ދޯނި
ލަފާދިމާއަށް ކައިރިވެއްޖެއެވެ. އަދި ރަނގަޅަށް ދޯނީގެ ވާ ވެސް ނުއެއްސެނީސް
އެއްބަޔަކު ދޯންޏަށް އަރައިފިއެވެ. ޝަޖުނީ މާލެދާން ބޭނުން ނުވެފައި ހުރި މީހާ
އެރީ އެންމެ ފަހުންނެވެ. ފެރީތެރޭގައިވެސް އޭނާ އިނީ ހިމޭންވެފައެވެ.
ބަސްހުއްޓިފައެވެ. މޫނުމަތިިން ތާޒާކަމާއި އުފާވެރިކަން ގެއްލިފައެވެ.
ޝަޖުނީ އަތުގައި
އޮތް ފޯނުން ހުޅުވާލީ ފޮޓޯ އަލްބަމެވެ. އޭނާ އެއަލްބަމުގައިވާ ފޮޓޯތައް ފަހަރަކު
ފޮޓޯއެއް ބަލަމުން ދިޔައެވެ. އެއިން ކޮންމެ ފޮޓޯއަކުން އާކޮށްދެނީ މާޒީގެ އުފާވެރި
ހަނދާންތަކެވެ. ފިރިމީހާ ޒުލްފިޤާރާއި އަދި އަހަރު ދެކޮޅު ލިބިފައި ތިބި ކުޑެ
ދެކުދީންނާއި އެކު ވޭތުކުރި އުފާވެރި ދުވަސް ތަކެވެ. އެކަމަކު މިއަދު އެއީ އެނބުރި
އައުމެއް ނެތް މާޒީއެވެ. ޝަޖުނީ ޖަލުގޮޅިން ނުކުންނަން ބޭނުން ނުވަނީވެސް
އެހެންވެއެވެ. އޭނާއަށް އެނގެއެވެ. ފިރިމީހާ ޒުލްފިޤާރުގެ ގޮތެވެ. އޭނާއަކީ
ގޯސްމީހެއް ނޫނަސް އޭނާއަކީ ބުނި ބަހެއްގައި ހިފަހައްޓާ މީހެކެވެ. ދުރުވިސްނާ މީހެކެވެ.
ރަނގަޅާއި ނުބައި މީހަކު އޭނާއަށް ބުނެދޭކަށް ނުޖެހޭނެއެވެ.
މިއަދު ޝަޖުނީއަކީ
ފިރިއަކު ބަލައިގަންނާނެ ފަދަ އަގެއް ހުރި އަންހެނެއް ނޫނެވެ. ޝަޖުނީގެ ހަޤީޤަތް
އެނގިއްޖެ ނަމަ ޒުލްފިޤާރު ފަދަ އަބުރުވެރި މާތް މީހަކު ކީއްކުރަންހެއްޔެވެ؟ ބާޒާރުމަތީގައި ދަމާ ކަނޑަން އުޅޭ ފިރިހެނަކުވެސް ޝަޖުނީ އަކީ އަނތްބެއްގެ
ގޮތުގައި ދެންބަލައި ނުގަންނާނެވެ. އެހެނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަނބިމީހާ
ވާން އެދޭނީ އަބުރުވެރި އަކަށެވެ. އެންމެ ދެރަ ނިކަމެތި މީހާވެސް އަބުރު
ގެއްލިފައިވާ އަންހެނަކާއި އެކު ދިރިއުޅޭކަށް ބޭނުމެއް ނުވާނެއެވެ. އެކަން
ޝަޖުނީއަށް އެނގެއެވެ. ކުރިންވެސް އަދި މިހާރުވެސް މެއެވެ. އެކަމަކު އޭނާގެ ހަޔާތް
ނަރަަކައަކަށް ހަދާލީ ހަމަ ޝަޖުނީއަމިއްލައަށެވެ. ނުވިސްނިގެންނެއް ނޫނެވެ.
ލޯތްބެއްގައި ޖެހި ދީވާނާވެގެންނެވެ.
ފޮޓޯތައް ބަލާކަށް
ޝަޖުނީއަކަށް ކެތެއް ނުވިއެވެ. އޭނާ ފޯނު ޖީބަށްލިއެވެ. ލޯފޮހެލިއެވެ. އޭނާ ނެތި
މިވީ 5 ދުވަހު ކުޑަ ދެކުދިން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އެކުދިންނަށް ކާންދީ
ނިންދަވައި ހަދާނީ ކިހިނެއްހެއްޔެވެ؟ ގޭގައި ޒުލްފިޤާރުގެ މައިންބަފައިން
އުޅޭނެއެވެ. އެކަމަކު އެކުދިންގެ ކަންކަން ކުރުމުގައި މީގެ ކުރިން އެމީހުން
އިސްވެފައެއް ނެތެވެ. ދެވަނަ ދަރިފުޅު ވިހައިގެން އުޅުނު އިރުވެސް ހޮސްޕިޓަލުގައި
އިންނަމުން، ބޮޑުދަރިފުޅު ކިފްލީންގެ ހުރިހާކަމެއް ބެލެހެއްޓީ ޒުލްފިޤާރެވެ.
ފެންވެރުމާއި ކާންދިނުމާއި ނިންދެވުމެވެ. އެއިން ކުއްޖަކު ޝަޖުނީ އާއި ޒުލްފިޤާރު
ނޫން މީހަކަށް ނުބެލެހެއްޓެއެވެ. ރޯތީއެވެ. ބޮޑަހާކާތީއެވެ. އެންމެ މިނެޓަކަށްވެސް
މައިންބަފައިންނާއި ދުރުގައި ނޫޅޭ ދެކުދިން މައިންބަފައިންނާއި ދޯޅުވާނެ ވަރު
ވިސްނާލާށެވެ.
ފެރީ ރާޅުތަކުގެ
ތެރޭގައި ދެއަތަށް ހަލުވަމުން މާލެއާއި ދިމާއަށް އޮވެދެއެވެ. ކުއްލިއަކަށް ދެރާޅު
ދޭތެރޭގައި ފެރީ އަރިއަކަށް ޖެހިލި ވަގުތު ޝަޖުނީގެ ބޯޖެހުނީ، ގެގަނޑުގެ
ތަނބެއްގައެެވެ. ވީތަދުން ބޮލުގައި އަތްއަޅައި އޭނާ ކޮޅަށް ތެދުވީ އެހެން
ނިޔަތެއްވެސް އޮވެގެންނެވެ. އަނެއްރާޅަށް އަރިކޮށްލި އިރު ޝަޖުނީ ހުރީ އެއްވެސް
ތަނެއްގައި ހިފަހައްޓައިގެން ނޫންކަމުންނާއި ފެރީގެ ސީދާ ދޮރާއި ދިމާއަށް
ކަމުގައިވުމުން އޭނާގެ ފައިކަހާލީއެވެ. މަތިކަންމަތީގައި ފުންނާބު އަޅައިގަތަސް
އަތްއެއްލައި ތަނެއްގައި ހިފަހައްޓާކަށް އޭނާ ނޫޅުނެވެ. އެއާއިއެކު ޝަޖުނީ
ވެއްޓުނީ ކަނޑުތެރެއަށެވެ. ހުދުފޮނުޖަހާފައިވާ ރާޅުތަކުގެ ތެރެއަށެވެ. ވެއްޓުމާއި
އެކު ދޯނި ދިޔައީ ޝަޖުނީގެ ބޯމަތިންނެވެ. އޭނާގެ ކަރުގައި އޮތް ދޯޕައްޓާއިން
ބައެއް އިންޖީނުގެ ބުރަފަތީގައި އޮޅި ވީދިގެން ދިޔުން ފިޔަވައި އެހެންކަމެއް
ނުވިއެވެ.
ޝަޖުނީ މޫދަށް
ވެއްޓުމަށް ވުރެ ބޮޑަށް އޭނާ ވެއްޓިގަތީއެވެ. މިދުނިޔެއަށް މޫނުދައްކަން ނުކެރިގެންނެވެ،
ފިރިމީހާ އާއި އާއިލާގެ މީހުންގެ ކުރިމައްޗަށް ދާނެ ހިއްވަރު ނެތިގެންނެވެ. އޭނާގެ
ވިސްނުމަށް އައީ ކަނޑުގެ ތެރެއަށް އޭނާގެ ހަޔާތް ގަންބާލާށެވެ. އޭނާގެ މޫނު ދެން
ދުނިޔެއަށް ނުދައްކާށެެވެ. ހަޔާތް ބަރުބާދުވެ އުންމީދު ކެނޑުމުންނެވެ.
ފުލުހުން އެކަމަކު އެއަށްވުރެ
ހުށިޔާރެވެ. ޝަޖުނީ ކަނޑަށް ވެއްޓުމާއި އެކު ފަހަތުން ދެފުލުހަކު
ފުންމާލައިފިއެވެ. ދޯނީގެ ދުވެލި މަޑުކޮށްލައި އަނބުރާލައިފިއެވެ. ފެރީގައި ތިބި
އެންމެ ކަނޑަށް ގުދުވެ ކޮޅުކޮޅު ހޯދަން ފަށައިފިއެވެ. އެއްބައި އަންހެނުން ފެށީ
ރޯށެވެ.
ޝަޖުނީއަށް ފަތަން އެނގެއެވެ.
އެހެންކަމުން އޭނާ ފީނީ އަޑިޔަށެވެ. އޭނާ ބޭނުންވީ ނޭވާ ހުސްވަންދެން އަޑިޔަށް
ފީނާށެވެ. އެކަމަކު ނޭވާކޮޅަށް ދާންފެށުމުން އޭނާގެ މަޤުޞަދު އިހުތިޔާރުން
ގެއްލިއްޖެއެވެ. ފުރާނަ ސަލާމަތްކުރުމަށް ނަފުސު ގޮވާލައިފިއެވެ. މައްޗަށް އަރަން
އޭނާގެ ދެފަޔާއި އަތަށް ބާރުލެވުނީ ހިތުގެ މަޤުޞަދަށްވުރެ ސިކުނޑި އެޅި ބާރާއި
އެކުގައެވެ. ލޮނުގަނޑުން މައްޗަށް ބޯހިއްކާލެވުމާއި އެކު ޝަޖުނީއަށް ފުންނޭވާއެއް
ނުލެވި އުޅެނިކޮށް ޝަޖުނީގެ ފަހަތުން ކަނޑަށް ފުންމާލި ދެފުލުހުން ޝަޖުނީގެ
އަތުގައި ހިފައިފިއެވެ. އެމަންޒަރު ފެނި ދޯނީގައި ދެންތިބި ފަޅުވެރިން
އެމީހުންނާއި ދިމާއަށް ލައިފް ރިންގްތައް އުކައިގެންފިއެވެ.
ޝަޖުނީއަކަށް
އެއްވެސް ގެއްލުމެއް ނުވިއެވެ. އޭނާތެމުމާއި ފޯނާއި އަތްދަބަސް ކަނޑުގެތެރެއަށް
ގެއްލުން ފިޔަވައެވެ. ފެރީ ދޯންޏަށް ޝަޖުނީ ނެގުމަށްފަހު ފުލުހުން ޝަޖުނީއަށް
ކަންތައް ކުރީ ނުހަނު އޯގާތެރިކޮށެވެ. އޭނާގެ ގައިގައި ހުދު ބެޑްޝީޓެއް
އޮޅާލައިދިނެވެ. ބަންދުގައި ހުރިއިރުވެސް ފުލުހުުން އޭނާ ބެލެހެއްޓީ ނުހަނު
ރަނގަޅަށެވެ. އެހެން ނޫންނަމަ މިފަދަ ކިތަންމެ ކަމެއް ޝަޖުނީ ކުރީހެވެ.
ތިން ނަމްބަރު
ފާލަމަށް ފެރީ ލެފުމާއި އެކު މީހުންތައް ފައިބައިފިއެވެ. އެންމެ ފަހުން ފޭބީ
ޝަޖުނީއެވެ. ޝަޖުނީ ފޭބުމުގެ ކުރިންވެސް ފުލުހުން އޭނާ ރަނގަޅުތޯ ސުވާލު ކުރިއެވެ.
އެއްވެސް ކަމެއް ބޭނުންތޯ ސުވާލުކުރިއެވެ.
ޝަޖުނީ އެމީހުންގެ ކޮންމެ ސުވާލަކަށް ޖަވާބު ދިނީ ބޯހޫރާލުމަކުންނެވެ.
އެންމެ އެކި ދިމަ
ދިމާއަށް ގޮސް ނިމުނު އިރުވެސް ޝަޖުނީ އެތާނގައި ހުރީއެވެ. ދާނެ ކޮޅެއް
ނޭނގިފައެވެ. ހީވަނީ އޭނާއަށް ހަޔާތުގެ މަގު ދެކަފިވީ ހިސާބަށް އާދެވިފައިވާ
ހެންނެވެ. ކަން އޮތީވެސް އެހެންނެވެ. އޭނާ ކުރިއަށްދާންވީ ކޮންކޮޅަކަށް ކަމެއް
އޭނާއަކަށް ނޭނގެއެވެ. ޒުލްފިޤާރާއި ކުދިން ގާތަށް ދާން އެދުނަސް ހިތާއި ނަފުސު
ކުރަނީ މަލާމާތެވެ.
އެތައް އިރަކު
އެތާނގައި ހުރުމަށްފަހު ޝަޖުނީ ހިނގައިގަތެވެ. ވާރޭވެސް ވެހިގަތީ އެވަގުތުއެވެ.
ނުހަނު ބޯކޮށެވެ. ސައިކަލުތަކުގައި އުޅޭ މީހުން ތަންތަނަށް ވަދެ ހިޔާވުމުން މަގު
ހުސްވީއެވެ. ކާރާއި ޕިކަޕްފަދަ މަދު އުޅަނދެއް ނޫނީ މަގުމަތީގައި ނުދުއްވައެވެ.
ދެޚިޔާލެއްގައި
ހުރެވެސް ޝަޖުނީ ހިނގަމުންދިޔައީ ފިރިމީހާގެ ގެއާއި ދިމާއަށެވެ. އެގެއާއި ދިމާއަށް
އޭނާ ދަމާގެންދާ ބާރެއް ހުރީއެވެ. ކުދީންނެވެ. އެކުދީންދެކެލާހިތުންނެވެ. ކުދީން
ނުފެނި މިވީ 5 ދުވަސް ޝަޖުނީއަށް ހީވަނީ ފަސް އަހަރަށް ވެއްޖެ ހެންނެވެ.
ބޯވާރޭގެ ތެރޭގައި
އައިސް ޝަޖުނީ ގޭގެ ދޮރާއި ހަމައަށް ހުއްޓުނެވެ. ދޮރު ހުޅުވާލަން
އަތްދިއްކޮށްލާފައިވެސް އޭނާ ހުއްޓުނީއެވެ. ގަތްބިރަށްވުރެ އިހްސާސް ކުރެވެމުންދާ
ހިތާމައިގެން ބޮޑުކަމުންނެވެ. ޒުލްފިޤާރު ކިޔައިފާނެ އެއްޗަކާމެދުގައެވެ.
ތަޅައިވެސް ގަނެފާނެތީއެވެ. ނުވަތަ ހުރިފިޔަވަޅުގެ މައްޗަށް ވަރިކޮށްފައި ނެރެ
ފޮނުވާލަ ފާނެތީއެވެ. ދޮރާށީގެ އެއްފަރާތަށް ޖެހިފައި ޝަޖުނީއަށް ބޯޖައްސާލެވުނީ
ފާރުގައެވެ. ފެށުނީ ރޯށެވެ. އަމިއްލަ ކުށް އިހްސާސް ކުރެވޭތީއެވެ. އޭރު
އިރުއޮއްސެން ގާތް ވަނީއެވެ. ބޯކޮށް ވާރޭ ވެހެމުންދާތީ މަގުމަތީގައި މީހަކުވެސް
ފެންނަންނެތެވެ.
ޝަޖުނީ ސިހުނީ
އޭނާގެ ކޮނޑުގައި މީހަކު އަތްޖައްސާލުމުންނެވެ. ކުޑައެއްގެ ހިޔާ ލިބުމުންނެެވެ. އޭނާ
ބަލާލާފައިވެސް އަނެއްކާ ފާރާއި ދިމާއަށް އެނބުރި މޫނު ފޮރުވީއެވެ. ދާދި ގާތުގައި
ހުރީ ފިރިމީހާ ޒުލްފިޤާރެވެ. އޭނާގެ މޫނުގައި ވަނީ ނަފުރަތާއި ރުޅިއެއް ނޫނެވެ. ހިތާމަޔާއި
މޮޅިއެވެ.
"އެތެރެއަށް
ހިނގާ!" އޯގާތެރިކަމާއި އެކު ބުރަކަށީގައި އަތްޖައްސާލަމުން ޒުލްފިޤާރު
އެހެން ބުނުމުން ޝަޖުނީއަށް އިތުރަށް ރޮވުނީއެވެ. ޒުލްފިޤާރަށް ޚިޔާނާތްވެ
ދުނިޔެއަށް މޫނު ދައްކާލަން ނުކެރޭ ވަރުކޮށްފައި އައުމުންވެސް އޭނާގެ ކިބައިން
ފެނުނު އޯގާތެރިކަމުންެނެވެ. ކައިވެންޏަށް ވީ 6 އަހަރުގެ ތެރޭގައިވެސް
އޯގާތެރިކަމާއި އަޅާލުން ނޫންއެއްޗެއް ޝަޖުނީއަކަށް ޒުލްފިޤާރުގެ ފަރާތަކުން
ނުލިބެއެވެ. އެއީ އެހީތެރި ފިރިއެކެވެ. ދަރީންދެކެ ނިހާޔަތަށް ލޯބިވާ އޯގާތެރި
ފިރިއެކެވެ. ހަޔާތުގައި ޝަޖުނީއަށް މަދު އެއްޗެއް ނެތެވެ. އެކަމަކުވެސް އޭނާއަށް
ނުފުދުނީއެވެ. ޝަހުވާނިއްޔަތުގައި ނަފުސް އަންދައި އަޅިޔަށް ހަދާލީ ވިސްނުމެއް
ފިކުރެއް ހިޔާލެއް ނެތިއެވެ. މިއީ ދުވަހަކުވެސް އަންނާނެ ދުވަހެއް ނޫންކަން
ޔަޤީންކޮށްގެންނެވެ.
ޒުލްފިޤާރުގެ އެއް
އަތުގައި އޮތީ ކޮތަޅެކެވެ. އޭގައި ހުރީ ޔޯގަޓާއި ސީރިއަލް ފަދަ ކުޑަކުދިންނަށް
ކާންދޭ ތަކެއްޗެވެ. ޒުލްފިޤާރު އެއައީ ފިހާރައިން ކުދިންނަށް ކާންދޭނެ އެއްޗެހި
ގަނެގެންކަން ޝަޖުނީއަށް އެނގުނެވެ. އެކަމަކު ޒުލްފިޤާރާއި ހަތަރުކަޅި ހަމަކޮށްލާންވެސް
އޭނާއަށް ނުކެރުނެވެ.
ޒުލްފިޤާރު
ޝަޖުނީގެއަށް ވެއްދީ އަތުލަފިކޮށްގެން ކަލަހަ ގޮތަކަށެވެ. އެމަންޒަރު ފެނިފައި
ޝަޖުނީގެ މައިދައިތަ އަދި ޒުލްފިޤާރުގެ މަންމަގެ ލޮލުން ދިޔައީ އަލިފާން ކަނި
ބުރައިގެންނެވެ. މައިދައިތަގެ ލޮލުން ފެނުނު ރުޅިވެރިކަން ފެނިފައި ޝަޖުނީ ޖެހީ
އިސްދަށަށެވެ. ގޭގެ އޮޅިން އެތެރެއަށް އެޅުނު ފިޔަވަޅުވެސް އޭނާއަށް ނެގުނީ
ފަހަތަށެވެ. ޒުލްފިޤާރުވެސް ހުއްޓުން އެރިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި އޭނާ
ޝަޖުނީ ގޮވައިގެން އެތެރެއަށް ވަނެވެ. މައިދައިތަ އެއްޗެކޭ ނުބުންޏެވެ.
ޝަޖުނީ ކޮޓަރިއަށް
ވަނުމާއި އެކު ކޮޓަރީގެތެރޭގައި ތިބި ދެކުދީން އައިސް ބެއްދީ ޝަޖުނީގެ ގައިގައެވެ.
މަންމަ ނުފެނި ގިނަ ދުވަސްތަކެއް ވުމުންނެވެ. ޝަޖުނީ ތެމިފޯވެފައި ހުރި ޝަޖުނީ
ކުދިންނާއި ބައްދާލީ އިހްސާސްކުރެވެމުން ދިޔަ ހިތާމައިގެ ބޮޑުކަމުންނެވެ. އެންމެ
ބޮޑު ދަރިފުޅު ފުރަތަމަވެސް ސުވާލުކުރީ މަންމަ ދިޔަ ތަނަކާއި ބެހޭގޮތުންނެވެ. އެއަށް
ދޭނެ ޖަވާބެއް ޝަޖުނީއަކަށް ނެތެވެ.
ފެންވަރައި ތެތް
ބަދަލުކޮށްގެން ޝަޖުނީ ކޮޓަރިން ނުކުތީ ކުޑަދަރިފުޅަށް ކާއެއްޗެހި ހަދާށެވެ.
އެކަމަކު ސިޓިންގ ރޫމުތެރެއިން ކާގޭގެ ދޮރާއި ހަމައަށް ގޮސްފައި ޝަޖުނީއަށް
ހުއްޓެވުނީ މައިދައިތަގެ އަޑަށެވެ. ޝަޖުނީގެ ދެލޮލުން ކަރުނަ އޮހިގަތީ މައިދައިތަ
ބުނި ޖުމުލައަކުން ހިތުގަ ޖެހިގެނެއް ނޫނެވެ. އަމިއްލަ ނަފުސު ކުއްވެރި ކުރެވޭ
ވަރުންނެވެ.
"މަންމާ!
ވީކަމެއް ނުވާކަމަކަށް ނުހެދޭނެ! ބަޔަކު ކުރި ކުށެއްގެ ސަޒާ އަހަރެންގެ
ދެދަރީންނަށް ލިބެންވީ ކީއްވެ؟ އަހަރެން މިިވިސްނަނީ ކުދިންނަށް! އަދި
އެކުދިންނަކީ އެއްޗެއް ވިސްނޭވަަރަށް ވުރެ ކުޑަކުދިން. މައިންބަފައިން ވަކިވެ
އެއަނިޔާ ދޭން ބޭނުން ނުވާތީ މިބުނަނީ، މަންމަ ބުންޏަސް މިވަގުތު އަހަރެން އަދި
އޭނާ ވަރިކޮށް ނެރެއެއް ނުލާނަން!" ޒުލްފިޤާރު ބުނި އަޑު އިވުނެވެ.
ޝަޖުނީއަށް އެނގެއެވެ، ޒުލްފިޤާރަކީ ޖަޒުބާތުގައި ޖެހި އަންނަ ރުޅީގައި
ކަންކަންކޮށް ނިންމާލާ މީހެއް ނޫނެވެ. އެއަށްވުރެ ދުރަށް އޭނާ ވިސްނާނެއެވެ.
"އެކަމަކު
ހިލޭ ފިރިހެނުންތަކެއް ގޮވައިގެން އުޅުނު، މީހަކު އަހަރެންގެ ދަނބިދަރިއެއްެގެ
ގޮތުގައި ބަހައްޓާކަށް މަށެއް ބޭނުމެއް ނޫން. މިގޭގަ އުޅެންޏާ އޭނަ ގާތުބުނޭ
ކޮޓަރިން ނުނުކުންނާށޭ. އަދި އަމުދުން ގެއިން ނުކުމެގެން ނުވާނޭ. ލަދުން
މަރުވެދާނެ!" މައިދައިތަގެ އަޑުގައި ވަނީ އިންތިހާއީ ނަފްރަތެވެ. އެނަފްރަތު
ޝަޖުނީއަށް ހައްގެވެ. ޒުލްފިޤާރާއި އިން އިރުވެސް ޒިޔާދަކީ ޝަޖުނީގެ
ލޯބިވެރިއެކެވެ. އޭނާގެ ހުންނަ ލަދު ހަޔާތްކުޑަކަމާއި ޝަޖުނީއަށް ގަޔާވެވެނީއެވެ.
އޭނާގެ ގޯނާތަކާއި ދުރު ނުވެވެނީއެވެ. ޅައިރުއްސުރެ ޖައްސާފައިވީ ޖާދޫއެއްގެ
ސަބަބުންނެވެ. ޒުލްފިޤާރު ހޯދިނަމަ މިބޭޒާރެއް ވުމުގެ މާކުރިން ޝަޖުނީ މިކުޅި
ކުޅޭކަން އޭނާާއަށް އެނގުނީހެވެ. އެކަމަކު އޭނާ ހުރީ ޝަޖުނީއަށް
އިތުބާރުކޮށްގެންނެވެ. ޝަޖުނީގެ ފޯނާއި ސޯޝަލް މީޑިއާ އެކައުންޓްތައް އޭނާއެއް
ނުހާވައެވެ. ޝައްކުކޮށްގެން ފަހަތަކުން ނުހިނގައެވެ. ޝަޖުނީ ޒިޔާދާއި އެކު ގެސްޓު
ހައުސްއެއްގައި އޮތް ރެއަކު، ޒިޔާދު އެތަނަށް އޭނާގެ ރައްޓެއްސަކު ގެނައީއެވެ.
އެމީހުން ބަސްޓުވީ ފުލުހުން މަސްތުވާތަކެތީގެ މައްސަލައެއްގައި އެރޭ
އެގެސްޓްހައުސް ރެއިޑް ކުރުމުގެ ތެރޭގައެވެ.
ޝަޖުނީ ހައްޔަރު
ކުރުމުން ޒުލްފިޤާރު އޭނާގެ ޚަބަރެއް ބަލައިލަންވެސް ނުދިޔުމުން ޝަޖުނީ ހީކުރީ
މިގޭގެ ދޮރު ހުންނާނީ އޭނާއަށް އަބަދަށްޓަަކައި ދެން ބަންދުވެފައި ކަމަށެވެ.
ފިރިމީހާ ޒުލްފިޤާރުގެ ދުލުން ބައްދަލުވާ އެންމެ ފުރަތަމަ ވަގުތު އޭނާއަށް އިވޭނީ
ވަރީގެ ލަފުޒުކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމެއްވީ ޝަޖުނީ ހީކުރި ގޮތަކަށް
ނޫނެެވެ. ވީމާ އޭނާގެ ހިތުގައި މާބޮޑަށް ޖެހުނީއެވެ.
"އަހަރެން
އޭނާ ވަރި ކުރާނަން. ނެރެ ފޮނުވައި ލާނަން. އެކަމަކު އެއީ ކުދިންނަށް ވިސްނޭ
ވަރުވުމުން. އޭނާއަށްެވެސް އެކަނި އުޅެވޭނެ ވަރަށް ލާރި ލިބޭނެ ގޮތެއް
ހަދައިދީފައި." ފިރިމިހާގެ ޒުލްފިޤާރުގެ އެޖުމުލަތައް އިވިފައި ޝަޖުނީ
ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ވަތް ގޮތަށް އެނދުމައްޗަށް ބަންޑުން ވެއްޓި
އޭނާ ފެށީ ރޯށެވެ. ދެކުދިން އައިސް އެނދަން އަރައި އޭނާ އާއި ބެއްދިއެވެ.
އޭގެފަހުން ހަތަރު
އަހަރުވީއެވެ. މިވޭތުވި ހަތަރު އަހަރުގައި ޒުލްފިޤާރާއި ޝަޖުނީ އާއި ދެމެދު ހުރީ
ދުނިޔޭގެ ދެކޮޅުގެ ދުރުމިނެވެ. އެއްގެއެއްގައި އެއްކޮޓަރީގައި އެމީހުން އުޅެމުން
އައީ އެއްވެސް ގުޅުމެއް ނެތް ދެމީހުންގެ ގޮތުގައެވެ. އެކަމާއި މެދު ޝަޖުނީގެ
އެއްވެސް ޝަކުވާއެއް ވެސް ނެތެވެ. މިވީ ހަތަރު އަހަރުގެ ތެރޭގައި އޭނާ ކުދިންނަށް
ކަންކަން ދަސްކޮށްދީ ތަރުބިއްޔަތު ކުރީ މަންމަ އާއި ނުލައި ދިރިއުޅެވޭ ވަރަށެވެ.
ކުދިން މަންމަ ދޫކޮށްލާންޖެހޭނެކަން އެނގޭތީއެވެ. ކުއްލި ވަކިވުމަކަށް ވުރެ
ދުރާލައި ވަކިވެވޭ ވަކިވުމުން ކުދިންނަށް ކުރާނެ އަސަރު ކުޑަވާނެތީއެވެ. މީގެ
އަހަރެއްހާ ދުވަސްކުރިން ޒުލްފިޤާރު އެހެން މީހަކާވެސް އިނދެފިއެވެ. އޭނާ އެވާހަކަ
ނުބުންޏަސް އެކަން ޝަޖުނީއަށް އޮތީ އެނގިފައެވެ. ފިރިމީހާ އޭނާގެ ހަލާލު އެހެން
އަނތްބެއްގެ ގާތުގައި ވީ ރޭރޭ ޝަޖުނީވެސް ކުރީ އެކަނިވެރި ހިތާމަވެރި
އިހްސާސްތަކެކެވެ. އެކަމަކު އެމިންވަރު އޭނާއަށް ހައްޤުކަން އެނގޭތީ ހިމޭނުން ހުރީއެވެ.
މިވީ ހަތަރު
އަހަރުގެ ތެރޭގައި ޝަޖުނީ ގެއިން ނުކުތީ ހަމައެކަނި މައްސަލައިގެ ޝަރީއަތްތައް
އޮންނަ ދުވަހު ކޯޓަށެވެ. މިއަދަކީ ހުކުމް ކުރާ ދުވަހެވެ. އިންސާފަށްޓަަކައި ނިޔާ
ކަނޑައަޅާ ދުވަހެވެ. ޝަޖުނީ ތައްޔާރުވަމުން ދިޔައީ ކޯޓަށް ދިޔުމަށެވެ. ކުދިން
މިއަދު ސްކޫލަށް ނުގެންދިޔައީވެސް އޭނާ ކޯޓަށް ދާންޖެހޭތީއެވެ. މިއަދު ޙުކުމް
ކުރާނެ ކަން އެނގޭތީއެވެ. އެންމެ ފަހުގެ ވަދާއީ ސަލާމް ދަރިންނާއި
ނުކުރެވޭނެތީއެވެ.
ކޮންމެ ކުއްޖެއްގެ
މޫނުގައި ވަކިވަކިން ޝަޖުނީ ދޮނެއް ދިނެެވެ. މަންމަ ވަރަށް ލޯބިވެއޭ ބުންޏެވެ.
އެކަމަކު ޓީވީ ގޭމަށް ގެއްލިފައި ތިބި ކުދިންނަަކަށް އެކަމުން މާބޮޑު އަސަރެއް
ނުކުރެއެވެ. ކަމެއް ވާންއުޅޭހެންވެސް ހިއެއް ނުވެއެވެ. ޝަޖުނީ ސިޓީންގ ރޫމަށް
ނުކުތް އިރު ފޮއްޓެއް ހިފައިގެން ޒުލްފިޤާރު އައިސް ގެއަށް ވަންނަނީ އެވެ. އޭނާގެ
އަތުގައި އެހެން އަންހެނަކު ހިފަހައްޓައިގެން ހުއްޓެވެ. ނުހަނު ރީތި ޅަކުއްޖެކެވެ.
ތޫނު ފިލިކަމާއި މައުސޫމުކަން އޭނާގެ މޫނުން ފާޅުވެއެވެ. އެންމެ ފުރަތަމަ
ބައްދަލުވުމުންވެސް އެއީ ޒުލްފިޤާރުގެ ހަނގު އަނބިމީހާކަން ޝަޖުނީއަށް އެނގުނެވެ.
ޝަޖުނީއަށް ހީވީ
މީހަކު އޭނާގެ ހިތުގައި ވިކައި ގަތް ހެންނެވެ. ނަފުރަތާއި ހަސަދައިގެ ހުޅު
ހިތުގައި ފަޅައިގަތެވެ. އެކަމަކު ޝަޖުނީ އޭނާގެ ހިތުގައި އަތްއަޅައި
އޮބަހެއްޓިއެވެ. ޝަޖުނީ ނުކުންނަށް ހިނގައި ގަތެވެ. ކައިރިވެލާފައި ޝަޖުނީއަށް
ޒުލްފިޤާރު ދިއްކޮށްލީ ސިޓީ އުރައެކެވެ. މިއަދު އޮތީ ކޯޓުގައި ޙުކުމް ކުރުންކަން
އޭނާއަށްވެސް އެނގޭނެއެވެ.
"މިސިޓީ
އުރައިގައި ހުންނާނެ. މުހިއްމު ލިޔެކިޔުން. ހަތަރުލައްކައެއްހާ ރުފިޔާ ޝަޖުނީގެ
އެކައުންޓުގައި ހުންނާނެ. ކޮންމެ ގޮތަކަށް ކޯޓުން މައްސަލަ ނިމުނަސް، ދެން
މިގެއަށް އެނބުރި ނާންނާތި. ތިޔަ ހުރީ ވަރިކޮށްފައި" ޒުލްފިޤާރުގެ ދުލުން
ނުކުތް ލަފުޒުތައް އަޑު އިވިފައި ޝަޖުނީ އަނބުރައިގަތް ކަހަލައެވެ. އޭނާ ފާރުގައި
އަތްވިއްދިއެވެ. ދުރު ބަލަހައްޓައިގެން ހުރެ އެސިޓީއުރައިގައި ހިފިއެވެ. އެއްވެސް
އެއްޗެކޭ ނުބުނެ ހިއްވަރުކޮށްފައި ހިނގައިގަތެވެ. އެކަމަކު ޝަޖުނީގެ ލޮލުން ދިޔައީ
ހިފެހެއްޓުމެއް ނެތް ކަރުނަތައް އޮހެމުންނެވެ.
ފަނޑިޔާރު ނިޔާ
އިއްވުމުގެ މާކުރިންވެސް ޝަޖުނީގެ ހިތްވަނީ ހަލާކުވެފައެވެ. 100 އެތިފަހަރުން
ތަޢުޒީރުކޮށް 2 އަހަަރަށް ޝަޖުނީ ޖަލަށްލާން ނިޔާ ކަނޑައަޅައި ހުކުން އިއްވުމުން
ޝަޖުނީ ޖެހީ އިސްދަށަށެވެ. އޭނާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓުނެވެ.
އެލޮލުގައި ކަރުނަ ހުސްވީއެވެ.
ހުކުމް
ތަންފީޒުކޮށް ނިމުމުން މާލޭގައި މަސައްކަތްކުރަން އުޅުނު ބިދޭސީ މީހަކާއި
އިނދެގެން ޝަޖުނީ ދިޔައީ ރާއްޖެ ދޫކޮށްފުރައިގެންނެވެ. އޭނާގެ ޚަބަރެއް ނޭނގޭ
ނުދަންނަ ބައެއްގެ ތެރޭގައި އަލުން ހަޔާތް އާބާދު ކުރެވޭތޯއެވެ.
**********
No comments:
Post a Comment