ކުރުވާހަކަ: ހަތާވީސް ވިލޭރޭ
އަނެއްކާވެސް
ރަމަޟާން މަހެއްގެ ހަތާވީސް ވިލޭރެއަށް އިރު އޮއްސުނީއެވެ. މިއީ އެއް އަހަރުން
އަނެއް އަހަރަށް އަބަދުވެސް އަހަރެން އިންތިޒާރު ކުރާ ރެއެކެވެ. އަހަރަކު
އެއްފަހަރު އަންނަ އަހަރެންގެ މުޅި ހަޔާތް ބަދަލުކޮށްލި މިރޭ މަތިން އަހަރެން ހަނދާނެއް
ނުނެތޭނެއެވެ. މިރެއަކީ މާތް ކަމާއި ރަހުމަތާއި ދިންނެވުމުގެ ރެއެއްކަން
އަހަރެންނަށް ޔަޤީން ވާތީއެވެ. އެތަޖުރިބާ އަހަރެންނަށް ކުރެވުނީ ތީއެވެ.
ޢިޝާ ނަމާދުކޮށް
ތަރާވީސް ނަމާދުވެސް ކޮށްގެން ދެފިރިހެން ދަރީން ގެއަށްލާފައި އަހަރެން
ސައިކަލުގައި ދުއްވާލީ މާލޭގެ އިރުމަތީ ފަރާތަށެވެ. ސުނާމީ ބިނާއާއި ދިމާއަށެވެ.
އުޑުފެންނަ ހިސާބުގައި ކަލާންގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ދެކި އެކަމާއި
މެދު ވިސްނާ ފިކުރު ކުރަން އިނދެލުމަށެވެ. އެއީ އަހަރެންގެ ހިތަށް ފިނިކަމާއި
ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބޭ ކަމެކެވެ. ދިރިއުޅުމުގެ އުންމީދުތައް
އާވާކަމެކެވެ. ދިރިއުޅުމުގެ ހާސްކަން ފިލާކަމެވެ.
ދަރުބާރުގޭގެ ދެކުނު
ފަރާތުގައި ސައިކަލު ޕާކުކޮށްލުމަށްފަހު އަހަރެން ގޮސް އިށީނީ
ތޮށިގަނޑުމަތީގައެވެ. ދުރުން ހުޅުލެ ފެންނަން އޮތެވެ. ވިލާރޮއްޖެއްވެސް ނެތް
އުޑުގައި ތަރިތައް ވިދާ ބަބުޅަމުން ދެއެވެ. ކަނޑު ހިމޭންވެ އޮމާންވެފައި ވެއެވެ.
މުޅި ޖައްވުގައިވެސް ވަނީ ނޫރާނީ އަލި ކަމެވެ. އުޖާލާކަމެވެ. ހަނދު އޮއްސިފައި
ވިޔަސް އެހެން ރޭރެއަށްވުރެ މިރޭ އުޑުމަތި އަލިވެފައި ރީއްޗެވެ. މާތްކަމާއި
ރަހުމަތުގެ އިހްސާސްތައް ކުރުވައެވެ. އެކަމަކު އެކަން ވިސްނި އިހްސާސް ކުރެވޭނީ
އެކަމާއި މެދު ވިސްނައި ފިކުރު ހިންގާ މީހަކަށެވެ.
އުޑުގައިވާ
ތަރިތަކަށް އަހަރެން ބަލަމުން ދިޔައީމެވެ. އެތަކެތި އެވަނީ ކިހާ ދުރެއްގައި
ހެއްޔެވެ؟ އެކަމަކު ވިދާބަބުޅާ ޖަވާހިރުތަކެއް ފަދައިން އެތައް މިލިއަން އަލި
އަހަރެއްގެ ދުރުމިނުންވެސް އެތަކެތި އެހެރީ ދުނިޔެއަށް ފެންނާށެވެ. އެތަކެއްޗަށް
ޚާއްސަވެފައިވާ ފަލަކުތަކުގައެވެ. ޤާއިމްވެފައިވާ މަޤާމުތަކުގައެވެ. އެއިން އެންމެ
ތަރިއެއް އޭގެ ފަލަކުން ނެއްޓި މިދުނިޔެ އާއި މުޑި އަރަފިނަމަ ހުރިހާ ދިރުމެއް
ނެތި ހިނގައިދާނެއެވެ. މިބިން ފަނާވެދާނެއެވެ. އަހަރެންގެ ހިތަށް އެރިއެވެ.
ދެކެބަލާށެވެ! ރަހުމާންވަންތަ ކަލެއްގެ ރަހުމަތްވަންތަ ކަމެވެ. މިބިން މަތީގައި
ފަސާދަޔާއި ފާފަޔާއި އަނިޔާވެރިކަމުގެ ތެރޭގައި މީސްތަކުން ގެނބި ގެއްލިފައިވީ
ހިނދުގައިވެސް ދުނިޔެ އޭގެ ފަލަކުގައި ކަނޑައެޅި ޤަރާރުވެގެންވާ ގޮތުގައި ހިނގަމުން
މިހިރަ ދަނީއެވެ.
"މޯޑޭ
އަނބިގޮއްޔެ ރުޅި ހެދީހެއްޔޭ!" ބުނެފައި އަހަރެންގެ ކައިރީން ދެޒުވާނަކު
ހިނގާފައި ދިޔައެވެ. މަލާމާތުގެ ރާގަކަށް އެހެން ބުނެފައި އެމީހުން ދިޔައީ ހެމުން
ހެމުންނެވެ. ދުނިޔެއާއި މެދު އެމީހުންގެ ފިކުރެއް ޚިޔާލެއްވެސް ހުރި ހެނެއް
ހިޔެއްނުވެއެވެ. މިއީ ވަގުތީ ފާލަމެއް ކަމާއި ކޮންމެ ނަފުސެއްވެސް އެންމެ ފަހުން
ގޮސް އޮށޯންނަން އޮތް ތަނަކީ ކައްވަޅު ކަމުގައި އެމީހުންނަށް އިހްސާސްވެސް
ނުކުރެވޭ ކަން އަހަރެންނަށް ޔަޤީނެވެ.
އަހަރެންނަކީ މުޅި
ރާއްޖޭގެ އެންމެން ދަންނަ މީހެކެވެ. ކުޑަކުއްޖެއް ބޮޑުމީހަކު ނެތިއެވެ.
އަހަރެންނަކީ އެއް ޒަމާނެއްގައި މުނިފޫހި ފިލުވުމުގެ ދާއިރާގައި އެންމެ އަލިގަދަ
ތަރިއަށް ވީތީއެވެ. އަހަރެންގެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހި އާޝޯޚު ވިއެވެ.
އަހަރެން ކިޔާފައިވާ އިޝްޤީ ލަވަތަކުގައި ޖެހި މަސްތު ވިއެވެ. އެތައް ފިލްމަކާއި
އެތައް ލަވައެއް އަހަރެން ކުޅުނީމެވެ. އެތަކެތީގެ އަދަދެއް ޚުދު އަހަރެންނަކަށްވެސް
ނޭނގެއެވެ.
އެދުވަސްތަކާއި މެދު
މިއަދު ހިތާމަ ކުރަމެވެ. އެފާފަތަކުގެ ކައްފާރާ މިދުނިޔޭގައި އަހަރެންނަށް
އަދާކުރެވޭނެ ކަމެއް ނޭނގެއެވެ. އެއީ އަހަރެންގެ އެންމެ ބޮޑު ހިތާމައެވެ.
އަހަރެންގެ ލަވަތަކާއި ފިލުމުތަކުގެ މަސްތުގައި ޖެހި ކިތައް މީހުން ކިތައް ނަމާދު
އެޅި ހެއްޔެވެ؟ އަހަރެންގެ ވީޑިއޯ ލަވަތަކުގެ މަސްތުގައި ކިތައް ޒުވާނުން
ޝަހުވަތްތެރިކަމުގެ ކަނޑުގައި ޣަރަޤުވެ ދިޔަ ހެއްޔެވެ؟ މާތް ކަލާކޯއެވެ.
އަދަދެއްވެސް އަހަރެންނަށް ނޭނގެއެވެ. ރެޔާ ދުވާލު އެފާފަތަކަށް އަހަރެން
ތައުބާވަމެވެ. އެމީހުންނަށް މަގު އޮޅުވާލި ޝައިތާނެއްގެ ގޮތުގައި ހަޝްރުގެ
ދުވަހުގައި ﷲ ތަޢާލާގެ ހަޟުރަތަށް ހުއްޓި ހުންނާނެހައި ހިއްވަރެއް އަހަރެންގެ
ނެތެވެ.
އެއީ އަހަރެންގެ
އެންމެ ޒުވާން ދުވަސް ވަރެވެ. ފާފަތަކުގެ ތެރޭގައި ގެނބި ޣަރަޤުވެފައިވީ ޒަމާނެވެ.
ރިޒޯޓުތަކާއި ހަފްތާ ނިންމުން ފަދަ ޝޯވތަކުގައި ލަވަ ކިޔަމުން ދިޔަ ދުވަސްވަރެވެ.
އަހަރެންގެ އައު ލަވައެއް ނުނުކުންނަ ހަފްތާއެއް ނުދާނެއެވެ. އަހަރެންގެ ވީޑިއޯ
ލަވައެއް ނުނެރެވޭ މަހެއް ނުދާނެއެވެ. އަހަރެން ކުޅެފައިވާ ދެތިން ފިލްމު އަހަރަކު
ނުކުންނާނެއެވެ. އެހެން ކަމުން ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި އަހަރެން
ހުރީ އެހެން މީހުންނަށްވުރެ އެތައް ފިޔަވަޅެއް ކުރީގައެވެ. ހުރިހާ ގޮތަކުންނެވެ.
ޕްރޮޖެކްޓްތަކާއި
ފައިސާ އަހަރެންނަށް އައީ އޮހެމުންނެވެ. އަހަރެންލައްވައި ލަވަކިޔުއްވަން ވީޑިއޯ
ލަވަ ކުޅުވަން ފިލުމު ކުޅުވަން ބޭނުންވެގެން އަންނަ ޕްރޮޑިއުސަރުން އަހަރެންގެ
ގޭތެރެއަކުން ހުހެއް ނުވާނެއެވެ. އެމީހުންގެ ކިޔޫތައް އަބަދުވެސް އޮންނާނެއެވެ.
ވަގުތު ނުދެވިފައި އޮންނަނީ އަހަރެންނަށެވެ. ބިޒީކަމުން ނަމާދެއް ކޮށްލާނެ
ވަގުތެއް ޤުރުއާނުގެ އާޔަތެއް ކިޔަވައި ނުވަތަ އަޑު އަހައިލާނެ ވަގުތެއް
އަހަރެންނަކަށް ނުވެއެވެ. މުޅި ރޭދުވާ ހޭދަވަމުން ދިޔައީ އެކަމުގެ ތެރޭގައެވެ.
އެތައް ފައިސާއެއް
ލިބެމުން ދިޔަސް އަތުގައި އެންމެ ލޯލާރިއެއްވެސް ރައްކައެއް ނުކުރެވެއެވެ. ޚަރަދު
ބޮޑު ކަމުންނެވެ. ގަންނަން ޖެހޭ އެއްޗެހި ގިނަކަމުންނެވެ. ކޮންމެ ފެނިލުމަކަށް
އާހެދުމެއް ލާންޖެހޭތީއެވެ. މަޝްހޫރު ކަމުގެ ބޮޑުކަމުން އަބަދުވެސް ގާތުގައި
ޚިދުމަތް ކުރާނެ މީހުން ގެންގުޅެން ޖެހޭތީއެވެ. އެމީހުންނަށް މުސާރަދީ މުހުތާދުތައް
ފިލުވައިދޭން ޖެހޭތީއެވެ. އަލަމާރީގައި ހެދުންތައް ފުނިޖެހުމުން އެވެސް ޖެހެނީ
ގާތް ރައްޓެހިންނަށް ބަހާލާށެވެ. ނުވަތަ އުކާލާށެވެ.
މަޝްހޫރު ކަމާއި
ރައްޓެހިން ގިނަކަމާއި ބައްދަލުކުރަން އަންނަ މީހުންނާއި ހަދިޔާ ބަދިޔާ ފޮނުވާ
މީހުން ގިނަޔަސް ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހަމަ ނޭވާލައި އަރާމުކޮށްލާނެ
ފުރުޞަތެއް ނުލިބެއެވެ. އެއް ކަންތައް ގަނޑަކުން ސަލާމަތްވާއިރު އަނެއް ކަމެއް
އޮންނަނީ ބޯމަތިވެފައެވެ. ސަލާމަތް ނުވެވިފައެވެ. ހިތް ހަމަޖެހިފައި ހުރެވޭނީ
ޓީވީއަށް ނުވަތަ ރޭޑިއޯގެ ޕްރޮގްރާމެއްގައި އަހަރެންނާއި އަހަރެންގެ މަސައްކަތަށް
މީހުން ތައުރީފު ކުރާ އަޑު އިވޭ ވަގުތުކޮޅެއްގައެވެ. އެނޫން ހުރިހާ ވަގުތެއް ގިނަ
ފަހަރު ދާނީ ހިތް ހަމަ ނުޖެހުމާއި ނުތަނަވަސް ކަމުގައެވެ. ކޮންމެވެސް މަސައްކަތެއް
ނުނިމިގެންނެވެ. ނުވަތަ އަތްމަތި ދަތިވެގެންދާއިރު ކޮންމެވެސް ޕްރޮޑިއުސަރަކު
ދޭންޖެހޭ ފައިސާ ނުދީގެންނެވެ.
އަހަރެންނަށް ހަޤީޤަތުގައި
ކަންކަން ވިސްނެންފެށީ ކައިވެންޏެއް ކުރެވުނު ހިސާބުންނެވެ. މަޝްހޫރު މީހަކަށްވާތީ
އަހަރެންނަށްޓަކައި ފިދާވާ އެތައް ސަތޭކަ އަންހެން ކުދީންނެއް ތިއްބެވެ.
އެކުދީންގެ ފަރާތުން ކޮންމެ ދުވަހަކުވެސް އެކި ގޮތްގޮތަށް އަހަރެންނަށް
ހުށައެޅުންތައް އާދެއެވެ. ފޯނުންނާއި ސިޓީންނެވެ. ކާޑުތަކާއި ހަދިޔާތަކުންނެވެ.
އެކަމަކު އެހުރިހާ
ކުދިންގެ ތެރެއިންވެސް އަހަރެންނަށް ޚާއްސަވީ ޝިފާއެވެ. ރީތި ކުއްޖެކެވެ.
އަހަރެމެންގެ ކައިވެނީގެ ހަފްލާވީ ކުލަގަދަ ހަފްލާއަކަށެވެ. އެހަފްލާގައި އެތައް
ފޮޓޯއަކާއި އަހަރެމެން ދެމީހުންގެ އެތައް ފޮޓޯއެއް ނޫސްތަކާއި މަޖައްލާތަކުގައި
ޖެހިއެވެ. މީހުންގެ ތައުރީފު އޮހުނެވެ. ގުޅޭ ޖޯޑެއް ކަމުގައި ބުނެއެވެ.
އަހަރެންގެ މަޝްހޫރު
ކަމާއި ޝިފާގެ ރީތިކަން އެކުލެވުމުން އޭނާއަށްވެސް ފުރުޞަތުތައް ފަހިވާން
ފެށިއެވެ. މޮޑެލްކުރާށެވެ. އިޝްތިހާރުތައް ކުޅޭށެވެ. މަޑުމަޑުން މައްޖަލާ ތަކުގެ
ކަވަރ ޕޭޖްތަކާއި އެކިއެކި އިޝްތިހާރުތަކަށް މޮޑެލްކޮށް ފޮޓޯނަގަން އޭނާއަށް ލިބެން
ފެށިއެވެ.
ހަޤީޤަތުގައި
އަހަރެންނަށް ހަޤީޤީ ދުނިޔެއާއި ދިރިއުޅުމުގެ އިންތަކާއި މިންތައް ވިސްނެންފެށީ
އެހިސާބުންނެވެ. އަހަރެންގެ އަނބިމހާ އެހެން މީހުންގެ ތެރޭގައި އިޝްތިހާރުވަމުން ދާތީ
އެކަމާއި މެދު އަހަރެންގެ ޒަމީރު ނުރުހެން ފެށީއެވެ. އެއީ އަހަރެންގެ މީހެއް
ނޫންކަމާއި އެހެން ބައެއްގެ މީހެއްކަން އިހްސާސްވާން ފެށީއެވެ. އެހެން ކަމުން
އަހަރެންނަށް ޖެހުނީ އެމަސައްކަތް އޭނާ ކުރިޔަ ނުދޭށެވެ. އެކަމަކު ދެކޭ މީހުންނަށް
ހީވާނީ އޭނާ މަޝްހޫރުވެ މަޤުބޫލު ވަމުން އަންނާތީ އެކަމާއި އަހަރެން
ހަސަދަވެރިވަނީ ކަމުގައެވެ. ވީވެސް އެހެންނެވެ. ނޫސްތަކުގައި ލިޔުނީވެސް
އެގޮތަށެވެ. ޝިފާ އެކަމަށް ކޮމެންޓެއް ނުދޭއިރުގައިވެސް މެއެވެ.
އެކަމަކު ޝިފާއަކީ
ބަސްއަހާ ކިޔަމަންތެރި އަނތްބެކެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ.
މިއަދު ދިރިއުޅުމުގައި މިހާހިސާބަށް އަހަރެންނަށް އާދެވިފައި މިހިރީ އޭނާގެވެސް
އެހީ އާއި މަދަދާއި އެކުގައެވެ. އެހެން ނޫންނަމަ މިއަދު މިދިރިއުޅުން
އަހަރެންނަކަށް ނުލިބުނީހެވެ. ތެދެކެވެ. ވަފާތެރި ހެޔޮލަފާ އަނތްބަކު ލިބިއްޖެނަމަ
އެމީހަކަށް ދުނިޔެ ދައްޗެއް ނުވާނެއެވެ.
އެއީ ރިޒޯޓެއްގައި
އަހަރެން ޝޯއެއް ހުށައެޅި ރެއެކެވެ.
ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރެއިން ރެއެކެވެ. ހަތާވީސް ވިލޭރެއެވެ.
އެކަން އެނގުނު ނަމަވެސް އެކަން އަހަރެންނަކަށް މުހިއްމެއް ނޫނެވެ. އަހަރެންނަށް
މުހިއްމުވީ ޝޯވ ދިނުމެވެ. ޝޯވ ބަލަން ތިބި ފަރަންޖީންނަށް އޮންނާނީ ކޮން ރަމަޟާން
މަހެއް ހެއްޔެވެ؟ ކޮން ހަތާވީސް ވިލޭރެއެއް ހެއްޔެވެ؟ އެމީހުން އެތަނަށް އައީ
މަޖާކުރާށެވެ. އުފާ ކުރާށެވެ. ވީއިރު އެކަން ފުދެނިކޮށް އެމީހުންނަށް ނިމުނީއެވެ.
އެމީހުންނަށް ޝޯވ ދެވި އެމަސައްކަތުގެ އަގު ލިބުމުން އަހަރެންނާއި އަހަރެންގެ
ގުރޫޕަށް ނިމުނީއެވެ.
ޑީޖޭގައި ލަވަ ކިޔާ
ޝޯވ ދީފައި އަހަރެމެންނަށް ނިންމާލެވުނީ މެންދަމުން އަލިވީ ފަހުންނެވެ. އޭރު ދޭއް ޖަހައި
ހިނގައްޖެއެވެ. އަނެއް ދުވަހު މާލެ ފުރަންޖެހޭތީ ގުރޫޕުގެ ދެންތިބި މީހުން އުޅުނީ
މިޔުޒިކު ސާމާނުތައް ބަންދުކުރަން ހޯލުތެރޭގައެވެ. އަހަރެން ނުކުމެ ޖައްސާލީ ހޯލު
އިމާރާތުގެ ކުރިމަތީގައި ހުރި ކާނިގަހުގެ ހިޔަލުގައި ހުރި ޖޯލީގައެވެ.
ކުއްލިއަކަށް
އެތަނަށް އައީ އަހަރެން ނުވެސް ދަންނަ ބޮޑު އިފުރީތެއް ކަހަލަ މީހެކެވެ. ދެލޯ
ހީވަނީ ދެއަނގުރު ގަނޑުހެންނެވެ. އޭނާގެ އަތުގައި ތިން ތުޑު ލާފައި އޮތް ދިގު
ދަނގަޑެއް އޮތެވެ. އެންމެ ވައްތަރީ މަސްހިފަން ގެންގުޅޭ އިއްޔަކާއެވެ. ގަތް ބިރުން
އަހަރެންނަށް ހަރަކާތެއްވެސް ކޮށްނުލެވި އުޅެނިކޮށް އޭނާ އެކޮއްޕާލީ އަހަރެންގެ
މެއަށެވެ. އެއަށްފަހު ޖެހީ ބާރު ލަތްކެކެވެ. އޭގެ ކަނިތަކުގައި އަޅައިގެންފައި
މޭގެ ކަށިތަކާއި އެކު އެތެރެހަށިގެ ގުނަވަންތައް ބޭރަށް އައެވެ. އެކަމަކު އެންމެ
ލޭތިއްކެއްވެސް ނައެވެ. އަހަރެންގެ އަނގައި ނުކުތީ ފާޑެއްގެ ބިރުވެރި އަޑެކެވެ.
އެއާއެކު އަހަރެންނަށް ފެނުނީ އަހަރެންގެ ހަށިގަނޑުން ނުކުމެގެން ދިޔަ ނޫ
އައްޔެކެވެ. އެއާއި އެކު އޭނާ ގެއްލިއްޖެއެވެ.
އަހަރެން މޭމައްޗަށް
ބަލާލީމެވެ. އެއްވެސް ކަމެއް ވެފައެއް ނެތެވެ. ހައިރާންވިއެވެ. ތެދުވެވޭތޯ
އުޅުނީމެވެ. އެކަމަކު ކުޑަވެސް ހަރަކާތެއް ކޮށެއް ނުލެވުނެވެ. މުޅި ހަށިގަނޑުވެސް
ހީވަނީ ބަރު ހިލަގަނޑެއް ހެއްނެވެ.
އަހަރެންނަށް ފެނުނީ
ހެމުން މަޖާކުރަމުން އަހަރެންގެ އެކުވެރީން އަހަރެންނާއި ދިމާއަށް އަންނަތަނެވެ.
އެކަކު އަހަރެންގެ ގައިގައި އަތްޖައްސާ ގޮވާލިއެވެ. އަހަރެން ހީލީމެވެ. އެކަމަކު
އޭނާގެ ކިބައިން ފެނުނީ ބިރުވެރިކަމެވެ. ކަންބޮޑުވުމެވެ. އޭނާ ހަޅޭލަވައިގަތެވެ.
މޯޑަށް މިއޮތީ ކިހިނެއް ވެފައި ހެއްޔޭ ބުންޏެވެ. ދެންތިބި މީހުން ދުވެފައި އައިސް
އަހަރެން ވަށާލައިފިއެވެ. ކޮންމެ މީހަކުވެސް އަހަރެންނަށް ގޮވަނީއެވެ. ރޮމުންނެވެ.
އަހަރެން ކަމެއް ނުވެޔޭ ބުނާ އަޑު އެމީހުންނަށް އިވޭހެނެއް ހިއެއް ނުވެއެވެ.
އެމީހުން އަތްދަނޑި މަތީގައި އަހަރެން ނަގައިގަނެގެން ގެންދިޔައިރުވެސް
އަހަރެންނަކަށް ކަމެއް ނުވެއޭ ކަލޭމެން ތިއުޅެނީ ކިހިނެއްވެގެންހޭ އަހަރެން
ގޮވަމުން ދިޔައީމެވެ. އެކަމަކު އެމީހުންނަށް އެއަޑެއް ނީވުނެވެ.
ނިދާކޮޓަރީގެ
ތެރޭގައި އެމީހުން އަހަރެން ބާއްވައިފިއެވެ. ހަށަމަށް އަތް ނަންގުވައިފިއެވެ.
އަހަރެން މަރުވީއެވެ. އެކަމަކު އަހަރެން މަރެއް ނުވެއެވެ. އެކަން އަހަރެންނަށް
އެނގެއެވެ. އެކަމަކު ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް އަހަރެންނަކަށް ހަރަކާތެއް
ނުގެނެވެއެވެ. އެންމެ ކުޑަމިނުން އެސްފިޔަ ޖަހާވެސް ނުލެވެއެވެ.
ލޯންޗެއްގައި
އަހަރެން މާލެ ގެނައި އިރުވެސް އެމީހުން އަހަރެންގެ ވަށައިގެން ތިބެ ވެއްޓި ވެއްޓިފައި
ރޮނީއެވެ. އެމްބިއުލެންސްގައި އަހަރެން ހޮސްޕިޓަލަށް ގެނައިރު އެތައް ބަޔަކު
ހޮސްޕިޓަލަށް ޖަމާވެފައި އޮތެވެ. އަހަރެން ދެކޭށެވެ.
ޑޮކްޓަރުން
އަހަރެންގެ ހަށިގަނޑު ބަލަމުން ދިޔައިރުވެސް އަހަރެން މަރެއް ނުވެޔޭ ގޮވަމުން
ދިޔައީމެވެ. އެކަމަކު އެކަކުވެސް އަހަރެންގެ އަޑެއް ނޭހިއެވެ. ޑޮކްޓަރުން އަހަރެން
މަރުވެފައިވާކަމަށް ބުނިއަޑު އިވުމުން އަހަރެން ހައިރާންވިއެވެ. އަންތަރީސްވިއެވެ.
މިވާ ގޮތެއް ނޭނގިގެންނެވެ. އަހަރެން މަރުވީކަމަށް ވާނީ ކިހިނެއް ހެއްޔެވެ؟
އަހަރެންނަށް ހުރިހާ މަންޒަރެއް އެބަފެނެއެވެ. ހުރިހާ އަޑެއް އެބައިވެއެވެ.
އެކަމަކު އަހަރެންގެ އާދޭހާއި ގޮވުމުގެ އަޑު އެމީހުންނަށް ނީވެނީ ކީއްވެ ކަމެއް
އަހަރެންނަކަށް ނުވިސްނުނެވެ.
ސަހަރާއަށް އަހަރެން
ގެނެސްފިއެވެ. ހިނަވައިކަފުން ކޮށްފިއެވެ. އެތައް ސަތޭކަ ބަޔަކު އަހަރެންގެ މޫނު
ދެކެން ވަދެއްޖެއެވެ. އަހަރެންގެ ގާތްމީހުންނާއި އަނބިމީހާވެސް މެއެވެ. އެ
އެންމެންވެސް ރޮނީއެވެ. އަހަރެން ރޮމުން ދިޔައީމެވެ. އަހަރެން ދިރިއޮއްވައި ތިޔަ
ވަޅުލަނީއޭ ގޮވަމުން ދިޔައީމެވެ. އެމީހުންނަށް އަހަރެންގެ އަޑު ނުއިވެނީ ކީއްވެ
ހެއްޔެވެ؟
އެންމެ ފަހުން
އަހަރެން ބަލަން އޮއްވައި އަހަރެންގެ މޫނުގައި ކަފަގަނޑު އަޅައިފިއެވެ. އެއާއި
އެކު ކަނު އަނދިރިކަން ފިޔަވައި އެހެން އެއްޗެއް އަހަރެންނަކަށް ނުފެނުނެވެ.
އޭރުވެސް އަހަރެން ރޮމުން ގޮވަމުން ދިޔައީމެވެ. ކަލޭމެން އަހަރެން ދިރިހުއްޓައި
ތިޔަ ވަޅުލަނީއެވެ. އަދި އަހަރެން މަރަކަށް ތައްޔާރެއް ނުވަމެވެ. ފާފަތަކުން
ތައުބާ ވާކަށް ވަގުތެއް ނުލިބުނެވެ. އަހަރެން ވަޅު ނުލާށެވެ. މިކަފުން ކަނޑާލައި
ދޭށެވެ. އަހަރެން ނަމާދު ކުރަން ބޭނުމެވެ. އަހަރެން މިވަގުތު މަރުވެއްޖެނަމަ
އާޚިރަތުގެ ގޮވަތީގައި ނަރަކަ ނޫންތަނެއް އަހަރެންނަކަށް ނެތެވެ. ހެޔޮނުވާނެއެވެ.
މިސަންދޯކުން އަހަރެން ނެރެދޭށެވެ.
މޫނުކަފަގަނޑުގެ
ތެރޭގައި ހުރި ހުދު ކާފޫރާއި ބޮކަރު ކުނޑި ނޭފަތުގެ ހިނދުރީގައި ޖެހުނެވެ. އެއާއި
އެކު އަހަރެންނަށް ބާރު ކިނބިއްސެއް އެޅުނެވެ. ނަމާދެއް ނުކުރިޔަސް ޤުރުއާން
ނުކިޔެވިޔަސް ކިނބިހި އެޅޭވަގުތުގައި الحمد
لله އޭ ކިޔަން އާދަވެފައިވާތީ އެކަލިމަ ކިޔުނެވެ. އެއާއި އެކު
ހަށިގަނޑަށް ދިރުން އަތުވެއްޖެއެވެ. ފުންމައިގެން ތެދުވެވިއްޖެއެވެ.
އަހަރެންނަށް
ހުރެވުނީ ޖޯލިފަތި ކައިރީގައި ކޮޅަށެވެ. މިފެނުނީ ހުވަފެނެއްކަމުގައި އިހްސާސް
ވެއްޖެއެވެ. އެކަމަކު އޭރުވެސް ހުދު ކާފޫރުގެ ވަސް އަހަރެންނަށް ދުވައެވެ.
ކޮންތާކުން ކަމެއް ނޭނގެއެވެ. އެއާއި އެކު މީހާ ބިރުން ތުރު ތުރު އަޅައިގަތެވެ.
މަރު ހަނދާންވެގެން ނެވެ. ކުރެވެމުންދާ ނުބައި އަމަލުތަކަށް ހިތްބިރުވެތި
ވެއްޖެއެވެ. އުޑާއި ދިމާ މަތިބަލައި ލެވުނު ވަގުތު އިރުން ހުޅަގަށް ގޮސް ގެއްލުނު
ގިނިހިލައެއް ފެނުނެވެ.
އޭރު އަހަރެންގެ
އެކުވެރީން އެއްޗެހިތައް ބަންދުކޮށް ހިފައިގެން ނުކުންނަނީއެވެ. އެމީހުންނާއި އެކު
ދިޔައިރުވެސް އަހަރެންގެ ސިކުނޑި ހުރީ ގަނޑުވެފައެވެ. މީހާ ހުރީ ގަބުވެފައެވެ.
މިފެނުނު ހުވަފެނާއި މެދު ވިސްނޭ ވަރުންނެވެ.
ހާރުކައިގެން
އަހަރެންނާއި އެކުގައި އައިސްތިބި އެކުވެރިން އޮށޯވެ ނިދިއިރުވެސް އަހަރެންނަކަށް
ނުނިދުނެވެ. ފެނުނު ހުވަފެނުގެ ބިރުވެރިކަމުންނެވެ. އުޅެވެމުންދާ ގޮތް ރަނގަޅު
ނޫންކަން އިހްސާސް ވުމުންނެވެ. ފަތިސް ނަމާދު ވަގުތު ވުމުން ފާޚާނާއަށް ވަދެ
ވުޟޫކޮށްފީމެވެ. ނަމާދު ނުކުރާތާ ވީދުވަހެއްވެސް ނޭނގޭތީ ނަމާދުގައި ކިޔާ ގިނަ
ތަކެތިވެސް ހަނދާނަކު ނެތެވެ. ކޮޓަރި ތެރޭގައި ޤިބުލަވީ ދިމާ ހޯދާކަށް ނޭނގުނެވެ.
ހިތު ލަފާލަށް ޤިބުލަ ބަލައި ނަމާދު ކުރި އިރު ފަތިސް ނަމާދުގައި ޤުނޫތު
ކިޔާކަށްވެސް ހަނދާނެއް ނެތެވެ. ނަމާދެއް ޚާއްސަކޮށް ފަތިސް ނަމާދު ނުކުރާތާ
އެތައް ދުވަހެއް ވެފައިވާތީއެވެ.
ނަމާދުކޮށް
ތައުބާވީމެވެ. ސަޖިދައިގައި ކަރުނަ އޮއްސީމެވެ. މިފާފަވެރި ހަޔާތުން މިންޖުވާނޭ
މަގެއް ދެއްކެވުމަށް އެދި ދުޢާކުރީމެވެ. އެއާއި އެކު އަހަރެންގެ ހިތަށް ލިބުނީ
ބަޔާން ނުކުރެވޭ ހިތް ހަމަޖެހުމެކެވެ. އެއީ ކިހނެއް ކޮންދިމާއަކުން އައި
ހިތްހަމަޖެހުމެއް ކަމެއް އަހަރެންނަކަށް ނޭނގުނެވެ. ފަތިސް ނަމާދުކޮށް ނިދަން
އޮށޯތްއިރު އަހަރެންގެ ހަށިގަނޑު އާދަޔާއި ޚިލާފަށް ލުއިވެއްޖެ ކަމުގެ އިހްސާސް
ކުރެވުނެވެ. އެހެން ކަމުން ނިދުނީ ފުންނިންޖެކެވެ. ހޭލެވުނީ މާލެދާން އެކުވެރިން
ގޮވާތާ އެތައް އިރެއް ވީފަހުންނެވެ.
އަނެއް ދުވަހު މާލެ
އައި ގޮތަށް އަހަރެން ކުރި ކަމަކީ ލަވަކިޔުމާއި ލަވަކުޅުމާއި ފިލުމު ކުޅުން
ހުއްޓާލިކަން މީޑިޔާގައި އިއުލާނު ކުރުމެވެ. އެއާއި އެކު އެކަމުގެ ސަބަބުތައް
ހޯދުމަށް ނޫސްވެރިން އަހަރެންގެ ގާތަށް އައެވެ. އިންޓަވިއުތައް ކުރިއެވެ. ބަޔަކު
ނުވަތަ މީހަކު އަހަރެން ބްލެކް މެއިލް ކުރީތޯ ނުވަތަ ކުރަނީތޯވެސް އެއްސެވެ.
އެކަމަކު އަހަރެން އެމީހުންނަށްދިނީ ސާފު ސީދާ ޖަވާބެކެވެ. މާއްދިޔަތުގެ އަޅަކަށް
ވާން ބޭނުން ނުވަނީ އެވެ. ﷲ ފިޔަވައި އެހެން ފަރާތެއްގެ ރުއްސެވުމާއި ލޯބި ބޭނުން
ނުވާކަމުގައި ބުނީމެވެ. އަހަރެންގެ ޖަވާބު އެމީހުންނަކަށް ޤަބޫލެއް ނުކުރެވުނެވެ.
ގިނަމީހުން ޖެހީ ޖޯކެވެ. ކީ ހަޖުލެވެ. އެކަމަކު އަހަރެންނަށް އިހްސާސްވި ކަންކަން
އެމީހުންނަށް އިހްސާސް ވިނަމައެވެ.
ފުރަތަމަ ދުވަސްކޮޅު
އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. ކުރިން ކުރަމުން އައި އެމަސައްކަތަށް އެނބުރި
ދިޔުމަށް ނަފުސު ގޮވަމުން ދިޔައެވެ. އަތްމަތި ދަތިވާން ފެށުމުންނެވެ. އާމުދަނީ
ލިބޭނެ މަގުތައް ބަންދުވާން ފެށުމުންނެވެ. ފެށިފައި ހުރި ޕްރޮޖެކްޓްތަކަށް
ޕްރޮޑިއުސަރުންނަށް ބަދަލުދީ އަތުގައި ޖަމާގައި ހުރި ފައިސާ ހުސްވުމުންނެވެ.
އެކަމަކުވެސް އަހަރެން ހިއްވަރު ކުރީމެވެ. ދުނިޔެއަކީ މިނޫންކަމާއި މަރުމަތިން
ހަނދާން ކުރަމުންނެވެ. ނަމާދާއި ދުޢާއިން ހިތްހަމަޖެހުން ހޯދަމުންނެވެ.
ރައްޓެއްސެއްގެ
އަތުން ދަރަންޏަށް ފައިސާކޮޅެއް ނަގައިގެން އަހަރެން ފެށީ ކުޑަކުޑަ
ވިޔަފާރިއެކެވެ. މުދާގަނެ މާބޮޑު ފައިދާއެއް ނުލައި ވިއްކަންފެށީވެސް އަހަރެންގެ
ހަލާލު މަސައްކަތުގައި ﷲ ތަބާރަކަ ވަތަޢާލާ ބަރަކާތް ލައްވައި ތަނަވަސްކަން
ދެއްވުން އެދި ދުޢާކުރަމުންނެވެ. އެދުޢާ އިޖާބަ ކުރައްވާނެ ކަމުގެ ޔަޤީން ކަމާއި
އެކުގައެވެ.
ހަތަރު ފަސް
މަސްދުވަހުގެ ތެރޭގައި ފައިދާ އިތުރުވާން ފެށިއެވެ. އަހަރެއް ވީއިރު އެކުވެރިޔާ
އަތުން ނެގި ދަރަނި އަދާވެ ނިމިއްޖެއެވެ. މިހާރު އޭގެ ފަހުން ހައަހަރު ވީއިރު
އަހަރެންގެ ދިރިއުޅުން ތަނަވަސް ވެއްޖެއެވެ. ހެދުންވިއްކާ ހަތަރު ފިހާރަ މާލޭގައި
ހުޅުވިއްޖެއެވެ. ދިރިއުޅުން ތަނަވަސްވެ ކުރިއަރައިފިއެވެ.
މިއަދުވެސް
އަހަރެންގެ ހިތަށް ލިބޭ އެންމެ ދަތި ކަމަކީ އަހަރެންގެ ލަވަތަކާއި ފިލުމުތައް
މީހުންގެ އަތުގައި ހުރިކަމެވެ. އެތަކެތި އެމީހުން ބޭނުން ކުރާކަމެވެ. އެއީ
އެމީހުންގެ މިލްކެކެވެ. އެތަކެތި އެމީހުން ބޭނުން ކުރާނެއެވެ. އަދި ބޭނުން
ކުރުމުގެ ހައްޤު އެމީހުންނަށް އޮންނާނެވެސް މެއެވެ. އެކަމަކު އެއިން ކޮންމެ
ކަމަކަށް އަހަރެން ތައުބާވެ އަސްތަޣުފާރު ކުރަމެވެ. އެތަކެތި މުޖުތަމައުގެ
ތެރޭގައި އެނބުރެމުން ދިޔުމަކީވެސް އަހަރެންނަށް ތެދުމަގުގައި ހުރުމުގެ ހިއްވަރެއް
ކަމުގައި ޤަބޫލު ކުރަމެވެ. އެހެނީ އެތަކެތިން އަހަރެންގެ މާޒީއާއި ހުވަފެން
އަބަދުމެ ހަނދާންވާތީއެވެ.
ކަނޑުންޖެހެމުން އައި
ތާޒާވައި ރޯޅި ގައިގައި ބީހެމުން ދިޔައެވެ. ދެކުނުން އައި ފްލައިޓެއް ހުޅުލޭގެ
ރަންވޭ އަށް ތިރި ކުރި މަންޒަރު ފެނުނެވެ. އެފްލައިޓާއި އޭގައި ތިބި ދަތުރުވެރީން
އެމީހުންގެ މަންޒިލަށް އައީއެވެ.
އަހަރެން ތެދުވެ
ހިނގައި ގަތީމެވެ. ކަލާންގެ ކުޅަދުންވަންތަކަން ހަނދާން ކުރަމުންނެވެ.
ހިތްހަމަޖެހިގެންވާ ހާލުގައެވެ. އުފާވެރިކަން އަހަރެންގެ ހަޔާތުގައި ވާކަން
އިހްސާސް ކުރަމުންނެވެ. އެދުވަހަށް ފަހު މިއަދާއި ހަމައަށް އަހަރެން ބަރާބަރަށް
ނަމާދު ކުރަމެވެ. ޤުރުއާން ކިޔަވަމެވެ. އަހަރެންގެ ދުޢާ އަކީ އަހަރެންގެ ދަރީން
ހެޔޮގޮތުގައި ބޮޑުވުމެވެ. އަހަރެންގެ އަނބިމީހާ އާއި އަހަރެން ތެދުމަގުގައި
ލެހެއްޓެވުމެވެ. ނަމާދުގައި ސަޖިދައިގައި ވަނިކޮށް މެނުވީ އަހަރެން މަރު ނުގެންނެވުމެވެ.
ސައިކަލަށް
އަރައި ދުއްވާލީމެވެ. ގެއާއި ދިމާއަށެވެ. ހިތްހަމަޖެހިފައިވާ ހާލުގައެވެ. ކުޅަދުންވަންތަ
އިލާހަށް މަދަހަ ޘަނާ ކިޔަމުންނެވެ.
No comments:
Post a Comment