ކުރުވާހަކަ: ފަތިސް
މެންދަމުގެ
ހިމޭންވަގުތުތައް ނިމި ފަތިހުގެ ފުރަތަމަ ހާގޮވާލައިފިއެވެ. އެއާއި އެކު
އަހަރެންނަށް ނިދިން ހޭލެވިއްޖެއެވެ. ފެންބޮވުމާއި ބަނޑުހައިކަން އިހްސާސްވިއެވެ.
އެހެން ނަމަވެސް ތަންމަތިން ނުތެދުވުމަށް އަހަރެން އޮތި އަޒުމު
ކަނޑައަޅައިގެންނެވެ. މިރެއަކީ އަހަރެން ބޭޒާރުވެދާނޭ ރޭކަމުގެ އިހްސާސް
މާކުރިއްސުރެ ކުރެވޭތީއެވެ. އަހަރެން ގަޑި ބަލާލީމެވެ. ތިންގަޑިބައިވީއެވެ.
މިހަޔާތާއި ވަކިވާން
އަހަރެން ބޭނުމެވެ. މިދިރިއުޅުން ދޫކޮށްލަން އަހަރެންގެ ހިތް ގޮވައެވެ. އެކަމަކު
އަހަރެންގެ ނަފުސްގެ މައްޗަށް އަހަރެންނަކަށް ބާރެއް ނުފޯރުވެއެވެ. ކޮންމެ
ފަތިހަކީ އަހަރެންގެ ހަޔާތުގެ ހިތާމަޔާއި ބިރުވެރިކަމުގެ އައު ސަފްހާއެކެވެ.
ފާއިތުވެ ދިޔަ ދެރޭގައި ހިނގައިދިޔަ ކަންކަން އަހަރެންގެ ސިކުނޑީގައި ތާޒާކަމާއި
އެކު ބިންވަޅު ނެގިފައި އެބަހުއްޓެވެ.
ކޮންމެ ރެއެއްގެވެސް
ފަތިހަށް ބަނޑުހައިކަމާއި ކަރު ހިއްކުން އިހްސާސްކުރެވޭލެއް ބޮޑުކަމުން މިރޭ
އަހަރެން ނިދީވެސް ވަރަށް ރަނގަޅަށްކައި ފެން ބޮއެގެނެވެ. ފަތިހު ނުހޭލެވޭނެކަން
ޔަޤީންކޮށްގެނެވެ. އެކަމަކު އަހަރެންގެ ނަފްސާއި ޖިސްމަށް އަހަރެންނަށް ބާރެއް
ނުފޯރުވޭކަން މިރޭ އަނެއްކާވެސް ޔަޤީންވެއްޖެއެވެ. އަހަރެންނަށް ރޮވެން ފެށިއެވެ.
އަހަރެންގެ ނަފްސް އަހަރެންގެ ކޮންޓްރޯލްގެ ދަށުގައި ނުވާތީއެވެ. އެކަމަކު މިއީ
މީހަކު ޤަބޫލު ކުރާނެ އަދި އަޑުއަހަން ކެރޭނެ ވާހަކަތަކެއްވެސް ނޫނެވެ. އެކަމަކު
މިހަޤީޤަތް ދުނިޔެއަށް ހާމަވާ ފަތިހެއް ވާނީ އަހަރެންގެ ހަޔާތުގެ އެންމެ ފަހުގެ
ފަތިސް ކަމުގައެވެ.
މިރޭ ރަށުގެ
ރައްޔިތުން ތިބީ ހޭލައިކަން އަހަރެންނަށް އިނގެއެވެ. އެމީހުން އެފާރަލަނީ އަހަރެން
އަތުލައިގަތުމަށެވެ. އެކަމަކު އެއިގެ ތެރެއިން މީހަކަށް އެމީހުން އެހޯދަން
ބޭނުންވާ މީހަކީ އަހަރެންކަން ހީއަކަށްވެސް ލަފާކުރާކަށް ނޭނގޭނެއެވެ. އެކަމަކު
ޖެހިޖެހިގެން ތިންރޭ ރަށުގެ ތިން މީހަކު އަނިޔާވެރި ގޮތުގައި މަރާލާފައިވާތީ
ފެނުމުން މީހުންގެ ހިތުގައި އިންތިހާ ދަރަޖައަށްވަނީ ކަންބޮޑުވުން އުފެދިފައެވެ.
އިއްޔެއިން ފެށިގެން ފުލުހުންނާއި ސިފައިންގެ ޚާއްސަ ޓީމެއްވެސްވަނީ މިރަށަށް
އައިސްފައެވެ. ފުރިހަމަ ހަތިޔާރާއި އެކުގައެވެ. މިރަށުގައި މިކަންތައް ގަނޑު
ހިނގަންފެށިފަހުން މިރެއަކީ އެންމެ ވަރުގަދައަށް ފާރަލައި ބަލާ ރެއެވެ. ފާއިތުވި
ތިން ދުވަހުގައި ކޮންމެ ދުވަހަކުވެސް އިރު އަރާއިރު ރަށުގެ ކޮންމެވެސް ހިސާބަކުން
މަރާލައިފައިވާ މީހެއްގެ ހަށިގަނޑުފެނެއެވެ. އެމީހެއްގެ ހަށިގަނޑުގެ ގިނަ މަސްތައް
ހުންނަނީ ކައިފައެވެ. ލޭތައް ބޮއެފައެވެ. ލޮލާއޮ ހިތްފަދަ ގުނަވަންތައްވެސް
ނަގާފައެވެ. އެހެންކަމުން ރަށުގެ މީހުންނާއި ފުލުހުންނާއި ސިފައިންވެސް
ނިންމައިގެން ތިބީ މިހިނގާކަންތައްކާއި ރޫހާނީ ކަމަކާއި ގުޅިފައި ނުވަތަ އިންސާނުންގެ
ހަށިގަނޑުގެ ގުނަވަންތަކުން ވިޔަފާރި ކުރާ ބަޔަކާއި ގުޅިފައިވާނެ ކަމަށެވެ.
މިހިނގާ ކަންތަކުގެ
ހަޤީޤަތް އެނގެނީ އަހަރެންނަށެވެ. އެކަން ގުޅިފައިވަނީވެސް އަހަރެންނާއެވެ.
އެކަމާއި މެދު އަހަރެން އިންތިހާއަށް ހިތާމަކުރަމެވެ. އެކަމަކު މިކަމުން
ސަލާމަތްވެވޭނެ ގޮތެއް ކުރެވޭނެ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެންމެ
ފުރަތަމަރޭގެ ހާދިސާއަށް ފަހު އަމިއްލައަށް މަރުވާންވެސް އަހަރެން މަސައްކަތް
ކުރީމެވެ. އެކަމަކު އެކަމަކަށްވެސް އަހަރެންގެ ބާރެއް ނުފޯރިއެވެ.
މިކަމެއް
އަހަރެންނަށް ލައިގަތީ މީގެ ދެރެއެއް ކުރިން މެންދަން ވަގުތު ފަޅުމައްޗަށް
ރައްޓެހިންތަކަކާއި އެކު މަސްހިފަންގޮސް ހުއްޓައެވެ. ހިކި ދިޔަވަރުގައި ފުއްޓަރުގެ
ގާތައްމަތީގައި މަސްހިފައި އިހިނަގަން އުޅެނިކޮށް ދެވަންފުއްޓާއި ދިމާއި
އަހަރެމެންނާއި ދިމާއަށް އައި ނޫއަލިފާން ގުޅައެއް އަހަރެމެން އެންމެންނަށްވެސް
ފެނުނެވެ. އަހަރެންމެންނާއި ދިމާއަށް ވަރަށް ބާރަށް އެއަލިގުޅަ އަންނަތަން
ފެނުމުން އަހަރެންނާއި އެކު ދެންތިބި މީހުން އަތުގައި ހުރިއްޔާ ހުރިއެއްޗެއް
ދޫކޮށްލާފައި ދުއްވައިގަތީ ރަށާއި ދިމާއަށެވެ. އަހަރެންނަށް ބަލަހައްޓައިގެން
ހުރެވުނީއެވެ. އެއަލިގުޅަ އަހަރެންނާއި ހަމައަށް އައެވެ. ދެންވީގޮތެއް
އަހަރެންނަކަށް ނޭނގެއެވެ.
ހޭވެރިކަންވީއިރު
އަހަރެން އޮތީ ފުއްޓަރުގެ ގާތަކުގެ ތެރޭގައެވެ. އަތާފައިގެ ތަންތަން މަށައިގެން
ގޮސް ބޯވެސް ދުޅަވެފައެވެ. އެކަމަކު އެއްވެސް ތަދެއް އަހަރެންނަކަށް އިހްސާސެއް
ނުވެއެވެ. ގާތަކުގެ ތެރެއިން ތެދުވެގެން ފަޅުތެރޭގައި ހިނގާފައި އެއްގަމަށް އަރަން
ދިޔައިރު އަހަރެންނަށް ވީގޮތެއް ނޭނގިގެން ރައްޓެހިން ތިބީ ގޮނޑު ދޮށުގައެވެ. އަހަރެންނަށް
އެމީހުންނާއި ހަމައަށް އާދެވުމުން ދިމާވި ބިރުވެރި ހާދިސާގެ ސަބަބުން ދެން
ދުވަހަކުވެސް ދަންވަރު ފުއްޓަރުމައްޗަށް ނުދާން ވައުދުވެފައި ދިޔައީ ގެއަށެވެ.
ކޮންމެ މީހަކުވެސް ގެއަށްލާންދިޔައީ އެންމެން އެކުގައެވެ.
ހުރިހާއެންމެން
ގެއަށްލާފައި އަހަރެން ގެއަށް އައީ އެކަންޏެވެ. އަހަރެންގެ ހިތުގައި ހިނގާދިޔަ
ކަންތައްތަކާއި މެދު އެއްވެސް ބިރުވެރިކަމެއް ނެތުމުންނެވެ. ވަލުތެރޭ މަގުން
މިސްކިތް ކައިރިން އަންނަނިކޮށް ފަތިހުގެ ފުރަތަމަ ހާ ގޮވާލި އަޑު އިވުނެވެ.
އެއާއި އެކު އާދަޔާ ޚިލާފަށް ބަނޑުހައިކަމާއި ކަރު ހިއްކުން އަހަރެންނަށް
އިހްސާސްވިއެވެ. ބަނޑުހައި ކަމުގެ ބޮޑުކަމުން އަހަރެންގެ ސިކުނޑި ރަނގަޅަށް
މަސައްކަތެއް ނުކުރެއެވެ. އަހަރެންގެ ފުރަތަމަ ހަމަލާ އަމާޒުވީ ދަމުނަމާދުކޮށްގެން
މިސްކިތުންފޭބި މުދިންބެއަށެވެ. ފުރަގަހުން ގޮސް މުދިންބެގެ ކަރަށް ހަމަލާދީ
ވައްޓާލެވުނީ އަހަރެންގެ އަމިއްލަ ބާރުގައި ނޫންކަން އަހަރެންނަށް އެނގެއެވެ.
މުދިންބެ މަރާލުމަށްފަހު ދަތްއަޅައި ވީދައި މަސްތައްކައި ލޭބުއީ މަގުމަތީގައެވެ.
ވަގުބުޅަލެއް ރޯމަހެއް ނޮޅައި ކައިލާ ބީދައިންނެވެ. ބަނޑުހައިކަމާއި ކަރު ހިއްކުން
ފިލުމާއި އެކު އަހަރެންނަށް ހަމަ ހޭވެރިކަން ވިއެވެ. ގަތް ބިރު އަހަރެންނަށް
ދުއްވައި ގަނެވުނީ މޫދާއި ދިމާއަށެވެ. އެދިޔަގޮތަށް ގޮސް މޫދަށް އެރި ގައިން
ލޭފިލުވައި ހަދައިގެން އަވަހަށް އައީ ގެއަށެވެ. ގިފިއްޔަށް ވަދެ ފެންވަރައި
ހެދުމަށްފަހު ލައިގެން ހުރި އެއްޗެހިވެސް ގިފިލިތެރޭގައި ވަޅުލީއެވެ.
ރޭވެސް ކަންހިނގީ
އެގޮތަށެވެ. ފަތިހަށް ހޭލެވުނީ ބަނޑުހައިވެ ކަރު ހިއްކައިގެންނެވެ. އޭރު އަހަރެން
ހުރީ ހަމައިން ނައްޓާފައެވެ. ގެއިން ބޭރަށް ނުކުމެގެން އަތިރިމަގަށް ނުކުތްތަނާ
ފެނުނީ ރައްޓެހިވެގެން އުޅޭ ކުއްޖާގާތުގައި ދަންވާންދެން އިނދެފައި ގެއަށްދާން
ނުކުތް ޅަފުރާގެ ފިރިހެން ކުއްޖެކެވެ. އަހަރެންގެ ޝިކާރައަކަށް ރޭ ވީ އޭނާއެވެ.
އެނދުން
ތެދުވެވިއްޖެއެވެ. އިޚްތިޔާރަކާއި ނުލައި މަގުމައްޗަށްވެސް ނުކުމެވިއްޖެއެވެ.
މީހެއްގެ ހިލަމެއް ފެނޭތޯ ހޯދެންފަށައިފިއެވެ. ސިކުނޑިހަމައިން ނައްޓަން
ފަށައިފިއެވެ. މަގުގެ އެއްފަރާތަކުން ހިނގާފައި އަންނަ ދެމީހުން ފެނުނެވެ.
އޭގެތެރެއިން އެކަމު ޝިކާރަކޮށްލުމަށް އަހަރެންގެ ހިތް ދަހިވެތިވެއްޖެއެވެ. އެއީ
ކޮންބައެއްތޯ ބަލާވަރަށް ވުރެ އަހަރެން ހުރީ ހައިވެފައެވެ. ހޭކުޑަވެފައެވެ.
ފަހަތުންގޮސް އެކެއްގެ ކަރަށް ހަމަލާދީ ވައްޓާލައިފީމެވެ. އެއާއި އެކު ދެވަނަ މީހާ
ދުރައްޖެހިލާފައި ނެގީ ފިސްތޯލައެކެވެ. އަހަރެން އޭނާއާއި ދިމާއަށް ފުންމައިގަތް
ވަގުތު ފޮނުވާލި ވަޒަން އައިސް އެރީ އަހަރެންގެ ގަޔަށެވެ. އެއާއި އެކު ހަށިގަނޑު
ލުއިވެގެން ދިޔައެވެ. އަހަރެންގެ ހަށިގަނޑު ދޫކޮށްލާފައި ނޫއައްޔެއް ނުކުތެވެ.
ބިންމައްޗަށް ވެއްޓި ފަހުނޭވާ ގުނެމުން ދިޔައިރު އަހަރެންނަށް ދިމާވި ގޮތް
އަހަރެންނަށް ވިސްނުނެވެ. އަހަރެންގެ ހަށިގަނޑުގައިވަނީ ރޫހާނީ ބާރެއްކަން
އެނގުނެވެ. އެކަމަކު އެއްވެސް މީހަކަށް އެވާހަކަތައް ކިޔައިދެވޭނެ ފުރުޞަތެއް
ނުލިބުނެވެ.
No comments:
Post a Comment