"އައްދޯތް
މަންމާ!" ޝާނިފްގެ ވޭނީ ހަޅޭކުގެ އަޑާއި އެކު ނިދީގެ ތެރެއިން އަހަރެންނަށް
ކުއްލި އަކަށް ހޭލެވުނެވެ. ސިޓިންގ ރޫމުގެ ސޯފާގެ ތެރޭގައި އޮށޯވެލައިގެން
އޮއްވައި އަހަރެންނަށް ނިދުނީއެވެ. ޝާނިފްގެ ހަޅޭކުގެ އަޑު ގޭތެރެއަށް ފޭދި
އޮބިގެން ދިޔަނަމަވެސް އޭނާގެ ގިސްލުމުގެ އަޑު އިވި އިވި ހުއްޓެވެ. އެއަޑު
އިވެމުން ދަނީ ބަދިގެ ތެރެއިންނެވެ. ގޮނޑީގެ އަތްގަނޑުގައި ހިފައި ވަރަށް
އުނދަގުލުން އަހަރެން ތެދުވެ ސޯފާގައި އިށީނީމެވެ. ތެދުވެގެން ދާހައި ހިއްވަރު
ހުއްޓަސް އަދި ބަދިގެ ތެރެއަށް ގޮސް ޝާނިފްއަށް ވީގޮތެއް ބަލާލަށް ހިތް އެދުނަސް
އަނެއްކާވެސް އޮށޯވެ ދެލޯމަރާލީމެވެ. އެއީ މިފަދަ ކިތަންމެ ދުވަހެއް ކުރިޔަށް
އޮތްތަނުގައި ޝާނިފް ތަހައްމަލް ކުރަންޖެހޭނެ ކަން އެނގޭތީއެވެ. އަހަރެންގެ ލޮލުން
ކަރުނަތައް އޮހިގަތެެވެ. މައިވަންތަ ކަމުގެ ޖަޒުބާތުގައެވެ. ދަރީންނަށްޓަކައި
ހިތުގައި އުފެދިފައިވާ ލޯބީގައެވެ. އެކުދިންގެ މުސްތަޤުބަަލަށް އެޅެމުންދާ ބަނަ
ކަޅުވިލާތަކުގެ ސަބަބުން ލިބެމުން ދިޔަ ހިތާމައިގައެވެ.
އިރުކޮޅަކުން
ދުވަންފެށީ ރޮށި އަނދާވަހެވެ. އޭރު ޝާނިފްގެ ގިސްލުމުގެ އަޑުވެސް ކެނޑިއްޖެއެވެ.
ދެލޯ ހުޅުވާލައި އަހަރެން ބަދިގެއާއި ދިމާއަަށް ބަލާލީމެވެ. ސިޓިންގ ރޫމާއި ބަދިގެ
ބައިކޮށްފައިވާ ލަކުޑި ބޮޑު ރެކުގެ އެއްފަރާތަކުން ސިންކު ކައިރީގައި ޝާނިފް
ހުއްޓެވެ. އޭނާ ތެލި ތަށި ދޮންނަނީ ކަމެއް ނުވަތަ އެހެން ކަމެއް ކުރަނީ ކަމެއް
އަހަރެންނަކަށް ނޭނގެއެވެ.
އިރުކޮޅަކުން
ގޭތެރެއަށް އައިސް ވަނީ، ޝާނިފްގެ ކުލާސް ކުއްޖެކެވެ. ރިމާހްއެވެ. ސަލާންވެސް
ގޮވާލުމެއް ނެތި، އޭނާ ވަދެގެން ދިޔަ ގޮތަށް ދިޔައީ ބަދިގެއަށެވެ. އަހަރެން ދެވަނަ
ފަހަރަށް ބަދިގެއާއި ދިމާއަށް ބަލާލަށް މަޖުބޫރުވީ، ރިމާހް ހީގެންފައި، ތިޔައީ
އަންހެނެއްހޭ ޝާނިފާއި ދިމާއަށް ބުނި އަޑު އިވިފައެވެ. އަހަރެންނަށް ހީވީ، މީހަކު
އަހަރެންގެ ހިތުގައި ބާރަށް ވިކައި ގަތްހެންނެވެ. ބަލިހާލުގެ ސަބަބުން
ހަށިގަނޑުގައި އަޅަމުންދާ ވޭނަށްވުރެ އަހަރެންގެ ދަރިފުޅު ޝާނިފަށް އޭނާގެ
އެކުވެރިޔާ މަލާމާތުގެ ގޮތުން ހީގަނެ ބުނި ލަފުޒުގެ އަޑު އިވިފައި އަހަރެންގެ
ހިތަށްވީ ތަދު ބޮޑެވެ.
ޝާނިފަކީ
އަހަރެންގެ ތިންކުދިންގެ ތެރެއިން އެންމެ ބޮޑު ކުއްޖާއެވެ. އޭނާ ކިޔަވަނީ ގުރޭޑް
10 ގައެވެ. އުމުރަކީ އެންމެ ފަނަރަ އަހަރެވެ. ދެންހުރީ ޝިނާން އެވެ. އޭނާއަށް އަދި
މިއޮތީ ހަތް އަހަރަށެވެ. އޭނާ އުޅެނީ ގުރޭޑް 2 ގައެވެ. ދެންހުރީ އުމުރުން އެންމެ 4
އަހަރުވީ ސުނާ އެވެ. ސުނާއަށް 2 އަހަރުވެސް ނުވަނީސް އަހަރެންގެ ފިރިމީހާ
ނިޔާވީއެވެ. އޭގެ ފަހުން، މިވީ ދެއަހަރުގެ ތެރޭގައި އަހަރެންގެ ހަޔާތަށް އުފަލުގެ
ދުވަހެއް ނާދެއެވެ. އެއްދުވަހަށް ވުރެ އަނެއް ދުވަހެއްގެ ހިތާމަ އަންނަނީ
ބޮޑުވަމުންނެވެ. މުސީބާތްތަކުން އަރައި ނުގަނެވި ދިރިއުޅުން މިދަނީ އޮޔާލެވެމުންނެވެ.
ހެއްދެވި ފަރާތަށް ފަރިޔާދު ކުރުން ފިޔަވައި މިއަދު އަހަރެންނަށް ކުރެވޭނެ ކަމެއް
ނެތެވެ.
ރިމާހް ގޭތެރެއަށް
ވަދެގެން ދިޔައިރު އަހަރެން ނުފެންނަކަން އެނގުނީ ބަދިގޭތެރެއިން ނުކުމެގެން
އައިއިރު އޭނާއަށް އަހަރެން ފެނުމުން މޫނަށް އެރި ކުލަވަރުންނެވެ. އަވަސް އަވަހަށް
އޭނާ ގޭތެރެއިން ނުކުމެގެން ދިޔައީއެވެ. ރިމާހު ނުކުތުމާއި އެކު ޝާނިފް
ބަދިގެތެރޭން ނުކުމެގެން އައެވެ. އެއައި ގޮތަށް އައިސް އޭނާ ހުއްޓުނީ އަހަރެންގެ
ކުރިމައްޗަށެވެ. އެއްއަތުގެ ތެރެއަށް އަނެއް އަތްލައި ފުމެމުންނެވެ. އޭރުވެސް
އޭނާގެ ލޮލުގައި ކަރުނަ ހުއްޓެވެ.
"އަހަރެންނަކަށް
ނުވާނެ މަންމާ!" ސޯފާކައިރިއަށް ހުއްޓި ހުރެ ޝާނިފް ބުންޏެވެ.
އަހަރެން ތެދުވެ
އިށީނީމެވެ. ލޮލުގައި ހުރި ކަރުނަތައް ޝާނިފްއަށް ނުދައްކައި ބުރުގާގެ ކަނުން
ފުހެލީމެވެ. އަދި ވީކީއްތޯ އަހާލީމެވެ.
"
ރޮށިފިހަނިކޮށް ތަވާގައި އަތް ޖެހުނީ" އަތްދައްކާލަމުން ޝާނިފް ބުންޏެވެ.
އަހަރެންގެ އަތުގެ ތެރެއަށް ޝާނިފްގެ އަތްލައި ފިރުމާލީމެވެ. އަދި އަހަރެންގެ
ގާތުގައި އޭނާ ބޭންދީމެވެ. ކައްކައި ކާންހެދުމާއި ތަށިތެއްޔާއި އަންނައުނު
ދޮވުމަކީ ފިރިހެން ދަރިއަކު ލައްވައި އަހަރެންވެސް ކުރަން ބޭނުން ކަމެއް ނޫނެވެ.
އެއުމުރުގެ ފިރިހެން ކުއްޖަކު އެކަހަލަ މަަސައްކަތް ކުރަން ގަންނާނެ ލަދާއި،
އެއްފުރާގެ ކުދިން ދިމާކުރާނެ ވަރު އަހަރެންނަށްވެސް އިހްސާސް ކުރެވެއެވެ. މީގެ
ކުރިން އަހަރެން ޝާނިފް ލައްވައި އެފަދަ އެއްވެސް މަސައްކަތެއް ނުކުރުވީ
އެހެންވެގެންނެވެ. އެހެން ނަމަވެސް މިއަދު މިގޮތް ނޫންގޮތެއް ނެތީއެވެ. މިބޮޑު
ދުނިޔެއަށް އެކުދީން އެކަނި ދޫކޮށް ދިޔުމުގެ ކުރިން، އެކުދިންނަށް އެކަނި
ދިރިއުޅެން ދަސްކޮށްދޭން ޖެހޭނެއެވެ. ދިރިއުޅުުމުގެ ހިތާމަތަކާއި ތުރާތަކަށް
ކެތްކުރަން އެނގެންޖެހޭނެއެވެ. މިންވަރަށް ރުހެން ދަސްކޮށްދޭންޖެހޭނެއެވެ.
މައެއްގެ ހައިސިއްޔަތުންނެވެ.
ހިތުގައި ޖެހުނު
ވަރުން އަހަރެންގެ ލަގޮނޑިއަށް ބާރުވިއެވެ. ހީވީ ލަގޮނޑި ކަރުތެރޭގައި ތާށިވަނީ
ހެންނެވެ. ޝާނިފްގެ ބުރަކަށީގައި އަހަރެން ފިރުމާލީމެވެ. އަދި އޭނާގެ ކޮނޑުގައި
ބޯއަޅާލީމެވެ. އަދި ބުނަންފެށީމެވެ. "ދަރިފުޅާއެވެ. ދަރިފުޅުތީ ބޮޑު
ކުއްޖާއެވެ. ވިސްނޭ ކުއްޖާއެވެ. އެއްޗެއް ވިސްނޭ ވަރަށްވުރެ ކަމެއް ކުރެވޭ
ވަރަށްވުރެ ކޮއްކޮމެން ކުޑައެވެ. އެކުދީންގެ މަންމަ އަކަށްވެސް ބައްޕައަކަށްވެސް
ދެންވާން ހުރީ ދަރިފުޅެވެ. ހިއްވަރު ކުރާށެވެ. ހިތާމައިގެ ދުވަހަކީ އަދި މިއަދެއް
ނޫނެވެ. އެދުވަސް އަދި ކުރިޔަށް އޮތީއެވެ. އެކަމަކު މިހިތާމަތަކަށްފަހު ދަރިފުޅުގެ
ހަޔާތުގައިވެސް އުފާވެރިކަމުގެ ފަތިހަކަށް އަލިވިލޭނެއެވެ. އެއީ ޤުދުރަތީ
ޤާނޫނެވެ."
އަހަރެން މިއޮތީ
މަރުގެ ދާނެއްގައެވެ. އުއްމީދު ގެއްލި ދިރިހުރުމާއި މެދު ގޮތް ހުސްވެފައެވެ.
ބަފައިމީހާ މަރުވެފައިވާ ޔަތީމު ތިންކުދީންގެ ހަމައެކަނި އެހީތެރިއަކީ ކަލާންގެ
ފިޔަވައި ދެން އަހަރެންނެެވެ. އަހަރެންނަށް ވިސްނެނީ އަހަރެންގެ ބަލިހާލާއި މެދަކު
ނޫނެވެ. އަހަރެން ނެތްދުނިޔޭގައި އަހަރެންގެ ތިންދަރިން އުޅޭނެ ނިކަމެތި ހާލެވެ.
އެކުދިންނަށް ޖެހޭނެ ދަތިތަކާއި އުނދަގޫތަކެވެ. އެންމެ ބޮޑަށް ވިސްނެނީ،
އަލިފާނެއް ފެނެއް ވަކި ނުވާވަރުގެ ކުޑަކުޑަ ސުނާ އާއި މެދުގައެވެ. ބަލި ހާލު
ހުރިގޮތުން މިހާރުވެސް އަހަރެންނަށް އެކުއްޖާފުޅަށް އެކަށީގެންވާގޮތަށް އަޅައެއް
ނުލެވުނެވެ. އަނިޔާވެރި އެއްގެ އަތްދަށުގައި އެއްފަހަރު އެތުއްތު ދަރިފުޅު
ޝިކާރަވެއްޖެއެވެ. ކުރާނެ ކަމެއް ނެތެވެ. މިންވަރުފުޅުގައި ލިޔެވިގެން ވީ ގޮތެވެ.
ޝާނިފް ބަދިގެތެރެއަށް
ވަދެފައި އިރުކޮޅަކުން ނުކުމެ، ސިޓިންގ ރޫމުތެރޭގައި ހުރި ކުޑަ މޭޒުމައްޗަށް
ސައިހަދަން ފަށައިފިއެވެ. ސްކޫލު ބަންދު ދުވަހަކަށް ވުމުން ޝިނާންވެސް އުޅެނީ
ކޮޓަރިތެރޭގައި ކޮއްކޮ ސުނާ އާއި އެކު ކުޅޭށެވެ. ޝާނިފްގޮސް ކޮއްކޮމެން ގޮވައިގެން
އައިސް މޭޒު ދޮށުގައި އިށީނުމުން ފާރުގައި ހިފަހައްޓަމުން އަހަރެންވެސް ގޮސް މޭޒު
ދޮށުގައި އިށީނީމެވެ. މޭޒުމަތީގައި ހުރި ސައިޖަގާއި ރޮށިތައްޓާއި މަސްހުނި ތަށި
ފެނުމުން އަހަރެންނަށް ދެލޯ މަރާލެވުނެވެ. ހިންދިރުވާ ލެވުނެވެ. ކޮންމެ ރޮއްޓެއް
އިންޑިޔާގެ ޗާޓެއްހެން އޮތް އިރު ގިނަ ރޮށި ހުރީ ތަވާ ދޮންގަދަކަމުން އަނދާފައެވެ.
ޝިނާންވެސް އެތިކޮޅެއް އަނގަޔަށްލާފައި ލީ އެއްލައެވެ. ޝާނިފް ބަލާލީ
އަހަރެންނަށެވެ. ޝަކުވާގެ ނަޒަރަކުންނެވެ.
ރޮށިކޮޅަކާއި އެކު
މަސްހުނި ކޮޅެއް އަހަރެން އަނގަޔަށް ލީމެވެ. މަސްހުނި ގަނޑުގައި ލޮނުހިތި ރަހަލީ
ނަމަވެސް އަދި ރޮށީގައި އެނދިރަހަ ހުރި ނަމަވެސް އަހަރެން ދަރިފުޅަށް
ހިނިތުންވެލާފައި ފުރަތަމަ ފަހަރާއި ބަލާފައި ވަރަށް ރަނގަޅޭ، އަދި ދަސްވާނެއޭ
ބުނީމެވެ. ނުކައި ޝިނާން މޭޒުދޮށުން ދުރަށް ދިޔުމުން އޭނާގެ ފަހަތުން ސުނާވެސް
ކޮޓަރި އާއި ދިމާއަށް ދިޔައެވެ. ޝާނިފް އިނީއެވެ. އަލަމާރިން ލާރި ނަގައިގެންގޮސް
ކައިރި ހޮޓަލަކުން ކާތަކެތި ގަނެ ކޮއްކޮމެންނަށް ކާންދޭށޭ ޝާނިފް ގާތުގައި
ބުނެފައި އޭނާގެ ބޮލުގައި ފިރުމާލާފައި އަހަރެން ގޮސްވަނީ ކޮޓަރިއަށެވެ. އޭރު
ތަޅުން މައްޗަށް އެގޮތް މިގޮތަށް އުކާލެވިފައި ހުރި ކުޅޭއެއްޗެހި ހިފައިގެން ސުނާ
އިނެވެ. ޝިނާން އިނީ ކޮމްޕިއުޓަރު ދޮށުގައި ގޭމްކުޅޭށެވެ.
ފާރުގައި
ހިފަހައްޓަމުން މަޑުމަޑުން ގޮސް އަހަރެން ފާޚާނާއަށް ވަދެ ފެންވަރައި
ތާޒާވެލީމެވެ. މެންދުރު ނަމާދަށް ގޮވާއަޑު އިވެންފެށުމުން އަހަރެން ފާޚާނާއިން
ނުކުތީ ވުޟޫކޮށްގެންނެވެ. ނަމާދާއި ދުޢާ ފިޔަވައި އަހަރެންގެ ހަޔާތުގައި މިއަދު
ހިތްހަމަޖެހުމެއް ނެތެވެ. މައިންބަފައިންނާއި ދެކޮޅަށް ކުރި ކައިވެނީގައި
އުފާވެރިކަން ދެމިއޮތީ މަދު ދުވަސްކޮޅަކަށެެވެ. ހިތާމަޔާއި ހިތްދަތިކަމުގެ ބޯ
ކަޅުވިލާތައް އަހަރެންގެ ހަޔާތުގެ ހަތަރު އުދަރެސްވަނީ ބައްދާފައެވެ.
މީގެ 17 އަހަރު
ކުރިން އަހަރެން ފަޒީލް އައި ކައިވެނިކޮށް މާލެއަށް ދިރިއުޅުން ބަދަލު ކުރީ
މައިންބަފައިންނާއި ދެކޮޅަށެވެ. ބައްޕަ ކައިވެނީގެ ވަލީ ދިނީވެސް ކައިވެންޏަށްފަހު
އަހަރެންނާއި އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމުގައި ބުނެފައެވެ. އެމީހުންނަށް
ފަޒީލް ކަމުނުދިޔައީ ފަޒީލަކީ ބަފައިކަށަވަރު ނުވާ ދަރިއަކަށް ވިޔަތީއެވެ.
ފަޒީލްގެ މަންމައަކީ އުޅުމެއް ނެތް ވިޔާނުދާ މީހަކަށް ވާތީ އެވެ. އެކަމަކު އެއީ
އިންސާފެއް ކަމަށް އަހަރެންނަކަށް ނުދެކެވުނެވެ. ބައްޕަ ނިޔާވީވެސް އަހަރެންގެ
ކައިވެންޏަށް ހަތަރު އަހަރުވެ ދޮށީ ދަރިފުޅުވެސް ލިބުނު ފަހުންނެވެ. މާލެ އަޔަސް
ދުވަހަކުވެސް ކާފަ ދަރިފުޅު ދެކިލާކަށް ބައްޕައެއް ނާދެއެވެ. މިއަދާ ހަމައަށް
މަންމަވެސްް ހުރީ އެގޮތުގައި ހިފަހައްޓައިގެންނެވެ. އަހަރެންގެ ފިރިމީހާ މަގުމަތީގައި
ހިނގި އެކްސިޑެންޓެއްގައި ނިޔާވީ މަންމަ ދަތުރު ވަރެއްގައި މާލެ އައިސް
ހުއްޓައެވެ. އެދުވަހު އެކަން އެނގުމުންވެސް ހުވަފަތްވި ދަރިފުޅުގެ ފިރިމީހާގެ މޫނު
މިދުނިޔޭން އެންމެ ފަހު ފަހަރަށް ދެކެލުމަށްވެސް މަންމަ ނައެވެ. ފެނިދެނިވެ
ބައްދަލުވެ ވާހަކަ ނުދެއްކިއަސް އަހަރެން މަންމަގެ ހާލު ބަލަމެވެ. މީހުން ގާތު
އަހައި އޮޅުން ފިލުވައިގެންނެވެ. އަހަރެންގެ މިބަލި ހާލާއި ދުނިޔޭގައި ހުރުމުގެ
އުންމީދު ގެއްލުމުން މީގެ ހަތަރު މަސްކުރިން މަންމައަށް އަހަރެން ސިޓީއެއް
ލިޔުނީމެވެ. މަޢާފަށް އެދި އެވެ. އެކަމަކު އަހަރެންގެ ދަރީން ބަލައިދޭން މާލެ
އަންނާކަށް އަހަރެން މަންމަގެ ކިބަޔަކުން ނޭދެމެވެ. އެއީ މަންމަ އެމީހަކަށް އެންމެ
ނަފުރަތު ކުރާ މީހާގެ ދަރީންނަކީ މާމަ ދަރީންނަށް ވިޔަސް އެކުދިން ބެލުމަކީ މަންމަ
އަށް ފަސޭހަ ކަމަކަށް ނުވެދާނެތީއެވެ.
އަހަރެންނަށް
އުރަމަތީގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ފަޒީލް ނިޔާވިތާ 6 މަސްދުވަސް
ފަހުންނެވެ. ފަޒީލް ދުނިޔޭގައި ހުއްޓައި އަހަރެން ބަލިވެ އުނދަގޫތައް ވަމުން
އަޔަސް އެކަށީގެންވާ ވަރަށް އެކަމަށް ސަމާލުކަން ނުދެވުނީ، އަތްމަތި
ދަތިކަމުންނެވެ. ފަޒީލްގެ މަންމަ ފަރާތުން އޭނާއަށް ލިބިފައިވާ ކުޑަތަންކޮޅު
ތިންބުރިއަށް ހެދިފައި ހުއްޓަސް ބޭންކަށް ދައްކަން ޖެހޭ ލޯނުގެ ބޮޑުކަމުން ގޭގެ
ކުލިން ލިބޭ އެއްޗަކުން ލޯނުދައްކާފައި ދެކޮޅު ނުޖެސޭތީއެވެ.
އެކި މީހުންދިން
އެހީއާއި ސަރުކާރުގެ އެހީގައި އަހަރެން ފަރުވާއަށް ރާއްޖޭން ބޭރަށްވެސް
ދިޔައީމެވެ. އެކަމަކު އޭރު ވަނީ މާބޮޑަށް ލަސްވެފައެވެ. އަހަރެންގެ ފުރަމެއަށާއި
ކައްޓަށް ކެންސަރު ފެތުރިފައިވާ އިރު ސިކުނޑީގެ ކައިރީގައިވެސް ކެންސަރުގެ
ޓިއުމަރެއް އުފެދި ބޮޑުވަމުން އަންނަ ކަމަށާއި، އަހަރެން މިހުރީ ކެންސަރުގެ އެންމެ
ފަހު ސްޓޭޖާއި ހަމައިގައި ކަމަށް ޑޮކްޓަރު ބުންޏެވެ. އެހެން ކަމުން އިތުރަށް
ހަށިގަނޑަށް ވޭންތަކެއް ދިނުމަށް، ބާރުގަދަ ކީމޯތެރަޕީ ނެގުމާއި، ސާޖަރީތަކެއް
ހެދުމުގެ ބޭނުމެއް ނެތްކަމުގައި ނިންމައި އަހަރެން އެނބުރި މާލެ އައީއެވެ. އޭގައި
އެހެން ސަބަބެއްވެސް އޮތެވެ. އަހަރެންގެ ކުޑަ ތިންކުދިން ބަލައިދޭނެ އެހެން މީހަކު
ނެތުމުން އަހަރެން އެކުދިންގާތުގައި ބެހެއްޓީ ބިދޭސީ އަންހެނެކެވެ. އެކަމަކު
މަހެއްހާ ދުވަސްފަހުން އަހަރެން އެނބުރި މާލެ އައީ، ބިދޭސީ އަންހެންމީހާ އެގެއަށް
ބިދޭސީ އެހެން ފިރިހެނަކު ވައްދާ ކަމާއި، އޭނާގެ ފުށުން ކުޑަކުޑަ ސުނާއަށް ޖިންސީ
ގޯނާއެއް ލިބޭ ކަމަށް، ދޮށީ ދަރިފުޅު ޝާނިފްއަށް ފާހަގަވެ އެވާހަކަ ދަރިފުޅު
އަހަރެންގާތުގައި ބުނި ހިސާބުންނެވެ.
ފަޒީލް އާއި
އެއްބަޑު އެހެންމީހުން މިގެއާއި އެއް އިންވެގެން އުޅުނަސް އަހަރެމެންގެ ކުދީންނަށް
އެމީހުން ލޮލުކޮޅުންވެސް ބަލާ ނުލާނެއެވެ. ކުދީންގެ ބައްޕަގެ މައްޗަށް އޮތް
ނަފްރަތާއި ހަސަދައަށް ވުރެ އެމައުސޫމު ކުދިންނަށް އެމީހުން ކުރާ ނަފުރަތުވެސް
ބޮޑީ ކަންނޭނގެއެވެ.
އަހަރެންގެ
އުމުރުގައި ތަންނެތުމާއި އެކު، އަދި އަހަރެންގެ ކުދީން ބަލައިދޭނެ އިތުބާރު
ކުރެވޭނެ މީހަކުވެސް ނެތުމާއި އެކު އަހަރެންގެ އެންމެ ކުޑަ ދެކުދިން ދައުލަތާއި
ހަވާލުކުރުމަށް އަހަރެން ޖެންޑަރމިނިސްޓްރީ އަށް ހުށައެޅިތާވެސް އެތައް
ދުވަހެއްވެއްޖެއެވެ. އެމީހުންގެ ބަހަކީ ކުޑަކުދިންގެ ހިޔާގައި ޖާގަނެތް ކަމަށެވެ. އެކަމަކު
އަހަރެންގެ ދަރީންގެ ޝަރުއީ ވާރިސަކު މިއަދަކު ނެތެވެ. ވީއިރު ދައުލަތް ފިޔަވައި
އެކުދިންގެ ހައްޤާއި ބަލަދު އަރާނެ ފަރާތެއް ނެތީއެވެ.
ފާރުގައި
އަތްވިއްދަމުން މަޑުމަޑުން އައިސް އަހަރެން ޤިބުލައަށް ކުރިމަތިލައި އެނދުގައި އޮށޯވެލީމެވެ.
އެވަގުތު އާދަޔާ ޚިލާފް ލުއިކަމެއް މުޅި ހަށިގަނޑަށް އިހްސާސްވެގެން ދިޔައެވެ.
ނަމާދުކޮށް ނިމުނު އިރު އާދަޔާ ޚިލާފް ހިތްހަމަޖެހުމަކާއި، ލުއިކަމެއް އަހަރެންނަށް
ލިބިއްޖެއެވެ. ބަޔާންކޮށްދޭން ނޭނގޭ އުފާވެރިކަމެއް ހިތުގައި އުފެދިއްޖެއެވެ.
އަހަރެންގެ ނަމާދާއި ދުޢާތައް ޤަބޫލު ކުރައްވައި ﷲ ތަޢާލާގެ ހަޟުރަތުން އަހަރެން
ގެ ހިތަށް ހިތްހަމަޖެހުން ބާވައިލެއްވީ ކަމުގައި އިހްސާސް ވާންފެށިއެވެ. އެއީ
އަހަރެންގެ ދަރީންގެ މައްޗަށް ކަލާންގެ ރަހުމަތް ވާކަމުގެ އިހްސާސް ތަކެއް ކުުރުވި
އިލްޙާމެކެވެ.
ކޮޓަރީގެ ތެރެއަށް
ވަދެގެން އައި ދޮށީ ދަރިފުޅު ޝާނިފް އަހަރެންގެ ލޮލަށް ފެނުނީ ފުސްކަމެއްގެ
ތެރޭންނެވެ. އޭނާ އައިސް އަހަރެންގެ ގާތުން އެނދުގެ މަގަތުގައި އިށީނެވެ. އަދި
މަންމާއޭ މިއައީ ސައިބޯ އެއްޗެހި ގަނެގެންނޭ ބުންޏެވެ. ދަރިފުޅު ޝާނިފް އަހަރެންގެ
ގާތުގައި އިނަސް އަހަރެންނަށް ހީވަނީ އެއަޑު އަންނަނީ ވަރަށް ދުރުން ހެންނެވެ.
ޝާނިފް އަހަރެންގެ މޫނަށް ބަލާލާފައި ފެށީ ރޯށެވެ. އަހަރެން ދަރިފުޅުގެ އަތުގައި
ހިފާލީމެވެ. އަދި ބުނަން ފެށީމެވެ. "ދަރިފުޅާއެވެ! ދަރިފުޅު މެންނަށްޓަކައި
ކޮންމެވެސް މީހަކު މިގެއަށް އެބައަންނަކަމުގައި މަންމައަށް އެބަ އިހްސާސްވެއެވެ.
އެއީ މަންމަ ފަދަ މީޙެއްކަން ޔަޤީނެވެ. ދަރިފުޅާއެވެ. ދަރިފުޅުތީ ބޮޑު
ކުއްޖާއެެވެ. ހިއްވަރުގަދަ ކުއްޖާއެވެ. ދުނިޔެއަކީ މުސީބާތުން ހުސްވެގެންވާ ތަނެއް
ނޫނެވެ. ކޮންމެ ހިތާމައަކާއި މުސީބާތަކަށް ފަހުގައި ހާސް ނިއުމަތްތައް ވާނެއެވެ. ދަރިފުޅުމެންގެ
ޅައުމުރުގައި މަންމަ އާއި ބައްޕަ ނިޔާވުމަކީވެސް ނިއުމަތެއް ކަމުގައި ދެކޭށެވެ.
އެއީ މައިންބަފައިންނަށް އުރެދެވުމުގެ ފާފައިން ދަރިފުޅުމެން މިންޖުކޮށްދެއްވުމަށް
ލެއްވި ރަޙުމަތެއް ކަމުގައި އީމާންވާށެވެ. ދަރިފުޅާއެވެ. ސުނާ ކޮއްކޮ ސަރުކާރާއި
ހަވާލު ކުރާށެވެ. ކުޑަކުދިންގެ ހިޔާއަށް ފޮނުވާށެވެ. މަންމައަށް ހީވަނީ ކޮއްކޮ
ބަލައި ވަރަށް އަވަހަށް އެމީހުން އަންނާނެ ހެންނެވެ. ކޮއްކޮ ހިޔާގައި ހުރެ
އަމިއްލައަށް އުޅެވޭ ވަރުގެ ބޮޑުކުއްޖަކަށް ވީމާ އަނބުރާ ގެއަށް ގެންނާށެވެ.
މިގެއަކީ ދަރިފުޅުމެންނަށްޓަކައި ދަރިފުޅުގެ ބައްޕަ ދޫކުރި ހަމައެކަނި ތަރިކައެވެ.
މީހަކު ކިތަންމެ ބޮޑު އަގެއް ހުށައެޅި ނަމަވެސް މިތަން ވިއްކާ ނުލާށެވެ.
އެއްދުވަހަކުން ދަރިފުޅުމެން ތިންކުދީން ބޮޑުވެ، މިގޭގައި އުފަލުގައި
ތަނަވަސްކަމުގައި އުޅޭނެެއެވެ."
އަހަރެން ވާހަކަ
ދައްކަމުން ދިޔައިރު ޝާނިފް ދިޔައީ ރޮމުންނެވެ. އަހަރެންގެ ބަލިހާލާއި އަހަރެން
ގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެ ކަމާއި، ހިތާމަތަކަށް ކެތްކުރަންޖެހޭނެ ކަން
އަހަރެން އޭނާއަށް ވާނީ ވިސްނައި ދީފައެވެ. މައިންބަފައިންނެތި މިދުނިޔޭގައި
ޔަތީމު ހާލު ޖެހެނީ ހަމައެކަނި އެކުދިންނަށް ނޫންކަމާއި، ޔަތީމު ހާލާއި،
ދަތިހާލުގައި ޅައުމުރު ހޭދަކޮށް ފަހުން އުފާ ފާގަތި ކަމުގައި ދިރިއުޅުނު އެތައް
ބައެއްގެ ވާހަަކަތައްވެސް ވާނީ ކިޔައިދީފައެވެ. ދުނިޔޭގެ ދުޅަ އެދަރިފުޅަށް
ދަސްކޮށްދިނުމަށެވެ.
ޝާނިފް
އަހަރެންގާތުގައި އިނދެ ރޯންފެށުމުން ސުނާއާއި ޝިނާންވެސް އައިސް އެނދުގެ
ބޯލާކޮޅަށް އަރައިފިއެވެ. ކަށިން ހިއްވަރު ނެރެ، އަތް އުފުލާލާފައި އަހަރެން
ވަކިވަކިން ކޮންމެ ކުއްޖެއްގެ މޫނުގައި ފިރުމާލީމެވެ. ވަދާޢީ ސަލާމެއްގެ
ގޮތުންނެވެ. އަހަރެން މިދުނިޔޭން ދެކޭ އެއްމެ ފަހު އެއްޗަކީ އަހަރެންގެ
ތިންދަރީންނާއި ލޮބުވެތި މަންމަގެ މޫނު ކަމުގައި ލެއްވުން އެދި އަހަރެން ތާޢަބަދު
ދުއާކުރީމެވެ. ހަށިގަނޑުން ވަރު ހުސްވަމުން ނޭވާ އުފުރެމުން ދިޔައިރު އަހަރެންގެ
ތިންކުދިން ތިބީ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ރޯށެވެ. އަހަރެން ނުރޯށޭ ބުނެ
ބޯހޫރާލައި ކުދީންނަށް އިޝާރާތް ކުރީމެވެ. ނަމަވެސް އަހަރެން ޝަހާދަތް
ކިޔަންފެށުމާއި އެކު، ޝާނިފް ރޮއިގޮތުމާއި އެކު ތިންކުދިންވެސް އަޑުން އަޑުނަގައި
ރޮއިގަތެވެ. ހަށިގަނޑުން ބާރު ދޫވެ ބޯއަރިވެގެންދިޔަ ވަގުތު އަހަރެންގެ
ފުސްވެފައިވާ ދެލޮލަށް ފެނުނީ ކޮޓަރީގެ ތެރެއަށް ވަދެގެން އައި އަހަރެންގެ
މަންމައެވެ. އަހަރެންގެ ދަރީންނަށްޓަކައި ﷲ ފޮނުއްވި ރަޙުމަތެއްގެ އިތުރުން
މިދުނިޔޭން އެންމެ ފަހު ފަހަރަށް އަހަރެންދެކޭ އެއްޗަކީ އަހަރެންގެ މަންމަގެ
މޫނުކަމުގައިވެސް ވީއެވެ. މަންމަ އަށް ހިނިތުން ވެލުމާއި އެކު އަހަރެންނަށް އެންމެ
ފަހުގެ ނޭވާ ދޫކޮށްލެވުނެވެ. އަހަރެންގެ ތިންކުދިންގެ ރުއިމުގެ އަޑާއި މަންމަ
އަހަރެންނަށް ގޮވާއަޑު މަޑުމަޑުން ފޭދި އޮބިގެއްލިގެން ހިނގައްޖެއެވެ.
******
No comments:
Post a Comment