އެންމެކުށަކުން ... އެހެނަސް މުޅި އުމުރަށް
ހޮސްޕިޓަލުން
އައިގޮތަށް ފަޒީނާ ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަތްގޮތަށް ފެންމާގަނޑާއި
އިސްކުރު ދޫކޮށްލިއެވެ. ފެންތައް އޭނާގެ ބޮލަށް އޮހެމުން އިސްތަށިގަނޑާއި ހެދުން
ތެންމަމުން ދިޔައެވެ. މާގަނޑުދަށުގައި ހުރެ ފަޒީނާ ދިޔައީ ރޮމުންނެވެ.
އޭނާބޭނުންވާނީ ފެންވަރާށެވެ. ހަށިގަނޑުގައިވާ މިލަތައް ފިލުވާކަށެއް ނޫނެވެ.
އޭނާގެ ފާފަތަށް ދޮވެވި ދާންދެންނެވެ. އޭނާގެ ހަށިގަނޑުން ބަލިމަޑުކަން
ފިލާންދެންނެވެ. އެކަމަކު އެއީ ވާން އޮތް ކަމެއް ނޫންކަން ޚުދު ފަޒީނާއަށްވެސް
އެނގެއެވެ. ކިތަންމެ ރުޔަސް އަދި ތައުބާވެ އަސްތަޣުފާރު ކުރިޔަސް ވެދިޔަކަމެއް
ބަދަލެއް ނުކުރެވޭނެއެވެ. އެދުވަސް އޭނާއަކަށް އަނބުރާ ނުގެނެވޭނެއެވެ. އެހެނީ
އޭނާއަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މުޅި އުމުރަށް ހަޔާތް ބަރުބާދުވީއެވެ.
އުފާތައް ގެއްލުނީއެވެ. އޭނާ އަށް އެކަންޏެއް ނޫނެވެ. ލޯބިވާ ދަރީންނަށާއި
ފިރިމީހާއަށްވެސް މެއެވެ. ރުއިން ފިޔަވައި ފަޒީނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ވީކަމެއް
ވެ ނިމި ހިނގައްޖެއެވެ. ދެން އޮތީ އެކަމުގެ ސަޒާއާއި ކުރިމަތި ލުމެވެ. މިދުނިޔެއާއި
އާޚިރަތުގައިވެސް މެއެވެ.
މާގަނޑުގެ ދަށުގައި
ހުރެ ފަޒީނާ ގިސްލައި ރޮމުން ދިޔައެވެ. އޭނާގެ އެންމެ ހަނދާންނެތި ވުމަކުން މުޅި
ދިރިއުޅުން އޮޔާދިޔައީއެވެ. ކުޑަދެކުދިންގެ މުސްތަޤުބަލް ބަނަވީއެވެ. އޭނާގެ
އެފާފައިގެ ސަބަބުން އޯގާތެރި ވަފާތެރި ފިރިއެއްގެ އަބުރުގެ ދާވަނީ ހުތުރު
ލައްގަނޑެއް ޖެހޭނެއެވެ. ކުށެއްނެތި މިދުނިޔޭގައި މީސްތަކުންގެ ކުރިމަތީގައި އޭނާ
ބަދުނާމްވާނެއެވެ. މަލާމާތުގެ ބަސްތައް އޮހޭނެއެވެ. ނަފްރަތުގެ ކަޅިއެޅުންތައް
އަމާޒުވާނެއެވެ. މީހުން ހާދަ އެއްޗިއްސެއް ކިޔާނެއެވެ. ހާދަ ފާޑުފާޑުގެ ވާހަކައެއް
ދައްކާނެއެވެ. އެކަމަކު ފިރިމީހާ ޝަބީންގެ ކުށެއް އެކަމުގައި ނެތްކަން އެންމެ
ރަނގަޅަށް އެނގެނީ ފަޒީނާއަށެވެ.
ފަޒީނާއަށް ވިސްނެނީ
ޝަބީން އާއި މެދުގައެވެ. އެޚަބަރު ލިބުމުން ޝަބީން ކަންތައް ކުރާނެ ގޮތަކާއި
މެދުގައެވެ. ޝަބީން ފަޒީނާ ވަރިކޮށްލިޔަސް ދެކުދިން އަތުލައިގެން ދިޔަޔަސް
އެކަމުގައި ފަޒީނާއަށް ކުރެވޭނެ ޝަކުވާއެއް ނެތެވެ. ސަބަބަކީ ކުށްކުރެވުނީ
އޭނާއަށެވެ. ވީއިރު އެކުށުގެ އަދަބު އޭނާ ލިބިގަންނަން ޖެހޭނެއެވެ. މިއަދު ނުވަތަ
މާދަމާ ނަމަވެސް އޭނާ އެފާފައިގެ ކައްފާރާ އަދާކުރަންޖެހޭނެއެވެ. އެކަމަކު އެއިން
އެއްވެސް ކަމަކުން ވާނެ ފައިދާއެއް ދެނެއް ނެތެވެ.
ފަޒީނާގިސްލަމުން
ދިޔައެވެ. އޭނާ ބޭނުންވަނީ ހިތްފުރެންދެން ރޯށެވެ. އެކަމަކު މަރުވެދާންދެން ފަޒީނާ
މިކަރުނަ އެޅިޔަސް ހިތަކަށް ހަމަޖެހުމެއް ލިބުމެއް ނެތްކަން އޭނާއަށް އެނގެއެވެ.
ހަށިގަނޑުން ހަމަ މިވަގުތު ފުރާނަ ވަކިވެދާނެ ނަމައޭ އޭނާގެ ހިތަށް އަރައެވެ.
އެކަމަކު ކުޑަދެކުދީންނާއި މެދު ވިސްނާލެވުމާއި އެކު އޭނާގެ ރުއިންވީ އިތުރެވެ.
އޮފީހުގައި އުޅެފައި
ޝަބީން ގެއަށް އައިސް ވަތް އިރު ދޮށީ ދަރިފުޅު ފަރީން އިނީ ޓީވީ ހުޅުވައިގެން
ސިޓިންގ ރޫމުގައި ކާޓޫނު ބަލާށެވެ. ކުޑަދަރިފުޅު ފަޒްލީން ޓައިލްސްތައް މަތީގައި
ޕަޒްލްއެއް ރާވަން މަސައްކަތްކުރަނީއެވެ. ދޮށީދަރިފުޅު ފަރީން ގާތު މަންމަ
ކޮބައިތޯ އެހުމުން ފާހާނާގައި ކަމަށް ބުންޏެވެ. އެހެން ކަމުން ކޮޓަރިއަށްވެސް
ނުވަދެ ސިޓިންގ ރޫމުގެ ޓައިލްސްތައް މަތީގައި ފަޒްލީން ގާތުގައި ޝަބީން އިށީނެވެ.
ޕަޒްލް ރޭވުމުގައި ދަރިފުޅަށް އެހީތެރި ވެދޭށެވެ. ފަސްއަހަރުގެ ފަރީން
އިރުއިރުކޮޅާ ކާޓޫނުގައި ވާގޮތުން ހީގަނެއެވެ. އެއިން ކޮންމެ ފަހަރަކު ޝަބީން
އަށާއި ތިންއަހަރުގެ ކުޑަކުޑަ ފަޒްލީންއަށްވެސް ޓީވީއާއި ދިމާއަށް ބަލާލެވެއެވެ.
ކުދިންގެ އުފާވެރި ސަކަ އުޅުން ފެނިފައި ޝަބީންވެސް ހީލިއެވެ. ދިރިއުޅުމުގައި ދެން
އޮތީ ހިތާމަޔާއި ރުއިމުގެ ދުވަސްތައްކަން އެތުއްތު ދެކުދިންނަށާއި ޝަބީންއަށް
އެނގޭނީ ކިހިނެއްހެއްޔެވެ؟
ފަޒީނާގެ ޚަބަރެއް
ނުވެ ގިނަ އިރުވެގެން ޝަބީން ކޮޓަރިއަށް ވަނެވެ. އޭރު އިސްކުރާއި މާގަނޑުން
ފެންފައިބާ އަޑު އިވެމުން ދިޔައެވެ. އެއަޑު ތަކުގެ ތެރޭން ފަޒީނާގެ ގިސްލުމުގެ
އަޑު ދެނެގަންނާކަށް ޝަބީނަކަށް ނޭނގުނެވެ. އެހެނީ ފަޒީނާ ފާޚާނާތެރޭގައި ހުރެ
ރޮއެފާނެކަން ވިސްނާލަންވެސް އޭނާއަށް ނޭނގޭތީއެވެ. ސަބަބަކީ ކައިވެނީގެ ފުރަތަމަ
ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެމީހުން ދިރިއުޅެމުން އައީ އުފާވެރި
ހަމަޖެހޭ ދިރިއުޅުމެއް ކަމުގައި ވާތީއެވެ.
ދޮރުގައި ޖަހާލާފައި
ޝަބީން ގޮވާލި އަޑު އިވުމުން ފަޒީނާ ދިޔައީ ސިއްސައިގެނެވެ. ވައްކަންކުރަން އުޅުނު
ވަގަކަށް މީހެއްގެ ހިލަމެއް ވުމުން ތެޅިގަނެވޭގޮތަށް ފަޒީނާއަށް ތެޅިގަނެވުނެވެ.
މޭގައި އަތްއެޅުމަށްފަހު އަނެއް އަތުން މާގަނޑު ބާރުކޮށްލިއެވެ. އަދި ފެންއިސްކުރު
ބާރުކޮށްލުމަށްފަހު މިނުކުންނަނީއޭ ބުންޏެވެ. ތެތްއެއްޗެހި ބާލައި ގަޔާއެކު ތުވާލި
އޮޅާލައިގެން ފަޒީނާއަށް ނުކުމެވުނީ އިރުކޮޅަކުންނެވެ. އޭރު ޝަބީން އޮތީ
އެނދުމަތީގައި ބަންޑުން އޮށޯވެގެން ފޯނާއި ކުޅޭށެވެ.
"ކީއްތަ ތިކުރީ
އެހާއިރުވަންދެން ފާހާނާތެރޭގައި" ޝަބީން އެހިއެވެ.
"ފެންވަރާލީ"
އަޑުގައި ހުރި ހިތާމައިގެ ގޮތް ކަނޑުވާލައި އުފާވެރި ހިނިތުންވުމެއް ދެއްކޭތޯ
މަސައްކަތްކުރަމުން ފަޒީނާ ބުންޏެވެ.
"މިގަޑީ
ތިފެންވެރީ. ރޯގާޖެހިދާނެނު" ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ޝަބީން
ބުންޏެވެ. ޝަބީން އެސުވާލުކުރީ އެހެންނާ ފަޒީނާއަކީ އިރުއޮއްސޭ ދަޅަމައްޗަށް
ފާޚާނާއަށް ވަދެ ފެންވަރާމީހަކަށް ނުވާތީކަން ފަޒީނާއަށް އެނގެއެވެ. ފަޒިނާ
ހެދުންލަމުން ދިޔައިރު ފާޑަކަށް ހީގަނެގެން އޮވެ ވައްކަޅިއަކުން ޝަބީން ބަލަމުން
ދިޔަކަން ފަޒީނާއަށް އެނގެއެވެ. ޝަބީންގެ އެފަދަ ބެލުންތަކުން މީގެކުރިން
އުނދަގުލެއް ނުވިޔަސް މިފަހަރު ފަޒީނާއަށް އުނދަގޫވެއްޖެއެވެ. ހިތުގައި
ޖެހިއްޖެއެވެ. އަލަމާރީގެ ދޮރުފަތުގެ ބިއްދަށުގައި އޭނާ ނިވާވެލިއެވެ.
ޑްރެސިންގެ ޓޭބަލް
ކައިރިއަށް ހުއްޓި އިސްތަށިގަނޑުން ތުވާލި ނައްޓާލުމަށްފަހު ފެންތިކި ތަޅަތަޅާ އޮތް
އިސްތަށިގަނޑުގައި ފަޒީނާ ފުނާ ހާކާލިއެވެ. އެވަގުތު ފުރަގަހުން އައިސް ޝަބީން
ފަޒީނާގެ ގައިގައި ބައްދާލުމަށްފަހު ކަންފަތްދޮށުގައި ހާދަ މީރުވަސް ދުވައޭ
ބުނެލިއެވެ. ޝަބީންގެ އެއަމަލުން ފަޒީނާއަށް ލިބުނީ ސިހުމެކެވެ.
"އައްދޭ ލޯ
ހާދަރަތްވެ ދުޅަވާގޮތްވެފަ ތިހިރީ" ލޯގަނޑުން ފެންނަށްހުރި ފަޒީނާގެ މޫނަށް
ބަލާލާފައި ޝަބީން އެހެން ބުނުމުން ފަޒީނާ ތުވާލި ނަގައި މޫނުފޮހެލިއެވެ.
"ލޮލަށް ޝޭމްޕޫ
އެޅުނީ" ފަޒީނާ ފުރަތަމަ ފަހަރަށް ޝަބީންއަށް ދޮގެއް ހެދިއެވެ.
"ހިނގާ
ޑޮކްޓަރަށް ދާން" ޝަބީން ހުށައެޅިއެވެ. ފަޒީނާ ބޯހޫރާލިއެވެ. ނޫނެކޭ ބުނުމުގެ
ގޮތުންނެވެ. ފަޒީނާއަށް ކިތަންމެ ކުޑަކަމެއް ވިޔަސް ޝަބީން ވަރަށް
ކަންބޮޑުވާނެއެވެ. އެކަން ހަމަރަނގަޅަށް ފަޒީނާއަށް އެނގެއެވެ.
"ކީއްކުރަން
މިއަދު ޑޮކްޓަރަށް ދައްކަން ދިޔައީ، މަށަށް
އަންގާވެސް ނުލާ" ޝަކުވާގެ ރާގަކަށް ޝަބީން ބުންޏެވެ. ފަޒީނާއަށް
އަނެއްކާވެސް ތެޅިގަނެވުނެވެ. ޝަބީންއަށް އެނގުނީ ކިހިނެއްބާވައެވެ. ފަޒީނާ އައީ
އެވާހަކަތައް ޝަބީންއަށް ނޭންގުމަށް ޑޮކްޓަރުގާތުގައި އެދިފައެވެ.
ރަނގަޅުވަގުތެއްގައި ޝަބީނަށް ހަޤީޤަތް ހާމަކޮށްދޭނެކަމަށް ވަޢުދުވެފައެވެ.
"ބަނޑު
ބޮޑީތަ؟" ޝަބީން ސުވާލު ކުރިއެވެ. ފަޒީނާއަށް ރޮވުނެވެ. އަދި އެނބުރި
ޝަބީންގެ ގައިގައި ބައްދައިގަތެވެ. ޝަބީންގެ މޭގައި ބޯއަޅައިގެން އޮވެ
ރޯންފެށިއެވެ. އޭނާއަށް ކުށެއް ކުރެވިއްޖެއެވެ. ކުށެއް ނޫނެވެ. ބޮޑުފާފައެކެވެ.
އެކަމަށް ޝަބީން މަޢާފް ނުކުރާނެކަން ފަޒީނާއަށް ޔަޤީނެވެ. އެއީ އެއްވެސް
ފިރިއަކަށް އޭނާގެ އަނބިމީހާއަށް މައާފް ކުރެވޭ ވަރަށްވުރެ މާބޮޑު ކުށެކެވެ.
މާބޮޑު ޚިޔާނާތެކެވެ. އެޚަބަރު ލިބިއްޖެނަމަ ޝަބީންއަށް ވެދާނެގޮތަކާއި ދޭތެރޭ
ކުރިންވެސް ފަޒީނާއަށް ވިސްނުނެވެ. އެކަމަކު މިއަދު މިއޮތީ އެއަށްވުރެ މާބޮޑަށް
ވިސްނަންޖެހިފައެވެ. މިހެން ވެދާނެކަމަކަށް ފަޒީނާ ހިއެއް ނުކުރެއެވެ. އޭނާ ހީކުރީ
އެކަން އެހިސާބުން އެނިމުނީ ކަމަށެވެ. އެއީ ނުވާކަމެއްގެ ގޮތުގައި ހަޔާތުގެ
ޑައިރީގެ ސިއްރުކަނެއްގައި ލިޔެވިފައި ބޭއްވިދާނެކަމަށެވެ. އެކަމަކު އެހެނެއް
ނޫނެވެ. ތަޤުދީރު އޭނާ ގެނެސް އެވައްޓާލީ އެއަށްވުރެ ފުން އަދަވަޅަކަށެވެ.
ސަލާމަތެއް މިންޖެއް ވެވުން ނެތް ތާއަބަދުގެ އަނދަވަޅަކަށެވެ. އެއަނދަވަޅަށް
ފަޒީނާއާއި އެކުގައި ޝަބީންވެސް ވެއްޓިފައި ވާނެކަން ފަޒީނާއަށް ޔަޤީނެވެ.
"އޭތް ރޮނީތަ؟
އެއީކީ ކަމެއް ނޫނޭ. ކިޑެއް ލިބެންޏާ އުފަލެއްނު ވާންވީ، ކުޑަކުޑަ ތިން ކުދިން، ކިހާމަޖާވާނެ" ޝަބީންއަށްވީ މަޖަލަކަށެވެ. ފަޒީނާ
އެއްޗެކޭ ނުބުންޏެވެ. އިރުކޮޅަކުން ދެލޯ ފޮހެލާފައި އޭނާ ޝަބީން އާއި ދުރަށް
ޖެހިލިއެވެ.
ޝަބީން ނިންމީ ފަޒީނާ
އަނެއްކާވެސް ބަލިވެ އިނީކަމަށެވެ. އޭނާގެ މޫނުމަތީގައި ލާނެތް ހިނިތުންވުމެއް
ހުއްޓަސް އޭނާގެ ސިކުނޑީގައި ސުވާލުތަކެއްވެސް އުފެދުނެވެ. ފަޒީނާ ބަނޑުބޮޑުވީ
ކީއްވެބާވައެވެ؟ ދޭތެރެ ދުރުކުރާ ވަސީލަތްތައް އެމީހުން ބޭނުންކުރިއެވެ. އެކަމަކު
އެތަކެއްޗަކީވެސް ސަތޭކަ ޕަސެންޓް ގެރެންޓީއެއް އޮތް އެއްޗަކަށް ނުވީތާއޭ ޝަބީންގެ
ހިތަށް އެރިއެވެ.
ޝަބީން ނުކުތުމުން
އަނެއްކާވެސް ފަޒީނާއަށް ގިސްލެވެން ފެށުނެވެ. އެރުއިމަކަށް ދެން ހުއްޓުމެއް
ނެތެވެ. އެކަރުނައަކަށް ނިމުމެއް ނެތެވެ. އެކަން އެނގެނީ ފަޒީނާއަށެވެ. ދެން
ޑޮކްޓަރަށެވެ. އެއްދުވަހަކުން އެކަން ޝަބީންއަށްވެސް އަންގަންޖެހޭނެއެވެ. ނުވަތަ
އެނގޭނެއެވެ. އެއީ ސިއްރު ކުރެވޭ ވަރަށްވުރެ މާބޮޑު ކަމެކެވެ. ފަޒީނާއަށް ވިސްނެނީ
އެދުވަހަކުން ވާނެގޮތަކާއި މެދުގައެވެ. ކަންއޮތީ ވެނިމިފައެވެ. ދެންއޮތީ
ހަޤީޤަތާއި ކުރިމަތިލައިގެން ދިރިއުޅުމާއިގެން ކުރިޔަށް ދެވޭތޯ ބެލުމެވެ. އެކަމަކު
އެއީ އެކަނި ގިނިކަންޏާ އުފުލޭވަރަށްވުރެ މާބޮޑު ބުރައެކެވެ. ހިތާމައެކެވެ.
ފަޒީނާގެ ސިކުނޑީގައި
އެނބުރެމުންދިޔައީ އެރޭގެ ހަނދާންތަކެވެ. އޮފީސްދަތުރެއްގައި އޭނާ ލަންކާއަށް
ދިޔައީ އެދަތުރުގައި ކޮންމެހެންވެސް ދާންބޭނުން ވެގެންނެވެ. އޭނާގެ ވަޒީފާގެ
ކުރިއެރުމާއި މަސައްކަތަށް އެދަތުރަކީ މުހިއްމު ދަތުރަކަށް ވިޔަތީއެވެ. އެކަމަކު
އެދަތުރަކީ ފަޒިނާއާއި ޝަބީންގެ އުފާވެރިހަޔާތުގައި ނިމުމުގެ އަބަދީ ސިއްކަޖެހޭނޭ
ދަތުރުކަމުގައި ވިސްނިފައި އޮތްނަމަ ފަޒީނާ އެދަތުރަކު ނުދިޔައީހެވެ.
ފަޒްލީންއަށް އޭރު
ކިރިޔާ އަހަރެއްވީއެވެ. އެހެންކަމުން ފަޒީނާ އެދަތުރުދާން ޝަބީން އެހާ
ޤަބޫލެއްވެސް ނުވިއެވެ. ދެސަބަބަކާއި ހެދިއެވެ. އެއްސަބަބަކީ ފަޒްލީން
ކުޑަކަމުންނެވެ. އަނެއް ސަބަބަކީ އޭނާއަށް ފެނުނު ބިރުވެރި ހުވަފެނެކެވެ.
ޝަބީންއަށް ހުވަފެނުގައި ފެނުނީ ފަޒީނާ ވަރަށް ބަލިވެގެން ލަންކާގެ
ހޮސްޕިޓަލެއްގައި ބާއްވާފައި އޮތަތީއެވެ. ވީ ކޮންބައްޔެއްކަމެއް ހުވަފެނުގައި
އޭނާއަކަށް ނޭނގުނެވެ. އެއީވެސް ނަޞީބެކޭ ފަޒީނާގެ ހިތަށް މިހާރު އަރައެވެ. އެއީ
ޝަބީނަކީ ނުހަނު ހުވަފެން ސީދާ މީހަކަށް ވާތީއެވެ. ޝަބީނަށް ނޭނގުނަސް އެހުވަފެން
ސީދާވެއްޖެކަން މިއަދު ފަޒީނާއަށް އެނގެއެވެ.
އެރޭގެ ހާދިސާތައް
ފަޒީނާގެ ސިކުނޑީގައި އެނބުރިގަތެވެ. ރަމޭޝްއާއި ދިމާވި ގޮތެވެ. އެދެމީހުންގެ
ދެމެދުގައި ހިނގި ސިއްރުގުޅުމެވެ. ހޮޓަލުގައި ފަޒީނާއާއި އެކު އޮފީހުގެ އެހެން
ތިންކުއްޖަކުވެސް ތިއްބެވެ. އެކަމަކު އެއިން ކޮންމެ މީހަކު ތިބީ ވަކިން
ކޮޓަރިއެއްގައެވެ. ފުރިހަމަ މިނިވަންކަން މަތީގައެވެ. އެދުވަހު ފަޒީނާއާއި
އެކުގައި އައި އަނެއް ދެކުދިން ދިޔައީ ނޫރައްލިޔާ ބަލާލާށެވެ. ފިނިގަދަ
ތަނަކަށްވުމާއި ކުޑަކޮށް ރޯގާ ވައްތަރު ވެފައި ހުރުމުގެ އިތުރުން ނޫރައްލިއްޔާއަކީ
ޝަބީންއާއި އެކު އެތައްފަހަރަކު ފަޒީނާއަށް ދެވުނު ތަނަކަށްވާތީ އެދުވަހު
އެމީހުންނާއި އެކު ނުގޮސް ފަޒީނާ ހޮޓަލުގައި މަޑުކުރީއެވެ. އެދެމީހުން ދިޔުމުން ވީ
ފޫހީގައި އެމީހުންނާއެކު ދެވުނު ނަމަ ރަނގަޅޭވެސް ފަޒީނާގެ ހިތަށް ފަހުން
އެރިއެވެ. އޭރު އެމީހުން މާލެ ފުރަން އޮތީ ދެދުވަހަށް ވެފައެވެ.
ހޮޓަލުން ނުކުމެފައި
ކުޑައިރުކޮޅެއްގެ ތެރޭގައި ފަޒީނާ ކޮޓަރިއަށް އައީ ފާޚާނާއަކަށް ދާން
ބޭނުންވެގެންނެވެ. އޭރު އެހޮޓަލުގައި ރޫމްބޯއީއެއްގެ ގޮތުގައި މަސައްކަތްކުރާ ރަމޭޝް
ކޮޓަރިއާއި ފާޚާނާ ސާފުކުރުމުގައި އެތެރޭގައި އުޅޭކަމެއް ފަޒީނާއަކަށް ނޭނގެއެވެ.
ފަޒީނާ ވަތްގޮތަށް ކޮޓަރިތެރެއަށް ސަމާލުކަމެއް ނުދީ ގޮސް ހުޅުވާލީ ފާޚާނާގެ
ދޮރެވެ. އޭރު މޫނު ދޮންނަ ތަށި ސްޕަންޖް ގަނޑަކުން ސާފުކުރަން ރަމޭޝް ހުއްޓެވެ.
ފަޒީނާ ދިޔައީ ސިއްސައިގެންނެވެ.
ރަމޭޝްހުރީ ގަމީސް
ބާލައިގެންނެވެ. ބާރު ފަޓުލޫނުގައި ހުރި އިރު އޭނާގެ ފިރިހެންވަންތަ ސިފަތައް
ހާމައަށް ފެންނަން ހުއްޓެވެ. ދޮން ހަށިގަނޑެކެވެ. ފުޅާ ބައިމައްޗެކެވެ. ތަނަވަސް
މޭމައްޗެކެވެ. ފަޒީނާ ލަދުގަތެވެ. ރަމޭޝްވެސް ސޮރީއޭ ބުންޏެވެ. ރަމޭޝް ނުކުންނަށް އައުމުން
ފަޒީނާވެސް ފާޚާނާދޮރުމަތިން ދުރަށްޖެހިލި ވަގުތު ފައިފުހި މަތިން ކައްސާލިއެވެ. ފަޒީނާ
އަރި އަޅާލިވަގުތު ރަމޭޝް ފަޒީނާގެ ގައިގައި ހިފެހެއްޓިއެވެ. އެކަމަކު ދެމީހުން
އެކުގައި ކޮޓަރިތެރެއަށް ވެއްޓުނީއެވެ. ދެންދިޔައީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ.
ދެހަށިގަނޑުގެ ނޭވާ އެއްނޭވާއަކަށް ވަމުންދިޔަ ވަގުތު ކޮޅެކެވެ. ދަޢުވަތު ދެވުނީ
ފަޒީނާއަށެވެ. އޭނާގެ ސިކުނޑިއަށް ޝައިތާނާ ސަވާރުވީއެވެ.
ފަޒީނާއަށް
ހަމަބުއްދިން ވިސްނާލެވުނީ ވާނެ ހުރިހާކަމެއް ވެ ނިމުނުފަހުންނެވެ. އޭރު ވަގުތު ފާއިތުވެއްޖެއެވެ. ދެން ކުރެވޭނެ
ކަމެއް ނެތިއްޖެއެވެ. އެރެއާއި އޭގެ އަނެއް ދުވަހުވެސް ފަޒީނާގާތަށް ރަމޭޝް
އައެވެ. ފަޒީނާއަކަށް ދެކޮޅެއްވެސް ނުހެދުނެވެ. އެއަށްވުރެ ބޮޑަށް ރަމޭޝްގެ
ރީތިކަމާއި ޗާލާކީ ކަމުގައި ފަޒީނާއަށް ހައްޔަރުވެވުނީއެވެ. މަގު އޮޅުނީ އެވެ.
އެއީ އަބަދުގެ މަގު އޮޅުމެއް ކަމަށް ވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
މާލެ ފުރަން އޮތް
ދުވަހުގެ ކުރީރޭ ރަމޭޝް ފަޒީނާގެ ގާތުގައި އެތައްވަގުތެއް ހޭދަކޮށްފައި ދިޔަފަހުން
ފަޒީނާރުޔެވެ. ކުރެވުނު ފާފައަށްޓަކައެވެ. އޭނާދެކެ ލޯބިވާ ވަފާތެރި ފިރިޔަކަށް
އެތައް ފަހަރަކު ޚިޔާނާތްތެރި ވެވުނީތީއެވެ. އޭނާ ތައުބާވެ އަސްތަޣުފާރު
ކުރުމުގައި އެރޭގެ ބާކީބައި ހޭދަކުރިއެވެ. ސަޖިދައިގައި އޮވެ އެތައް ކަރުނައެއް
އޮއްސިއެވެ. އެކަން ތާއަބަދަށް ސިއްރުވުން އެދި ދުޢާކުރިއެވެ. އޭނާގެ ދެދަރީންގެ
ހައްޤުގައެވެ.
ޑްރެސިންގ ޓޭބަލް
މަތީގައި ބޭއްވިފައި އޮތް މެމޯކޮޅު ފެނުމުން ފަޒީނާ ޑޮކްޓަރަށް ދައްކަން ދިޔަކަން
ޝަބީނަށް އެނގުނުގޮތް ފަޒީނާއަށް ވިސްނިއްޖެއެވެ. އޭނާ މާނޭވާއެއްލިއެވެ. އަދި
މޫނުފޮހެލުމަށްފަހު ސިޓިންގ ރޫމަށް ނުކުތެވެ. އޭރު ސޯފާގައި ދޮށި ދަރިފުޅު
ގާތުގައި ކުޑަދަރިފުޅު އުނގަށްލައިގެން ޝަބީން އިނެވެ. އެމީހުން ދިޔައީ ހީ
މަޖާކުރަމުންނެވެ.
އެއިން ކޮންމެ މަންޒަރަކުން
ފަޒީނާއަށް ލިބެމުންދިޔައީ ހިތްދަތިކަމާއި މާޔޫސްކަމެވެ. އޭނާއަށް އަމިއްލަ
ނަފުސްކުށްވެރި ކުރުން ނޫންކަމެއް ނުކުރެވެއެވެ. ހަޔާތުގައި ދިމާވި
މިހިތިހިތާމައާއި މެދު ވިސްނައި ފިކުރު ކުރަމުން ފަޒީނާ މޭޒުމައްޗަށް ހަވީރުގެ
ސައި ތައްޔާރު ކުރަމުން ދިޔައެވެ.
ޝަބީންއާއި ކުދިން
އައިސް ސައިމޭޒު ދޮށުގައި އިށީނިމުން ފަޒީނާވެސް އިށީނެވެ. އެކަމަކު އޭނާ އެއްޗެއް
ކާހިތެއް ބޯހިތެއް ނެތެވެ. އެވަގުތު ޝަބީންގެ ފޯނަށް ފޯނެއް އައެވެ. އެކޮޅުން
ވާހަކަ ދެއްކި މީހަކު ދެއްކި ވާހަކައެއް އަޑު އަހާފައި "އާނ މިދަނީއޭ"
ބުނެ ޝަބީން ތެދުވިއެވެ.
"ކޮންތާކަށް
ތިދަނީ" ފަޒީނާ އެހިއެވެ.
" ހޮސްޕިޓަލަށް.
ރައްޓެއްސެއްގެ އަންހެނުންނަށް ލޭ ބޭނުންވެގެން ލޭ ދޭން" ޝަބީން
ހިނިތުންވެލާފައި ބުންޏެވެ. ފަޒީނާގެ ހިތް ތެޅިގަތެވެ. ނޭވާ ކުރުވިއެވެ. ޝަބީން
ހުއްޓުވަން އޭނާ ބޭނުމެވެ. އެކަމަކު ޝަބީން ހުއްޓުވަން އޭނާ ދައްކާނީ
ކޮންވާހަކައެއް ހެއްޔެވެ؟ ފަޒީނާއަށްވެސް އެނގެއެވެ. ލޭ އެޅުމުގެ ކުރިން ލެބޯޓްރީ
ލޭނަގާ މީހާގެ ލޭ ނުރައްކާތެރި ބައްޔެއް ހުރިތޯ ޓެސްޓް ކުރާނެކަމެވެ. އެހެންކަމުން
ޝަބީންއަށް އެޗްއައިވީ ޖެހިފައިވާނަމަ މިރޭ އެކަން ހާމަވާނެއެވެ. އޭރުން ޝަބީނަށް
ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އެޗްއައިވީ ޖެހުނީ ފަޒީނާގެ ފުށުންކަން އޭނާއަށް
ޔަޤީން ނުކުރެވޭނެ ހެއްޔެވެ؟ ފަޒީނާ އަށް އެޗްއައިވީ ޖެހުނީ ރަމޭޝްގެ
ފަރާތުންނެވެ. އެއީ ފަޒީނާއަށް ޝައްކެއް ނެތް މިންވަރަށް ޔަޤީންވެފައިވާ ކަމެކެވެ.
އެހެނީ ޝަބީންއާއި ރަމޭޝް ފިޔަވައި އެހެންމީހަކާއި އޭނާ އެފަދަ ގުޅުމެއް
ދުވަހަކުވެސް ނުބާއްވައެވެ.
ޝަބީން ދިޔުމުން
ތެޅިތެޅި އޮތް ހިތަކާއި އެކު ގޭތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ފަޒީނާ
ހުއްޓެވެ. ލިބެން އޮތް ހަބަރަކާއި މެދު ކުރެވޭ ފިކުރުގެ ބޮޑު ކަމުންނެވެ.
ކުށްވެރިއަކީ ފަޒީނާކަން އެނގުމުން ޝަބީން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ ހާސްވާ
ވަރުންނެވެ.
ކުދިންނަށް ކާންދީ
ފެންވަރުވައި ނިންދެވުމަށްފަހު ފަޒީނާ އަނެއްކާވެސް ސިޓިންގ ރޫމަށް ނުކުމެ ޓީވީ
ހުޅުވައިގެން ހިތް ހަމަޖެއްސޭތޯ މަސައްކަތްކުރިއެވެ. އެކަމަކު ޓީވީން އަންނަ
އެއްވެސް ސީރީޒަކަށް އޭނާއަކަށް ސަމާލުކަމެއް ނުދެވުނެވެ. ވިސްނެނީ ޝަބީން އާއި
މެދުގައެވެ. އިންތިޒާރު ކުރެވެނީ އޭނާ އަންނާނެ ވަގުތަކަށެވެ. ފަޒީނާއަކަށް ޚަބަރު
ބަލައިލަންވެސް ޝަބީނަށް ގުޅާކަށް ނުކެރުނެވެ. އެހެނީ ޝަބީނަށް އެޗްއައިވީ
ޖެހިފައިވާ ކަމުގެ ޚަބަރު ލިބިދާނެތީ އޭނާ ގަންނާ ކުރައްވާ ބިރެއްގެ ބޮޑު
ކަމުންނެވެ.
ފަޒީނާގެ ފޯނު
ރިންގުވާން ފަށައިފިއެވެ. ގުޅަނީ ހޮސްޕިޓަލުން ޑޮކްޓަރު ޝާފީއެވެ. ފަޒީނާއަށް
ރޮވެން ފެށިއެވެ. ފޯނު ނެގުމުގެ ކުރިންވެސް ލިބޭނީ ކޮން ޚަބަރެއްކަން އޭނާއަށް
އެނގޭ ކަހަލައެވެ. އެއްފަހަރު ފޯނު ކެނޑިފައި ދެވަނަ ފަހަރަށް ރިންގުވާން ފެށުމުން
ފަޒީނާ ފޯނުނަގައި ކަންފަތުގައި ޖެހިއެވެ. އެކޮޅުން ވާހަކަދެއްކީ ޑރ ޝާފީއެވެ.
"ފަޒީނާ
ބުނެގެން އަހަރެމެން ޝަބީން ޓެސްޓްކުރުން ލަސްކޮއްލީ. އެކަމަކު މިރޭ ކިރިޔާ އެހެން
މީހެއްގެ ފުރާނަ މިސަލާމަތްކުރެވުނީ. ޝަބީން ލޭދޭން އަންނަންޔާ ފަޒީނާޖެހޭނެ ދޯ
އަންގާލަން. ލޭދިނީ ދިވެއްސެއްވީމަ ލެބޯޓަރީ ޓެކްނީޝަންވެސް ފަރުވާކުޑަކޮށްލީ.
ލޭއަޅަނީ ޝަބީންގެ ގައިން ނަގައިގެންކަން އެނގިގެން އަހަރެން ގޮސް އިހަށް އެލޭ
ނާޅަން އެންގީ. ލެބޯޓްރީއަށް ގޮސް ބަލާލި އިރު މެޝިނުން ހުރީ އެޗްއައިވީ ޕޮޒިޓިވް
ކަމަށް ދައްކާފަ. ޓެކްނީޝަން ފަރުވާކުޑަކޮށް ރިޕޯޓް ލިޔުނީ މެޝިންގެ ނަތީޖާއަށް
ނުބަލައި ދިވެއްސެއްވީމަ އެޗްއައިވީ ޖެހިފައި ނުހުންނާނެކަން ޔަޤީންކޮށްގެން"
ހުއްޓާލުމެއް ނެތި ޑޮކްޓަރ ޝާފީ ވާހަކަ ދައްކަމުން ދިޔައެވެ.
"ކޮބާ
ޝަބީން." ހިތްދަތިކަމާއި އެކު ހިންދިރުވާލަމުން ފަޒީނާ އެހިއެވެ.
"ޑޮކްޓަރުން
އޭނާ އާއި ބައްދަލުކޮށް ވާހަކަ ދައްކަނީ. އޭނާ ހައްތާވެސް ބުނަނީ ތިމަންނަގެ
އަނބިމީހާ ފިޔަވައި އެހެންމީހަކާ ގުޅުމެއް ނޯންނާނެޔޭ! އެޗްއައިވީ ޖެހޭނެ ގޮތަކަށް
ނޫޅެމޭ. އެންމެ ފަހުން ޑޮކްޓަރު ފަރުދީން ބުނެދީފި، ފަޒީނާއަށްވެސް އެޗްއައިވީ ޖެހިފައި ހުރިވާހަކަ." ޑރ
ޝާފީގެ ވާހަކަ އިތުރަށް އަޑުއަހާކަށް ފަޒީނާއަކަށް ކެތެއް ނުކުރެވުނެވެ.އޭނާ ފޯނު
ކަނޑާލިއެވެ.
ފަޒީނާ ބޮލުގައި
ދެއަތުން ހިފެހެއްޓިއެވެ. ބާރަށް ރޯންފެށިއެވެ. ޝަބީން އާއި ކުރިމަތިލާހައި
ހިއްވަރެއް ފަޒީނާގެ ނެތެވެ. އޭނާގެ ފާފަވެރި ކުއްވެރި މޫނު ދެން ޝަބީނަށް
ދައްކާކަށް އޭނާއަކަށް ނުކެރޭނެއެވެ. ފަޒީނާ ތެދުވެ ހިނގައިގަތެވެ.
ޝަބީން ހޮސްޕިޓަލުން
ނުކުމެގެން ގެއާއި ދިމާއަށް ހިނގަމުން އައެވެ. އޭރު އޭނާގެ ދެލޯވަނީ ރަތްވެ
ދުޅަވެފައެވެ. އިސްތަށިގަނޑުވަނީ މުޅިހެން ހޭވިފައެވެ. ދެކޭމީހުން ހީކުރާނީ
އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްކަމަށެވެ. އަރިއަރިއަށް ޖެހެމުން
ލާހޫރެމުން ކަހަލަ ގޮތަކަށް ޝަބީން ހިނގަމުން ދިޔައެވެ. އޭނާގެ ދެފައިގައި ކޮޅަށް
ހުރެ ހިނގާހާވަރު ނެތަސް މިއަދު އޭނާ ހިނގަންޖެހޭނެއެވެ. ދަރީންގެ ހައްޤުޤައެވެ.
އޭނާއާއި ފަޒީނާ ނެތްދުނިޔެއެއް އައިސް ދަރީން ނިކަމެތިވާނެކަން އެނގޭތީއެވެ.
އެކުދީންނަށް އެކަނި ދުނިޔޭގައި އުޅޭނޭގޮތް ދަސްކޮށްދޭން ޖެހޭނެކަން ވިސްނޭތީއެވެ.
އެކަމަކު ފަޒީނާއާއި
މެދު އޭނާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވެއްޖެއެވެ. އޭނާގެ ވަފާތެރިކަމަށް އެފަދަ
އިނާމެއް ދިނީތީއެވެ. އޭނާއަށް އެފަދަ ބޮޑު ހިޔާނާތެއް ވީތީއެވެ. އެކަމަކުވެސް
ޝަބީން ކުރިޔަށް އޮތްތަން ހޭދަކުރާނީ ފަޒީނާއާއި އެކު ގައެވެ. ދެން އެދެމީހުން
ވަކިވުމަކުން ވާނެ ފައިދާއެއް ނެތެވެ. ލިބުނަސް ދަރީންނަށް ލިބޭނީ ނިކަމެތި
ކަމެކެވެ. މައިންބަފައިންގެ އުމުރުގެ ބާކީ އޮތް ދުވަސްކޮޅުވެސް އެދެމީހުންނާއި
އެކުގައި ހޭދަކުރަން ދަރީންނަށް ނުލިބޭނެތީއެވެ.
ޝަބީން އަކީ ވިސްނޭ
މީހެކެވެ. ރުޅިއަށްވުރެ ބުއްދި އިސްކުރާ މީހެކެވެ. އެހެން މީހަކު ނަމަ މިރޭ
ދާގޮތަށް އަނބިމީހާގެ ގައިގައި ތަޅައި ގަންނާނީއެވެ. ނުވަތަ ވަރިކޮށް ނެރެ
އެއްލާލާނީއެވެ. އެކަމަކު ޝަބީން އެހެނެއް ނުހަދާނެއެވެ. އެއިންކަމަކުން ގެއްލުނު
ދިރިއުޅުން އަނބުރާ ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އަދި އެއިން ކަމަކުން
ވާނެފައިދާއެއް ނެތްކަންވެސް އޭނާއަށް ވިސްނެއެވެ. އެހެންކަމުން ކުރިޔަށް
އޮތްތަނުގައި ދަރީންގެ ހައްގުގައި އޭނާ ފަޒީނާއާއި އެކު ދިރިއުޅޭނެއެވެ.
ޝަބީންގެއަށް ވަތް
އިރު ފަޒީނާ އޮތީ ކާމޭޒްކައިރިއަށް ވެއްޓިފައެވެ. އަނގައި ހުރީ ފޮނުއަރާފައެވެ.
އޭރު މަޑުމަޑުން އޭނާ ގެ އަތްފައި ތުރު ތުރުއަޅަމުން ދިޔައެވެ. ޝަބީން
ދުވެފައިގޮސް ފަޒީނާ ގެ ގާތުގައި އިށީނެވެ. މޭޒުމަތިން ޓިޝޫތަކެއް ނަގައި ފަޒީނާ
އަނަގަމިތި ފޮހެލިއެވެ. އެވަގުތު ޝަބީނަށް ދުވީ ވިހައެއްގެ ވަހެކެވެ.
އެއްލިކަޅިއަކުން ޝަބީނަށް ފެނުނީ މޭޒުދަށުގައި ވެއްޓިފައި އޮތް ކުޑަ ބިއްލޫރި
ފުޅިއެކެވެ.
ޝަބީނަށް
ހިއްވަރުއައީ ކަށިންނެވެ. ފަޒިނާ އަތްދަނޑިމައްޗަށް ނަގައިގެން ޝަބީން
ދުއްވައިގަތީ ގެއިން ނުކުންނާށެވެ. އެމްބިއުލަންސަށް ގުޅާނެ ހޭވެރިކަމެއް ނެތެވެ.
ދެކުދިންނާއި ފަޒީނާއާއި ޝަބީން ފިޔަވައި އިތުރު މީހަކު ނޫޅޭ ގެއަކަށްވާތީ
އެހީއަކަށް އެދި ގޮވާލާނެ މީހަކުވެސް ނެތެވެ. މަގުމަތިން ޓެކްސީއެއް ނަގައިގެން
ޝަބީން ފަޒީނާ ގޮވައިގެން ހޮސްޕިޓަލަށް ހިނގައްޖެއެވެ. ޚަބަރު ލިބިގެން ފަޒީނާގެ
ރައްޓެހިންނާއި ތިމާގެ މީހުން ހޮސްޕިޓަލަށް އައިސްފިއެވެ. ވީކީއްކަން ނޭނގުނަސް
ކޮންމެވެސް ބޮޑުކަމެއް ވީކަން އެއެންމެންނަށްވެސް އެނގެއެވެ. މީހަކު އަމިއްލައަށް
މަރުވާން ޒަހަރެއް ބޯނީ ކުޑަކަމެއް ވެގެނެއް ނޫންކަން ހަމަބުއްދި ހުރި ކޮންމެ
މީހަކަށްމެ ވިސްނޭނެއެވެ.
ފަޒީނާއަށް
ފަރުވާދޭން ފެށުމުން ޝަބީން ގެއަށް އައީ ފަޒިނާ ނުދެކޭންވެގެނެއް ނޫނެވެ. ނުވަތަ
އޭނާ ދެކެ ރުޅިއަކުންވެސް ގޭގައި ނިދާފައި ތިބި ކުދަ ދެކުދީންއެކަނި ގޭގައި
ބައިތިއްބަން ނުކެރިގެންނެވެ. ހުޅުމާލޭގައި އުޅޭ ތިމާގެ ކުއްޖަކަށް ގުޅައިގެން
ގެއަށް ގެނެސް އޭނާ ބައިންދާފައި ޝަބީނަށް ހޮސްޕިޓަލަށް ދެވުނީ ދެގަޑިއެއްހާ އިރު
ފަހުންނެވެ. އޭރު ފަޒީނާ އޮތީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.
ވިހައިގެ ސަބަބުން
ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށާއި ސިކުނޑިއަށް ގެއްލުންތައް
ލިބިފައިވާތީއެވެ. ޝަބީން އައިސް ފަޒީނާގެ ގާތުގައި ހުއްޓުނެވެ. އަދި ބުންޏެވެ.
"ފަޒީއެވެ. އަހަރެން ފަޒީ ދޫކޮށްލުމަކުން ވާނެ ފައިދާއެއް ނެތް އިރު އަހަރެން
ފަޒީ ދޫކޮށެއް ނުލާނަމެވެ. އެކަން ނުވިސްނުނީ ކީއްވެހެއްޔެވެ؟ ފަޒީ ދޫކޮށްލުމުން
އަހަރެންވެސް އެކަނިވެރިވުން ނޫންކަމެއް ނުވާނެ ނޫންހެއްޔެވެ؟ ވެދިޔަތަން ބަދަލެއް
ނުކުރެވޭނެ ނޫން ހެއްޔެވެ؟ އަހަރެމެން ވަކިވެއްޖެނަމަ ކުދީން ކިހާ ނިކަމެތިވާނެ
ހެއްޔެވެ؟ އަހަރެން ފަޒީއަށް މައާފް ނުކުރާނެ ވަރުގެ ކުށެއް ފަޒީއެއް ނުކުރެއެވެ.
ކޮންމެ ކުށަކަށްވެސް މާފު ކުރާނަމެވެ. އެކަމެއް ތަކުރާރު ނުކުރާހާ ހިނދަކުގައެވެ.
އަހަރެންގެ ގާތުގައިވާ ފަޒީގެ ކުށަށްވުރެ ﷲ ތަޢާލާގެ ހަޟުރަތުގައި އަހަރެންގެ ކުށް
ބޮޑުވެދާނެ ކަމަށް ބިރުވެތިވަމެވެ. އަންނާށެވެ. ތެދުވާށެވެ. އަހަރެމެންގެ
ދެކުދީންނާއި އެކު އުމުރުގެ ބާކީބައި އުފަލުގައި ދިރިއުޅޭށެވެ."
ވާހަކަ ނުދެއްކޭ
ވަރަށް ވަރުދެރަވެފައި އޮތަސް ޝަބީން ދައްކަމުންދިޔަ ވާހަކަތައް ފަޒީނާއަށް ދިޔައީ
އިވެމުންނެވެ. ދޭހަވަމުންނެވެ. އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
ތެދެކެވެ. އޭނާއަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ދެވަނަ ކުށަކަށްވެސް އަރައި
ގަނެވިއްޖެއެވެ. އަދި މުޅި އުމުރަށް ދިރިއުޅުން ބަރުބާދުވެއްޖެއެވެ. އޭނާއަށް
ލިބުނީ ކިހާ ރަނގަޅު ކިހާ އޯގާތެރި ފިރިއެއްހެއްޔެވެ؟ އޭނާގެ ދަރީންނަށް ލިބުނީ
ކިހާ ވިސްނޭ ބައްޕައެއް ހެއްޔެވެ؟ ޔަޤީނެވެ. މިބިމުގައި މަލާއިކަތެއްގެ
ދަރަޖައިގައި އިންސާނަކު ވާނެނަމަ އެމީހަކީ ޝަބީނެވެ. އޯގާތެރިކަމާއި
ކެތްތެރިކަމާއި އަޅާލުމާއި ލޯބިން އޭނާގެ ހިތްވަނީ ފުރިފައެވެ. ނަފްރަތާއި
ބަދަލުހިފުމާއި ހަސަދަވެރިކަމުގެ ޒައްރެއްވެސް އޭނާގެ ކިބައިން ފަޒީނާއަކަށް
ނުފެނެއެވެ. އެކަމަކު ދެންކުރާނެ ކަމެއް ނެތެވެ.
ފަޒީނާ މަރުވީ
އައިސީޔޫގައި އޮންނަތާ ދެހަފްތާ ފަހުންނެވެ. ފަޒީނާ މަރުވުމުން މީހުން އެކަމުގެ
ހުރިހާ އިލްޒާމެއް އެޅުވީ ޝަބީންގެ ބޮލުގައެވެ. ފިރިމީހާގެ ފުށުން
އެޗްއައިވީޖެހުމުން އެހިތާމައަށް އަނބިމީހާއަށް ކެތް ނުކުރެވިގެން އަމިއްލައަށް
މަރުވީކަމަށް ބުނެއެވެ. އެހެންނަމަވެސް އެކަންކަމަށްވެސް ޝަބީން ކެތްކުރިއެވެ.
ތެދު ހާމަކުރުމަކުން އޭނާގެ ދިރިއުޅުން އަނބުރައި ނުލިބޭނެތީއެވެ.
---ނިމުނީ--
No comments:
Post a Comment